Suvaruge aai ethanuge niumaiy thah
image
ކައުބާ، މަސްޖިދުލްޙަރާމް--
0 ކޮމެންޓް
 

ސުވަރުގެ އާއި އެތަނުގެ ނިޢުމަތްތައް

އަޖަލުތައް ގާތްވަނީއެވެ. އުންމީދުތައް ނިމުމަކަށް އަންނަނީއެވެ. ދަތުރަށް ފަށަންވި ވަގުތާއި ބަދަލުވާންވީ ވަގުތު ޖެހެނީއެވެ.
ދުނިޔެއަކީ އެތަނުގައި ދިރިއުޅުމުގައި އަޅާއަށް މުޞީބާތްތަކާއި އާފާތްތަކާއި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ގޮވައްޗެވެ. އެތަނުގައި މަސައްކަތްކުރުމާއި ވަރުބަލިވުން ވެއެވެ. އަދި ބަލިމަޑުކަމާއި މުޞީބާތްތަކާއި ދެކޮޅުވެރިމީހުންނާ ބައްދަލުވެއެވެ. ކަންމިހެން އޮތްއިރު، އެންމެ ދީލަތިވަންތަ އަދި ރަޙީމުވަންތަ އިލާހު، އެއިލާހުގެ އަޅުތަކުންނަށް ގޮވާލައްވަނީ އެއިލާހުގެ ކަރާމަތުގެ ގޮވައްޗަށެވެ. އެއީ ސަލާމަތްކަމާއި ނިޢުމަތުގެ ގޮވައްޗެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَاللَّهُ يَدْعُو إِلَى دَارِ السَّلَامِ وَيَهْدِي مَنْ يَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ﴾ [يونس: 25] މާނައީ: “ﷲ ގޮވައިލައްވަނީ ސަލާމަތުގެ ގޮވައްޗަށެވެ. (އެބަހީ: ސުވަރުގެއަށެވެ.) އަދި އެއިލާހު އިރާދަކުރައްވާ ބަޔަކަށް، ސީދާވެގެންވާ ތެދުމަގަށް އެއިލާހު މަގު ދައްކަވައެވެ.”

އެއީ އެތަނުގެ ނިޢުމަތްތަކަށް ނިމުނެއް ނުވާ އަދި ފަނާވުމެއް ނުވާ ގޮވައްޗެވެ. އަދި އެތަނެއްގައި އެންމެހާ ހެޔޮކަން އިތުރުވަމުންދާ ގޮވައްޗެވެ. ތަޤުވާވެރިންނަށްވާ ކަރާމަތެއްގެ ގޮތުގައި ތައްޔާރުކުރެވި، ގާތްކުރެވި، ޒީނަތްތެރިކުރެވިފައިވާ ތަނެކެވެ. އެތަނުގައި ބިރުވެތިވުމެއް، ބިރުގަތުމެއް، ކަންބޮޑުވުމެއް ނުވެއެވެ. އަދި އެތަނުގައި އުނދަގުލެއް އަދި ވަރުބަލިކަމެއް ނުވެއެވެ. އަދި އެތަނުގައި ފަޤީރު ވެދާނެކަމުގެ އަދި ދަރަނިވެރި ވެދާނެކަމުގެ ބިރެއް ނުވެއެވެ. އަދި އެތަނުން ނެރުއްވުމެއް، ނިމުމެއް، ފަނާވުމެއް ނުވެއެވެ.

އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَمَا هُمْ مِنْهَا بِمُخْرَجِينَ﴾ [الحجر: 48] މާނައީ: “އަދި އެ ތަނުން ނެރުއްވާނެ ބަޔަކު ކަމުގައިވެސް އެބައިމީހުން ނުމެވޭމެއެވެ.”

ސުވަރުގެއަށް ވަދެއްޖެމީހާ ދަންނައެވެ. އޭނާއަށް އޮތީ ހިތްހަމަޖެހުމާއި ފަސޭހަކަމެވެ. ހިތާމަކުރުމެއް ނެތެވެ. އޭނާގެ ހެދުން ބަލެއް ނުވާނެއެވެ. އޭނާގެ ޒުވާންކަން ފަނާވުމެއް ނެތެވެ. އަދި ގޮވާލާމީހަކު އެބައިމީހުންނަށް ގޮވާލާނެއެވެ.

