Masthuvaathaketheege massalaeggai umurah jalah laafai huri meehaku High Courtun minivan koffi
image
މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ ހަތަރު މީހުން ހައްޔަރު ކުރުމަށްފަހު، ފުލުހުން އާއްމުކޮށްފައިވާ ފޮޓޯއެއް--
14 ކޮމެންޓް
 

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާފައިހުރި މީހަކު ހައިކޯޓުން މިނިވަންކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ހަތަރު މީހަކު، 100،000ރ އަށް ޖޫރިމަނާ ކުރުމާއެކު އުމުރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް، އެތަނުން އެކަކު އޭނާގެ ބައި ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމައި މިނިވަންކޮށްފި އެވެ.
ހައިކޯޓުން މިނިވަން ކޮށްފައިވަނީ، ބ. ތުޅާދޫ، އިރަމާގެ، މޫސާ އިބްރާހީމެވެ. އޭނާގެ އިތުރުން ދެން އެ މައްސަލާގައި ހިމެނެނީ، މާލެ، ގ. މިއަލަނިއާގެ، އިބްރާހީމް ޝިފާޒު ޔޫސުފާއި، ސ. ހިތަދޫ، ޖާދޫގެ، އަހުމަދު ޝަފީގާއި، މާލެ، ގ. އަންކާރާ، އިބްރާހީމް ޔޫސުފެވެ.

އެ މައްސަލައިގެ ޓައިމްލައިން:

16 އޯގަސްޓް 2013: ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އޮޕަރޭޝަނެއް ހިންގައި، ހަތަރު މީހަކު ހައްޔަރު ކުރުން. ހައްޔަރުކޮށްފައިވަނީ ގ. މިއަލަނިއާ ގޭގެ ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ތެރެއިން.

09 ޑިސެމްބަރު 2013: ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުން.

25 އޭޕްރީލް 2014: ކްރިމިނަލް ކޯޓުން ހުކުމް ކުރުން. ހުކުމް ކޮށްފައިވަނީ އެ ހަތަރު މީހުން އުމުރަށް ޖަލަށްލުމަށް. އަދި އެ ހަތަރު މީހުން، ކޮންމެ މީހަކު 100،000ރ އިން ޖޫރިމަނާ ކުރުމަށާއި އެފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް.

24 އޯގަސްޓް 2017: ކްރިމިނަލް ކޯޓުގެ ހުކުމުގައި ހިމެނޭ އިރަމާގެ ބ. ތުޅާދޫ، މޫސާ އިބްރާހީމްގެ ބައި ހައިކޯޓުގައި އިސްތިއުފާނު ކުރުމުން، ހައިކޯޓުން އެމައްސަލަ ބަލައިގަނެ، ރެޖިސްޓްރީ ކުރުން.

22 މެއި 2019: ހައިކޯޓަށް ހުށަހެޅިފައިވާ މޫސާ އިބްރާހީމްގެ މައްސަލާގައި ކްރިމިނިލް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް މިނިވަން ކުރުން.

މައްސަލައިގެ ހުލާސާ:

ދައުލަތުން އެ ހަތަރު މީހުންގެ މައްޗަށް ކޮށްފައިވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ހަތަރު މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަން ފުލުހުން ހިންގާފައި ވަނީ، 16 އޯގަސްޓް 2013 ވަނަ ދުވަހުގެ 11:18 ހާއިރު، މޫސާ އިބްރާހީމް ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނެވެ.

