AG aa dhekolhah fiyavalhu alhan jehidhaane: Dheebaaja
image
ޖަސްޓިސް ބިލްޑިންގް.-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

އޭޖީ އާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެ: ދީބާޖާ

އެޓާނީ ޖެނަރަލް (އޭޖީ) އާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މިއަދު ބުނެފި އެވެ.
ދީބާޖާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 349 މިލިޔަން ރުފިޔާ ދޭން ނިންމާފައިވާ މައްސަލަ އާ ގުޅިގެން އިއްޔެ އޭޖީ ނެރުއްވި ނޫސްބަޔާނުގައި ސައްހަ ނޫން މައުލޫމާތުތަކެއް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެފަދަ ނުރަނގަޅު މައުލޫމާތު ހިމަނައިގެން ނޫސްބަޔާން ނެރުމަކީ ދީބާޖާ އަށް ގެއްލުންވާނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެ އެވެ.

ޝަރީއަތުގައި ހިނގަހިނގާ އޮތް ގަޟިއްޔާއަކާ މެދު އާންމުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްރަފެއް އުފެއްދުމަށް މަގުފަހިކުރާނޭ ކަމެއް ކަމުގައިވުމުގެ އިތުރުން، އެކަމުގެ ސަބަބުން މުޖްތަމައުގެ އާންމު ފަރުދުންގެ މެދުގައި ދިވެހި ރާއްޖޭގެ ޝަރުއީ ކޯޓުތަކާއި މެދުގައި ވެސް ނުރަނގަޅު ތަސައްރަފެއް އުފެދިގެންދާފަދަ އަމަލެއް ކަމުގައިވާތީ، މިފަދަ ކަންކަން ނުކުރެއްވުމަށް، އެ މައްސަލައިގެ އެއް ޚަސްމުގެ ހައިސިއްޔަތުން އޭޖީ އޮފީހާއި، ދިވެހި ދައުލަތުގެ ބަންޑާރަ ނާއިބު މަނިކުފާނަށް ދީބްޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އިލްތިމާސް ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"މިފަދަކަމެއް އިތުރަށް ތަކުރާރުވެއްޖެ ހިނދެއްގައި ދިވެހިދައުލަތުގެ ބަންޑާރަ ނާއިބު މަނިކުފާނުގެ އޮފީހުން ކުރައްވާ މިބާވަތުގެ ކަންކަމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ތަސައްވުރަށް ލިބޭ ގެއްލުމާ ގުޅޭގޮތުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޅެންހުރި ގާނޫނީ ފިޔަވަޅު އަޅާނޭކަން އަންގައި، ނަސޭހަތްތެރި ވަމެވެ." ދީބާޖާގެ ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.

އޭޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ:

