Lanakagai maruvikamah media thakun reportkuree 359. aslu maruvee 259: health ministry
image
ލަންކާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން: ފައިލް ފޮޓޯ އޭބީސީ ނިއުސް
ގުފްތަަގު އަޖީރު
0 ކޮމެންޓް
 

ލަންކާގައި މަރުވިކަމަށް މީޑިއާތަކުން ރިޕޯޓުކުރީ 359، އަސްލު މަރުވީ 259: ހެލްތް މިނިސްޓްރީ

ލަންކާގައި މަރުވިކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ އަދަދަށްވުރެ 100 މީހުން މަދުކޮށް އެގައުމުގެ ހެލްތް މިނިސްޓްރީން ރަސްމީ ތަފާސް ހިސާބު އިއުލާނުުކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކާއި ދިވެހި ރާއްޖޭގެ މީޑިއާތަކުން ވެސް މިހާތަނަށް ރިޕޯޓުކުރަމުން ދިޔައީ، ސްރީލަންކާގެ ހަމަލާގައި 350 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށެވެ. ނަމަވެސް، ލަންކަގެ ހެލްތް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުގައި ބުނެފައިވަނީ މަރުވީ 253 މީހުންކަމަށެވެ. އަދި މީޑިއާތަކުގައި 359 މީހުން މަރުވިކަމަށް ބުނެފައިވަނީ ގޯސްކޮށްކަމަށް އެ މިނިސްޓްރީން ބުނެއެވެ.

"ހަމަލާ އަމާޒުވި ވަރަށް ގިނަ މީހުން ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ. މިހެންކަމުން ގުނުމުގައި ވަނީ އޮޅުން އަރާފަ،" ލަންކާގެ ހެލްތް މިނިސްޓްރީން ބުނެއެވެ.


އާދިއްތަ ދުވަހު، ލަންކާގެ ތިން ޗާޗަކާއި ހަތަރު ހޮޓަލަކަށް ޖާނުން ފިދާވެގެން ހަމަލާ ދިނުމުގެ ކުރިން ލަންކާއަށް ހަމަލާއެއް ދޭން އުޅޭކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބުނު ނަމަވެސް، ސަލާމަތީ ބާރުތަކުން އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ އެ މައްސަލަ ވަނީ ހޫނުވެފައެވެ.

ލަންކާގެ ޑިފެންސް ސެކެރެޓަރީ ހެމަސިރި ފްރެނާންޑޯ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ، އެނާ ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވީ އެނާ ބެލެހެއްޓެވި މުއައްސަސާތަަކުން ފެއިލްވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެނާގެ އެއްވެސް މައްސަލަައެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

ލަންކާއަށް ދިންހަމަލާގެ ޒިންމާ "އައިއެސް" ޖަމާއަތުން ނަގާފައިވާއިރު ލަންކާގެ ޖަމާއަތްތަކެއްކަމަށްވާ، "ނެޝަނަލް ތައުހީދު ޖަމާއަތް" އާދި "ޖަމިއްޔަތުއް މިއްލަތު އިބްރާހިމް" އާ ދިމާލަވެސް ބައެއް މީހުން އަންނަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.



ލަންކާގައި މި ހަމަލާތަކާ ގުޅިގެން 60 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އަދިވެސް ބައެއް މީހުން ހޯދުމުގެ މަސައްކަތް އެގައުމުގެ ފުލުހުންނާއި ސިފައިން އަންނަނީ ކުރަމުންނެވެ. އެގައުމުގައި އަދިވެސް އޮތީ ކުއްލި ހާލަތު އިއުލާނުކޮށް ގިނަ ސޯޝަލް މީޑިއަތައްވެސް ބޭންކޮށްފައެވެ.

ލަންކާގައި ކްރިސްޓިއަނުންގެ ހަފްލާއަކަށް ދިން ހަމަލާއަށްފަހު އެގައުމުގެ މުސްލިމުންނަށް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ލަންކާގައި ދިރިއުޅޭ ބައެއް މުސްލިމުން ގެއިން ނުނިކުމެ ތިބި ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި މޫނު ބުރުގާ އަޅައިގެން ލަންކަގައި އުޅޭ މީހުންނަށް ފުރައްސާރަކޮށް ހަދާކަމުގެ ހަބަރުތައް ވަނީ ފެތުރިފައެވެ.
ހަނގުރާމަ ލަންކާ
ހިޔާލު