Vaahaka: Mivaadhu
image
ވާހަކަ: މިވާދު
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ވާހަކަ: މިވާދު

(ދިހަވަނަ ބައި)
"މަންޖޭ" އިސްމާއިލް ޔަލްވީއަށް ގޮވައިލިއެވެ. "ކަނބުލޯ. އޭ މަންޖޭ"

ޔަލްވީ އިނީ ލަވައިގެ ތެރެއަށް ގެނބިފައެވެ. ކުއްލިއަކަށް ސިހިފައި އޭނާ ތެދުވިއެވެ. އެއާއެކު ހިނިތުންވެލިއެވެ. ކުރިމަތީގައި ހުރީ ޑޮކުޓަރެވެ. ޑޮކުޓަރު އިރުފާނެވެ.

"އައްސަލަމް އަލައިކުމް" އިރުފާނު ސަލާމްކޮށްލީ އިސްމާއިލްއާއެވެ. "ކޮބާ މިހާރު ކިހިނެއް ބޭބެ؟"

"ވަރަށް ރަނގަޅު" އިސްމާއިލް ޖަވާބު ދިނެވެ.

"ޔަލްވީ ބޭބެ ގޮވައިގެން ވަސޭހަތްދޭ ކޮޓަރިއަށް ދާންވީނު" އިރުފާނު ލަފާ ދިނެވެ. "އަހަރެން މި ދަނީ އެކޮޅަށް"

"އޯކޭ" ޔަލްވީ ބަލައިލީ އިސްމާއިލްގެ މޫނަށެވެ.

"ބަލަ އަހަރެން ވެސް ގެންދަންވާނެއްނު" އިސްމާއިލަށް އިވޭ ވަރަށް އަހަރެން ބުނެލީމެވެ.

"ކަލޭ ވެސް ދިޔައީމަ ވީނު ދޯ ކަނބުލޯ" އިސްމާއިލް ނުގޮތަކަށް ބުނެލިއެވެ.

"ބޭބެ ކާކާތަ ތި ވާހަކަދައްކަނީ؟" ޔަލްވީ އަހަންނާ ދިމާއަށް ބަލައިލިއެވެ.

އަހަރެން ފާރުގެ ތެރެއަށް ވަނީމެވެ. ޔަލްވީ ހައިރާން ކަމާއެކު އަހަންނާ ދިމާއަށް ބަލައިލިއެވެ. އޭނާއަށް އަހަންނެއް ނުފެނެއެވެ. އިސްމާއިލް ހިނިތުންވެލިއެވެ. އަހަރެން ވެސް ހީލީމެވެ. ޔަލްވީ ދެ ކޮނޑު އަރުވައިލަމުން ހީލިއެވެ.

"އެއްވެސް މީހަކު ނެތް" ޔަލްވީ ލުއި ހިނިތުން ވުމަކުން އިސްމާއިލަށް ބަލައިލިއެވެ.

"އަޒީމާގެ ކަންތައް ކިހިނެއްތަ ނިމުނީ؟" ޔަލްވީ ސުވާލުކޮށްލީ އިސްމާއިލަށެވެ.

އިރުފާނު ވެސް ހަމަޖެހިލައިގެން ގޮނޑީގައި އިނެވެ. އިސްމާއިލްގެ ކުރިމަތީގައެވެ. ޔަލްވީ ވެސް އިނީ އިރުފާނު އިން ފަޅީގައެވެ. އަހަރެން ކޮޅަށް ހުރީ އެ ދެ މީހުންގެ ފުރަގަހުގައެވެ. އެއީ އެއްވެސް އެއްޗެއް ނެތް ކޮޓަރިއެކެވެ. އިށީންނަން ހުރި ތިން ގޮނޑިއާއި ގޮނޑިތަކުގެ މެދުގައި ހުރި މޭޒު ފިޔަވާ އިތުރު އެއްޗެއް އެ ކޮޓަރިއަކު ނެތެވެ. ފާރުތަކުގައި ވެސް ވަނީ ހުދުކުލައެވެ. ކުޑަދޮރެއް، ފަންކާއެއް ނެތެވެ. ކޮޓަރީގެ ފިނިހޫނުމިން ހުރީ ފަންސަވީހަށް ހެޔޮކޮށްފައެވެ.

"އަޒީމާދޯ" އިސްމާއިލް ބަލައިލީ އަހަރެންގެ މޫނަށެވެ.

ކުރިއަށް ގެންދަން އަހަރެން އިޝާރާތްކުރީމެވެ.

