Vaccine nujahaa Dhivehin beyrah dhathuru kurumuga samaaluvaan edhijje
image
އިންފުލުއެންޒާ ވެކްސިން--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ވެކްސިން ނުޖަހާ މީހުން ބޭރަށް ދަތުރުކުރުމުގައި ސަމާލުވާން އެދިއްޖެ

ވެކްސިނުން ކޮންޓްރޯލް ކުރެވޭ ބަލިތައް ބައެއް ގައުމުތަކުގައި ފެތުރެމުން ދާތީ، ރާއްޖޭގައި ވެކްސިން ނުޖަހާ ފަރާތްތައް ބޭރަށް ދަތުރުކުރުމުގައި ސަމާލުވުމަށް ހެލްތު މިނިސްޓްރީން ނަސޭހަތްތެރިވެއްޖެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެފަދަ ބަލިތައް ގައުމުތަކުގައި ފެތުރޭ މައިގަނޑު ސަބަބަކީ ވެކްސިން ލިބިގަންނަ ނިސްބަތް ދަށްވުމުން ކަމަށެވެ.

ރާއްޖެއަކީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވެކްސިންދެވޭ ނިސްބަތް އެންމެ ރަނގަޅަށް ދަމަހައްޓަމުން ގެންދާ ގައުމުކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

ގަވާއިދުން ވެކްސިން ދިނުމަކީ ތިމާ އާއި މުޖުތަމަޢުގެ ރައްކާތެރިކަމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްކަން ފާހަގަ ކޮށް އެ މިނިސްޓްރީން ބުނީ ވަކި ފަރުދަކު ވެކްސިން ނުޖެހުމަށް ނިންމުމަކީ އެހެން މީހުން ބަލީގެ ނުރައްކާތެރިކަމަށް ހުށަހަޅުވައިދޭ ކަމެއް ކަމަށެވެ.

ދިވެހިންނަކީ އެކި އެކި ބޭނުމުގައި ގިނައިން ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރާ ބަޔަކަށްވާއިރު ހާއްސަ ގޮތެއްގައި ވެކްސިން ނުލިބި ތިބޭ ފަރާތްތައް އެފަދަ ބަލިތައް އުޅޭ ގައުމުތަކަށް ދަތުރު ކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމިނިސްޓްރީން ވަނީ ފާހަގަކޮށްފައި ވެއެވެ.

ހެލްތު މިނިސްޓްރީން ވަނީ ހާއްސަކޮށް ސްކޫލު ބަންދާއި ދިމާކޮށް، ނުވަތަ ޗުއްޓީއަށް ދިޔުމުގެ ކުރިން ދެވޭ ގައުމުތަކުގެ ހާލަތު ދެނެގަތުން މުހިންމު ކަމުގައި ފާހަގަކޮށްފައެވެ. އަދި ވެކްސިންގެ ޑޯޒްތައް، ގައުމީ ވެކްސިން ތާވަލުގައިވާ ގޮތަށް ފުރިހަމަކުރައްވާ ތުއްތު ކުދިން ނުރައްކާތެރި ބަލިތަކުން ސަލާމަތް ކުރެއްވުމަށް މައިންބަފައިންނާއި ބެލެނިވެރިންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

1980 ގެ އަހަރުތަކުން ފެށިގެން ވެކްސިން ދީގެން ރައްކާތެރިކަން ލިބޭ ބަލިތަކުގެ ތެރެއިން ޕޯލިއޯ އާއި ކަރުފޮޅު އަދި އިދިފުށަށް ދަމާބަލިން މަރުވާ އަދި ބަލިވާ ކުއްޖަކު ދިވެހިރާއްޖެއިން ފެނިފައި ނުވާ ކަމަށާއި އެ ބަލިތަކުން ދިވެހި މުޖުތަމައު ރައްކާތެރިކުރެވިފައިވާ މައިގަނޑު ސަބަބަކީ ޅަފަތުގައި ދެވޭ ވެކްސިންތައް ފުރިހަމަކުރެވޭ ނިސްބަތް ދިވެހިރާއްޖޭގައި މަތިވުން ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ގައުމެއްގެ ގޮތުގައި ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެކަމުގެ ސެޓްފިކެޓް 2017 ވަނަ އަހަރު ރާއްޖެއަށް ލިބިފައިވާ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
ހިޔާލު