Bus Driverun, Bas Ahanvehje
image
ކޮންޓްރޯލުން ނެއްޓި ބަސް ވެލި ފުންޏަކަށް އަރާފައި.-- ފޮޓޯ: ޕޮލިސް
3 ކޮމެންޓް
 

ބަސް ޑްރައިވަރުން، ބަސް އަހަންވެއްޖެ!

މިދިޔަ ހޯމަ ދުވަހު އިރު އަރައިގެން ދިޔައީ ހިތާމަވެރި ހަބަރަކަށެވެ؛ ބަހަކުން ޖެހި މީހަކު މަރުވި ހާދިސާގެ ވާހަކަ އެވެ. އެ ހާދިސާގެ ޝޮކު އެތައް ބަޔަކަށް ލިބުނުއިރު، ގިނަ ބައެއްގެ ސަމާލުކަން ބަސް ޑްރައިވަރުންނަށް ވަނީ އަމާޒުވެފަ އެވެ.
އެގޮތުން ހުޅުމާލޭގައި ބަސް ދުއްވާއިރު، ގަވާއިދާ ހިލާފަށް ބައެއް ކަންކަން ޑްރައިވަރުން ކުރާ ވާހަކަ ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އެއްވެސް ގޮތަކަށް މަޑު ކުރުމެއް ނެތި، ބާރު ސްޕީޑުގައި ބާރު ދުއްވާ މައްސަލަ ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

އެގޮތުން ބަސް ދަތުރު ކުރާއިރު، ޒިބްރާ ކްރޮސް އިން މީހުން ހުރަސް ކުރާއިރު އެކަމަށް ސަމާލުކަން ނުދޭ ވާހަކަ އަކީ މިހާތަނަށް ވެސް ހައްލެއް ނުލިބި ދިގުދެމިގެން ގޮސްފައިވާ ޝަކުވާ އެކެވެ.

"ޒިބްރާ ކްރޮސް މަތީ ހުންނަ މީހާ ބަސް އަންނަތަން ފެނުނީމަ ދުވެފަ ދާންވީ، ބަހެއް މަޑެއް ނުކުރާނެ. އަހަންނަށް އެތައް ފަހަރަކު އެކަން ތަޖުރިބާ ކުރެވިއްޖެ. އަދި އެ މަންޒަރު ވެސް ފެނިފައިވޭ. ހުޅުމާލޭގައި އުޅޭ ގިނަ މީހުންނަށް މިކަން ފާހަގަވާނެ،" މިއީ ހުޅުމާލޭގައި އުޅޭ އެތައް ބައެއްގެ ޝަކުވާތަކެވެ.

އޭގެ އިތުރުން ބަސް ދުއްވާލެއް ބާރު ވުމަކީ ވެސް ވަރަށް ބޮޑު މައްސަލައެކެވެ؛

"ބަހަކީ އެއް ސްޓޮޕުން އަނެއް ސްޓޮޕަށް ވަކި ގަޑިއަކަށް ދާން ޖެހޭނެ އެއްޗެއް، އެކަމަކު އޭގެ މާނަ އަކީ ސައިރަން އަޅާފައި އެންބިއުލާންސް ދުއްވާ ގޮތަށް ބަސް ދުއްވުމެއް ނޫން. އެކަމަކު ހުޅުމާލޭގައި މި ބަސް ދުއްވަނީ އެ އުސޫލުން. ބަސް އަންނަތަން ފެނުނީމާ ވަގުތުން އެއްފަރާތްވެ، ތަން ދައްކަން ޖެހޭނީ،" ބަސް ދުއްވާ ގޮތާ މެދު ހިތްހަމަނުޖެހިގެން "ސީއެންއެމް" އަށް ވާހަކަ ދެއްކި ގިނަ ބަޔަކު ފާހަގަ ކުރި އެވެ.

ގިނަ ބަޔަކު ވަނީ މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓް ތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން ބަސް އެކްސިޑެންޓް ވުމުގައި ފާހަގަ ކުރެވޭ ކަމެއް، އެތަނުން އެކަކު ކިޔައިދިނެވެ؛ އާންމުކޮށް ބަސް އެކްސިޑެންޓް ވާއިރު ގިނަ ފަހަރަށް ބަހުން އޮންނަނީ އެކްސިޑެންޓްވާ ވެހިކަލުގައި ޖެހިފައި ކަމެވެ.

"ގިނަ ފަހަރަށް މި އޮންނަނީ ސައިކަލަކާ ބަހާ އެކްސިޑެންޓް ވެފައި. މިހާރު ވެސް ފޮޓޯ ތަކަށް ވެސް ބަލާ، ގިނައިން އޮންނާނީ ބަސް ގޮސް ސައިކަލުގަ ޖެހިފަ. އެއީ މިބުނާހެން ބާރަށް ދުއްވާފަ ދާއިރު ބައެއް ފަހަރު ސައިކަލު އެއްފަރާތަށް ނާރާތީ މި އޮންނަނީ ގޮސް ސައިކަލުގަ ޖެހި އެކްސިޑެންޓް ވެފައި،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެކަކު ފާހަގަ ކުރި އެވެ.