"އަސްލު ވީ ގޮތަކީ" އިސްމާއިލް ހުއްޓުނެވެ.

"އިސްމާއިލް ތިކަމުން ސަލާމަތް ވާން ބޭނުން ނަމަ އިރުފާނަށް ކިޔައިދީ. ވެގެން ތިޔަ އުޅެނީ ކޮން ކަމެއްކަން ބުނެދޭނީ ޑޮކުޓަރު. އަހަރެން ވެސް ބޭނުން އިސްމާއިލަށް ރަނގަޅު ގޮތްތައް ވާން" އަހަރެން އިސްމާއިލަށް ލަފާ ދިނީމެވެ. އެއަޑު އިވުނީ ހަމައެކަނި އިސްމާއިލަށެވެ. އިސްމާއިލް ބޯ ޖަހައިލިއެވެ.

"ފުންކޮށް ނޭވާއެއް ލައި. ދެން އިހަށް ހަމަޖެހިލައި. ހަމަޖެހިލައިފަ ކިޔައިދެވޭ ވަރަށް މީހާގެ ހާލަތު އައީމަ ކިޔައިދީ" އިރުފާނު އޯގާތެރިކަމާއެކު، ލަސްލަހުން އިސްމާއިލަށް ކިޔައިދިނެވެ.

އިސްމާއިލް ހިމޭންވިއެވެ. ހަމަޖެހިލުމަށް އޭނާ ވަގުތުކޮޅެއް ނެގީއެވެ. މިނެޓެއްހާއިރު އެގޮތުގައި ހޭދަވިއެވެ. އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކައެވެ. ކޮޓަރީގެ ތެރެއިން އިވެނީ ތިން މީހުންގެ ނޭވާގެ އަޑު އެކަންޏެވެ. އެ އަޑުވެސް ހުރީ ތަރުތީބު ކުރެވިފައެވެ. ކޮންމެ މީހަކު ވެސް ނޭވާ ލަނީ ވެސް އެމީހަކަށް ލެވުނު އެންމެ މަޑުމަޑުންނެވެ.

"އަސްލުވީގޮތަކީ..." އިސްމާއިލް ފެށިއެވެ. "އަހަންނަށް އަޒީމާ ދެކެ މާ ބޮޑަށް ލޯބި ވެސް ވެވުނީ..."

"ހޫމް" އިރުފާނު ބޯ ޖަހައިލިއެވެ.

"އަޒީމާއަކީ އަސްލު ކާކުކަން އަހަންނަށް ބަލައި ވެސް ނުލައި އޭނާއާ ކާވެނި ކުރެވުނީ" އިސްމާއިލް ހިމޭންވިއެވެ. "އޭނާ ބޭނުންވީ... އަހަރެން ހީކުރީ އޭނާ ވެސް އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށް. އަހަރެން ބަލައެއް ނުލަން އޭނާގެ ފަތިފުށަކަށް. އޭނާގެ މާޒީއަކަށް. އުމުރުގެ ތަފާތު ހުއްޓަސް އަހަރެން ބޭނުންވީ ކާވެނި ކުރަން"

"ހިތްވަރު ކޮށްފަ ކުރިއަށް ގެންދޭ" އަހަރެން އިސްމާއިލަށް ހިތްވަރު ދިނީމެވެ.

"އަހަރުމެންގެ ކާވެނި ވެސް ކުރެވުނީ ވަރަށް ސިއްރުން. ސަބަބަކީ އަހަންނަކީ ނޫސްވެރިއަކަށް އުޅުނު މީހަކަށް ވެފައި އަޒީމާއަކީ މަޝްހޫރު މީހަކަށްވީތީ. އަނެއްކާ އުމުރުގެ ތަފާތު އެހާ ބޮޑުވީމަ އެކަން ދިވެހިންނަށް ބަލައި ގަންނަން ފަސޭހަ ނުވާނެތީ. ކާވެނިކޮށް އަހަރެން އަޒީމާގެ ގެއަށް ބަދަލުވީ. ހުރިހާ ކަމެއް ދިޔައީ ވަރަށް ފަހިކޮށް. އަޒީމާގެ އާއިލާގެ މެންބަރުންނެއް އަހަންނަކަށް ނޭނގެ. ހަގީގަތަކީ އަޒީމާއަކީ ކާކުކަން ވެސް އަހަންނަށް ނޭނގުން" އިސްމާއިލް ލަސްލަހުން ކިޔައިދިނެވެ. "އޭނާގެ އާއިލާ ދިރިއުޅުނީ މެލޭޝިއާގަ. ގޭތެރެއިން މެދު އުމުރުގެ ފިރިހެނަކު ދެ ދުވަހަކު ފެނުމުން އަހަރެން ސުވާލުކުރިން އޭނައާ ގުޅޭގޮތުން. އަޒީމާ ވަރަށް ހަމަޖެހިލައިފަ ބުނީ އެއީ މެލޭގަ އުޅޭ އާއިލާ މީހެކޭ. ޗުއްޓީއަކަށް ޖައްސާލައިގެން އުޅެނީއޭ. އޭރު އަޒީމާގެ ބަނޑަށް ހަ މަސްވާނެ"

