Ukulhahugai fenboduve gethakah fen vannanee
image
އުކުޅަހުގައި ފެން ބޮޑުވެފައި.-- ފޮޓޯ: ޕޮލިސް
0 ކޮމެންޓް
 

އުކުޅަހުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަނީ

މުޅި ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރާގައި މިއަދު މެދުކެނޑުމެއް ނެތި ގިނަ އިރުތަކެއް ވަންދެން އއ. އުކުޅަހަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އެ ރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގެތަކަށް ފެން ވަންނަމުންދާތީ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ އެ ރަށުގެ ބައެއް ގެތަކަށް ފެން ވަންނަމުން ދާތީވެ، އުކުޅަހު ކައުންސިލުން ފެން ހިންދުމަށް ކުރަމުން އަންނަ މަސައްކަތަށް އެ ރަށު ޕޮލިސް ޑެސްކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން ޕަންޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

އެ ރަށުގައި ފެން ބޮޑުވެފައިވާ ސަރަހައްދުން ފެން ހިންދުމަށް އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ކޯރެއް ކެނޑުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިކަމާ ގުޅޭގޮތުން އެ ރަށު ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ. ފުލުހުން މީޑިއާތަކަށް ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށުގެ ބައެއް މަގުތަކުގައި އޮތީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ. ނަމަވެސް ފެން ބޮޑުވުމުން އެ ރަށުގެ ގެތަކަށް ފެން ވަދެ، ގެއްލުމެއް ލިބުނު ކަމެއް އަދި ސާފެއް ނުވެ އެވެ.
ހިޔާލު