އެގޮތުން އިއްޔެ މެންދުރު ހިނގި އެކްސިޑެންޓް ވެސް ފާހަގަ ކޮށްލެވެ އެވެ. ބަހުން ޓެކްސީއެއްގައި ޖެހި އެކްސިޑެންތްވީ އެވެ. އެކަމަކު ފަހުން ހިނގި ދެ އެކްސިޑެންޓް (މީހާ މަރުވި އެކްސިޑެންޓް އާއި ޓެކްސީގައި ބަހުން ޖެހުނު އެކްސިޑެންޓް) ގައި ވެސް ޑްރައިވަރަށް "ނިދުނީ" އެވެ.

އެގޮތުން ޑްރައިވަރަށް "ނިދިގެން" އެކެއްގެ ފުރާނަ ގެއްލިގެން ދިޔައިރު، އިތުރަށް ޑްރައިވަރަކަށް ނިދިގެން ބޮޑު ކަމެއް ވުމުގެ ކުރިން ރައްކާތެރި ފިޔަވަޅުތައް އެޅުން މުހިންމެވެ؛ ގަވާއިދާ ހިލާފަށް ގިނައިރު މަސައްކަތް ކުރުވާނަމަ އެކަމާ ފިޔަވަޅު އަޅާށެވެ. ބާރަށް، ޒިބްރާ ކްރޮހަކަށް ނުވަތަ މަގުމަތިން ދުއްވާ އެހެން އުޅަނދުތަކަށް ބަލާލުމެއް ނެތި ދުއްވާ ބަސްތައް ވެސް ހިފަހައްޓާ ފިޔަވަޅު އަޅަން ފަށާށެވެ.

ބްރިޖް ހުރަސްކޮށް މާލެ އާއި ހުޅުމާލެ އަށް ދަތުރު ކުރާ ބަސްތައް ވެސް ބްރިޖް މަތިން އޯވަޓޭކް ކުރާ ނުރައްކާތެރި މަންޒަރު ފެންނަލެއް ވެސް މަދެއް ނޫނެވެ. އަދި ބްރިޖާއި ހައިވޭގައި ދުއްވަން ކަނޑައަޅާފައިވާ ލިމިޓަށް ވުރެ މާ ބާރަށް ބަސް ދާތަން ނުދެކެން ހެއްޔެވެ؟ އާންމު ވެހިކަލްތަކަށް ފިޔަވަޅު އަޅާ ފަދައިން ބަސްތައް ވެސް ގަވާއިދުން ބޭރުން ދުއްވާނަމަ އެކަން ހުއްޓުވާ ފިޔަވަޅު އެޅަން ޖެހެ އެވެ.

ދެން އޮތީ އެންމެ ސުވާލެކެވެ؛ މެނުއަލް ކޮށް، ކްލަޖް ކޮށްގެން ދުއްވާ ބަސްތަކަކަށް ވާއިރު ޑްރައިވަރަށް ނިދިފައި އިންދާ ގޮވާލުމާ އެކު އޭނާ ސިއްސައިގެން ގޮސް ހަމަ ފިތާލެވޭނީ ސްޕީޑަށް އެކަނި ހެއްޔެވެ؟ ސްޕީޑުގައި އެއް ފައި އިންނައިރު ދެ ވަނަ ފައި އިންނާނީ ކްލަޗްގައި ކަން ހަނދާން ކުރާށެވެ. އަދި އެ ދޭއްޗަށް އެއްކޮށް ފިތާލެވިއްޖެ ނަމަ ސްޕީޑް އަރައިގެން ނުދާނެކަން އެންމެން ވެސް ދަންނާނެ އެވެ. ތިޔަ ބޭފުޅުންނަށް ހީވަނީ ކިހިނެއް ހެއްޔެވެ؟
ބަސް ހުޅުމާލެ
ހިޔާލު

ހުޅުމާލެ މީހާ

ހަމަ ރަނގަޅު ވާހަކަ އެއް! ބަސް ދުއްވާމީހުން އެކަން ކުރަނީ ހައްދުފަހަން އަޅާފައި، ތަނެއް ދޮރެއް ނުބަލާ!

އަލީ އަށް

ހުޅުމާލެ އަދި މާލޭގައި ދުއްވަނީ ކެލެޗް ކުރާ އެއްޗެހި. ޏިދިޖެހިގެން ސަޕީޑަށް ފިތިގެން ރޭސް އެރުން އެއީ ވަރަށް ނާދިރު ކމެއް.

އަލީ

ހުރިހާ ބަސް ތަކަކީ ކެލެޗް ކުރަން ޖެހޭ ބަސްތަކެއް ނޫން...