Accident aa eku hulhumale rahyithunah biruverikan
image
ހުޅުމާލޭގައި ދުއްވާ އެމްޓީސީސީ ބަހެއް---ފޮޓޯ: ސީއެންއެމް
ގުފްތަގު އަޖީރު
2 ކޮމެންޓް
 

އެކްސިޑެންޓާއެކު ހުޅުމާލޭ ރައްޔިތުންނަށް ބިރުވެރިކަން

އިއްޔެ ހެނދުނު ބަސް ޑްރައިވަރަކު "ނިދާފައި" އިނުމުން އެކްސިޑެންޓުވެ ޔޫކްރެއިން އަންހެނަކު ޗިސްޗިސްވި ހާދިސާއާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިރުވެރިކަން އިތުރުވެފައިވާކަމެއް ކަމަށް ސީއެންއެމްއާ ވާހަކަ ދެއްކި ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުން ބުނެފިއެވެ.
އެކްސިޑެންޓާ ގުޅޭގޮތުން ވާހަކަ ދައްކަމުން އުމަރު ގަނީ، 43 ބުނީ، އޭނާ ހުޅުމާލޭގައި ދިރިއުޅޭތާ ފަސް ވަރަކަށް އަހަރު ދުވަސް ވީއިރު ހުޅުމާލޭގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކުގެ އަދަދު ބުނަންވެސް ދަތިކަމަށެވެ. އަދި އިއްޔެ ހެނދުނު ހިނގި އެކްސިޑެންޓަކީ އޭނާއަށް އަނެއްކާވެސް "ހަނދާން އާކޮށްދިން" ކަމެއްކަމަށެވެ.

"މިތާންގަ [ހުޅުމާލޭ] ގަ އެކްސިޑެންޓެއް ނުހިނގާ ދުވަހެއް މަދުވާނެ. ކުޑަ ކަމެއްވިއަސް ހިނގާނެ. އެވާހަކަ އިވޭނެ ކޮންމެވެސް މީހެއްގެ ކައިރިން. އިއްޔެ އެކްސިޑެންޓު ހިނގިއިރު އަޅުގަނޑު އޮތީ ނިދާފަ. އެހެން ވިއަސް އަންހެނުން ގޮވާފަ ބުނީމަ އެތަނަށް ދިޔައީ. އޭރު ނޭނގެ ކާކުކަމެއް ދަންނަ މީހެއްތޯ ބަލަން ދިޔައީ. ދިޔާމަ އެނގުނީ ބޭރު މީހެއްކަން. އޭނާ އޮތީ ޗިސްޗިސްވެފަ. މިތާ ކައިރީ އެއީ،" ހުޅުމާލޭގައި އެޗްޑީސީން އަލުން ހަދާ ލޯކަލް މާރުކޭޓުކައިރީގައި ހުރެ އުމަރު ބުންޏެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭގެ ފިތިރޯނުމަގުގެ އެފްއެސްއެމް ތެޔޮ އަޅާ ސަރަހައްދުންނެވެ.

ހުޅުމާލޭގައި މީގެ ކުރިން ވެސް ރޯދަމަސްތަކުގައި ނުރައްކާތެރި އެކްސިޑެންޓު ހިނގާފައި އެބަހުއްޓެވެ. މިގޮތުން މިއަހަރުގެ ރޯދަ މަސް މި ފެށުނީ ވެސް ނުރައްކާތެރި އެކްސިޑެންޓަކާއެކުއެވެ. ނަމަވެސް ހުޅުމާލޭގައި ދިރިއުޅޭ މީހުން ބުނަނީ އެކްސިޑެންޓު ހިނގަނީ ރޯދަމަހު އެކަނި ނޫންކަމަށާ، އެކަމަކުވެސް ރޯދަ މަސް އައުމުން ލިބޭ އުފަލާ އެއްވަރަށް ހިތައް ބިރުވެރިކަން ވެސް ވަންނަ ކަމަށެވެ.

ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ދިމާވި އަންހެނަކު އޭނާގެ ނަން ހާމަ ނުކުރާ ގޮތަށް ބުނީ އިއްޔެ ހިނގި އެކްސިޑެންޓުން ބަސް ދުއްވާ ގޮތާމެދު އޭނާ ދައްކަމުންދިޔަ ވާހަކަ ތަކުގައި ފުލުސްޓޮޕް ޖެހިއްޖެކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ބުނަން ކީއްކުރަންހޭ ހުޅުމާލޭ މަގުމަތީގަ ބޮޑެތި ބަސްތައް ބާރަށް ދުއްވަނީ؟ އިއްޔެވެސް ނިދުނޭ ބުންޏަސް ކިހިނެއްތޯ އިނގެނީ އަސްލު ވީގޮތް؟ ރޯދަމަހަކު އެކަންޏެއް ނޫން އަބަދުވެސް އެކްސިޑެންޓު ހިނގާ. ރޯދަމަސް އައިމުން އުފާވާގޮތަށް މިހާރު ބިރުވެސް ގަނޭ. އަޅުގަނޑަކީ ވެސް ބަސް ބޭނުންކުރާ މީހެއް. ބަހުގައި ހުންނައިރުވެސް ހިތަށް އަރާ މަޑުމަޑުން ދުއްވާ ނަމައޭ. ހިނގާފަ އުޅޭއިރުވެސް ހިތަށް އަރާ މަޑުން ބަސްތަކާ ވެހިކަލްތައް ހުޅުމާލޭގައި ދުއްވާނަމައޭ،" އޮފީސް ބޭނުމެއްގައި ކޮންމެ ދުވަހަކު މާލޭ ދާ އަންހެން މީހާ ބުންޏެވެ. އޭނާ ފެރީ ނަގަނީ ފެރީން ދިއުމުން އޭނާގެ އޮފީހާ މާ ކައިރިވީމައެވެ.

"ބަސް ދެކެ ބިރުނެއްނޫން. ފެރީ ނަގަނީ އޮފީހާ ކައިރިވީމަ. ހުޅުމާލޭގައި މިހާރު ބިރުވެރީ ހިނގާފަ އުޅެންނޫންތޯ؟" އޭނާ ސުވާލުކުރިއެވެ.

ހުޅުމާލޭގައި އެކްސިޑެންޓުވި ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑުން ނުކުމެ ސީއެންއެމްއާ ވާހަކަ ދައްކަމުން އަލީ އަހުސަން، 27، ބުނީ އޭނާ ދިރިއުޅެނީ މާލޭގައި ކަމަށެވެ. އެހެން ނަމަވެސް ވަރަށް ގިނައިން ހުޅުމާލެ އަންނަކަމަށެވެ. އަދި އޭނާ ހުރީ އެކްސިޑެންޓުވީ ސަރަހައްދުގައި ކަން އެނގުމުން "ހިތް ބިރުގަތް" ކަމަށެވެ.

"އެކްސިޑެންޓު ހިނގާފާނެ. އެހެން ނަމަވެސް އަޅުގަނޑު ދެރަވަނީ ބަލާ ނުލާ ދުއްވާތީ. މީ އެކްސިޑެންޓުވި ހިސާބުކަން މި އެނގުނީ ބުނީމަ. ހިތައް ބިރުވެރިކަން އައި އެހެން ބުނީމަ،" އަހުސަން ބުންޏެވެ.
ހިޔާލު

ޜައްޝާޤް

އަޚުންނާއި އުޚްތުންނޭ.. މާތްﷲ އަށް ބިރުވެތިވޭ.. އަދި ތައުބާވެ ﷲ އެންގެވި ގޮތަށް އުޅުމަށް އަޒުމު ކަނޑައަޅާ..

ހުމް

މި ބިރުވެރި ސަރުކާރެއް މަކަރުވެރި ސަރުކާރެއް. މަރުކޮމިޝަން ކޮބައޮތަ