Farudhee zimmaa adhaa kurumakee malaamaaiy rahdhu vaan jehey kameh noon!
image
މޫދު ސާފުކުރަން އުޅުނު ކުދިން -- ފޮޓޯ: ޓްވިޓާ
ސާޔާ އަހްމަދު
2 ކޮމެންޓް
 

ފަރުދީ ޒިންމާ އަދާ ކުރުމަކީ މަލާމާތް ރައްދުވާން ޖެހޭ ކަމެއް ނޫން!

އެއް ފޮޓޯއިން ފެންނަނީ ފުރާވަރު އުމުރަށް އަރަމުންދާ ހަތަރު ކުދިން ނެޓުތަކެއް ހިފައިގެން ތިއްބަ އެވެ. ދެވަނަ ފޮޓޯއިން ފެންނަނީ ޕްލާސްޓިކު ފުޅިން ފުރި ބާރުވެ، ކުނިބުނިން ތަގައްޔަރުވެ، ކަޅުވެފައިވާ ހަޑި މޫދެވެ. ތިންވަނަ ފޮޓޯއިން ފެންނަނީ ހަމަ އެ މޫދުގެ ކިލަނބުކަން ސާފުވެ، އަސްލު ނޫވިލު ކުލައިން އުޖާލާވެފައިވާ ތަނެވެ. 
އެއީ މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި އާއްމުވި ޕޯސްޓެއްގެ ވާހަކަ އެވެ. އެކުދިވެރިންނަކީ އުފަން ރަށަށް ޗުއްޓީއަށް ދިޔައިރު، މޫދުގެ ހަޑިކަން ފެނި ކެތް ނުވެގެން އެތަން ސާފު ކުރަން އަމިއްލައަށް އިސްނަގައިގެން މަސައްކަތް ފެށި ކުދިވެރިންތަކެކެވެ. 


އެމީހުންގެ މަސައްކަތުގެ ނަތީޖާ ސާފެވެ. ލޮލަށް ބޮލަށް ވެސް ރީއްޗެވެ. އެ މަސައްކަތުގެ ފައިދާ އޮތީ ހަމައެކަނި އެކުދިންނަކަށް ނޫނެވެ. އެ ރަށުގެ ހުރިހާ ރައްޔިތުންނާއި، ރަށަށް ޒިޔާރަތް ކުރާ ހުރިހާ އެންމެންނަށް ވެސް އޭގެ ފައިދާ އެބަ އޮތެވެ.


އެކަމަކު ހިތާމައަކީ އެމަސައްކަތުގައި އެކުދިންނަށް ދިމާވި ފުރައްސާރަ އާއި މަލާމާތެވެ. ސްކޫލުގައި ވެސް ކުދިންނަށް ކިޔައިދެނީ "ތިމާ ދިރިއުޅޭ ވެށި ސާފުތާހިރު ކުރާށެވެ." އެހެން ބައެއްގެ ތިމާވެށި ސާފުކުރަން އެކުދިން ނިކުތުމުން އެކަމުގައި އޮތް ގޯހަކީ ކޮބައި ހެއްޔެވެ؟ 
"ރަށަށް ފުރަތަމަ ފުންމާލި ދުވަހުވެސް އަޅުގަނޑުމެންގެ ލޮލުގައި އަޅައިގަތީ ރަށުގެ މައި ޖެޓީ ކުނިން ފުރާލެވިފައިވާތަން. ރަށުގެ އެއްވެސް މީހަކަށް މިތަން ނުފެނިފައި އޮތުމުން އަޅުގަނޑުމެން ނިންމީ މިއީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް ބަލާފައި މިތަން ސާފުކޮށްލަން. ދެން އަޅުގަނޑުމެން އަމިއްލައަކަށް މިތަން ސާފުކޮށްލަން ނިކުތީ. އެއީ މީހަކު ބުނާނެ އެއްޗަކަށް ބަލާފައި ކުރިކަމެއް ނޫން. މިތަން ސާފު ކުރަމުން ދިޔައިރު ރަށުގެ ކިތަންމެ މީހެއް އައި. އަދި އަޅުގަނޑުމެންނަށް ހިތްވަރު ދިނުމުގެ ބަދަލުގައި ލިބުނީ މަލާމާތުގެ ބަސްތަކެއް. މުޅި ރަށުންވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދިނީ އެންމެ މީހެއް. އަޅުގަނޑުގެ ވާހަކައަކީ މީހުން ބުނާނެ އެއްޗަކަށް ނުބަލާ ތިމާގެ ޒިންމާ ތިމާ އަދާ ކުރާށޭ،" ޓްވިޓާގައި އާއްމުވި ޕޯސްޓުގައި ވެއެވެ.


މިއީ އަޅުގަނޑުމެން ދިވެހިންގެ ކަންފަތަށް މިއަދު އިވުނަސް ނީވޭ ފަދަ ނަސޭހަތެކެވެ. މިފަހަރު މި ނަސޭހަތް މިދިނީ ފުރާވަރު އުމުރުގެ ކުދިންތަކެކެވެ. ހެޔޮ ބުއްދި ފިލާ، ބޮޑެތި މީހުންނަށް ދެން މިވަރު ނުވިސްނެންވީ ކީއްވެގެން ހެއްޔެވެ؟ 

ދިވެހިންގެ ތެރޭގައި އަބަދުވެސް އިވެނީ ކޮންމެވެސް ކަމެއް ގޯސްވެގެން އެކަމެއްގެ ޝަކުވާ އެވެ. މަގުތަކަށް ކުނި އެޅުމާއި، މޫދު ހަޑި ކުރުމާއި، ހިތުހުތި ގޮތަކަށް ސައިކަލު ދުއްވާ ޕާކުކުރުމާއި މިހެން ގޮސް އެތައް އެތައް ޝަކުވާއެކެވެ. 

މިކުދިންގެ ނަސޭހަތުގެ އަޑުއަހައިގެން ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރަން ފެށުމުން ނޫނީ މިކަންކަމެއް ހައްލެއް ނުވާނެ އެވެ. ނަސޭހަތުގެ އަޑު ނޭހުމުގެ އިތުރުން މިފަދަ ރިވެތި އާދަތައް ދަމަހައްޓާ ދިވެހި ކުދިންނަށް މަލާމާތް ކުރުމުން ލިބޭނެ ފައިދާއެއް ވެސް ވަކި ނޯންނާނެ އެވެ. 

އެކުދިންނަށް ހައްގު ވަނީ އެންމެންގެ އިހުތިރާމެވެ. ބޮޑެތި މީހުންނަށް ދައްކަން ނުކެރުނު މިސާލު އަމަލުން ދެއްކީތީ އެވެ. ދިވެހިންގެ މުޖުތަމައު ރަނގަޅުވާނީ ވެސް އެކުދިން ކަހަލަ ނޫކަށިފުރައިގެ ގިނަ ޒުވާނުން އުފެދުނު ވަރަކަށެވެ. އެ ޒުވާނުންނަކީ ދިވެހިންގެ އުޖާލާ ކުރިމަގުގެ އުއްމީދެވެ.
ދިވެހިން ތިމާވެށި
ހިޔާލު

ލ.އަތޮޅޫ

އަޅުގަނޑު ތިޔަކަމުގައި މީގެ 11 އަހަރު ކުރިން އުޅުނީން. މިހާރު އަޅުގަނޑުގެ އުމުރުން 27 އަހަރު....

Hussain Yamin

👏🏼👏🏼👏🏼👏🏼👏🏼 އައްސަރި ބަހުން ސާބަސް ކިޔަން ތިކުދިންނަ.