iPhone XS isthihaaru kuran Raahjeyge kandu adeege higaimu manzaruthah!
image
އެޕަލް އިން އައިފޯން އިސްތިހާރު ކުރަން ހެދި ޑޮކިއުމެންޓްރީގެ ތެރެއިން.
0 ކޮމެންޓް
 

އައިފޯން އިސްތިހާރު ކުރަން ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތައް!

ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ކުރު ޑޮކިއުމެންޓްރީ އެއް އެޕަލް އިން، އެ ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން އެކްސްއެސް އަކުން ނެގުމަށް ފަހު އިއްޔެ އާންމުކޮށްފި އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އެޕަލް އިން އިއްޔެ އާންމުކުރި ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތައް ފެންނަ ވީޑިއޯ ޚާއްސަ ކޮށްފައިވަނީ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިއުއެސްއާރުޕީ)ގެ މަސައްކަތް ތަކަށެވެ.

އެމްޑަބްލިއުއެސްއާރުޕީ އަކީ ހިލޭ ސާބަހަށް، ވޭލް ޝާކް (ފެހުރިހި) ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ. އަދި އެ ވީޑިއޯ އިން އެ ޖަމިއްޔާގެ މަސައްކަތްތައް ދައްކުވައިދޭއިރު، އެ މަސައްކަތުގައި އުޅޭ މީހުންގެ މައުލޫމާތުތައް ވެސް، ޑޮކިއުމެންޓްރީ ނިންމާލަމުން ގެނެސްދެ އެވެ.

ކުރު ޑޮކިއުމެންޓްރީއެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ އެ ވީޑިއޯ އަކީ އައިފޯން އެކްސްއެސްގެ ކެމެރާގެ ކުޅަދާނަކަން ދައްކާލުމަށް ތައްޔާރުކޮށްފައިވާ ވީޑިއޯ އެކެވެ. އަދި ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތަކާއި އެކު އެތައް ބައެއްގެ ސަމާލުކަން އެ ވީޑިއޯ އަށް ލިބިފައި ވެއެވެ.

އަރިއަތޮޅުގައި ނަގާފައިވާ އެ ވީޑިއޯ އެޕަލް އިން އިއްޔެ އާންމުކުރުމާ އެކު، ޔޫޓިއުބް މެދުވެރިކޮށް އެކަނި ވެސް މިހާތަނަށް 50،000 ވުރެ ގިނަ މީހުން ބަލާފައި ވެއެވެ. އަދި ބޭރުގެ މީޑިއާ ތަކުން ވެސް ރާއްޖޭގެ ރީތި މަންޒަރުތަކާއި އެކު އެޕަލް އައިފޯން އިސްތިހާރު ކުރަން ތައްޔާރުކުރި ވީޑިއޯގެ ވާހަކަ ގެނެސްދީފައި ވެއެވެ.
ހިޔާލު