"Majalakah" kuri huthuru amalau majalakah nuvi!
image
ހާއްސަ އެހީއަށް ބޭނުންވާ މީހާ ހޮޅިދަނޑިއެއްގައި އައްސާފައި -- ފޮޓޯ: ސޯޝަލް މީޑިއާ
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

"މަޖަލަކަށް" ކުރި ހުތުރު އަމަލު މަޖަލަކަށް ނުވި!

އިއްޔެ އެންމެ ގިނަ ބައެއްގެ ސަމާލުކަމަށް އައީ އަންހެނަކު ހޮޅިދަނޑިއެއްގައި އައްސާ އޭނާގެ ބޮލަށް ގޯންޏެއް މަހާފައިވާ މަންޒަރު ފެނިގެންދާ ދެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ. އެއީ ލާއިންސާނީ ފިނޑި އަމަލެއްގެ ގޮތުގައި އެއް ބަޔަކު ސިފަކުރިއިރު އަނެއް ބަޔަކު ވަނީ އެއީ ރާއްޖޭގައި ހިނގި ކަމެއްތޯ ވެސް ސުވާލު އުފައްދާފައެވެ. 
ފޮޓޯއިން ފެނިގެންދިޔައީ ށ. ފޭދޫއަށް ނިސްބަތްވާ ސިކުނޑީ ނުކުޅެދުންތެރިކަމެއް ހުންނަ އަންހެނެކެވެ. ރޭގަނޑުގެ ވަގުތު މަގުމަތީ ހުރި ހޮޅިދަނޑިއެއްގައި އޭނާ އައްސާފައިވާއިރު އޭނާގެ މޫނު މަތިން ފެނިގެންދަނީ މޮޅިވެރިކަމާއި އުދާހެވެ. ބަޔަކު "މަޖަލަކަށް" ކުރި އެއަމަލަކީ ހިތުގައި ރަހުމެއް ހުރި ބަޔަކަށް މަޖަލަކަށް ނުވާނެ އެވެ. އަދި ނުވެސް ވިއެވެ. 

އެ ރަށު ކައުންސިލް މެމްބަރެއް ނަން ނުޖަހާ ގޮތަށް އެމީހާގެ ހާލަތު ވަނީ ސީއެންއެމްއާ ހިއްސާކޮށްފަ އެވެ. އެ އަންހެން މީހާގެ ފިރިމީހާ އަކީ ވެސް "މޮޔައެއް" ކަމަށް ސިފަކޮށް އޭނާ ވިދާޅުވީ، އެމީހުންނަށް ހައެއްކަ ދަރިން ލިބިފައިވާ ކަމަށެވެ. އެގޮތުން ދަރިންގެ ތެރޭގައި 18 އަހަރު ނުފުރޭ ދެ ކުދިން ތިބިއިރު 18 އަހަރުން މަތީގެ ކުދިންގެ ތެރޭގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ދަރިއަކު ހުންނަ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ. 

ވަކިން ގެއެއްގައި އެމީހުން ދިރިއުޅެމުން އަންނައިރު އުމުރުން 50 އަހަރުގެ އެ އަންހެން މީހާގެ އުނދަގޫ ރަށުގެ އެހެން މީހުންނަށް ފޯރާތީ އުޅޭ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އެގޮތުން ގޭގެއަށް ވަދެ ހިފާ ގެންގުޅޭ ސާމަނަށް ގެއްލުން ދިނުމާއި ހިއްކަން އަޅާފައި ހުންނަ އެއްޗެހި ހަޑިކުރުމުގެ އިތުރުން ސްކޫލުގައި ދަރިވަރުން ކިޔަވަމުންދާ ވަގުތު އެތަނަށް ދަނޑިބުރި ފަދަ ތަކެތި ހިފައިގެން ވަދެ އުޅޭ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

އެކަމަކު އޭނާ އެގޮތަށް އުޅެނީ ސިކުނޑީގެ މައްސަލައަކާ ގުޅިގެންކަން ފާހަގަކޮށް ކައުންސިލަރު ވަނީ ސިކުނޑި ހަމައަށް ތިބި ބަޔަކު އޭނާއާ މެދު ހިންގާފައިވާ އެއަމަލަކީ ވަރަށް ދަށު ދަރަޖައިގެ ލާއިންސާނީ ނުބައި އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.  

