Verikamun dhurukohfaivaa Sudan ge Raees jalah badhalukohfi
image
އަސްކަރީ ބަޣާވާތަކަށް ފަހު، ވެރިކަމުން ދުރުކޮށްފައިވާ ސޫދާންގެ ރައީސް އުމަރު.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

ވެރިކަމުން ދުރުކޮށްފައިވާ ސޫދާން ރައީސް ޖަލަށް ބަދަލުކޮށްފި

އަސްކަރިއްޔާ އިން ގެނައި ބަޣާވާތަކަށް ފަހު، މިދިޔަ ހަފްތާގައި ވެރިކަމުން ދުރުކޮށްފައިވާ ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު ޖަލަށް ބަދަލު ކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރައީސް އުމަރު މިހާރު ހުންނެވީ ކޮބާ މެކްސިމަމް ސެކިއުރިޓީ ޖަލުގެ ސޮލިޓަރީ ކޮންފައިންމަންޓްގަ އެވެ. އަދި ރައީސް އުމަރު ޖަލުގައި ހުންނެވީ ސީދާ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

ޖަލަށް ބަދަލު ކުރުމުގެ ކުރިން ރައީސް އުމަރު ހުންނެވީ ސިފައިންގެ ބެލުމުގެ ދަށުން ރިޔާސީ ގަނޑުވަރުގައި ކަމަށް ވެއެވެ. ނަމަވެސް ރައީސް އުމަރު ޖަލަށް ބަދަލު ކުރި ކަން ރަސްމީކޮށް އަދި އަސްކަރިއްޔާ އިން އިއުލާނެއް ނުކުރެ އެވެ.

އެތައް މަހެއް ވަންދެން ސޫދާންގެ ގިނަ ރައްޔިތުން ތަކެއް ރައީސް އުމަރާއި ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށް އަސްކަރިއްޔާ އިން މިދިޔަ ހަފްތާގެ ތެރޭގައި ބަޣާވާތެއް ގެނައުމުން، މުޒާހަރާތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިހާރު ރައްޔިތުން އެދެމުން ދަނީ ޑިމޮކްރަސީ ގާއިމްކޮށް، ރައްޔިތުން އިންތިހާބުކުރާ ވެރިއަކަށް ފުރުސަތު ދިނުމަށެވެ.

ސިފައިން ވަނީ އެ ފުރުސަތު ރައްޔިތުންނަށް ދޭނެ ކަމަށާއި، ނަމަވެސް ހުރިހާ ކަމެއް ހަމައަކަށް އެޅި، އިންތިހާބެއް ބޭއްވޭނެ ސީދާ ދުވަހެއް އަދި ސާފުނޫން ކަމަށް ބުނެފަ އެވެ. އެކަމަކު އަސްކަރިއްޔާ އިން ބުނެފައިވަނީ އެންމެ ގިނަ ދުވަސް ވެގެން ވެސް އަސްކަރީ ވެރިކަން އޮންނާނީ ދެ އަހަރު ދުވަހަށް ކަމަށެވެ.

ތިރީސް އަހަރު ސޫދާންގެ ވެރިކަން ކުރި ރައީސް އުމަރުގެ ސަރުކާރު ވައްޓާލީ ލެފްޓިނަންޓް ޖެނަރަލް އަވާދު އިބްން އައުފް އިސްކޮށް ހުންނަވައިގެންނެވެ. ނަމަވެސް މި މަހުގެ 11 ވަނަ ދުވަހު ބަޣާވާތް ކުރުމަށް ފަހު، ޖެހިގެން އައި ދުވަހު ޖެނަރަލް އަވާދު ވަނީ ވެރިކަމުގެ ބާރުތައް ލެފްޓިނަންޓް ޖެނަރަލް އަބްދުލް ފައްތާހް އަބްދުއްރަހުމާން އަށް ހަވާލުކޮށްފަ އެވެ.
ބޭރު ދުނިޔެ ސޫދާން
ހިޔާލު