Agenda 19 fandiyaaruge aa dhimaalah!
image
އެމްޑީޕީން މަޖިލިސް ކެމްޕޭނު ނިންމާލުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން: ފޮޓޯ ވަން އޮންލައިން
5 ކޮމެންޓް
 

އެޖެންޑާ ނަވާރަ ފަނޑިޔާރުގެއާ ދިމާލަށް!

އެމްޑީޕީން 19 ވަނަ މަޖިލީސް ކާމިޔާބު ކުރުމަށް ނެރުނު ފޯމިއުލާ އަކީ "އެެޖެންޑާ 19" އެވެ.
ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާއެކު މަޖިލީހުގެ "ސުޕަ މެޖޯރިޓީ" އާއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާރު އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައެވެ. ތާރީހީ ރެކޯޑަކާއެކު ރައީސް ނަޝީދު ގޮނޑިއަށް ވަޑައިގަތީ ބައެއް ބޭފުޅުންނަށް "ސާކަސް" އެއް ދެއްކެވުމަށްފަހުއެވެ.

މަޖިލީހުގެ ރައީސްކަމަށް ނަޝީދު ވަޑައިގަތުމާއެކު ބައެއް މީހުން އެންމެ އުއްމީދު ކޮށްގެން ތިބީވެސް އެމަނިކުފާނު ޖުޑީޝަރީ "އިސްލާހު" ކުރަން މަސައްކަތް ފައްޓަވާނެ ދުވަހަކަށެވެ.

ރައީސް ނަޝީދަށް މަޖިލީހުގެ ރައީސްކަން ލިބި ވަޑައިގަތުމުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެފައިވަނީ "ޖުޑީޝަރީ އިސްލާހު ކުރުން ރަނުން ރަނަށް، އަކުރުން އަކުރަށް" ކަމަށެވެ. އަދި ރައިސް ނަޝީދަށް "ގުޑްލަކް" ކަމަށެވެ.
"ފަނޑިޔާރުން ލަދު ގަންނުވާނުލަނީސް އިސްލާހެއް ނުވާނެ" ކަމަށް ރައީސް ނަޝީދު ވަނީ މަޖިލިސް ކެމްޕޭނުގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އިމްތިޔާޒު ފަހުމީގެ ކެމްޕޭނު ރަސްމީކޮށް ފައްޓަވައިދެއްވަމުން ވިދާޅުވެފައެވެ.

"އެއްވެސް ބޭފުޅެއް މިކަމަށް ޖެހިލުންވެ ވަޑައިގެންފިނަމަ އަޅުގަނޑުމެން އެންމެން ހަލާކު ވާނެ. އެންމެން އެކުގައި ތިބެ މިކަމަށް ކުރިމަތި ލައިގެން މިކަން އިސްލާހު ކުރިއްޔާ ނޫނިއްޔާ އަޅުގަނޑުމެންގެ ފަނޑިޔާރުގެތަކެއް އިސްލާހެއް ނުވާނެ،" ކަމަށް ރައީސް ނަޝީދު ވަނީ އެރޭ ވިދާޅުވެފައެވެ.

މަޖިލީހުގެ ރިޔާސަތަށް އަރާވަޑައިގެން އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުގައިވެސް ރައީސް ނަޝީދު ވަނީ ފަނޑިޔާރުންގެ ކަންކަން ބަލަހައްޓަން އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަޖިލީހުގެ ފަރާތުން އެޕޮއިންޓު ކުރަންޖެހޭ މެމްބަރުންގެ ކަންކަން އަނެއް ދުވަހަށް އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖެހިގެން އައި ދުވަހަށް އެ މަސައްކަތް އެޖެންޑާ ކުރެއްވިއިރު، ރައީސް ނަޝީދު ވަނީ މަޖިލިސް ރައީސްކަމާ ހަވާލުވެ ވަޑައިގަތްތާ 24 ގަޑިއިރުވެސް ނުވަނީސް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށްވުމަށް ފުރަންޖެހިވަޑައިގަންނަވާ ހުރިހާ އިޖުރާއަތުތައް ހަމަކޮށް މެމްބަރަކަށް ވެ ވަޑައިގަންނަވާފައެވެ.
އަދި މަޖިލީހުގެ ދެވަނަ ޖަލްސާގައި ވަނީ އެމްޑީޕީގެ މެމްބަރެއް ޖޭއެސްސީއަށް އައްޔަނުކޮށްފައެވެ. އެއީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން އެވެ.