އެ އަންހެން މީހާގެ އާއިލާގެ އިތުރު މީހުން ވެސް އެރަށުގައި ދިރިއުޅެ އެވެ. އެކަމަކު އެމީހާއަށް މާ ބޮޑު ފަރުވާލެއް އެމީހުން ނުބަހައްޓާ ކަމަށް ވެއެވެ. ކައުންސިލަރު ވިދާޅުވީ "ދުނިޔޭގެ ލަދަށްޓަކައި" އެމީހުން އޭނާ ނުބަލައި ކަމަށް ވިދާޅު ނުވާނެ ކަމަށެވެ. އެމީހުންގެ ފަރާތުން އޭނާއަކަށް ލޯތްބެއް ނުލިބެއެވެ. އެމީހުން ތިބެނީ ކައިގެންތޯ ބަލާނެ މީހަކު ވެސް ނުހުރެއެވެ. 

ހާއްސަ އެހީއަށް ބޭނުންވާ މީހުން ކައިވެނިން ބޭރުން ބަލިވެ އިނުމުގެ މައްސަލައަކީ ވެސް ރާއްޖޭގައި ހިނގާ، އެކަމަކު ނުދައްކާ ވާހަކަ އެކެވެ. އެ އަންހެން މީހާގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިފުޅަށް ވެސް އެ މައްސަލަ ދިމާވި އެވެ. ކައުންސިލަރު ވިދާޅުވީ އޭނާއަށް 18 އަހަރުވުމުގެ ކުރިން ބަލިވެ އިން ކަމަށެވެ. އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުން އެކުއްޖާ ގުރައިދޫ މަރުކަޒަށް ގެންދިއުމުގެ މަސައްކަތްތައް ކުރި އެވެ. 

"އެމީހުންނަށް ދޭން ޖެހޭ ފަރުވާއެއް މިތަނަކުން ދެވެނީކީ ނޫން. އެކުއްޖާ ބަލިވެ އިނީމަ އެކަން އަހަރެމެން ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައިމަ ޑޮކްޓަރުގެ ލަފަޔަށް އެބޯޓްކޮށްލާފަ ގެނެސްފަ އެހެރީ، އެކަމަކު އަނެއްކާ ވެސް ހަމަ އެ މުޖުތަމައަށް އެރަށަށް ގެނެސް މިދޫކޮށްލަނީ. އެކުއްޖާއަކަށް ކަމެއް އެނގޭނީކީ ނޫން. ކައުންސިލުގެ ބަޖެޓުން ވެސް ޑޮކްޓަރަށް ދައްކަން ގެންދެވޭނީ އެވަރަށް ފައިސާ ހުރެގެންނު. ގިނަ ފަހަރު ފައިސާ ލިބޭ ތަނެއް ނޫން މިއީކީ،" ކައުންސިލު މެމްބަރު ވިދާޅުވިއެވެ. 

އެތައް ފަހަރެއްގެ މަތިން ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް މީގެ ކުރިން ވެސް އެ އާއިލާގެ ހާލަތު ބަޔާންކޮށް ސިޓީތައް ފޮނުވާފައިވީ ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ. އަންހެން މީހާ ހޮޅިދަނޑިއެއްގައި އައްސާ ހިނގި ލާއިންސާނީ އަމަލާ ގުޅިގެން ޖެންޑާ މިނިސްޓްރީން ވަނީ އަންހެން މީހާ ދައުލަތުގެ ބެލުގެ ދަށަށް ނަގައި އެމީހާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އެ ރަހުމު ކުޑަ އަމަލާއެކު ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ވަނީ އެއަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.
ހިޔާލު

ތުނިޔަ

ޖެންޑާއިން އަޅާލަނީ ހުރިހާކަމެއްވެ ނިމުނީމަ! މިސާލަކަށ.....އިބްތިހާލު.

ޢާމިރު

ބަނދެގެންވެސް ސަރުކާރުގެ ސަމާލުކަން ލިބުކަން ނަސީބެއްނުން. ނުބަނދެ ކައުންސިލުން ކުރި މަސައްކަތަކަށް ސަރުކާރުން އަޅާލީކީއެއްނޫން. ޢަބަދުވެސް ކަންތައްތައް ގޯހުންގޯހަށް ދިއައިމާ ހޭވެރިކަންވާނީ.