އެގޮތުން، މޫސާ އިބްރާހީމްގެ ހަރަކާތްތައް ފުލުހުން ބަލަމުން ދަނިކޮށް، މޫސާ އިބްރާހީމް، މާލެ/ ގ. މިއަލަނިއާ ގޭގެ ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓުން ނިކުތް ވަގުތު، އެ އެޕާޓްމަންޓްގެ ދޮރުގައި ފުލުހުން ޓަކި ޖެހުމުން، އެމީހުންގެ ތެރެއިން އަޝްރަފް ޔޫސުފު އެތަނުގެ ދޮރު ހުޅުވުމުން، އެތަނަށް ފުލުހުން ވަނުމުން، އެތަނުގައި ހުރި ކޮޓަރިން އަހުމަދު ޝަފީޤު އާއި އިބްރާހީމް ޝިފާޒު ޔޫސުފު ނުކުތުމުން، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުންގެ ހަށިގަނޑާއި އެތަން ބަލައި ފާސްކުރިއިރު، މޫސާ އިބްރާހީމް ލައިގެން ހުރި ސޯޓުގެ ވައަތް ފަރާތު ކުރިމަތީ ޖީބުގައި އޮތް ޓިޝޫއެއްގެ ތެރޭގައި އޮތް ފިލްމު ހުސްކުރި ދަޅާއި، އެ ސޯޓުގެ ކަނާތް ފަރާތު ކުރިމަތީ ޖީބުގައި އޮތް ފޮއްޓެއްގެ ތެރޭގައި އޮތް ފިލްމު ހުސްކުރި ހަތަރު ދަޅުގައި 417.134 ގުރާމް ކެނެބިސް ހުރި ކަމަށް، އެތަނުގައި ހުރި ކޮޓަރި ބަލާ ފާސްކުރިއިރު، އެކޮޓަރީގައި ހުރި މޭޒެއްގެ މަތިން ފެނުނު ތޭރަ ފިލްމު ހުސްކުރި ދަޅާއި، އެތަނުން ފެނުނު ޓިޝޫ ގަނޑާއީ ވަޅި އާއި ހަތް ސެލޯފިން ކޮޅާއި ދަޅެއްގެ ތެރޭގައި އޮތް ފިލްމު ހުސްކުރި ދަޅާއި ހަމަ އެ މޭޒު މަތީގައި އޮތް ދަޅުގައި ޖަހާ މައްޗެއްގެ މަތީގައި އޮތް ބޮޑު ސެލޯފިން ކޮޅާއި އެތަނުގައި އޮތް ބޮޑު ދެ ސެލޯފިން ކޮޅާއި އެ ކޮޓަރި ތެރޭގައި އޮތް ކަތުރާއި އެ ކޮޓަރީގައި ހުރި ފޮތި އަލަމާރިއެއްގެ މަތީގައި އޮތް ކަރުދާސް ކޮތަޅެއްގެ ތެރޭގައި އޮތް ޓިޝޫ ގަނޑެއްގެ ތެރޭގައި އޮތް ކޮތަޅު ކޮޅާއި އެ ކޮޓަރީގައި ހުރި ޑަސްބިން ތެރޭގައި އޮތް ޓިޝޫ ގަނޑެއްގެ ތެރޭގައި އޮތް ކޮތަޅު ކޮޅުން 9376.360 ގުރާމް ކެނެބިސް ފެނިފައި ވާތީ އާއި އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާތީ، އެ ހަތަރު މީހުންގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 106 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން:

"ދެންފަހެ ސ.ހިތަދޫ/ ޖާދޫގެ، އަޙުމަދު ޝަފީޤާއި މާލެ/ ގ.އަންކާރާ، އަޝްރަފް ޔޫސުފާއި މާލެ/ ގ.މިއަލަނިއާގެ، އިބްރާހީމް ޝިފާޒް ޔޫސުފާއި ބ.ތުޅާދޫ/ އިރަމާގެ، މޫސާ އިބްރާހީމްގެ މައްޗަށް ދައުލަތުން ދަޢުވާކުރި، ކެނެބިސް ޓްރެފިކުކުރުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިއިރު، 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ 11:18 ހާއިރު މޫސާ އިބްރާހީމް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގަ މާލެ ގ. މިއަލަނިއާގޭގެ ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓްގެ ތެރެ އިން މިހަތަރު މީހުން ފެނުނުކަމާއި، މިހަތަރު މީހުންގެ ތެރެއިން މޫސާ އިބްރާހީމްގެ އަތުންނާއި، މިހަތަރު މީހުން ތިބި ތަނުން މަސްތުވާތަކެތި ފެނުނުކަމާ، މީގެތެރެއިން މޫސާ އިބްރާހީމްގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 417.134 ގުރާމް ހުރިކަމާ، އެތަނުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 9376.360 ގުރާމް ހުރިކަން މިމައްސަލާގައި ލިބިފައިވާ އެންމެހާ ހެކިތަކާ ޤަރީނާތަކުން އެނގެން އޮންނާތީއާއި، ފެނުނު މަސްތުވާތަކެއްޗަކީ މިހަތަރު މީހުން ބައިވެރިވެގެން ގެންގުޅުނު މަސްތުވާތަކެތިކަން މިމައްސަލައިގައި ހު ށަހެޅިފައިވާ ހެއްކާ ޤަރީނާތަކުން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ކެނަބިސް ޓްރެފިކުކުރުމުގެ ކުށުން އަޙުމަދު ޝަފީ ޤާއި އަޝް ރަފް ޔޫސުފާއި އިބްރާހީމް ޝިފާޒް ޔޫސުފާއި މޫސާ އިބްރާހީމް ކުށްވެރިވާކަމަށް ކަނޑައަޅައި، މިކުށުގެ އުޤޫބާތެއްގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން އަޙުމަދު ޝަފީޤާއި އަޝް ރަފް ޔޫސުފާއި އިބްރާހީމް ޝިފާޒް ޔޫސުފާއި މޫސާ އިބްރާހީމް ޢުމުރަށް ޖަލަށްލުމާއެކު، މިހަތަރު މީހުން ކުރެ ކޮންމެ މީހަކު -/1000،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމްކޮށް، އަޙުމަދު ޝަފީޤާއި އަޝް ރަފް ޔޫސުފާއި އިބްރާހީމް ޝިފާޒް ޔޫސުފާއި މޫސާ އިބްރާހީމް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ މިއަދުން )25 އެޕްރީލް 2017 )ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ކުރިމިނަލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް އަޙުމަދު ޝަފީޤާއި އަޝްރަފް ޔޫސުފާއި އިބްރާހީމް ޝިފާޒް ޔޫސުފާއި މޫސާ އިބްރާހީމްއަށް އަންގައި މިޤަޟިއްޔާ ނިންމީއެވެ."

