Kuru Vaahaka: Mihaalugai
image
ކުރު ވާހަކަ: މިހާލުގައި--
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ކުރު ވާހަކަ: މިހާލުގައި

"ކޮންގުރާ" ޑޮކުޓަރު ހިނިތުންވެލިއެވެ. "ކިހިނެއްތޯވީ؟ ކޮން ކަމަކަށްތޯ؟ އަނެއްކާ އަހަރެން..." އަހަންނަށް ޝައްކުވިއެވެ. ބޭނުންވީ ޔަގީންކޮށްލާށެވެ.
"އާނ ޒިޔާދާ ބަނޑުބޮޑު" ޑޮކުޓަރު ހިނިތުންވެލިއެވެ. "މާ ގިނަ އިރެއް ނުވެ ދޫކޮށްލާނަން"
ކުރަންވީ ކަމެއް އަހަންނަކަށް ނުވިސްނުނެވެ. ވާންވީ އުފާކަމެއް ކުރާންވީ ހިތާމައެއް ކަމެއް ނޭނގުނެވެ. އަހަންނަށް ޑޮކުޓަރުގެ އަޑު ނޭހުނު ނަމައޭ ހިތަށް އެރިއެވެ. އެ އަޑު ނޭހި ނަމަވެސް އެ ހަގީގަތް ބަދަލުވެދާނެހޭ ހިތްބުނެލިއެވެ. އަނެއްކާ އަހަރެންގެ ޒިންމާތަކަށް އިތުރު ބޮޅެއް އިތުރުވާން އުޅެނީއެވެ. އުފުލަން ޖެހޭ ބުރަތައް ތިން ގުނައަށް އުފުލެނީއެވެ. މިވަރުން އަހަންނަށް ވާނެ ހެއްޔެވެ؟ މި ހުރިހާ ކަމަކަށް އަހަންނަށް ކުރިމަތި ލެވިދާނެ ހެއްޔެވެ؟ މައްސަލައަކީ އެންމެ މައްސަލައެކެވެ. އެ މައްސަލައަށް ހައްލެއް ނުލިބެނީސް އަހަންނަށް ހަމަޖެހުމެއް ލިބިދާނެ ހެއްޔެވެ؟ އެކަމަށް ފަރުވާއެއް ނުލިބެނީސް އަހަންނަށް ލުޔެއް ލިބޭނެ ހެއްޔެވެ؟

"ޖަވާބު ވަރަށް ސާފު ދޯ" އަލީ އަހަރެންގެ މޫނަށް ބަލައިލިއެވެ. "ބޭނުން ވިޔަސް ނުވިސް ތިކަން ތިވީ"
"އެކަމަކު އަހަރެން ވަރުބަލި ވެއްޖެ. އަހަރެން މި ކުރާ ފިކުރުތަކާއި މި އުފުލާ ވޭން އިހުސާސްވާނަމަ ތިހެން ނުބުނީސް" އަހަންނަށް އަލީގެ މޫނަށް ބަލާކަށް ނުކެރުނެވެ. ނަޒަރު ހުއްޓައިލެވުނީ ކޮޓަރީގެ ފަންގިފިލާއަށެވެ.

"ދެން ކޮންކަމެއް. ޒިޔާދާއަށް ފަސޭހައަކަށް ފަރީޝާ މިގޭގައި މި ގެންގުޅެނީ. އަހަންނަށް ވަކި ގިނައިން ލިބޭތީއެއް ނޫން. އެވެސް ހަރަދެއް. މަސް ފެށެންވާއިރަށް ބޭނުންވާ ވަރަށް ފައިދާ ހަމަ ނުވެދާނެތީ ކުރެވޭ ފިކުރުތަކުން ބޯ ހަލާކުވާ ވަރުވޭ. އަހަންނަށް ކިރިޔާ ވެސް ގޮތެއް އޮތް ނަމަ ޒިޔާދާ ވަޒީފާއަކަށް ވެސް ނުފޮނުވާނަން" ނިތްމަތީގައި އަތްބާއްވާލައިގެން އޮވެ އަލީ މަޑުމަޑުން ވާހަކަދެއްކިއެވެ.
"އަހަންނަށް ތި ހުރިހާ ކަމެއް އެނގެޔޭ" އެނދުގައި އިށީންނަމުން އަހަންނަށް ބަލައިލެވުނީ އަލީގެ މޫނަށެވެ. އޭނާ އޮތީ ފުން ވިސްނުމެއްގެ ތެރެއަށް ގެނބޭ ވަރުވެފައެވެ.

