Singapore Narcotics Bureau ge beyfulhunaai naibu raees bahdhalu kurahvaifi
image
ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ އަދި ޕްރިޒަން ސަރވިސްގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްތަލުކުރައްވަނީ---ފޮޓޯ:ޕްރެސިޑެންސީ މޯލްޑިވްސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސިންގަޕޫރު ނާކޮޓިކްސް ބިއުރޯގެ ބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިހާރު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ އަދި އެގައުމުގެ ޕްރިޒަން ސަރވިސްގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި، ސިންގަޕޫރުގެ އޮފިޝަލުން ވަނީ ސިންގަޕޫރުގެ ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން އެ ޕްރޮގްރާމްގައި އެންމެ އިސްކަމެއް ދެނީ ގައިދީން މިނިވަންވުމަށްފަހު އެމީހުން މުޖުތަމަޢުގެ ތެރެއަށް ނުކުންނައިރު އެމީހުންނަކީ ޒިންމާދާރު ބަޔަކަށްވެ، ވާޒީފާ ލިބުމަށް މަގުފަހިވެ، އާމްދަނީ ލިބޭނެ ފަދަ ހުނަރުތަކެއް ދަސްކޮށްދިނުމަށްކަން ސިންގަޕޫރުގެ އޮފިޝަލުން ފާހަގަކުރައްވާފައިވެއެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ބައްލަވައިލައްވާފައެވެ.

ފާއިތުވި އަހަރުތަކުގައި، ޒުވާނުންގެ މެދުގައި މަސްތުވާތަކެތި ބޭނުން ކުރުން ރާއްޖޭގައިވެސް ވަނީ ބޮޑުވަމުންދާ މައްސަލައަކަށްވެފައެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި އެހެނިހެން އިޖުތިމާއީ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.

އެ މައްސަލަ ހައްލުކުރުމުގެގޮތުން ސަރުކާރުން ގެންދަނީ ކަމާގުޅުންހުރި ޤާނޫނުތައް ތަންފީޒުކުރުން ހަރުދަނާކޮށް ސިންގަޕޫރު ފަދަ ބޭރު ގައުމުތަކުގެ މާހިރުންގެ ލަފަޔާއެކީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަމުންނެވެ.
ހިޔާލު