Faafa kuraa meehunge majlisthakugai baiverivun naheevegenvun
image
ކައުބާ، މަސްޖިދުޙަރާމް: ނަމާދު ކުރުމަށް އިމާމު ވަޑައިގަންނަވަނީ
0 ކޮމެންޓް
 

ފާފަކުރާ މީހުންގެ މަޖިލިސްތަކުގައި ބައިވެރިވުން ނަހީވެގެންވުން

ފާފަވެރިންނާ މަޖުލިސްކުރުމުން މަނާވެ ގަތުމާއި އެބައިމީހުން އުޅޭ ތަންތަނުން ދުރުހެލިވުމާއި އެބައިމީހުންނާ އެކުގައި ނޫޅުމާއި އެބައިމީހުންނާއެކު ދަތުރުކުރުން ދޫކޮށްލުމަކީ ދުރުވިސްނޭކަމުގެ ޢަލާމާތެކެވެ.
ހިތަކީ ވަރަށް ބަލިކަށި އެއްޗެކެވެ. އަދި އޮޅުންތައް ވަރަށް ގިނައެވެ. ފިތުނަތައް އަންނަނީ ރާޅުތައް ފަދައިންނެވެ. ހިތުގައި ބަލިމަޑުކަންވާ މީހުންނާ އީމާންކަން ފަސާދަކޮށްލާ މީހުންނާ މަޖިލިސްކުރުމުން ހެޔޮ ވިސްނޭ މީހުން އެއްކިބާވެއެވެ.

ފާފައާއި ބިދުޢައިގެ މަޖްލިސެއްގައި އިށީނދެވިއްޖެމީހާ ދަންނައެވެ. އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ ޙިކުމަތްތެރިކަމާއި ރިވެތި ބަސްތަކާއި ހެޔޮ ނަސޭހަތުން އެކަންކަމަށް އިންކާރުކުރުމެވެ. އަދި އޮޅުންތައް ފިލާނެފަދަ ދަލީލުތަކުން އެކަންކަން ބަޔާންކޮށްދިނުމެވެ. ފަހެ، އިންކާރުކުރުމަށް ކުޅަދާނަކަން ލިބިގެންވާމީހަކު އިންކާރު ނުކޮށްފިނަމަ، އޭނާވެސް އެވަނީ އެފާފައިގައި ބައިވެރިވެފައެވެ. އަދި އިންކާރުކުރުމަށް ނުކުޅެދިއްޖެނަމަ އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އެމަޖުލިހުން ދުރުވުމެވެ. އެހެނީ އެފަދައިން މަޖުލިސްކުރުމަކީ ލޯތްބާއި ތަބާވުން ހިމެނިގެންދާނޭކަމެކެވެ. އަދި މުންކަރާތްތައް ނުފެންނަކަމަށް ހެދުމެވެ. އަދި އެފަދަ މީހުންނަށް ލޯބިޖެހޭކަމެކެވެ.

ޢަމްރު ބުން ޤައިސް ވިދާޅުވިއެވެ. “ޙައްޤުމަގުން އެއްކިބާވެފައިވާ މީހުންގެ މަޖްލިސްތަކުގައި ބައިވެރިނުވާށެވެ. ފަހެ، ތިބާގެ ހިތް ޙައްޤުމަގުން އެއްކިބާވެދާނެއެވެ.”

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ إِنَّكُمْ إِذًا مِثْلُهُمْ إِنَّ اللَّهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا﴾ [النساء: 140] މާނައީ: “ހަމަކަށަވަރުން ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އެ އެއާޔަތްތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެބައިމީހުން އެހެން ވާހަކައެއް ދައްކަން ފަށައިފުމަށް ދާންދެން، އެބައިމީހުންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނަކީވެސް އެބައިމީހުންފަދަ ބަޔެކެވެ. ހަމަކަށަވަރުން ﷲ، މުނާފިޤުންނާއި ކާފިރުންގެ އެންމެން ނަރަކައަށް އެއްކުރައްވާނެއެވެ.”