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ދީބާޖާގެ ހުކުމް ތަންފީޒު ނުކޮށްގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލްކޮށްދިނުމަށް އެދިފައިވަނީ އެ މައްސަލަ ސިވިލް ކޯޓުން ހިންގަން ފަށާފައިވަނީ އެކޯޓުން 2015 އިން ފެށިގެން ޢަމަލުކުރަމުން ގެންގޮސްފައިވާ "ކޯޓުން އިސް ނަގައިގެން ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު"އާ ޚިލާފަށް މައްސަލަ ކުރިއަށް ގެންދާތީ ކަމުގައެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމުގައި، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C /1124 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، "ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ނިހާއީ ޙުކުމެއްކަން އެނގެން އޮންނަ" ކަމަށް ބުނެފައިވާއިރު، ސިވިލް ކޯޓުގެ އެ ޙުކުމުގައި، ޙުކުމުގައިވާ ގޮތަށްޢަމަލުކުރުމަށް ކަނޑައަޅާފައިވާ މުއްދަތަކީ، 23 އޮކްޓޯބަރ 2014 އިން ފެށިގެން މީލާދީ 6 (ހައެއް) މަސްދުވަހުގެ މުއްދަތެވެ. ނަމަވެސްދިވެހިރާއްޖޭގެ ހައިކޯޓުންވަނީ 26 ޖޫން 2013 ވަނަ ދުވަހު ސިވިލް ކޯޓުގެ ބުނެވިދިޔަ ޙުކުމް ބާޠިލްކޮށްފައެވެ. ވީމާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމަށް ބަލައި، ސިވިލް ކޯޓުގެ ޙުކުމަށް ޢަމަލުކުރުމުގައި މިހާރު މުއްދަތު ގުނަން ފަށާނެ ތާރީހެއްކަމަށް ބަލަންޖެހެނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކުރި ތާރީޚުން ފެށިގެން މީލާދީ 6 (ހައެއް) މަސްދުވަހުގެ މުއްދަތެވެ. ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1124ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 13 މެއި 2019 ގައެވެ. އެއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކުރި ތާރީޚުން ފެށިގެން 26 (ސައްބީސް) ދުވަސް ފަހުންނެވެ. އަދި އޭގެ ތެރެއިން، ރަސްމީ މަސައްކަތު ދުވަހުގެ ގޮތުގައި ހިނގައިދިޔައީ 15 (ފަނަރަ) ދުވަހެވެ" ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ޙުކުމް ތަންފީޛުކުރުމުގައި ސިވިލް ކޯޓުންޢަމަލުކުރަމުން ގެންދާ އުޞޫލުގައިވާ ގޮތުން، 15 ފެބްރުއަރީ 2015 ގެ ފަހުން ކޮށްފައިވާ ޙުކުމްތަކުގެ ތެރެއިން މަހަކު ވަކިވަރެއް ދައްކަމުންގޮސް ފައިސާ ޚަލާސްކުރާގޮތަށް ޙުކުމްކޮށްފައިވާ މައްސަލަތަކުގައި، އެމަހަކަށްޖެހޭ ވަރު އެމަހަކު ދައްކަމުން ނުގެންދާކަން ނުވަތަ ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގައިފައިނުވާނަމަ، އެޙުކުމް ތަންފީޛުކުރުމަށް ކޯޓުން އިސްވެ ފަށާނީ ޙުކުމުގައި ފައިސާ ދައްކާ ޚަލާސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުންކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ސިވިލް ކޯޓުން ތީބާޖާގެ މައްސަލަ ހިންގާފައިވަނީ އެއުސޫލާ ޚިލާފަށް ކަމުގައެވެ.

ދީބާޖާގެ މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ، 15 ފެބްރުއަރީ 2015 ގެ ކުރިން ކޮށްފައިވާ ޙުކުމެއް ކަމަށާއި އުޞޫލުގައިވާ ގޮތުން، އެފަދަ ޙުކުމެއް ތަންފީޛުކުރުމަށް ކޯޓަށް ހުށަހަޅަންޖެހޭނީ ކަމާބެހޭ ފޯމަކުންކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ. އަދި އެމައްސަލައެއް ޙުކުމް ތަންފީޛު ޑިވިޜަނަށް ފޮނުވުމުގެ ކުރިން ސުލްޙަވެރި ޙައްލެއް ހޯދުމަށް ޑިސްޕިއުޓް ރިޒޮލިއުޝަންޑިވި ރަނަށް ފޮނުވާ ގޮތަށް ކަނޑައަޅާފައިވީނަމަވެސް، އެކަންކަން ފުރިހަމަކޮށްފައި ނުވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިމައްސަލާގައި ސިވިލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުން ސިއްރުކޮށްފައިވަނީޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިވެގެން ކަމަކަށް ނުފެންނަކަމަށާއި ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކަކީ، ކޯޓުން ކުރިން ޙުކުމެއް އިއްވާފައިވާ މައްސަލަތަކެއްކަމަށްވެފައި، އެއީޤާނޫނުއަސާސީގެ ޙަވާލާދީފައިވާ މާއްދާއިން ޙާޞިލްކުރުމަށް ބޭނުންވާ މަޤްޞަދު ހިމެނޭ ޝަރޫރަތެއް އޮތް މައްސަލަތަކެއްކަމަށް ބަލަންޖެހޭ ސަބަބެއް އޮތް މައްސަލަތަކެއް ނޫންކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ. 