ހައިކޯޓުގެ ނިންމުން:

"ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކުރިމިނަލް ކޯޓުގެ ނަންބަރު 2013/C-Cr/1487 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 2011/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު)ގެ 108 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ކެނަބި ސް ޓުރެފިކު ކުރުމުގެ ކުށް ބ.ތުޅާދޫ، އިރަމާގެ މޫސާ އިބްރާހީމް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު ....)ގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމުގައި މޫސާ އިބްރާހީމްގެ ބަޔަށް ބަދަލު ގެންނަންޖެހޭނެކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2013/C-Cr/1487 ޤަޟިއްޔާގައި މޫސާ އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ޙުކުމުގެ އެބައި މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކަމަށް ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ."

ކުރިމިނަލް ކޯޓުގެ ހުކުމް، ހައިކޯޓުން ބާތިލު ކުރުމަށް ނިންމި މައިގަނޑު ކަންކަން: ކޯޓު އަމުރު ތަންފީޒު ކޮށްފައިވަނީ އިޖުރާއީގޮތުން އެކަންކުރަން އޮންނަގޮތަށް ނޫން!

  • 1. ކުރިމިނަލް ކޯޓުގެ ނަންބަރު 446/2013)/BF(J-145 ކޯޓު އަމުރު ނެރެފައިވާ ސަބަބަށް ބަލާއިރު، އެ އަމުރު ނެރެފައިވަނީ ގ. މިއަލަނިއާގޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވާތީ އިސްވެ ދެންނެވިފައިވާ ތަންތަން ބަލާފާސްކުރުމަށާއި ތުހުމަތުކުރެވޭ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށާއި، މައްސަލާއާއި ގުޅުންހުރި ހެކި ޤަރީނާ ހޯދުމަށް، ނަމަވެސް ގ. މިއަލަނިއާގެއަށް އެ ކޯޓު އަމުރު ގެންދެވިފައިވަނީ، ގ. މިއަލަނިއާ ގޭގެ އެ ތެރެއަށް ފުލުހުން ވަދެ މޫސާ އިބްރާހީމް އާއި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ ފަހުންކަން ދައުލަތުގެ ބަހުންނާއި ހެކިންގެ ބަހުން އެނގެން އޮންނާތީ އެވެ.


  • 2. ގ. މިއަލަނިއާގެ ބަލާފާސްކުރުމަށް ފުލުހުން ކޯޓު އަމުރު ތަންފީޒު ކޮށްފައިވަނީ އިޖުރާއީގޮތުން އެކަންކުރަން އޮންނަގޮތަށް ނޫންކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ ރިވިއު ކޮމިޓީއިން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގައި ބުނެ ފައިވާއިރު، ގ. މިއަލަނިއާގެ ބަލާ ފާސްކޮށްފައިވަނީ ގޭގެ ވެރިފަރާތް ނުވަތަ އެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްގެ ހާޒިރުގައި ނޫންކަން މައްސަލާ ގައި ހިމެނޭ ލިޔުންތަކުންނާއި، މި މައްސަލާގައި ހިމެނޭ ހެކިން ދަށުކޯޓުގައި ދީފައިވާ ހެކިބަހުން އެނގެން އޮންނަކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 99/2019/95/A1-196 ސިޓީ ގައި ބަޔާންކޮށްފައިވާތީ އެވެ.