އައްޠަބަރީ ވިދާޅުވިއެވެ. “މިއާޔަތުގައިވަނީ ބާޠިލުގެ އަހުލުވެރިންގެ މަޖްލިސްތަކުގައި ބައިވެރިވުން ނަހީވެގެންވަކަމުގެ ސާފު ދަލީލެކެވެ. އެއީ ބިދުޢަވެރިންނާއި ފާސިޤުންނާއި އަދި އެފަދަ ހުރިހާ ވައްތަރެއްގެ މީހުން، އެބައިމީހުންގެ ބާޠިލު ކަންކަމަށް ޖަމާވާއިރެވެ.”

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ. “ޟަރޫރީ ޙާލަތެއްގައި މެނުވީ، އޭނާގެ އަމިއްލަ އިޚްތިޔާރުގައި، މުންކަރާތުގެ މަޖްލިހަކަށް ޙާޟިރުވުން އެއްވެސް މީހަކަށް ހުއްދަވެގެން ނުވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘް ބަސްފުޅުގައިވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.”

«مَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ فَلَا يَجْلِسْ عَلَى مَائِدَةٍ يُشْرَبُ عَلَيْهَا الْخَمْرُ» [رواه الطبري وصححه الألباني] މާނައީ: “ﷲ އާއި އާޚިރަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. އެ ސުފުރާއެއްގެ މަތީގައި ރާ ބޯ ސުފުރާއެއްގައި ނުއިށީންނަ ހުށިކަށެވެ!”

ރާބޮމުންދިޔަ ބަޔަކު ޢުމަރު ބުން ޢަބްދުލްޢަޒީޒްގެ އަރިހަށް ގެނެވުނެވެ. ފަހެ، އެބައިމީހުން ތަޢުޒީރުކޮށް، އެބައިމީހުންގެ ގައިގައި ތެޅުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. “އެބައިމީހުންގެ ތެރޭގައި ރޯދަވެރިއަކު ވެއެވެ.” ފަހެ، އެކަލޭގެފާނު ދެންނެވިއެވެ. “އޭނާއިން ފަށާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅު ތިޔަބައިމީހުން އަޑު ނާހަން ހެއްޔެވެ؟!”

﴿وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ إِنَّكُمْ إِذًا مِثْلُهُمْ﴾ [النساء: 140] މާނައީ: “ހަމަކަށަވަރުން ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އެ އެއާޔަތްތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެބައިމީހުން އެހެން ވާހަކައެއް ދައްކަން ފަށައިފުމަށް ދާންދެން، އެބައިމީހުންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނަކީވެސް އެބައިމީހުންފަދަ ބަޔެކެވެ.”

މުންކަރާތެއް ކުރާ ތަނުގައި ޙާޟިރުވެ ހުންނަމީހާ މުންކަރާތް ކުރާ މީހަކާ އެއްފަދަވެގެންވާކަން ޢުމަރު ބުން ޢަބްދުލްޢަޒީޒް رضي الله عنه ބަޔާންކޮށް ދެއްވިއެވެ. އެހެންކަމުން ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ރަލާއި މިޔުޒިކުފަދަ މުންކަރާތްތައްވާ ވަލީމާއަކަށް ދަޢުވަތު ދެވުމުން އެތަނަށް ޙާޟިރުވުން ހުއްދަވެގެން ނުވެއެވެ. އަދި ހަމަ އެފަދައިން ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވަނީ އެމީހަކަށް ވީވަރަކުން މުންކަރާތް ނަހީކުރުމަށެވެ. ފަހެ، އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ޟަރޫރަތެއް ނެތި، އެފަދަ ތަނަކަށް ޙާޟިރުވެ އެކަމަށް އިންކާރު ނުކޮށްފިނަމަ، އޭނާ އެވަނީ އޭނާއަށް އަމުރު ކުރައްވާފައިވާ ކަންތައް ދޫކޮށް، ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް އުރެދިފައެވެ.

