Thalassaemia ah heyluntherikan kuda, rakkaatheri fiyavalhu thakeh elhi dhaane
image
ދިވެހި ތެލަސީމިއާ ކުއްޖަކާއި އެ ކުއްޖާގެ މަންމައާއެކު ރާއްޖެއިން ބޭރުގެ އާއިލާއެއް. ދިވެހިންގެ ތެރޭގައި ތެލަސީމިއާއާ މެދު ހޭލުންތެރިކަން އަދިވެސް ކުޑަ---ފޮޓޯ: ޓޯނިދަމޯލްޑިވްލޭޑީ.ކޮމް
ސާޔާ އަހްމަދު
0 ކޮމެންޓް
 

ތެލަސީމިއާ އަށް ހޭލުންތެރިކަން ކުޑަ، ރައްކާތެރި ފިޔަވަޅުތަކެއް އެޅިދާނެ

ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅުގައި ރާއްޖެއަށް އަންނަމުން ދިޔަ ހަލުވި ތަރައްގީއާއެކު ސިއްހަތާ ގުޅުން ހުރި ގިނަ ކެމްޕޭންތަކެއް ކުރިއަށް ގެންދިޔަ އެވެ. އޭރު އެންމެ ވަރުގަދަކޮށް ކުރިއަށް ގެންދިޔަ އެއް ކެމްޕޭނަކީ ތެލަސީމިއާ ބައްޔާ މެދު އާއްމުން ހޭލުންތެރި ކުރުވުމުގެ ކެމްޕޭނެވެ.
އެކަމަކު މިއަދު ދުނިޔޭގެ ތެލަސީމިއާ ދުވަސް ފާހަގަކުރަމުންދާއިރު، ކުރިމަތިލާން ޖެހޭ ހަގީގަތަކީ ތެލަސީމިއާއާ މެދު އާއްމުން ހޭލުންތެރިވާން ޖެހޭ މިންވަރަށް ހޭލުންތެރިވެފައި ނެތުމުގެ ސަބަބުން އަހަރަކަށް ވުރެ އަހަރެއް ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމެވެ.

"މިވަގުތަށް ބަލާއިރު އަދިވެސް ފާހަގަވާ ކަމަކީ ތެލަސީމިއާ ކުދިން އިތުރުވަމުންދާކަން. އެގޮތުން ވޭތުވެދިޔަ އަހަރު ތެލަސީމިއާ މީހުންގެ ދަފްތަރަށް ޖުމްލަ 19 ފަރާތެއް އިތުރުވެފައިވޭ. މިއަހަރުގެ މިހާތަނަށް އިތުރުވެފައި ވަނީ އަދި އެންމެ ފަރާތެއް،" މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ފަރާތުން އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއޭޓްރިކްސް ޑރ. އަހްމަދު އުމަރު ސީއެންއެމް އަށް ވިދާޅުވި އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތައް:

 • ޖުމްލަ 881 ފަރާތެއް ވަނީ ތެލަސީމިއާ ދަފްތަރުގައި ރެޖިސްޓާކޮށްފަ

 • ޖުމްލަ 330 މީހުންނަކީ އަތޮޅުތަކުން ރެޖިސްޓްރީ ކޮށްފައިވާ މީހުން

 • ދުނިޔޭގައި ދިރި ތިބީ 633 މީހުން


 • އާބާދީގެ ނިސްބަތުން ބަލާއިރު މިއީ ވަރަށް ވެސް ބޮޑު އަދަދެކެވެ. މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީން ބުނާ ގޮތުގައި ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ތެލަސީމިއާ މީހުން އެންމެ ގިނައީ ރާއްޖޭގަ އެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ 380،000 މީހުންގެ ތެރެއިން 18 އިންސައްތަ އަކީ ތެލަސީމިއާގެ އަސަރު ކުރާ މީހުންނެވެ.