"ޖުޑީޝަރީ އިސްލާހުކުރުމަށް" އެމްޑީޕީން ކުޅިބައި އަތުރަމުން އަންނައިރު، ޖުޑީޝަރީގެ ބޮޑެތި ބާރުތަކުން އެމްޑީޕީން ހަދާނެ އެއްޗެއް ހަަދަން ބަލަން އޮވެދާނެކަމާމެދު ސުވާލު އުފެދެއެވެ. ސަބަބަކީ މިވީތަނަށް ޖުޑީޝަރީގެ ފުލް ކޮންޓްރޯލް ނަގާފައި އޮތީ ސުޕްރީމް ކޯޓުންނެވެ. އަދި އެ ކޯޓުގެ އިސް ނެގުމުގެ މަތިން މަޖިލިސް އިންތިހާބުގެ ކުރިން ވަނީ "މަގު ޗާޓެއް" އެކުލަވާލައި އެ މަގުޗާޓުން ޖުޑީޝަރީ އިސްލާހު ކުރުމަށް ފޫގަޅާފައެވެ.
ނަމަވެސް "މަގު ޗާޓުގައި" ހުރި ބައެއް ކަންކަމަކީ އިސްލާހުވުމަށްވުރެ ބޮޑަށް "ވަކަރުގެއަށް މަގުފަހިވާ" ޒާތުގެ ކަންކަމެވެ. އެގޮތުން މާލީ މިނިވަން ކަމެއް ޖުޑިޝަރީއަށް ގެނައުމަށް އަމިއްލައަށް ބަޖެޓް ކަނޑައަޅޭ ގޮތަށް މަގުޗާޓުގައި އޮތުމުން އެއީ އިސްލާހުވާން ހެދި މަގުޗާޓެއްތޯ ސުލާލެއް ނުއުފެދޭހެއްޔެވެ؟

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައިވަނީ މަގުޗާޓުގެ އެއް ބޭނުމަކީ "އޭރަކު ބާރު އޮންނަ ފަރާތްތަކުން އެދޭ ގޮތް ގޮތަށް ފަނޑިޔާރުގެ ބަދަލުކޮށް، ފަނޑިޔާރުންގެ ކަންކަމަށް ނުފޫޒު ފޯރުވައި ނުހެދޭނޭކަން ކަށަވަރު ކޮށްދިނުން،" ކަމަށެވެ.

މަޖިލިސް އިންތިހާބަށް ނެރުނު އެޖެންޑާ19 ގައި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ނެގުމަށް ވަނީ ހުށަހަޅާފައެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހުކޮށް، ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލައި، ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރަން ވަނީ ހުށަހަޅާފައެވެ. މިހެންކަމުން ސުޕްރީމް ކޯޓުގެ މަގުޗާޓާ އެޖެންޑާ 19 އާ ފުށޫއަރާ އެތައް ކަމެއް އެބަހުއްޓެވެ.

މީހަކު ސޯޝަލް މީޑިއާގައި ފާޅުކޮށްލާ ހިޔާލަކުން، މީޑިއާގައި ދައްކާ ވާހަކައަކުން ވެސް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާ ހިސާބަށް ކަންކަން ގެންގޮސްފައި އެބައޮތެވެ. މިގޮތުން މެމްބަރު އިމްތިއާޒް ފަހުމީއާއި، މެމްބަރު މޫސާ ސިރާޖާއި، މެމްބަރު އަލީ ހުސޭން އާއި ލޯޔަރު ހުސްނުއް ސުއޫދު ފަދަ ބޭފުޅުން އެ ކޯޓަށް ގެންގޮސް ބަޔާން ނަގައި "ގާނޫނީ ގޮތުން ފުރައްސާރަކޮށްފައި" އެބަހުއްޓެވެ.

ސޯޝަލް މީޑިއާގައި ދައްކާ ވާހައެއް މީޑިއާގައި ރިޕޯޓު ކުރިކަމަށްޓަކައި ހުދު ސީއެންއެމްގެ މައްސަލަ ވެސް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް، ޕޮލިސް އަދި މީޑިއާ ކައުންސިލްއަށްވެސް ސުޕްރީމް ކޯޓުގެ ސީދާ ބާރުގެ ދަށުން ހިންގާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާފައިވެއެެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އާއި ވެރިކަން ހިންގުމުގެ ބާރާއެކު، އެމްޑީޕީއަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ބޮޑު ފަޅި ކާމިޔާބު ކުރެވިދާނެއެވެ. ސަބަބަކީ އެ ކޮމިޝަނުގެ 10 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންނަކީ ސީދާ މަޖިލީހުގެ ރުހުން ލިބިގެން އައްޔަނު ކުރެވޭ ހަތަރު މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސް، އާންމުންގެ ތެރެއިން އެ ކޮމިޝަނަށް މަޖިލިހުން ކަނޑައަޅާ މެމްބަރު، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އަދި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ހޮވުމުގައި މަޖިލީހުގެ ސީދާ ރުހުން ބޭނުންވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރާއި އެޓާނީ ޖެނެރަލް ހިމަނުއްވައިގެން އެމްޑީޕީއަށް ވަފާތެރި ހަ ގޮނޑި ޖޭއެސްސީގެ ތެރެއިން ކަށަވަރުކުރެވޭނެއެވެ.

