Muslimaku einaage akhunge machchah adhaakohdheynjehey haqquthah
image
ދުޢާ ކުރަނީ--
0 ކޮމެންޓް
 

މުސްލިމަކު އޭނާގެ އަޚުންގެ މައްޗަށް އަދާކުރަން ޖެހޭ ޙައްޤުތައް

މީހާ މަޝްޣޫލު ކުރުވާފަދަ ކަންކަމާއި މާއްދިއްޔަތަށް ގެންދާފަދަ ކަންކަމުގެ ސަބަބުން، މުސްލިމުންވަނީ ބައެއް ޙައްޤުތައް އަދާކުރަމާއި އިޖުތިމާޢީ ގުޅުންތައް ބިނާކުރުމުން ޣާފިލުވެފައެވެ. އެއީ އެކަން ހަނދުމަ ނެތިގެން ނުވަތަ ހަނދުމަ ނައްތާލައިގެންނެވެ.
އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުމަށް އިސްލާމްދީން ބާރުއަޅާފައިވެއެވެ. އަދި އެކަމުގައި އިސްނަގާ ފަރާތްތަކަށް އަޖުރު ކަނޑައަޅުއްވާފައިވެއެވެ. އެއީ ހިތްތައް އެކުވެރިކުރުމަށެވެ. އަދި ގުޅުންތައް ސާބިތުކޮށް، ޙާޖަތްތައް ފުއްދުމަށެވެ. އަދި މުޖުތަމަޢުގެ އަފުރާދުންގެ ކިބައިގައި ރިވެތި އަޚްލާޤު އަށަގެންނެވުމަށާއި ހެޔޮ ޢަމަލުތައްކުރުމަށް ބާރުއެޅުމަށެވެ. އަދި މީޒާން ބަރުވެ ދަރަޖަތައް އުފުލުމަށެވެ.

ޙައްޤުތައް އަދާކުރުމުން ގުޅުންތައް ވަރުގަދަވެއެވެ. އަދި މުޖުތަމަޢުގައި އެހީތެރިކަން ފޯރުކޮށްދިނުން އިތުރުވެއެވެ. އަދި މުޖުތަމަޢުގެ ބިނާތައް އެއްބައިވަންތަވެއެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ»

قِيلَ: مَا هُنَّ يَا رَسُولَ اللهِ؟، قَالَ: «إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ، وَإِذَا دَعَاكَ فَأَجِبْهُ، وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ، وَإِذَا عَطَسَ فَحَمِدَ اللهَ فَسَمِّتْهُ، وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ» [رواه مسلم / كتاب: السلام / باب: من حق المسلم للمسلم رد السلام / رقم: 5 – (2162)]

މާނައީ: “އެއް މުސްލިމެއް އަނެއް މުސްލިމަކަށްޓަކައި ހަ ޙައްޤެއްވެއެވެ.”

އެކަލޭގެފާނަށް ދެންނެވުނެވެ. އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭނާއާ ބައްދަލުވެއްޖެނަމަ ފަހެ، އޭނައަށް ސަލާމްގޮވާށެވެ. އަދި ދަޢުވަތު ދީފިނަމަ ފަހެ، އޭނާއަށް އިޖާބަދޭށެވެ. އަދި ނަސޭހަތަކަށް އެދެފިނަމަ ފަހެ، އޭނާއަށް ނަސޭހަތްތެރިވާށެވެ. އަދި ކިނބިހިއެޅުމުން އޭނާ الْحَمْدُ لِلَّهِ ކިޔައިފިނަމަ، ފަހެ، يَرْحَمُكَ اللَّهُ ކިޔައި އޭނައަށްޓަކައި ދުޢާކޮށްދޭށެވެ. އަދި އޭނާ ބަލިވެއްޖެނަމަ ފަހެ، އޭނާއަށް ޒިޔާރަތްކުރާށެވެ. އަދި މަރުވުމުން ފަހެ، އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ.”

