Dhe raeesunge thaaeedhu kon beyfulhakah?
image
ތ. ވިލުފުށީ ދާއިރާއަށް އިންތިހާބުވެވަޑައިގަތް ހަސަން އަފީފުގެ ކެމްޕޭނު އިވެންޓެއްގައި އަފީފާއެކު (މ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (ކ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) -- ފޮޓޯ: ޓްވިޓާ
0 ކޮމެންޓް
 

މަޖިލިހުގެ އެންމެ ޝަރަފުވެރި ގޮނޑި: "ދެ ރައީސުންގެ" ތާއީދު ކޮން ބޭފުޅަކަށް؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހުގެ ރައީސްކަމަށް ތާއީދު ކުރައްވަނީ ކޮންބޭފުޅަކަށް ކަމާ މެދު ސުވާލު އުފެދިއްޖެއެވެ.
އެންމެ ފުރަތަމަ ނޫސްތަކުގައި ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވަނީ މަޖިލީހުގެ 45 ގޮނޑި ކަށަވަރުކުރައްވައި، މަޖިލީހުގެ ރައީސްކަމަށް ތ. ވިލުފުށީ ދާއިރާއަށް އިންތިހާބުވެވަޑައިގަތް ހަސަން އަފީފަށް މަޖިލީހުގެ ރައީސްކަން ހޯދައި ދެއްވުމަށް ކަމަށެވެ.

ދެން އިވުނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިންޓަވިއުއެކެވެ. ވިދާޅުވަނީ "އަޅުގަނޑު ނޫން ބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ" ކަމަށެވެ.

ރައީސް ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރޭ ސީއެންއެމް އަށް ވިދާޅުވީ "ރައީސް އެގޮތަށް ނިންމަވާ ނިންމެވުންތަކަކީ ސިޔާސީ ނިންމެވުމެއް ކަމުން އެއްވެސް ވާހަކަފުޅެއް ރަސްމީކޮށް އަންގަވާފައި" ނުވާ ކަމަށެވެ.

"އެކަމާ ގުޅިގެން [މަޖިލިސް ރައީސް ކަމަށް މީހަކު ހޮވުމަށް] އެއްވެސް ރަސްމީ މަސައްކަތެއް ކުރައްވަން ވެސް އަންގާވާފައި ނުވޭ،" ހޫދު ވިދާޅުވި އެވެ.

އެކަމަކު ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ.

ބައެއް މީހުން ބުނަނީ "މަޖިލީސް ރައީސް ކަމަށް ހަސަން އަފީފު ހޮވާފައިވާކަން "މުއުތަބަރުކޮށް" ކަށަވަރުވާ ކަމަށެވެ.
އެހެން މީހަކު ބުނީ "މަޖިލީހުގެ ރައީސްކަމަށް ހޮވޭނީ ހަސަން އަފީފު" ކަމަށެވެ.
އަނެއް ބަޔަކު ދެކޭ ގޮތުގައި މަޖިލިސް ރައީސްކަމަށް ހޮވަންވާނީ އަސްލަމެވެ.
އޭގެ އިތުރުން މަޖިލީހުގެ ރައީސެއް ހޮވާނީ މަޖިލިސް މެމްބަރުންގެ ހިޔާލު އޮތް ގޮތަކުން ކަމަށް ދެކޭ މީހުން ވެސް އެބަ އުޅެ އެވެ.
މަޖިލިސް ރައީސްކަމުގެ މަގާމަށް ވާދަވެރިކަން ބޮޑުވެފައިވާއިރު، އަފީފާއި އަސްލަމާ ދެބޭފުޅުންނަކީ ވެސް މަޖިލިހުގައި ތަޖުރިބާ ހުރި ފުންނާބު އުސް ދެ މެންބަރުންނެވެ.

އެކަމަކު އުފެދޭ ސުވާލަކީ މަޖިލުހުގެ ރައީސް ހޮވުމަށް ރައީސުން ތާއީދު ކުރައްވާ ބޭފުޅަކު ބަލަން ޖެހޭ ތޯ އެވެ.

އަދި "ދެ ރައީސުންގެ" ތާއީދު ތަފާތު ދެ މީހަކަށް ލިބިއްޖެ ނަމަ މަޖިލިހުގެ އެންމެ ޝަރަފުވެރި ގޮނޑި ހޯދުމަށް "ދެ ރައީސުންގެ" ތާއީދު ވެސް ބޭނުންވެދާނެ ތޯ އެވެ.
ހިޔާލު