"ދެން ތި ދައްކަނީ ކޮން ވާހަކައެއް؟"
"އަހަންނަކަށް ނޭނގެ އައްޔަށް ވިސްނައިދޭނެ ގޮތެއް؟" ރުންކުރު ރާގެއްގައި އަހަރެން ބުނެލީމެވެ.
"ވާހަކަދައްކައިގެން ހައްލު ނުވާނެ މައްސަލައެއް އޮވެގެން ނުވާނެ" އަލީ ތެދުވެ އަހަރެންގެ އަތްތިލައިގައި ހިފައިލިއެވެ. "އޭރު ވެސް މިހާރު ވެސް އަހަރެން ލޯބިވަނީ އަދި ލޯބިވާނީ ވެސް ޒިޔާ ދެކެ. މި ލޯތްބަކަށް ބަދަލެއް ނާންނާނެ. ކޮންމެ ހާލެއްގައި ޖެހުނަސް، ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އަހަރެންގެ ލޯތްބަކަށް ބަދަލެއް ނާންނާނެ. އަހަންނަށް ވެސް މި ގޮތަށް ދިރިއުޅޭކަށް ފަސޭހައެއް ނޫނޭ. މިހާލުގައި ވެސް އަހަރެން މިއުޅެނީ އަހަރުމެންގެ ދަރިންނަށް ޓަކައި. އަހަރުމެންގެ ދަރިންނަށް ޓަކައި"
"އައްޔަ ނިކަން ވިސްނައިލަބަ..." އަހަރެން އަނގަ ބަންދުވި ކަހަލައެވެ. ލަފުޒުތައް ކަރުބުޑުގައި ތާށިވި ކަހަލައެވެ. އަޑެއް ބޭރުކޮށްލާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ބުނަން ބޭނުންވި ވާހަކަ އަހަންނަށް ދިރުވައިލެވުނީއެވެ. އަލީގެ ލޮލަށް ބަލައިލެވުމުންނެވެ. ހަތަރުކަޅި ހަމަވުމުންނެވެ. އެ ދެ ލޮލުން އަހަންނަށް ފެނުނު ކުލަވަރުންނެވެ. ތެދުވެރި ލޯބީގެ ކުލަތަކުގެ ސަބަބުންނެވެ.

"ބުނޭ އަހަރެން ގަބޫލުކުރާނަން. އަހަންނަށް ވެސް ނުވިސްނިގެން، ނޫނީ ނޭނގުމެއްގެ ތެރޭގައި ނަމަވެސް ޒިޔާއަށް ބުރައެއް ދެވިދާނެ. އުޅެން ޖެހިފައިވާ ގޮތުން އަހަންނަށް ވެސް ގޯހެއް ހެދިދާނެ" އަލީގެ ކަނާއަތުން އަހަރެންގެ ބުރަކަށީގައި ފިރުމައިލިއެވެ. އޭނާގެ ކަނާއަތުން އުނަގަނޑު ވަށައިލިއެވެ.

"އަހަރެން ބޭނުންވަނީ އަލީގެ.... އަލީގެ..." އަހަންނަށް ބުނަން އުޅުނު ވާހަކައެއް ނުބުނެވުނެވެ. ބަޑިފަޅައިގެން ދިޔައީއެވެ.
އަލީ މަޑުމަޑުން އަހަރެން ބުރަކަށީގައި ފިރުމައިލިއެވެ. އޭނާއާ ގާތްކޮށްލިއެވެ. އޭނާގެ ހޫނު އިހުސާސް ކުރެވޭހާ ގާތަށެވެ.
"އަހަންނަށް ކުށެއް ކުރެވިފައިވާ ނަމަ މައާފުކުރޭ. އެނގިގެން ވިޔަސް ނޭނގި ވިޔަސް އަހަންނަށް ގޯހެއް ހެދިފައިވާ ނަމަ ވެސް މައާފުކުރޭ. ގަސްތުގައި އަހަރެން ޒިޔާއަށް ދެރައެއް، ލަނޑެއް ނުދޭނެކަން ޒިޔާއަށް ވެސް އެނގޭނެ. ޒިޔާ ފިކުރު ބޮޑުވާ ކަމަކީ ކޮބައިކަން އަހަންނަށް އެނގިއްޖެ ނަމަ އެކަން މިހިނދުން މި ހިނދަށް ވެސް ރަނގަޅު ކުރާނަން. އަހަރުމެން ކިތައްމެ ބޭނުން ނުވިޔަސް ތިއީ ވެސް އަހަރުމެންގެ ދަރިއެއް. ތިއީ ވެސް އަމާނާތެއް. ފުރަތަމައެކޭ ތިންވަނަ އެކޭ ވާންޖެހެނީ ހަމަހަމަ"
"އަހަރެން ބޭނުންވަނީ އެންމެ ކަމެއް. އަހަރެންގެ އޮތީ އެންމެ ޝަކުވާއެއް. އެކަން ކޮށްދީފި ނަމަ އަހަރެން ހަމަ ކޮންމެ ހާލެއްގައި ވެސް، އުޅެވިދާނެ" ވަރަށް ހިތްވަރު ކޮށްފައި އަހަރެން ފެށީމެވެ.