«إِنَّ لَكُمْ أَنْ تَصِحُّوا فَلَا تَسْقَمُوا أَبَدًا، وَإِنَّ لَكُمْ أَنْ تَحْيَوْا فَلَا تَمُوتُوا أَبَدًا، وَإِنَّ لَكُمْ أَنْ تَشِبُّوا فَلَا تَهْرَمُوا أَبَدًا، وَإِنَّ لَكُمْ أَنْ تَنْعَمُوا فَلَا تَبْأَسُوا أَبَدًا» [رواه مسلم] މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންނަށް އޮތީ އަބަދުމެ ބަލިނުވެ ހެޔޮ ޞިއްޙަތުގައި ދެމިތިބުމެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންނަށް އޮތީ އަބަދުމެ މަރުނުވެ ދިރިތިބުމެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންނަށް އޮތީ އަބަދުމެ ޒުވާންކަންމަތީ މުސްކުޅިނުވެ ދެމިތިބުމެވެ. އަދި ހަމަކަވަރުން ތިޔަބައިމީހުންނަށް އޮތީ އަބަދުމެ ޢަޛާބުން ދުރުހެލިވެ ނިޢުމަތުގައި ދެމިތިބުމެވެ.”

އެތަނުގައިވަނީ ލޮލަކަށް ފެނުފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި އިންސާނެއްގެ ހިތަށް ތަޞައްވުރު ކުރެވިފައިނުވާފަދަ ކަންތައްތަކެކެވެ.

﴿وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِمْ مِنْ كُلِّ بَابٍ [23] سَلَامٌ عَلَيْكُمْ بِمَا صَبَرْتُمْ فَنِعْمَ عُقْبَى الدَّارِ [24]﴾ [الرعد: 23، 24] މާނައީ: އަދި އެތަނުގެ ހުރިހާ ދޮރަކުން، މަލާއިކަތުން އެބައިމީހުންގެ ގާތަށް ވަދެވަޑައިގަންނަވާނެއެވެ. [23] (އެބޭކަލުން ވިދާޅުވާނެއެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުށްޓެވެ. ފަހެ، އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ! [24]”

އެބައިމީހުންގެ ގާތަށް މަލާއިކަތުން ވަދެވަޑައިގަންނަވާނެއެވެ. އަދި މަލާއިކަތުން އެބައިމީހުންނަށް ސަލާމް ދަންނަވާ މަރްޙަބާ ކިޔާނެއެވެ.

﴿سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ﴾ [الزمر: 73] މާނައީ: “ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުށްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ!”

ސަލާމަތްކަމާއި ނިޢުމަތުގެ ގޮވަތީގައި މިވާ ގާތްކުރެއްވުމާއި ކަމޭހިތުމުގެ މަތިވެރިކަމާއެވެ! ސުވަރުގޭގައި ﷲ ތަޢާލާ ފެނުމާމެދު ދަންނައެވެ. އެއީ ވާދަކުރާމީހުން އެކަމަކަށްޓަކައި ވާދަކުރަންވީކަމެވެ.

އެއިލާހު ވަޙީކުރެއްވިއެވެ. ﴿وُجُوهٌ يَوْمَئِذٍ نَاضِرَةٌ [22] إِلَى رَبِّهَا نَاظِرَةٌ [23]﴾ [القيامة: 22، 23] މާނައީ: “އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ. [22] އެ މޫނުތަކުގެ ވެރިރައްބަށް ބަލަބަލައި ތިބެއެވެ. [23]”

ކޮންފަދަ ހިތްގައިމުކަމަކާއި ނިޢުމަތާއި، ބާއްޖަވެރިކަމާއި އިޚްތިޔާރު ކުރެއްވުމެއް ހެއްޔެވެ؟ އެދުވަހުން އެބައިމީހުންނަށް ﷲ ތަޢާލާ ފެންނާނެއެވެ. މިއީ ޚަބަރު ދެއްވާފައިވާ ހިތްގައިމުކަމެވެ. ފަހެ، އެތަން ފެނުމުން ލިބޭ ލައްޒަތު ކޮންފަދައެއް ހެއްޔެވެ؟ ފަހެ، މިފަދަ ނިޢުމަތްތަކަށް ތައްޔާރުވާށެވެ.

ތިޔަބައިމީހުން ދަތުރަށް ތައްޔާރުވާށެވެ. ތިޔަބައިމީހުންގެ ޙަޔާތާއިގެން އަވަސްވެގަންނާށެވެ. އަދި ތިޔަބައިމީހުންގެ ވަގުތުތައް ޣަނީމާކުރާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ﴾ [آل عمران: 133] މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ ތަޤުވާވެރިންނަށެވެ.”

ނޯޓް: މިއީ 20 ރަޖަބު 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ހިޔާލު