Dhivehin Ingireysi passport gengulhunukan engeytha?
image
ލަންޑަން: ފޮޓޯ ޓުވިޓަރ
ގުފްތަގު އަޖީރު
2 ކޮމެންޓް
 

ދިވެހިން އިނގިރޭސި ޕާސްޕޯޓް ގެންގުޅުނުކަން އެނގޭތަ؟

ދިވެހިން ބްރިޓިޝް ޕާސްޕޯޓު ނުވަތަ އިނގިރޭސި ވިލާތުގެ ޕާސްޕޯޓު ގެންގުޅުނޭ ބުނުމުން އެކަން ގަބޫލުކުރަން ދަތިވެދާނެ އެވެ. 
އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔައީ، ހިމާޔަތުގެ ސިޓީއެއް ކަމަށް ވިދާޅުވެ އޭރު ރަސްކަމުގައި ހުންނެވި މުހައްމަދު މުއީނުއްދީން ސޮއިކުރެއްވި ލިޔުމަކާއި ގުޅިގެންނެވެ. އެއީ 16 ޑިސެމްބަރު 1887 ވަނަ އަހަރެވެ. އެ ލިޔުމުގައި އިނގިރޭސީންގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި އޭރު ހުންނެވި ގަވަރުނަރު އާތާ ހެމިލްޓަން ގޯޑަން އެވެ. 

އެ ލިޔުމަކީ އިނގިރޭސީންނާއި ރާއްޖެ އާ ދެމެދު ސޮއިކުރެވިފައިވާ ރަސްމީ އެއްބަސްވުމަކަށް ނުވާތީ 24 އޭޕްރީލް 1948 ވަނަ އަހަރު މާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދެ ގައުމުން ވަނީ ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 

ދިވެހިރާއްޖޭ އިނގިރޭސީންގެ ހިމާޔަތުގައި 77 އަހަރު އޮތުމަށްފަހު މިނިވަންވީ 26 ޖުލައި 1965 ގައެވެ. 

ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގައި އޮތް ދުވަސްވަރު ދިވެހިންނަށް ތަފާތު ކަންތައްތަކަކާ ކުރިމަތިވި އެވެ. އެގޮތުން މިއަދު ސޯޝަލް މީޑިއާގައި އެންމެ ހަރުކޮށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ދިވެހިންގެ ޕާސްޕޯޓުގެ ވާހަކަ އެވެ. އެގޮތުން ތާރީހީ އިލްމުގައި މަޝްހޫރު ނަޖާހު ދީދީ ވަނީ ދިވެހިރާއްޖޭގައި ދިވެއްސަކު ބޭނުންކުރި ބްރިޓިޝް ނުވަތަ އިނގިރޭސި ވިލާތުގެ ޕާސްޕޯޓެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެއީ ނިލަންދޫ އެދުރުގޭ މޫސާ ތަކުރުފާނަށް އިނގިރޭސި ވިލާތުން ދޫކުރި ޕާސްޕޯޓެކެވެ. 




އަދި ނަޖާހުގެ އެކުވެރި ތާރީހީ އިލްމުވެރިޔާ އަލާ ދީދީ ވަނީ ދިވެހި ދައުލަތުން އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ޕާސްޕޯޓުތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެގޮތުން އަލާ ވިދާޅުވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ޕާސްޕޯޓެއް އިޝޫކުރީ 1964 އެންޓީ ހަސަން ދީދީ އަށްކަމަށެވެ. އަދި ދިވެހިރާއްޖެ މިިނިވަންވި ފަހުން އެންމެ ފުރަތަމަ ޕާސްޕޯޓެއް ދޫކޮށްފައިވަނީ 1965 ވަނަ އަހަރު ތ. ދިޔަމިގިލީ ވައިޖެހޭގޭ ހުސެން މަނިކަށެވެ. 




މިއަދު ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ވަނީ ދިވެހިންނަށް އެންމެ ޒަމާނީ  ޕާސްޕޯޓު ދޫކުރަން ފަށާފައެވެ. އެގޮތުން ޕާސްޕޯޓު ކާޑުވެސް މިހާރު ދިވެހިންނަށް އަންނަނީ ދޫކުރަމުންނެވެ. އަދި ޕާސްޕޯޓަށް ހުށަހެޅުމުގެ ހުރިހާ ކަމެއް އޮންލައިންކޮށް މިހާރު ދިވެހިންނަށް ކުރެވެ އެވެ.
ހިޔާލު

ނާޖިޙު

އަޅުގަނޑަށް ކިޔަނީ ނަޖާހެއް ނޫން. ނާޖިޙު

Sameen

ތިޔަ އިނގިރޭސި ޕާސްޕޯޓްގެ އެތެރެ ވެސް ފެންނަ ފޮޓޯއެއް ޖަހާލިނަމަ