އިސްމާއިލުގެ އަޑު މަޑުވަމުން މަޑުވަމުން ގޮސް ހިނދޭވަރު ވިއެވެ. އިރުފާނު އިނީ ވަރަށް ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. ޔަލްވީ ވެސް ކަންފަތް ދިއްކޮށްލީ އިސްމާއިލަށެވެ. އިސްމާއިލް ބަލައިލީ އަހަންނާ ދިމާއަށެވެ. އަހަރެން ވެސް ހިނިތުންވެލީމެވެ. ދެން އޭނާ ބަލައިލީ އިރުފާނުގެ މޫނަށެވެ. އިރުފާނު ވެސް ބޯ ޖަހައިލިއެވެ. ޔަލްވީ ވެސް މަޑުމޮޅި ކަމާއެކު ބޯ ހަރަކާތްކޮށްލިއެވެ.

"އޭރު ވެސް އަހަންނަކަށް ނޭނގޭ މި ރޭވެނީ ކޮންކަމެއް ކަމެއް. އެއްދުވަހު ބޭރުގައި އުޅެފައި ކޮޓަރިއަށް ވަން އިރު އެނދުމަތީގައި ހުރީ އަޒީމާގެ ފޮށްޓަށް އެއްޗެހި އަޅައިފަ. ފޮށި ހުރީ ބަންދު ނުކޮށް. އަހަރެން ކޮޓަރިއަށް ނަޒަރު ހުއްޓައިލިން. އަޒީމާގެ ހަބަރެއް ވޭތޯ. މަޑުމަޑުން ފޮށީގެ މަތި ހިއްލައިލިން. ފޮށީގައި ހުރީ މުޅީން ވެސް އަޒީމާގެ އެއްޗެހި. ތަރުތީބުން ފަތްޖަހައިފައިވާ އޭނާގެ ހެދުންތައް. ހެދުންތަކަށް ފުންކޮށް ބަލައިލިން. ފޮށީގެ އެއް ކަނާ ދިމާއިން ގަދަ މުށިކުލައެއްގެ ލަކުޑިކޮޅެއްގެ ވިދުން ފެނުނު. ކުއްލިއަކަށް އެ ބަލައިލުމުގެ ހިޔާލު ވެރިވި. މަޑުމަޑުން ހެދުންތަކަށް ގޮތެއް ނުވާނެހެން އެ ނެގިން. އެއީ ބަންޑުން އޮތް ފޮޓޯ ލޯގަނޑެއް. އެ ފޮޓޯ ލޯގަނޑުގައި ވަނީ ކޮން ފޮޓޯއެއްތޯ ބަލައިލާ ހިތްވި. ކޮޓަރީގެ ދޮރާ ދިމާއަށް ބަލައިލުމަށް ފަހު އެއަށް ބަލައިލިން. މަޑުމަޑުން ފޮޓޯ ލޯގަނޑުގެ ރަސްމީ ފަރާތް ބަލައިލިން. އަހަންނަށް ލިބުނީ ކުއްލި ސިހުމެއް. މީހާ އެއްލިގެން ދިޔަ. އެއާއެކު ކޮޓަރީގެ ދޮރު ހުޅުވުނު. ސިހިފައި އަހަންނަށް ކޮޅަށް ތެދުވެވުނު. އޭރު އަޒީމާ ކޮޓަރިއަށް ވަންނަނީ. އަހަރެންގެ އަތުގައި އޮތް ފޮޓޯ ލޯގަނޑު އަތުން ދޫވި. މުށިގަނޑު މައްޗަށް ބަންލައިފައި ލޯގަނޑު ވެއްޓުނު. ޖެހުނު ގޮތުން ބިއްލޫރިތައް އެކި ދިމަދިމާއަށް ބުރައިގެން ދިޔަ. އެއާއެކު އޭގައި އޮތް ފޮޓޯގަނޑުގައިވާ ފޮޓޯ ފެންނަ ގޮތްވި" އިސްމާއިލް ފުން، ލަސްނޭވާތަކެއް ލަމުން ކުރިއަށް ގެންދިޔައެވެ.

