Eh fayaaeku hingaa bingaave ulhen jehifaivaa Ainthu edhenee ehee akah
image
އައިޝަތު މޫސާ --
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

އެއް ފަޔާއެކު ހިނގާ ބިނގާވެ އުޅެން ޖެހިފައިވާ އައިންތު އެދެނީ އެހީއަކަށް

ދިރިއުޅުމަކީ ވަރަށް ބޮޑު އިމްތިހާނެކެވެ. އުފަލާއި މަޖަލުގައި ވަގުތުތައް ހޭދަކުރަމުންދަނިކޮށް ހިތާމައާ އުދާހުން ދިރިއުޅުން ފުރާލާނީ ކޮންއިރަކު ކިހިނެއް ކަމެއް ވެސް ނޭނގެއެވެ. އެކަމަކު އެއްވެސް ކަމަކީ ދާއިމަށް ދެމިގެންދާނެ ކަމެއް ނޫންކަން ގަބޫލުކޮށް އެކަމުން އަރައިގަތުމަކީ ކެރޭ ހިތްވަރުގަދަ މީހަކަށް ނޫނީ ނުވާނެ ކަމެކެވެ. ތ. ތިމަރަފުއްޓަށް އުފަން އެރަށު، ލުނބޯމާގޭ، އައިޝަތު މޫސާ ނުވަތަ އާންމު ނަމުންނަ އައިންތަކީ ވެސް ދިރިއުޅުމުގައި ބޮޑު އިމްތިހާނެއް ކުރިމަތިވެފައިވާ އަންހެނެކެވެ.
އެއީ މީގެ ދެ މަހެއްހާ ދުވަސް ކުރިއެވެ. އުމުރުން 36 އަހަރުގެ އައިންތުގެ ކަނާއަތު ފައިގައި އިންފެކްޝަނެއް އުފެދިގެން ވަނީ އީވް ކްލިނިކަށް ގޮސް އެކަމުގެ ހާއްސަ ޑޮކްޓަރަކަށް ދައްކާފައެވެ. ފައި ތިލަ މަތީގައި ފޮޅުތަކެއް ނަގާފައި ހުރުމުން ކްލިނިކުން ވަނީ ފޮޅުތައް ފަޅާލައި އެތަން ސާފުކޮށް ބެންޑޭޖެއް އަޅާފައެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވެ ފަޔަށް ތަދުވާން ފެށުމުން އައިންތު ވަނީ އެ ކްލިނިކަށް އަނެއްކާ ވެސް ގޮސްފައެވެ. އަދި ބެންޑޭޖު ނަގައި ބެލިއިރު ފައިތިލަ ވަނީ ކަޅުވެފައެވެ. އެފަހަރު އެ ކްލިނިކަށް ދެއްކުމަށް ފަހު އައިންތު ދެން ދިޔައީ އައިޖީއެމްއެޗަށެވެ.

"އައިޖީއެމްއެޗަށް ދިޔައިމަ އެމީހުން އެތަން ސާފުކޮށްފަ ދޫކޮށްލީ، ތަދުވާތީ އަނެއްކާ ވެސް މިދިޔައީ، އެފަހަރު ބުނީ ޖެހޭނީ ފައި ބުރިކޮށްލާށޭ،" އަސަރާއެކު އައިންތު ސީއެންއެމް އަށް ކިޔައިދިނެވެ.

ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް އައިންތުގެ ކަނާއަތު ފައިގެ ކަކުލު ހުޅުން ތިރި ބުރިކޮށްލިއެވެ. މިހާރު ދަނޑިއެއްގެ އެހީގައި އައިންތު ހިނގާ ބިނގާވެ އުޅެމުން އަންނައިރު ފާހަނާއަށް ދިއުން ފަދަ ކަންކަން ކުރަމުން އަންނަނީ އާއިލާ މެމްބަރުންގެ އެހީގައެވެ. މިދިޔަ މަހުގެ ތެރޭގައި އައިންތު ވަނީ އޭނާގެ ފައި ދެއްކުމަށް އިންޑިއާއަށް ވެސް ގޮސްފައެވެ. އަދި އެތަނުން ވެސް ވަނީ ކަކުލުން މަތިން އެއް ބައި ބުރިކޮށްލާފައެވެ. އައިންތު ބުނީ، އެ ފައި ޑޮކްޓަރަށް ދެއްކުމަށް ތިން މަސް ފަހުން އަދި އިންޑިއާއަށް ދާން ޖެހޭ ކަމަށެވެ.

"ފައި ދައްކަން ތިން މަސް ފަހުން އިންޑިއާއަށް ދާންޖެހޭ. ދެން ފައި ދައްކާފަ ފަޔެއްވެސް ޖަހަން."


">


">

އައިންތު ބުނީ، އެ ކަމުގެ ސަބަބުން އޭނާގެ ހަޔާތަށް މޮޅިވެރިކަން ކުރިމަތިވި ނަމަވެސް އާއިލާގެ ފަރާތުން ލޯތްބާއި ކުލުނު ވަރަށް ރަނގަޅަށް ލިބޭ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް އާއިލާއިން އަންނަނީ އޭނާއަށް އެހީތެރިވަމުން ކަމަށެވެ.

މީގެ 18 ވަރަކަށް އަހަރުކުރިން އައިންތު ޒަވާޖީ ހަޔާތެއް ފެށިއިރު އެމީހުންގެ ކައިވެންޏަށް އަށް އަހަރާއި ހަތަރު އަހަރުގެ އަންހެން ކުއްޖަކު ވެސް ލިބިފައި އެބަހުއްޓެވެ.

އައިންތަށް ކުރިއެކޭ އެއްގޮތަށް ހިނގާބިނގާވެ އުޅެވެން އޮތީ މަސްނޫއީ ފައެއް ޖަހައިގެން ނަމަވެސް އެއީ ގާތްގަނޑަކަށް 5000 އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމެކެވެ. ހަޔާތުގައި ދިމާވި އަޑިގަޑުން އުސް ގަނޑަކަށް އަރައި އަމިއްލަ ދެފައި މައްޗަށް އަނެއްކާވެސް ކޮޅަށް ތެދުވަން އައިންތު މިއަދު މިވަނީ ތިއެންމެ ބޭފުޅުންގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.

އާއިލާއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:
ރުފިޔާ އެކައުންޓު ނަމްބަރު: 7730000259840 - އައިޝަތު މޫސާ
އިތުރު މައުލޫމާތު ހޯދުމަށް: 7696110 (ވައިބާ ނަމްބަރު)

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.
ހިޔާލު

ޑޮން

އައިސްތު އޭނަ އަށް ކިޔަނީ. އައިންތު ކިޔަނީ އާމިނަތު ކިޔަންޏާ