Social media gai: Xenophobia
image
ފޮޓޯ: ޕީއެސްއެމް
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ސޯޝަލް މީޑިއާގައި "ޒެނޮފޯބިއާ" އާމެދު ކުރެވޭ ބަހުސް!

ސޯޝަލް މީޑިއާގައި ތަފާތު ވާހަކަ ދެކެވެއެވެ. މި ދޭތެރެއަކުން އެންމެ ބާރަށް ދެކެވެމުން ދިޔަ އެއް ވާހަކައަކީ "ޒެނޮފޯބިއާ" ގެ ވާހަކައެވެ. ޒެނޮފޯބިއާ އަކީ ބިދޭސީންނާމެދު ނަފުރަތުކޮށް އެމީހުންނާމެދު "އޮއްޓަރެއް ނެތް" ވާހަކަ ދެއްކުމަށް ކިޔާ ނަމެކެވެ. މި ބަހުސްގެ ދެކޮޅު ބަލާލިއިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ސީއެންއެމްގެ ލިޔުންތެރިއަކު ޝާއިއުކޮށްފައިވާ ހިޔާލެއް ނުވަތަ "އޮޕީނިއަން އާޓިކަލެއް" ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ދިޔަ ތަނެވެ. 
ސީއެންއެމްގެ ރިޕޯޓަކާ މެދު ސޯޝަލް މީޑިއާގައި ހޫނު ބަހުސެއް ކުރެވެމުން ދިއުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެކެވެ. ނޫހުގެ ހައިބަތާއި ޝަހުސިއްޔަތު އަންގުވައިދޭ ކަމެކެވެ. ފާޑު ކިއުމަކީ ކުރިއެރުމެކެވެެ. "ބިދޭސީންނަށް މަދީ ދިވެހި އައިޑީ ކާޑާއި ދިވެހި ޕާސްޕޯޓެވެ!" މި ސުރުހީގެ ދަށުން ލިޔެފައިވާ "ހިޔާލާ" މެދު ވަނީ ބޮޑު ބަހުސެއް ކުރިއަށް ގޮސްފަ އެވެ. އެންމެ ބޮޑު އަޅައިގަތީ "ޒެނޮފޮބިކް" ވާހަކަތައް ނޫހެއްގައި ޝާއިއުކޮށްގެން ނުވާނެ ކަމަށް ބުނެ ރައްދުވި ފާޑުކިޔުންތަކެވެ. 

އެގޮތުން ޓްރާސްންސްޕޭރަންސީ މޯލްޑިވިސްގެ ކޮމިއުނިކޭޝަންސް އެންޓް އޮޑްވޮކަސީ މެނޭޖަރު، އައިމަން ރަޝީދު ވިދާޅުވެފައިވަނީ، "ބިދޭސީންނާނައި ނުލައި ދަރިންނަށް ކިޔަވައި ދިނުމާއި، ބޭސްފަރުވާ ކުރުމާ ރެސްޓޯރަންޓަކުން ކާއެއްޗެއް ހޯދަން" ބޭނުންނަމަ "ގުޑްލަކް!" ކަމަށެވެ. 


އޭނާ އެހެން ވިދާޅުވީ، "ބިދޭސީން އުޅޭތީ ވާ އުނދަގުލަށްވުރެ ވާ ފަސޭހަ މާ ބޮޑު ކަމަށް" ލިޔުމުގައި އޮތުމުންނެވެ. އެއާއާއެކު އައިމަން ވަނީ ބްރޮޑްކާސްޓިން ކޮމިޝަނަށް ވަރުގަދަ ސުވާލެއް ކުރިމަތި ކުރުވާފައެވެ. އެއީ "ޒެނެފޯބިކް މެޓީރިއަސް" އާމެދު އެ ކޮމިޝަނުން ގެންގުޅޭ ސިޔާސަތު ތަކަކީ ކޮބައިތޯ؟" އެވެ.