އަނެއްކާ ވެސް އޭނާ ބަލައިލީ އަހަރެންގެ މޫނަށެވެ.

"ދެން ހުއްޓައި ނުލާ ކިޔައދީ" އަހަރެން ލަފާދިނީމެވެ.

"ފޮޓޯގަނޑަށް އަޒީމާ ބަލައިލި. އަޒީމާ ގާތަށް ލާނެތް ހިންޏެއް އާ. އޭގައި ވަނީ އަޒީމާއާއި އޭނާގެ އާއިލާ މީހެއްކަމަށް ބުނި މީހާގެ ފޮޓޯއެއް. ދެމީހުން ގައިގޯޅިކޮށް ނަގައިފައިވާ ފޮޓޯއެއް. އެ ފޮޓޯއިން އެމީހުންނަކީ ކޮން ބައެއްކަން ސާފުވާނެ. ނުދަންނަ މީހަކަސް އެކަން ކަށަވަރުވާނެ" އިސްމާއިލް އަނެއްކާ ވެސް ހުއްޓައިލިއެވެ. "އަޒީމާ އަހަންނާ ދިމާއަށް ބަލައިލަމުން ބަނޑުގައި އަތް ޖައްސައިލި. އަހަންނާ އޭނާ ކާވެނި ކުރީ އެ ބޭނުމުގައިކަމަށް. އޭނާގެ މަގުސަދަކީ އެއީ ކަމަށް ބުނެލި. އަދި ގޭގައި އެ އުޅެނީ އަޒީމާގެ ފިރިމީހާކަމަށް ބުނެދިން. ސުވާލުގެ ނަޒަރުން އަހަރެން ބަލައިލުމުން އަޒީމާ ބުނީ. އޭނާގެ ފިރިމީހާ ހައިކަލްއަކީ ދަރީން ނުލިބޭ މީހަކަށްވީތީ. އެ ދެމީހުން ވާހަކަދައްކައިގެން ބޭނުންވީ އަޒީމާއާ އިންނާނެ މީހަކު ލިބޭ އިރަށް ވަރިވެ އެމީހަކާ އިންނަން ކަމަށް. އަދި އެގޮތަށް އޭނާ އެކި ފަހަރު މަތިން މަސައްކަތް ކުރިކަމަށް. ނަމަވެސް އަހަރެން ނޫނީ އޭނާގެ މަޅީގައި ނުޖެހުނުކަމަށް. އެވަގުތު ހައިކަލް ކޮޓަރިއަށް ވަން. ހައިކަލް ވަދެ އަހަންނާ ދިމާއަށް ބަލައިލި އަދި ބުނެލީ ދެން އެންމެ ރަނގަޅުވާނީ އަޒީމާ ވަރިކުރީމަ ކަމަށް. އެމީހުން މެލޭއަށް ފުރަނީކަމަށް"

އިސްމާއިލްގެ ލޮލުން ކަރުނަތައް ނީރެމުން ދިޔައެވެ. ބައެއް ކަރުނަތައް ކޯތާފަތް މަތީން ދެ ފަރާތަށް ރޮނގުދެމެމުން ގޮސް ދަތްދޮޅިން ތިކި ޖަހަމުން ދިޔައެވެ.

"އަހަންނަށް ދެ އަތް މުއްކަވާލެވުނު. އެއާއެކު ހައިކަލްއާ ދިމާއަށް ދުއްވައި ގަނެވުނު. އެ ދިޔަ ބާރުމިނުގައި ގޮސް ހައިކަލްގެ ގައިގައި ތަޅައި ގަނެވުނު. ހައިކަލް ވެސް ދިފާއުގައި އެކި ކަންކަން ކުރަމުން ދިޔަ. މަންޒަރު ބަލަން ހުރީ އަޒީމާ. އޭނާގެ ބަނޑާއެކު ރަނގަޅަށް ހިނގައި ނުލެވި އިރުކޮޅަކު ހުރި. އޭރު އަހަރެން އޮތީ ހައިކަލްގެ ވައްޓާލައިގެން އޭނާގެ މޫނުގައި ދެ އަތުން ތަޅަން. ކުއްލިއަކަށް އަހަރެންގެ ބޮލަށް ހަމަލާއެއް އެރި. ދެން ވީނުވީއެއް ނޭނގުނު" އިސްމާއިލް ދެ ލޯ ފޮހެލިއެވެ.

 (ނުނިމޭ)
ހިޔާލު