އެފަދައިން ކަންތައް ހުރިހިނދު، ޟަރޫރަތެއް ނެތި އޭނާގެ އަމިއްލަ އިޚްތިޔާރުގައި ރާ ބޯ މަޖްލިސަކަށް ޙާޟިރުވެ، ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ފަދައިން މުންކަރާތަށް އިންކާރު ނުކުރާނަމަ، އޭނާއެވަނީ ފާސިޤުންނާއެކު އެބައިމީހުން ފާސިޤު ކަންތަކުގައި ބައިވެރިވެފައެވެ. ފަހެ، އޭނާ ވަނީ އެބައިމީހުންގެ ތެރެއިންނެވެ.” -ޝައިޚްގެ ބަސްކޮޅު ނިމުނީ- [مجموع الفتاوى 28/221]

ބިދުޢައާއި ފާފައާއި ބާޠިލުގެ އަހުލުވެރިންގެ ޢަދަދު ގިނަކޮށްދިނުމަށްޓަކައި އެބައިމީހުންނާ އެކީ ނުވާށެވެ. އަދި ފިތުނަވެރިންނާއި ފާސިދުންނާއެކުގައި ނުވާށެވެ.

އުފަލާއި ހިތްހަމަޖެހުން ހޯދުމަށްޓަކައި މުންކަރާތްތައް ފަތުރާ މަޖުލިސްތަކަށްދާ މީހުންނާއި އެބައިމީހުންނަށް ރުހޭ މީހުންނާއި އެއަށް ގޮވާލާ މީހުންނާއި އެއަށް ބާރުދޭ މީހުންނާއި އޮޅުން އަރާގޮތަށް ހުންނަ ވެބުސައިޓުތަކަށް ބާރުދޭ މީހުންނާއި ވިޔާނުދާ ޕޭޖުތަކަށާއި އޮރިޔާން ސައިޓުތަކަށް ބާރުދޭ މީހުންނާއި އަހަރެމެންގެ ދީނާ، ޢަޤީދާއާއި، އަޚްލާޤާ ދެކޮޅުވެރި ސައިޓުތަކަށް ބާރުދޭ މީހުން ދަންނާށެވެ. އެބައިމީހުން އެވަނީ އެފަދަ މީހުންގެ ޢަދަދު ގިނަކޮށްދީ އެބައިމީހުންގެ ތެރެއިންވެފައެވެ.

ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. އުންމީދާއެކު އެއިލާހުގެ ޙަޟްރަތުން އެދޭށެވެ. އަދި އެއިލާހަށް ކިޔަމަންތެރިވާށެވެ. އަދި އެއިލާހަށް ނުއުރެދޭށެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ﴾ [التوبة: 119] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!”

މުސްލިމުންނޭވެ! ފާޅުގައި މުންކަރާތްތަކަށް އަރައި ނުގަންނާށެވެ. އަދި ﷲ ޙުރުމަތްކުރައްވާފައި ކަންކަމުގެ ޙުރުމަތް ނުކަނޑާށެވެ. އަދި ކަންކަމުގައި ފަރުވާކުޑަކުރުމަށް ފަތުވާދޭ މީހުންގެ ފަތުވާއިން ކެހިވެރި ނުވާށެވެ. އަދި ޔަޤީންކަމެއް ނެތި ނުވަތަ ކަމަށް އެކަށީގެން ނުވާ މީހުންދޭ ފަތުވާތަކުންވެސްމެއެވެ. އަދި ލުއިފަސޭހަކަމުގެ ދަޢުވާގައި ފުރެދިގެން ނުދާށެވެ.

އޭ އިސްލާމްކަމުގެ އަހުލުވެރިންނޭވެ! ﷲ އަށް ތަޤުވާވެރިވާށެވެ. ނިޢުމަތާއި ފަސޭހަކަމުގެ ޙާލަތުގައި ބަދަލު ނުވާށެވެ. ފާފަކުރާމީހުންނަށް ނުބައިކަމުގައި އެހީތެރި ނުވާށެވެ.

ނޯޓް: މިއީ 22 ޝައްވާލު 1439 ވީ ހުކުރު ދުވަހު މަސްޖިދުއްނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ހިޔާލު