Beyru meehunnah bin amilla nukurevey gothah qaanoon asaasee badhalukoffi
image
ރާއްޖެއަކީ ގިނަ ފަޅު ރަށްރަށާއި ފަޅުތަކެއް އެކުލެވިގެންވާ ޖަޒީރާ ގައުމެއް--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ބޭރު މީހުންނަށް ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކޮށްފި

ބޭރުގެ މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، އެބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ގާނޫނުއަސާސީއަށް ގެނެއި އެބަދަލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއެކު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފަ އެވެ.

މިމަހުގެ 15 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ރާއްޖެއިން ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކު ނުކުރެވޭގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުން ނެވެ.

މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން އެބިލް ދިރާސާ ކުރުމަށްފަހު ނިންމާފައިވަނީ ވެސް ބޭރު މީހުންނަށް ބިން މިލްކު ނުކުރެވޭ ގޮތަށެވެ.

ބޭރު މީހުންނަށް ބިން ގަނެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 22 ޖުލައި 2015 ގައެވެ.

އެއީއޭރު، ސަރުކާރުން ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ގާނޫނުގެ ދަށުން ބޭރު މީހުންނަށް ބިން މިލްކުރެވޭ ގޮތަށް ހަދަން ކުރި މަސައްކަތުގެ ދަށުން ގެނެސްފައިވާ ބަދަލެކެވެ.

އޭރު ސަރުކާރުން ވަނީ، ސައުދީ ރަސްގެފާނުގެ އާއިލީ މަސްލަތު އޮންނަ ބަޔަކަށް ފ. އަތޮޅު ވިއްކާލުމުގެ މަސައްކަތްވެސް ކޮށްފަ އެވެ.

ގާނޫނު އަސާސީއަށް ޕީޕީއެމްއިން ގެނެސްފައިވާ އެ އިސްލާހު ބާތިލް ކުރަން، ރައީސް ޔާމީންގެ ސަރުކާރުން ނިންމެވީ މިދިއަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ޔާމީންގެ ސަރުކާރަށް ނާކާމިޔާބު ވުމާއި ގުޅިގެންނެވެ. އެ އިސްލާހު ބާތިލު ކުރަން ހުށަހެޅުއްވީ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ. ކޮމެޓީ ރިޕޯޓް މަޖިލީހަށް މިއަދު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ އިސްލާހު ބާތިލް ކުރައްވާނެ ކަމަށެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ރައީސް ޔާމީންގެ ސަރުކާރުގެ ގެނައި ބަދަލުގައި ބުނެފައިވަނީ، ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކު ކުރެވޭނެ ކަމަށެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ކުރިން ބުނެފައި އޮންނަނީ "ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ "އެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ އެއްބައި ވޯޓުން ނެވެ. އެއީ މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓުން ނެވެ.
ހިޔާލު