  ތެލަސީމިއާ އަކީ ކޮބާ؟

  ތެލަސީމިއާ އަކީ މުޅި އުމުރަށް ލޭ އަޅަން ޖެހޭ ލޭގެ އުނިކަމެކެވެ. އާއިލާތަކުގެ ތެރޭގައި އެކެއް އަނެކަކަށް ވާރުތަވާ މި އުނިކަން ދިމާވުމުން ހަށިގަނޑުގައި ހެމަގްލޮބިން އުފައްދާ މިންވަރަށް އަސަރު ކުރެ އެވެ. ހެމަގްލޮބިން އަކީ ރެޑް ބްލަޑް ސެލްސްގައި އޮކްސިޖެން ދައުރުކޮށްދޭ ޕްރޮޓީން އެވެ.

  ހެމަގްލޮބިން އުފެދިފައި ވަނީ އަލްފާ ގްލޮބިން އަދި ބީޓާ ގްލޮބިން ޕްރޮޓީން އިންނެވެ. މި ދޭތި އުފައްދާ ޖީންގައި އުނިކަމެއް ހުރެއްޖެ ނަމަ ތެލަސީމިއާ ދިމާވެ އެވެ. އެއީ ދެ ބާވަތެއްގެ ތެލަސީމިއާ އެވެ. އަލްފާ ތެލަސީމިއާ އާއި ބީޓާ ތެލަސީމިއާ އެވެ. މީގެ ތެރޭގައި ވެސް އެކި ވައްތަރުގެ ތެލަސީމިއާ ހުރެ އެވެ.

  މައިގަނޑު ދެ ބަޔަކީ ތެލަސީމިއާ މޭޖާ އާއި ތެލަސީމިއާ މައިނާ އެވެ. ތެލަސީމިއާ މޭޖާ ދިމާވަނީ ލޭގެ އުނިކަން ހުންނަ ޖީން މަންމަ އާއި ބައްޕަގެ ފަރާތުން ވާރުތަ ވުމުންނެވެ. އަދި ތެލަސީމިއާ މައިނާ ދިމާވަނީ ކޮންމެވެސް އެކެއްގެ ފަރާތުން ޖީން ވާރުތަވުމުންނެވެ.

  ތެލަސީމިއާ މޭޖާ މީހުން މުޅި އުމުރަށް ލޭ އަޅަން ޖެހޭއިރު، އިތުރު ފަރުވާތައް ވެސް ކުރަން ޖެހެ އެވެ. ތެލަސީމިއާ މައިނާ މީހުން ވެގެންދަނީ ކެރިއަރުންނަށެވެ. އެހެންކަމުން އެފަދަ މީހަކު ކެރިއަރަކާ ކައިވެނިކޮށްގެން ލިބޭ ދަރިފުޅަކީ ތެލަސީމިއާ ބަލީގެ ކުއްޖަކަށް ވުމުގެ 25 އިންސައްތަ ފުރުސަތު އޮވެއެވެ.

  ހޭލުންތެރިކަން ވަރަށް ކުޑަ

  މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑރ. އަހްމަދު އުމަރު ވިދާޅުވީ ތެލަސީމިއާ މެދު ރާއްޖޭގައި ހޭލުންތެރިކަން އޮންނަން ޖެހޭ މިންވަރަށް ނެތް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތެލަސީމިއާ މީހުންގެ އަދަދު އިތުރުވެ، ދެ ކެރިއަރުން ކައިވެނިކޮށްގެން ދަރިއަކު ހޯދާ ހިސާބަށް ދިޔުމުން އަމަލު ކުރަން ޖެހޭ ގޮތް ވެސް އޮންނަނީ ނޭނގިފަ އެވެ.