ސިއްރު ހިފަހައްޓަންޖެހޭކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުލާނުކުރުމަކާ ނުލައި، ސިވިލް ކޯޓުން މީޑިއާއަށް އެކަން އަންގާފައިވީނަމަވެސް، ރީބާޖާގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި ކަންހިނގާ ދިޔަ ގޮތުގެ މަޢުލޫމާތު ސިވިލް ކޯޓުން މީޑިއާއަށް ހާމަކުރުމަކީ، ދައުލަތުގެ މާލީ ބޮޑު މަޞްލަޙަތެއް ޝާމިލުވާ މައްސަލައެއްގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ އަޑުއެހުމެއްގައި ކަންހިނގާދިޔަ ގޮތުގެ ފުރިހަމަ މަޢުލޫމާތު ޢާންމުކޮށް އެންމެހައި ފަރާތްތަކަށް ލިބިދިނުމަށް ހުރަސްއެޅުންކަންވެސް ފާހަގަކުރާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ.

ދީބާޖާގެ ފައިސާގެ ދެބައިކުޅަ އެއްބައި ލިބޭނީ އަލްހާންގެ ލޯފާމަށް: 

ދީބާޖާ އިން "ސަކްސެސް ފީގެ ގޮތުގައި" އަލްހާންގެ ހިއްސާ އޮންނަ ލޯފާމު، "ކިންްގްސް އެޓާރނީސް އެންޑް ކޮންސަލްޓަންޓްސް" އަށް 174 މިލިއަން އަށްވުރެ ގިނަ ރުފިޔާ ދޭން ޖެހޭގޮތަށް އޮތްކަން ވަނީ ހާމަވެފައެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ސޮއިކުރި އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭނެކަމަށް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުންވަނީ ނިންމާފައެވެ. 

މިމައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފުގެ މަސައްކަތް ކޮށްފައިވަނީ "ކިންްގްސް އެޓާރނީސް އެންޑް ކޮންސަލްޓަންޓްސް" ލޯފާމުންނެވެ. 

" ދީބާޖާ އިންވެސްޓްމަންޓާއެކު" އެ ލޯފާމުން ވެފައިވާ އެގްރީމަންޓުގައި ބުނެފައިވަނީ ދީޖާބާއަށް ދައްކަންޖެހޭކަމަށް ސިވިލް ކޯޓުގެ ގަޒިއްޔާއިން ކަނޑައަޅާފައިވާ، 384،995،154.60 ރުފިޔާގެ 50 ޕަަސަންޓު އެޓާނީގެ "ސަކްސެސްފީގެ" ގޮތުގައި ކަނޑައަޅައި، ހައިކޯޓު ނިންމުން ކްލައިންޓުގެ ފަރާތުން އެޓާނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އަދި އިސްތިއުނާފު މައްސަލައިގައި ބަޔާންކޮށްފައިވާ ފައިސާ ކްލައިންޓަށް ލިބެންޖެހޭނެކަމަށް ކަނޑައަޅައި، އަދި އިތުރަށް ލިބޭ ކޮންމެ ފައިސާއެއްގެ ވެސް 50 ޕަސަންޓު ލޯ ފާމަށް ދޭންޖެހޭނެކަމަށެވެ. 

ހުކުމް ރިވިއުކުރުމަށް އަންނަނީ ގޮވާލަމުން: 

ދީބާޖާއަށް ފައިސާ ދޭން ކޮށްފައިވާ ހުކުމް އަލުން އެކޯޓުން ރިވިއުކުރަން ޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދުވެސް ވަނީ ގޮވާލައްވާފައެވެ. 

އަދި ހުކުމް ރިވިއު ކުރުމަށް އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަންސް އަބްދުއް ސައްތާރު ވެސްވަނީ ގޮވަލައްވާފައެވެ.
އޭޖީ އޮފީސް
ހިޔާލު