  • 3. މި މައްސަލާގައި މަސްތުވާތަކެތި މޫސާ އިބްރާހީމް ގެ ހަށިގަނޑުން ފެނުމުގެ އިތުރުން ގ. މިއަލަނިއާގެ ބަލާފާސްކުރިއިރު އެގޭތެރެއިން ފެނުނު މަސްތުވާތަކެތީގެ ބައިވެސް ދަޢުވާގެ ސީޣާގައި ހިމަނާފައިވާކަމާއި، ކުރިމިނަލް ކޯޓުގެ އެ ޤަޟިއްޔާގައި ދަޢުވާކޮށްފައިވަނީ މޫސާއިބްރާހީމްގެ އިތުރުން، އިތުރު 3 މީހެއްގެ މައްޗަށްކަން އެނގޭއިރު، ދައުލަތުން މި މައްސަލާގައި ގ. މިއަލަނިއާގެ ބަލާފާސްކޮށްފައިވަނީ އިޖުރާތުތަކާއި ޚިލާފަށްކަމަށް ބުނެ މޫސާ އިބްރާހީމް ފިޔަވައި އެހެން ފަރާތްތަކުގެ މައްޗަށް ކުރިމިނަލް ކޯޓުގެ އެޤަޟިއްޔާގެ ދަށުން ކޮށްފައިވާ ޙުކުމް ބާޠިލުކުރަން އެދިފައިވާއިރު، ބާޠިލު އިޖުރާޢަތެއްގެ ދަށުން ގ. މިއަލަނިއާގެއިން މޫސާ އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުގޮތާއި، މޫސާ އިބްރާހިމް ބަލައި ފާސްކުރެވުނުގޮތާއި، ގ. މިއަލަނިއާގެ ބަލައި ފާސްކުރިއިރު އެ ގޭ ތެރެއިން ފެނުނު މަސްތުވާތަކެތި ހިމެނިގެން މޫސާ އިބްރާހީމްގެ މައްޗަށް ދަޢުވާކުރެވުނު ގޮތް ރަނގަޅުވި ޤާނޫނީ ޙުއްޖަތެއް ދައުލަތަށް ދެއްކިފައިނުވާތީ އެވެ.


  • 4. މިމައްސަލައިގައި ޙަވާލާދެވޭ ޙާދިސާއާ ގުޅިގެން ގ. މިއަލަނިއާ ގެއަށް ފުލުހުން ވަދެފައިވަނީ ބާޠިލު އިޖުރާޢަތެއް ގެ ދަށުންކަން ދައުލަތުގެ ބަހުންނާއި، ކުރިމިނަލް ކޯޓުގައި ހެކިބަސް އަދާކުރި ހެކިންގެ ބަހުން އެނގެން އޮންނާތީއާއި، ބާޠިލު އިޖުރާޢަތެއްގެ ދަށުން ގ. މިއަލަނިއާގެ ބަލައި ފާސްކުރުމުގެ ތެރޭގައި ހޯދާފައިވާ ހެކި ޤަރީނާ ތަކަކީ ޤާނޫނާ އެއްގޮތަށް ފުލުހުން ހޯދާފައިވާ ހެކި ޤަރީނާތަކެއް ކަމަށް ޤާނޫނީ ގޮތުން ބެލެވެން ނެތަތީއާއި، މިފަދަ ހެކި ޤަރީނާތަކަކީ ޝަރީޢަތުން ޤަބޫލުކޮށްގެންވާނެ ހެކި ޤަރީނާތަކެއް ނޫންކަމަށް ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތުމުން، މޫސާ އިބްރާހީމްގެ މައްޗަށް ހުށަހަޅާފައިވާ ހެކި ޤަރީނާތަކަކީ މޫސާ އިބްރާހިމްގެ މައްޗަށް ކުށްސާބިތު ކުރުމަށް ޝަރީޢަތަށް ޤަބޫލު ކޮށްގެންވާނެ ހެކިތަކެއް ނޫންކަން އެނގެން އޮންނަކަމެވެ.


ހައިކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުން: ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން، މިމައްސަލަ ބެއްލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު، ހުސައިން ޝަހީދު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
ހިޔާލު

ނަޝީދު

ލިޔުން ވަރަށް ސާފު. އެކަމު ގިނަ ކިޔުންތެރިންނަށް ފަހުމެއްނުވި. ގާނޫނުތަކުގެ ތެރެއިން ފަނޑިޔާރުންނަށްވެސް ހުކުމްކުރެވޭނީ،

މަހޭޝް

މިއޮތީވާ ކަމެއް. އެ 4 މީހުން ކުށެއް ނުކުރަނީކީނޫން. އެމީހުންގެ އަތުން މަސްތުވާތަކެތި ނުފެންނަނީކީނޫން. ނަމަވެސް ކޯޓުއަމުރަށްވުރެ ކުރިން ފުލުހުން އެގެއަށް ވަނީތީ މުޅި މައްސަލަ ބާޠިލްވީޔޯ. ކިހާ ޢަދުލުވެރިތޯ.

އަހުމަދު

ދެން އަނެއްކާ ތިޔަމީހާގެ މަސައްކަތް ފަށަންވީ... ފުރުޞަތު ތިޔައޮތީ ލިބިފައި އަނެްކާ މީނައަށް ބަދަލެއްގެގޮތުގައި ދޭންޖެހޭނީ ކިހާވަރެއްކަން ނުވެސްއިގޭނެ.

ދިވެހި މީހާ

މިގައުމަށް ޓެރެރިޒަމްގެ ވަބާއަށްވުރެ ރިޝްވަތުގެ ވަބާ ބޮޑު. ޔާ ﷲ ރިޝްވަތުނަގާ ގާޒިންނާ އެއުރެންގެ އާއިލާ ވޭންދެނިވި ގޮތެއްގާ ނެތިކުރައްވަފާނދޭވެ. އާމީން.

ކާފަ ދ

ފާފަޅޮލަށް
ވެދުން ސަލާމް
ބާތިލް ކަންތައްތަކެއްކަން އެނގިތިބެ އެހުކުމްކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުވެސް ތިދުޢާގައި ޝާމިލްކޮށްލައްވާ. އަދި ބާތިލްކޮށްކަން ހޯދަނީ އެނގިތިބި ފުލުހުންނާއި އެކަން ބަލައިގަތް ޕީޖީވެސް ބައިވެރިކޮށްލައްވާ

ކާފަ ދ

ހާދަ ބޮޑު ފިލްމެއް ހުސްކުރީމައޭ 417 ގުރާމު އެޅޭވަރަށް އެދަޅު ބޮޑުވާނީ. ހީވަނީ 1 ލީޓަރ ގެ ދަވާދުދަޅެއްހެން.

އަލޫ

ފަހު10 ގައި ކޮއްލި މޮޅުކަމެއްދޯ މީ . ކޮންމެ ހުކުމަކާއެކު ފަޑިޔާރުންގެ ބޭންކު ސްޓޭޓްމަންޓް ހުށައަޅަން ޖެހޭގޮތެއް ހަދަންވީ.

އިބުރާ

ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ.
އަދުލުން އެއްކިބާވެ ނިޔާ ކަނޑައަޅާ ޤާޒީން ފަޟީހަތްކުރައްވާންދޭވެ!

ކިޔު5

ގާނޫނީ ހަމަތަކާއި ޝަރީއަތުގެ ހަމަތައް ނޭނގި މީހުންނަށް ބަދު ދުއާކުރާ މީހުންނަށް ހިދާޔަތް ދެއްވާނދޭވެ.

ކިޔު5

ގާނޫނީ ހަމަތަކާއި ޝަރީއަތުގެ ހަމަތައް ނޭނގި މީހުންނަށް ބަދު ދުއާކުރާ މީހުންނަށް ހިދާޔަތް ދެއްވާނދޭވެ.

ދޮންސޭޓް

މީގަ އެންމެ ގޯހީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހިމާޔަތް ކުރެވޭގޮތަށް ހަދާފައިވާ ޤާނޫންތައް..

އެކަލޯ

ހައްދަވާ ގެންގުޅުއްވާ އިލާހު ނުބައި ހުކުމް ކުރާ ފަނޑިޔާރުންނާއި، ޣާޒީންގެ އައިދަށުން އަޅަމެން މިންޖުކުރައްވައި، އެބައިމީހުން ހަލާކު ކުރައްވައިފާންދޭވެ

ފާފަޅޯ

އަހަރެން މިހުރީ ރޯދަޔަށް. ނަރަކައިގެ ވޭންދެނިވި އަޒާބު އަދުލަށް ހުކުމް ކުރި ހައި ކޯޓްގެ ޣާޒީންނަށް ދެއްވާންދޭވެ.

ޙަސަންބެ

ޝުޖާ އުޘްމާނު..