Degree hadhan social media ah!
image
ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ -
އިބްރާހީމް ރިޒްވި
0 ކޮމެންޓް
 

ޑިގްރީ ހަދަން ސޯޝަލް މީޑިއާއަށް!

ޑިގްރީ ސެޓްފިކެޓެއް ބޭނުންހެއްޔެވެ؟ މާސްޓާސް ސެޓްފިކެޓެއް ބޭނުންހެއްޔެވެ؟ މި ސެޓްފިކްޓް ބޭނުންނުވާ މީހަކު މިހާރު ރާއްޖޭގައި ނޫޅޭނެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މި ސެޓްފިކެޓް ހޯދަން މަސައްކަތް ކުރަން ޖެހޭނެދޯއެވެ. އެ މީހަކު އެދޭ މަންޒިލާ ހަމައަށް ވާސިލުވާން ކުރާނެ ލައްކަ ގިނަ ކަންތައް ހުންނާނެތާއެވެ. މި ގޮތުން، ދިވެހިރާއްޖޭގައި ކިޔަވއިދޭ  މަތީ ތައުލީމު ދޭ މަރުކަޒުތަކުން އެންމެ ފަސޭހައިން ފާސްވެވޭނެ ގޮތަކީ ސެޓްފިކެޓް ގަތުމެވެ. މިއީ އެއްވެސް ހާލެއްގައި އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. މިއީ ކިޔަވާ ދަރިވަރުން ދައްކާ ވާހަކައެވެ. ސެޓްފިކެޓް ގަނެވޭ ވާހަކައެވެ. ރުފިޔާ އަތަށް ދިނީމާ ސެޓްފިކެޓް ދޭ ވާހަކައެއް ނޫނެވެ. އެހެންވެސް ނުހަދާނެކަމެއް މި މުޖުތަމައުގެ މިހާރުގެ ހާލަތަށް ބަލާ ބުނާކަށް ނުކެރޭނެއެވެ. އެހެންނަމަވެސް، ސެޓްފިކެޓް ހޯދަން ކުރަންޖެހޭ ކަމަށް ބުނާ މަސައްކަތުގެ އެއްބައިކަމުގައިވާ އެސައިންމަންޓް ގަނެ ވިއްކާ ވާހަކައެވެ. މިއީ ހަމަޔަގީނުންވެސް ކިޔަވައިދޭ މަރުކަޒެއްގެ ހަމަ ކޮންމެ މީހަކަށްވެސް އެނގޭ ވާހަކައެކެވެ.
އޮފީހުގައި ބުރަވެގެން ކިޔެވުމަށް ދޭންޖެހޭ ވަގުތު ނުދެވޭ ހެއްޔެވެ. އާއިލީ ޒިންމާތަކުގެ ސަބަބުން ކޮލެޖުން ދޭ މަސައްކަތްތައް ނުކުރެވި ދޭ ހެއްޔެވެ. މައްސަލައެއް ނެތެވެ. ހައްލު މި އޮންނަނީ ސޯޝަލް މީޑިއާގައެވެ. އެ ކޮލެޖާއި މިކޮލެޖުގެ އެސައިންމަންޓް ހަދައިދޭ ވާހަކައެވެ. ފޭސްބުކާއި، ޓްވިޓަރާއި އައިބޭގައެވެ. ވައިބަ ގްރޫޕްތަކާއި ވަޓްސްއަޕް ޗެޓް ލޮގްތަކުގައެވެ. ރޯމާ ދުވާލު މީހުންނަށް ފެނި ހާމަވާހެން އިސްތިހާރު ކުރަނީއެވެ. އާއްމުކޮށް އެސައިންމަންޓެއް ހަދައިދޭ އަގު 500 ރުފިޔާ އާ 2500 ރުފިޔާ އާ ދެމެދުއެވެ. އަދި އެސައިންމަންޓް ހަދައިދޭ މީހާގެ ވަނަވަރާ ގުޅޭނެ ނަންބަރާވެސްއެކު އިސްތިހާރުކޮށްފައި އެބަހުއްޓެވެ. ބައެއް ހާލަތްތަކުގައި ހަމައެކަނި ގުޅުމަށް ބޭނުންކުރާނީ ވައިބަ ކަމުގައިވެސް ލިޔެފައި އެބަހުއްޓެވެ.

މި ރޯދަމަހު ޑިމާންޑު މައްޗަށް ދާ ކޮންމެ އެއްޗެއްގައިވެސް އަގު އުފުލޭ މިންވަރު ވަރަށް ރަނގަޅަށް އާއްމު ރައްޔިތުންނަށް އެނގޭނެއެވެ. އެ ޑިމާންޑުގެ ބޭނުން ހިފާ އެކި ގޮތްގޮތުން ޑިމާންޑު އޮތް ބޭނުން ފުއްދައިދޭންވެސް މީހުން އުޅޭނެއެވެ. މި ގޮތުން އަސާރައާ ލޮނު ލުނބޯއާ، ތެލުލި ފަތް ވިއްކަން ސޯޝަލް މީޑިއާގައި ލިޔެފަ ހުންނަތަން ދެކެމު ނޫންހެއްޔެވެ. އަދި ރޯދަމަސް ނޫނަސް، އަބަދަމެ އަގު ނުވެއްޓި ހުންނަ އެކައްޗެއް ހުރެއެވެ. ޓިއުޝަން ދިނުމެވެ. އެސައިންމަންޓް ހަދައިދިނުމަކީވެސް މިކަހަލަ ކަމަށްވެ ނިމުނީ ނޫންކަމެއްވެސް ނޭންގެއެވެ.

އިސްތިހާރު ޖަހައިދޭ ފަރާތުގެވެސް މައްސަލައެވެ. އެ އިސްތިހާރުގެ ބޭނުންހިފާ ހިދުމަތް ދޭ ފަރާތުގެވެސް މައްސަލައެވެ. ހިދުމަތް ހޯދާ ފަރާތުގެވެސް މައްސަލައެވެ. އެ ހޯދޭ ހިދުމަތުގެ އަގުކޮށް އެއަށް ސަނަދުދީ އަގުވަޒަން ކޮށްދޭ މީހުންގެވެސް މައްސަލައެވެ. އަދި މި ސަނަދުތަކުގެ މިންގަނޑު އެކަށައަޅާ އެ މިންގަނޑުތަކަށް ފެތޭތޯ ބަލާ ތަންފީޒީ އިދާރާތަކައި ސަރުކާރުގެ މުއައްސަސާތަކުގެވެސް މައްސަލައެވެ. މައްސަލަ އެއީ މައްސަލައެއްކަމަށް ނުދެކެނީ ކަމެއް، މިއީ ހިއްޕުވަން ބޭނުންވާ އާދައެއް ކަމެއް، މިކަމާއި ހިޔާލާއި ފިކުރުކޮށްލާނެ ބަޔަކު ނެތީކަމެއް ނޭންގެއެވެ. ހަމަ ޔަގީނުންވެސް، އެނގޭކަމަކީ ވަޒީފާތަކަށް ދާ މީހުން ހިފައިގެން އަންނަ ސެޓްފިކެޓާއި އެމީހާގެ ހުނަރާއި އިލްމާއި ނުބައްދަލުކަމެވެ. ހަމަ ޔަގީނުންވެސް އެނގޭކަމަކީ ބަލަ ބަލާ ހުއްޓާ މަތީ ތައުލީމީ ނިޒާމު އަނދަވަޅަކަށް ވެއްޓިގެންދާކަމެވެ.
ހިޔާލު