  "ތެލަސީމިއާ ކޮންޓްރޯލް ކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޓެސްޓު ކުރުމަށް ސަމާލުކަން ދޭންވާ މިންވަރަށް ސަމާލުކަން ނުދިނުން. ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނުނުގެ 11 ވަނަ މާއްދާގެ (ހ) ގައި އެބަ ބުނޭ ދިވެހި ކޮންމެ ކުއްޖަކު އެކުއްޖެއްގެ އުމުރުން 18 އަހަރުވުމުގެ ކުރިން ތެލެސީމިއާ ޓެސްޓުކޮށް، އެ ޓެސްޓުގެ ނަތީޖާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ބެލެނިވެރިންގެ ޒިންމާއެކޭ. މހެން މިކަން އޮތްއިރު ގިނަ މީހުން އަދިވެސް ތެލަސީމިއާ ޓެސްޓް މިކުރަނީ އެންމެ ފަހު ވަގުތު. މާނަަކީ ކައިވެންޏެއް ކުރަން ކައިވެންޏަށް ތައްޔާރުވާ ހިސާބުންނޭ. އެ ހިސާބުން އަސްލު ތެލެސީމިއާ ކޮންޓްރޯލް ކުރުމުގައި ހަގީގަތުގައި އެއް ފިޔަވަޅު ފަހަތަށް މި ޖެހެވުނީ،" ޑރ. އަހްމަދު ވިދާޅުވި އެވެ.

  ކައިވެނީގެ ކުރިން ތެލަސީމިއާ ޓެސްޓު ކުރުމަކީ ރާއްޖޭގައި މަޖުބޫރު ކަމެކެވެ. އެކަމަކު ދެ ކެރިއަރުން ކައިވެނި ކުރުމަށް އެއްވެސް ކަހަލަ ހުރަހެއް ނޯވެ އެވެ. ޑރ. އަހްމަދު ވިދާޅުވީ ދެ ކެރިއަރުން ކައިވެނިކޮށްގެންވެސް ދަރިން ހޯދާއިރު ތެލަސީމިއާއިން ދުރުވުމަށް ކުރެވޭނެ ކަންކަން ހުންނަ ކަމަށެވެ.

  "މިހާރު އަޅުގަނޑުމެންނަށް މި ފާހަގަވާ ކަމަކީ ތެލެސީމިއާ ކުދިންގެ ދަފްތަރަށް އިތުރުވާ ގިނަ ކުދިން މި އިތުރުވަނީ އެކުދިންގެ ބެލެނިވެރިންނަކީ ތެލެސީމިއާ ކެރިއަރުންކަން އެނގިތިބެ ކައިވެނި ކުރީމަ. މިއީ އަޅުގަނޑުމެން މިހާރު ސަމާލުކަން އެންމެ ބޮޑަށް ދޭން ޖެހޭ އެއް ކަމަކީ. އެނގި ތިބެ ކައިވެނިކޮށްގެން ތެލަސީމިއާ ކުދިން ލިބޭއިރުގައި، އެ އުފަންވާ ތެލަސީމިއާ ކުދިންގެ ނިސްބަތް މަދު ކުރުމަށް އަޅުގަނޑުމެން އެބަ ޖެހޭ މަސައްކަތް ކުރަން،" ޑރ. އަހްމަދު ފާހަގަކުރެއްވި އެވެ.

  ފަރުވާ އާއި ގޮންޖެހުންތައް

  ތެލަސީމިއާ އަށް ފަރުވާ ކުރުމަށްޓަކައި ގަވައިދުން ލޭ އަޅަން ޖެހެ އެވެ. އަދި ލޭ އެޅުމުން ދަގަނޑުގެ މާއްދާ އިތުރުވާތީ، އެބައި ކޮންޓްރޯލް ކުރުމަށް ހާއްސަ ބޭހެއް ކާން ޖެހެ އެވެ. އޭގެ އިތުރުން ވެސް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ވެސް ތެލަސީމިއާ މީހުންނަށް ބޭނުންވެ އެވެ.

  ޑރ. އަހްމަދު ވިދާޅުވީ ފަރުވާގައި އެންމެ ދަތި ކަމަކީ ލޭ އެންމެ އެކަށީގެންވާ މިންވަރަށް ނުލިބުން ކަމަށެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އެދުމަކީ މިހާރުވެސް އާއްމުކޮށް ލޭ ހަދިޔާ ކުރާ މީހުން ވަކި ހާލަތެއް ދިމާވަންދެން މަޑު ނުކޮށް، ގަވައިދުން ލޭ ދެމުން ގެންދިޔުމެވެ.

