Male'-Hulhumale: Bicycle gai dheveyne gotheh hoadhumah mashvaraa kohfi
image
ސިނަމާލޭ ބްރިޖު-- ފޮޓޯ: ސީއެންއެމް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

މާލެ-ހުޅުމާލެ: ބައިސްކަލުގައި ދެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާކޮށްފި

މާލެ އާއި ހުޅުލެއާ ދެމެދު ތަރައްގީކޮށްފައިވާ ބްރިޖުން ހުޅުމާލެއަށް ބައިސްކަލުގައި ނުވަތަ ދުވެފައި ދެވޭނެ ގޮތެއް ހޯދުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ އިއްޔެ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.
މަހްލޫފު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ނަހުލާއާ ބައްދަލުކުރައްވާ އެފަދަ މަޝްވަރާތަކެއް ކޮށްފައިވާކަން ހާމަކޮށް އިތުރަށް ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހު މާލޭން ހުޅުމާލެއަށް ބައިސްކަލުގައާއި ދުވެފައި އަދި ހިނގާފައި ވެސް ދެވޭނެ ގޮތެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދުއިސައްތަވިހި މިލިއަން ޑޮލަރު ހަރަދުކޮށްގެން މިދިޔަ ސަރުކާރުން ތަރައްގީ ކުރި ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. އަދި ބްރިޖުގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ހިމެނޭނެ ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ބްރިޖުގެ މަސައްކަތް ކުރަމުންދިޔައިރު ވިދާޅިވެފައެވެ.

އެކަމަކު ބްރިޖު ހުޅުވިއިރު ބައިސްކަލުގައި އުޅޭ ފަރާތްތަކަށް ހާއްސަ ލޭނެ ނެތެވެ. އަދި ހިނގާފައި އުޅޭ މީހުންނަށް ޕޭވްމަންޓެއް އޮތް ނަމަވެސް، މިހާތަނަށް މާލެ-ހުޅުމާލެ އަށް ހިނގާފައި ދިއުމަށް ހުއްދަ ދީފައެއް ނުވެ އެވެ. އެތަނުގައި އޮތީ ސައިކަލާއި ބަހަށް ހާއްސަ ލޭނަކާއި ހަތަރު ފުރޮޅުލީ އުޅަނދަށް ހާއްސަ ލޭނެއެއް އެކަންޏެވެ.

މިފަކަހަށް އައިސް މާލޭގައި ބައިސްކަލުގައި އުޅޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ބްރިޖު ހުރަސްކޮށް ބައިސަލުގައި ހުޅުމާލެއަށް ދެވޭނަމަ އެފަރާތްތަކަށް ބޮޑު ލުއިއެއް ލިބިގެންދާނެއެވެ.
ހިޔާލު