ދެން ބަލާލީ ބްރޮޑްކާސްޓިން ކޮމިޝަނުގެ ވެބްސައިޓުގައިވާ ގަވައިދުތަކަށެވެ. 

އޭގައިވަނީ: 

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު

ފްރީކުއެންސީ ދޫކުރުމުގެ ގަވާއިދު

އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދު

މީގެން އެންމެ އެކަށީގެންވަނީ "ބްރޯޑްކާސްޓު ކުރުމުގެ ގަވާއިދު" ކަމަށް ބަލައި އެ ގަވާއިދު ހުޅުވާލައި އޭގައި "ބިދޭސީ" ޖަހައި ސާޗް ކޮށްލީމެވެ. އަޖައިބުވެ އަންތަރީސް ވިއެވެ. މުޅި ގަވާއިދުގައި "ބިދޭސީ" މި ބަސް ވެސް އައިސްފައިވަނީ އެންމެ ފަހަރަކުއެވެ. އޭގައި ބުނެފައިވަނީ "ބްރޯޑްކާސްޓްކުރާ ސްޓޭޝަނުގައި، ދިވެހިންނާއި ބިދޭސީން ވަޒީފާ އަދާކުރާ ނިސްބަތް" އަހަރީ ރިޕޯޓުގައި ހިމަނަން ވާނެކަމަށެވެ. 

އައިމަންގެ ޕޯސްޓަށް ކޮމެންޓު ކުރި މީހަކު ބުނެފައިވަނީ އައިމަންގެ އެ ސުވާލު ކުރަންވާނީ "މީޑިއާ ކައުންސިލް" އާކަމަށެވެ.


މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ ރައީސާ އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ ރައީސާ ޝަހިންދާ އިސްމާއިލް ވިދާޅުވެފައިވަނީ ދިވެހިން ވެސް ކުށް ކުރާ ކަމަށެވެ. ބިދޭސީން ވެސް ކުށް ކުރާ ކަމަށެެވެ. ނަމަވެސް ތަފާތަކީ ބިދޭސީން ކުށްކުށަށް އަރައިގަންނަނީ އެމީހުންނަށް މުސާރަ ނުދީ މަގުމައްޗަށް ދޫކޮށްލާފައި ތިބޭތީ ކަމަށެެވެ. 


އިބްރާހިމް މުހައްމަދު ނަމަކަށް ކިޔާ މީހަކު ބުނެފައިވަނީ "ބައެއް ބިދޭސީން" ގެ އަމަލުތައް ހުންނަގޮތުން އެމީހުންނާމެދު ނަފްރަތު އުފެދޭނެކަމަށެވެ. އެގޮތުން ބައެއް މީހުން ވިސްނާލުމެއް ނެތި ކުޅު ޖެހުން ފަދަ ކަންކަމުންގެ" ސަބަބުން ނަފްރަތު އުފެދޭނެކަމަށެވެ. އަދި ބިދޭސީން ހެން އުޅޭ ދިވެހިން ވެސް އުޅޭ ކަމަށެވެ. 


އެހެން މީހަކު ބުނެފައިވަނީ އިންސާނުން އަޅުވެތި ކުރުމަކީ ކުޅުޖެހުމަށް ވުރެ ބޮޑު ކުށެއް ކަމަށެވެ. 


ދެން މީގެ އަނެއް ކޮޅަށް ބަލައިލަމާ ހެއްޔެވެ؟ ރާއްޖޭގައި އުޅޭ ބިދޭސީން ގިނަވަމުން ދިޔުމުގެ ޝަކުވާ ކުރާ އެތައް ދިވެހިންނެއްވެސް އެބަ އުޅެ އެވެ. ނުވަަތަ "ޒެނޮފޯބިކްް" ބަޔަކުވެސް އެބައުޅެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އެ ލިޔުން ޝާއިއުކުރުމުން އައި ބައެއް ކޮމެންޓުތަކެވެ. 