"އަވަހަށް ބުނޭ" އޯގާތެރިކަމާއެކު އަލީ ބުނެލިއެވެ.
"އަހަރެން ބޭނުންވަނީ ދަރިންގެ ކަންކަމުގައި މިހާރަށް ވުރެ ބޮޑަށް އަލީ ޒިންމާދާރުވުން. އަހަންނަށް ވެސް އެނގޭ އަލީ ވެސް ބުރަކޮށް އުޅޭ ކަން" އިހުތިޔާރަކައި ނުލައި އަހަންނަށް ގިސްލެވެން ފެށުނެވެ.
"މާނައަކީ؟" އަލީއަށް ސާފު ނުވުމުން އަހައިލިއެވެ.

"އަހަންނަށް ވެސް ވަރަށް ފަސޭހަވާނެ ވަގުތުވީ މިންވަރަކުން އަލީ ވެސް ކުދިންނާއެކު ވަގުތު ހޭދަކޮށްލީމަ. އެކުދިން ވެސް އުފާވާނެ. އަލީ ގެއަށް އަތުވެއްޖެ ނަމަ އޮންނަނީ ކޮންމެ ވެސް ގޭމެއްގެ ތެރޭގަ. ނޫނީ މީސްމީޑިއާގަ. ނޫނީ ކޮންމެ ވެސް ފިލްމެއް ބެލުމުގަ. މިހާރު އާޔަން ވެސް އެހުރީ އެއްޗެހި ދަސްކޮށްދޭން ޖެހޭ ވަރުވެފަ. މި ހުރިހާ ކަމެއްގަ ފީނަށް މި ޖެހެނީ އަހަންނަށް. ހަމައެކަނި ފައިސާ ހޯދުމަކުން ދަރިންގެ ޒިންމާ އަދާކުރެވުނީއެއް ނޫން. އެހެންކަމަށް ވާނަމަ އަހަންނަށް ވެސް އަހަރެންގެ ޒިންމާ އަދާކުރެވޭ ވަރަށް މި ގެއަށް ފައިސާ ގެނެވޭ" މައުޟޫއުގެ ތެރެއަށް ވަދެވުމުން ފަސޭހަކަމާއެކު އަހަންނަށް ވާހަކަތައް އަމުނައިލެވުނެވެ. "އިއްޔެ ވެސް އާޔަން ފިލާވަޅު ދަސްނުވެގެން އެކަން ކޮށްލަދޭން ބުނީމަ އައްޔައަށް މުހިއްމުވީ މެޗު ބަލަން. އެ ކުއްޖާ ފަކީރު އެއްޗެއް ނޭނގިގެން ގޮވީމަ ވެސް އިވުނު ކަމަށް ހަދައި ނުލައި އައްޔަ އޮތީ މެޗު ބަލަން. އަހަންނަކަށް ހިޔެއް ނުވޭ މެޗެއް ނުބަލައިގެން އަޒާބެއް ލިބޭނެހެނެއް. އެކަމަކު ތިމާގެ ދަރިންނަށް އިހުމާލުވެވިއްޖެ ނަމަ އެކަމުގެ އަދަބު ލިބޭނެކަން ނޭނގެ"
އަލީ އަހަރެންގެ ގައިގައި ބައްދާލިއެވެ. އޭނާއަށް ކަމެއް ވިސްނުމުން ބަލާ ގޮތަށް އަހަރެންގެ މޫނަށް ބަލައިލިއެވެ.
"އަހަނަށް އެނގޭ އައްޔަ ވެސް ވަރުބަލި ވެސް ވާނެކަން ވެސް. ޑިއުޓީ ކުރަމުން އިތުރު ވަޒީފާއަށް ގޮސް ބާކީ ލިބޭ ހުސްވަގުތުގައި ވެސް ހިތް އުފާކޮށްލަން ވެސް ބޭނުންވާނެކަން ވެސް. ހަމަ އަހަރެން ވެސް އެކަންކަން ބޭނުންވޭ. ނަމަވެސް މިހުރިހާ ކަމެއް ވެސް މި ގުރުބާން ކުރަނީ ވެސް، މި ހާލުގައި ވެސް މި އުޅެނީ ހަމަ އަހަރުމެންގެ ދިރިއުޅުން ބޮއްސުން ލައިގެން ހިނގައިދާނެތީ. ދިރިއުޅުމަށް އަރާ ކޮންމެ ބުރުލަކުން ދަރިންގެ މުސްތަގުބަލު ހަލާކުވެދާނެތީ"