މަންޒަރު ބަލަން ތިބޭ ބަޔަކަށް އަދި އެތައް ބައިވަރު "ސާކަސް" އާއި ކާނިވާތައް ކުރިއަށް އޮތީއެވެ. ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކުރާއިރު އެ ކޯޓުން ކުޅިބަލަން އޮވެދާނެކަމާމެދު ޝައްކެވެ.
ހިޔާލު

ފަރީދާ

ހުޅަނގުން ވައިޖެހޭއިރު ކުރާޙުކުމް އިރުވައިވީމަ ހަމައެފަނޑިޔާރުން އެތިބަ ބަދަލުކުރަނީ! މީތޯއިސްލާހަކީ؟

ޙާމިދުމޫސަ

ސުޕަރސްޕްރީމްކޯޓުކިޔަސް އެއީ ރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުގައިވާ ތަނެކެވެ. ޤާނޫނުވެސް ޤާނޫނުއަސާސީވެސް ހަދަނީ ރައްޔިތުންގެ މަންދޫބުން މަޖިލިހުގެ ތެރެއިންނެވެ. އެހެންކަމުން ޤާނޫނަށްވުރެ ކުރިޔަކަށް ސްޕްރީމްކޯޓަކަށް ދުވަހަކުވެސް ނޭރޭނެއެވެ. އިސްލާހިއްޔާއަށް ކުދިންވައްދަން އުޅުނީމަ ނޫނެކޭ ތިމަންނަމެން އަމިއްލަ އެޖެންޑާއަކުން ތިމަންނަމެން އިސްލާހުވާނަމޭ ބުނުން އެއީޖޯކެއް. އެހެނެއް އެކަމެއްނުވާނެ.

މުހަންމާ

ޖުޑިޝަރީގެ ހާލަތު މިއަދުވެސް ވަރަށް ރަނގަޅަށް އެނގޭ. މީގެ ދެތިން ދުވަހާ ހަމައަށް 33 އަހަރު ޖަލު ހުކުމެއް އައިސްވާ ފަރާތެއް މިއަދު އެމިނިވަންވީ ހަމަ އޭރުވެސް ތިބި ފަނޑިޔާރުން ހުކުމްކޮށްގެން. ހާއްސަކޮށް ސްޕްރީމް ކޯޓުގައި ތިބި ފަސްމާވަގުން ބޭރުކޮށްގެން ނޫނީ ކުރިޔަކަށް ނުދާނޭ. އެ ފަސްމާވަގުން ހަތްފެނުލާ ދޮންކުރިޔަސް ބަދަލެއް ނުވާނެ. އަވަހަށް ބޭރުކުރޭ.

ސިކުނޑި

ކުޅިބަލަން ތިބުން ނޫން ގޮތެއް ނޯންނާނެ!! ސުޕްރީމް ކޯޓުން ކުރާ އަމުރަށް ތަބާނުވުމުގެ ހިއްވަރު ސަލާމަތީ ބާރުތަކަށް ލިބުނީ މިހާރު އެތިބަ 3 ފަނޑިޔާރުން ސްޓޭންޑް ބަދަލު ކުރުމުން!! ޖުޑިޝަރީގައި ތިބޭ ބަޔަކު އެއިރަކު އޮންނަ ސަރުކާރެއް ބޭނުންވާ ގޮތަށް ހުކުމް ކުރުމަކީވެސް އިސްލާހު ވުމެއް ނޫނެވެ!

އާމު އާދުމީ

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ބަދަލުކުރަންޖެހޭނެ ރައީސް ނަސީދު. އެކަން ނުކުރެވެންޏާ މަނިކުފާނުވެސް ޖެހޭނީ އިސްތިޔުފާދޭން. ހަމައެކަނި އުންމީދަކީ ރައީސް ނަސީދު.