"ތި އާޓިކަލްގައި ވަނީ ވަރަށް ރަނގަޅު ވާހަކައެއް. ބަންގާޅީންގެ އުޅުން މިހާރު ހުންނަނީ ދިވެހިންނަށް ވުރެ މާމަތީގަ. މަގުމަތީގައި ސައިކަލް އަދި ޕިކަޕު ދުއްވާއިރު އެއްވެސް ބެލުމެއް ނެތް. ދިވެހިންނާ ދިމާލަށް ބުނާނެ އެއްޗެއް ބުނަނީ. ބަންގާޅީއެއްގެ އުދަނގޫ ނުޖެހޭ ގޮތަކަށް މާލެ މަގުމަތިން ދަތުރުކޮށްް ނުލެވޭ. ބަންގާޅިން ސައިކަލް ދުއްވާއިރު މަގުމަތިންދާ މާބަނޑު އަންހެނަކަށް، މުސްކުޅިއަކަށް، ކުޑަކުއްޖަކަށް ނުބަލާ. ހިތާމަ ހުރި ކަމެއް،" ރުސާބި ނަމަކަށް ކިޔާ މީހަކު ކޮމެންޓު ކުރި އެވެ.

"މިއީ އަދުގެ ހާލަތު. ދެން ފެންނާނީ ޕާޓީ ހެދުމަށް ޑިމާންޑްކުރާތަން. ބަންގާޅީންނަކީ ދިވެހީންނަށްވުރެ ސްމާޓްބައެއް. ދެންނަގާރާޅު ބޮޑުވާނެ،" ވިސްނާލާގެ ނަމުގައި މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

އަލީ ނަމަކަށް ކިޔާ މީހަކު ބުނީ، "މީ ވަރަށްރަގަޅު އާޓިކަލްއެއް. 100 ފަހަރު މިއާޓިކަލް ޕަބްލިޝް ކުރަންވެސް ރަގަޅު. ސަރުކާރުން މިކަމާ ހޭއަރަންދެކަށް ކޮންމެ ދުވަހަކު ޕަބްލިޝް ކޮށްދެއްވާ ލިއުއްވި ބޭފުޅާއަށް ޝުކުރިއްޔާ،" ކަމަށެވެ. 

މިއީ ހުސް އެ އާޓިކަލަށް ސީއެންއެމްގެ ވެބްސައިޓުގައި ކޮމެންޓު ކުރި މީހުންނެވެ. ނަޒަރު ހިންގާލައިފި ނަމަ މިފަދަ ހިޔާލުހުރި އެތައް ބަޔަކު ސޯޝަލް މީޑިއާ ޕޯސްޓުތަކަށް ކޮށްފައިވާ ކޮމެންޓުތައް ވެސް ފެންނާނެ އެވެ. 

ކޮންމެއަކަސް ނޫސްވެރިންގެވެސް ޒިންމާއެއް އޮވެއެވެ. ކަމުގެ ދެކޮޅު ގެނެސްދިނުމެވެ. ހިޔާލުފާޅުކުރުމުގައި ވެސް ޒިންމާދާރުވެ، ކަމުގެ ދެކޮޅު ބަލައި އޭގެ ފަހުން ނިކުމެދާނެ ނަތީޖާއަކަށް ވިސްނައިގެން، އަދި ވަކިން ހާއްސަކޮށް އިންސާނީ ހައްގުތަކަށް އިހްތިރާމް ކޮށްގެން ހިޔާލު ފާޅުކުރުން މުހިންމުކަމެެވެ. 

ރާއްޖޭގައި "ޒެނޮފޯބިއާ" އާއި މެދު އިތުރު ހަރުދަނާ ސިޔާސަތުތަކެއް ދައުލަތުގެ މުއައްސަސާތަކުން ހަދައި ރައްޔިތުން ހޭލުންތެރިކުރުވުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން މިކަމުން ހާމަވެއެވެ. މަދަނީ ޖަމިއްޔާތަކުންވެސް މި މައްސަލަތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފަ އެވެ.
ހިޔާލު