"އަހަންނަށް މައާފުކުރޭ. މި އަދު އަހަންނަށް ވިސްނިއްޖެ. ވަރަށް ބޮޑު ކަމެއް ވިސްނިއްޖެ. ހަގީގަތުގައި އަހަންނަށް ކުރިން ތިކަންކަން ނުވިސްނެނީ. ބުރަބޮޑުވެގެން އައިސް އަރާމުކޮށްލަން ބޭނުންވާތީ އެގޮތަށް ކަންކަންވީ. ސިކުނޑިއަށް ލުޔެއް ލިބެނީ އެހެން ހެދީމަ ކަމަށްވާތީ އެގޮތަށް ކަންކަން ކުރެވެނީ. އިރާދަކުރެއްވިއްޔާ ދެން އެހެނެއް ނުވާނެ. އަހަންނަށް ލިބޭ ކޮންމެ ހުސްވަގުތެއް ހުސްކުރާނީ ދަރިންނާއި އަނބިމީހާގެ ހިދުމަތުގައި. ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އަހަންނަށް މުހިއްމީ އަހަރެން ދިރިއުޅުން. ފައިސާ ހޯދަނީ ވެސް މަސައްކަތް ކުރަނީ ވެސް ދިރިއުޅުން ބާއްޖަވެރި ކުރަން. ދިރިއުޅުން ބާއްޖަވެރި ނުވާނަމަ ފައިސާ ހޯދުމުގެ ބޭނުމެއް ނެތް. ދަރިންނަށް ހެޔޮ ގޮތް ހޯދައި ނުދެވޭނަމަ ގުރުބާން ވެގެން މަސައްކަތް ކޮށްގެން ފައިސާ ހޯދުމެއް ވެސް ނެތް. މިހާލުގައި ތިބި އެތައް ބަޔަކު މިއަދު މުޖުތަމައުގައި އެބަތިބި. ޒިޔާ ފަދަ އަނތްބެއްގެ ހެޔޮ ވިސްނުން ފޯރުކޮށްދީފި ނަމަ އެއިން ކޮންމެ މީހަކަށް ވެސް ވިސްނޭނެ. އެނގޭނެ. އިހްސާސް ކުރެވޭނެ"

އަހަންނަށް ހިތާހިތާ ޝުކުރު އަދާކޮށްލެވުނެވެ. މަޑުމަޑުން އަލީގެ އަތުތެރޭގައި ފޮރުވެލެވުނެވެ. އުފާވެރިކަމުގެ ކަރުނަ ދެ ލޮލުން އޮހިގަތެވެ. ދެން އަހަންނަށް ކޮންމެ ހާލެއްގައި ވެސް ދުނިޔެ ލިބިދާނެއެވެ. ކިތައްމެ ދަތި މަގަކުން ވެސް އަހަންނަށް ދެވިދާނެއެވެ. މިކާމިޔާބު އަސްލަކީ ބަނޑުގައި މިވާ ދަރިފުޅެވެ. ބައެއް ފަހަރު ބޭނުން ނުވާ ކިތައްމެ ކަމަކުން ހެޔޮގޮތްތައް މެދުވެރިވެއެވެ. އެ ވެސް އީޖާބީ ވިސްނުމަކުން ވިސްނައިފި ނަމައެވެ.

--ނިމުނީ--
ހިޔާލު

1828

ވަރަށް ސިމްޕަލް، އެހެނަސް އިބްރަތްތެރި ވާހަކައެއް.