  "ރާއްޖޭގައި ލޭ ހަދިޔާ ކުރައްވާ ފަރާތްތަކުން ބޮޑަށް މީހަކު އެކަމަށް އެދެންދެން މަޑުކޮށްގެން ތިބޭ ތބުން މި ފާހަގަވަނީ. އެގޮތަށް މަޑުކޮށްގެން ނުތިއްބަވާ ކޮންމެ ބޭފުޅަކުވެސް ތިން މަސް ހަމަވީމަ، ލޭ ދެވޭ މުއްދަތު ހަމަވީމަ، މާލެގައި ނަމަ ތެލެސީމިއާ ސެންޓަޜަށް ވަޑައިގެން، ލޭ ހަދިޔާ ކުރެވޭނެ އިންތިޒާމް ހަމަޖހިފައި މި އޮންނަނީ،" ޑރ. އަހްމަދު ވިދާޅުވި އެވެ.

  ތެލަސީމިއާ ދަފްތަރުގައިވާ ފަރާތްތަކަށް ދައުލަތުން ވެސް އަންނަނީ ގަވައިދުން އެހީވަމުންނެވެ. އެގޮތުން ކޮންމެ މަހަކު ދޭ ފަރުވާގެ ހޭދަ ދައުލަތުން ބަލަހައްޓަ އެވެ. އޭގެ އިތުރުން އެއްވެސް ދައްޗެއް ނެތި ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމާއި، އެ ބޭސް އަތޮޅުތަކަށް ގަވައިދުން ފޮނުވަ އެވެ.

  "ނަމަވެސް އަޅުގަނޑުމެންނަށް އަދިވެސް ތެލަސީމިއާ ކުދިންގެ ފަރުވާގައި އެބަ ބޭނުންވޭ އެހެން ސްޕެޝަލިޓީޒްތަކުގެ ޑޮކްޓަރުން. އެހެންވީމަ އެފަދަ ޑޮކްޓަރުން ރާއްޖޭގައި ނެތުން އެއީ އޮތް ހުރަހެއް. މިކަމަށް އަޅުގަނޑުމެން މަސައްކަތް ވެސް އެބަ ކުރަން. ހެމަޓޮލޮޖިސްޓެއް ގެނެސް، ހެމަޓޮލޖިސްޓެއްގެ ހިދުމަތް ތެލެސީމިއާ ކުދިންނަށް ލިބޭނެ އިންތިޒާމް މިހާރު ވެސް ހަމަ ހެލްތު މިނިސްޓްރިއާ ގުޅިގެން ކުރިއަށް ދަނީ،" މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ކުރާ މަސައްކަތްތަކާ މެދު ޑރ. އަހްމަދު ވިދާޅުވި އެވެ.

  ތެލަސީމިއާ މީހުން އެބަލިން އެކީ ސަލާމަތް ވާން އޮތް ހަމަ އެކަނި ގޮތަކީ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމެވެ. ޒަކާތު ފަންޑުން ކޮންމެ އަހަރަކު ވެސް މިހާރު އަންނަނީ ހޮވާލެވޭ ތެލަސީމިއާ ކުދިންގެ ބޯން މެރޯ ޓްރާންސްޕްލާންޓަށް ހޭދަ ކުރަމުންނެވެ. އެގޮތުން މިއަހަރު ވެސް ފަސް ކުއްޖަކު އެ އޮޕަރޭޝަން ކުރުމަށް އިންޑިއާ އަށް ދިޔަ އެވެ. ޒަކާތު ފަންޑުން ހޭދަކޮށްގެން މިހާތަނަށް ޖުމްލަ 40 އަށް ވުރެ ގިނަ މީހުން ވަނީ ބޯން މެރޯ ޓްރާންސްޕްލާންޓް ހަދާފަ އެވެ.

  މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ނަސޭހަތަކީ ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންވެސް ފަރުވާއަށް ސަމާލުވުމެވެ.
  ހިޔާލު