Adeeb ge pistol massalaige 10 aharuge hukum Supreme Court inn baathil koffi
image
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު -- ފޮޓޯ: ވަން އޮންލައިން
0 ކޮމެންޓް
 

އަދީބުގެ ފިސްތޯލަ މައްސަލައިގެ ޖަލު ހުކުމް ބާތިލްކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ކުރި 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
މޭޑޭ 2015 ގައި ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 5 ޖޫން 2016 ގައެވެ. އަދި ފަހުން ހައި ކޯޓުން ވެސް ވަނީ އެ ހުކުމް ދަމަހައްޓާފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ނިންމީ އަދީބު ފިސްތޯލައެއް ގެންގުޅުނުކަން ސާބިތު ނުވާ ކަމަށާއި، އެހެންކަމުން ޖަލު ހުކުމް ބާތިލް ކުރުމަށެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން ވަނީ އަދީބަށް ކުރިން ހުކުމް ކުރީ ގޯސްކޮށް ކަމަށާއި އެ ހުކުމް ބާތިލް ކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނީ ކުށް ސާބިތުވާ މިންވަރަށް ހެކި ނެތްއިރު، ހުކުމް އިއްވުމުގައި ކްރިމިނަލް ކޯޓުން ޓެރަރިޒަމްގެ ގާނޫނުގައިވާ މިންގަނޑާ ހިލާފުވެފައިވާ ކަމަށެވެ.

ކުރީގެ ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުގައި މީހެއްގެ ހިޔާޒަތުގައި ހަތިޔާރެއް ގެންގުޅުމަކީ ވެސް ޓެރަރިޒަމްގެ ކުށެކެވެ. ޓެރަރިޒަމްގެ ކުށަކަށް ވާނީ އެ ހަތިޔާރަކުން އަމަލެއް ހިންގުމަކުން ނޫނެވެ.

އެކަމަކު ދައުވާ އުފުލިއިރު އެ ގާނޫނު ބާތިލްކޮށް، ޓެރަރިޒަމްގެ އާ ގާނޫނަށް އަމަލުކުރަން ފަށައިފި އެވެ. އާ ގާނުނުން ބުނަނީ ހަތިޔާރެއް ގެންގުޅުމަކީ ނުވަތަ ބެހެއްޓުމަކީ ޓެރަރިޒަމްގެ ކުށަކަށް ނުވާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ހައި ކޯޓުން ވެސް ވަނީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފަ އެވެ.

އެހެންކަމުން އަދީބު މިހާރު ތަންފީޒު ކުރަމުން ދަނީ ހިޔާނާތުގެ މައްސަލާގައި އައި އަށް އަހަރުގެ ހުކުމެވެ. އޭގެން ތިން އަހަރު މިހާރުވެސް އޭނާ ވަނީ ޖަލުގައި ހޭދަކޮށްފަ އެވެ.

ފިނިފެންމާ ލޯންޗު މައްސަލަ އާއި ފިސްތޯލަ ގެންގުޅުނު މައްސަލަ އާއި ހިޔާނާތުގެ މައްސަލާގައި ކުރިން އޭނާ ހުންނެވީ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެކަމަކު އަދީބު މިހާރު ހުންނެވީ ގޭބަންދުގަ އެވެ.
ހިޔާލު