މިއީ މީސްތަކުންގެ މެދުގައިވާ ގާތްކަމާއި ލޯތްބަށް އުދަރެސްތައް ހުޅުވާލަދޭ މަތިވެރި ޙަދީޘެކެވެ. އަދި ޙަޔާތުގެ ރޫޙު އާލާކޮށްދެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَأَلَّفَ بَيْنَ قُلُوبِهِمْ لَوْ أَنْفَقْتَ مَا فِي الْأَرْضِ جَمِيعًا مَا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَكِنَّ اللَّهَ أَلَّفَ بَيْنَهُمْ﴾ [الأنفال: 63] މާނައީ: “އަދި އެއިލާހު އެބައިމީހުންގެ ހިތްތައް (އެބަހީ: މުއުމިނުންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެބައިމީހުންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު ﷲ، އެބައިމީހުން އެކުވެރި ކުރެއްވިއެވެ.”

މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭން ޖެހޭ ފުރަތަމަ ޙައްޤަކީ ލޯތްބާއި އޯގާތެރިކަމުގެ ކަލިމައެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ތަޙިއްޔަތަކީ ސަލާމެވެ.

ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ» [رواه مسلم / كتاب: الإيمان / باب: بيان أنه لا يدخل الجنة إلا المؤمنون / رقم: 93 – (54)] މާނައީ: “ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުށްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމަށްދާންދެން ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއް ކުރުމުން ތިޔަބައިމީހުންގެ މެދުގައި ލޯބިއުފެދޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެއްވަމުތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ.”

ސަލާމަކީ ހިތްތަކުގައިވާ ލޮބުވެތިކަމުގެ ތަޅުދަނޑިއެވެ. އަދި އެއީ ކޮންމެ ދޮރަކަށްވާ އިޛުނައިގެ ތަޅުދަނޑިއެވެ. އަދި ބަރަކާތާއި އިތުރުވުމުން ޙަޔާތަށް ކާނާ ލިއްބައިދެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَى أَنْفُسِكُمْ تَحِيَّةً مِنْ عِنْدِ اللَّهِ مُبَارَكَةً طَيِّبَةً﴾ [النور: 61] މާނައީ: “ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުންވާ ބަރަކާތްތެރި، ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ސަލާމްކުރާށެވެ!”

ސަލާމަކީ އަމާންކަމުގެ ގޮވާލުމެކެވެ. އަދި އަމާންކަމުގެ އަހުލުވެރިންގެ ޢަލާމާތެކެވެ. އޭގެ މާނަ އެނގިއްޖެމީހާ އެއަށް ޤަދަރުކުރެއެވެ. އަދި އޭގެ ޙަޤީޤަތާއި މަތިވެރިކަން އެނގިއްޖެމީހާ އޭނާގެ ނަފްސު ޠާހިރުކޮށް، އޭނާގެ ސުލޫކު ރަނގަޅުކުރެއެވެ. އަދި ދީނީގޮތުންނާއި ދުނިޔަވީގޮތުން އޭނާގެ މުޖުތަމަޢު ކުރިއަރައި ދެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَى صِرَاطٍ مُسْتَقِيمٍ﴾ [المائدة: 16] މާނައީ: “ﷲ، އެއިލާހު ރުއްސަވާ މަގަށް ތަބާވީ މީހަކަށް ސަލާމަތުގެ މަގަށް އެފޮތުން މަގު ދައްކަވަތެވެ. އަދި އެއިލާހުގެ އިޛުނަފުޅުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް އެބައިމީހުން ނެރުއްވައެވެ. އަދި ސީދާވެގެންވާ ތެދުމަގަކަށް އެބައިމީހުންނަށް މަގުދައްކަވައެވެ.”

މުސްލިމަކު އޭނާގެ މުސްލިމު އަޚާއަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކުގެ ތެރޭގައި، އޭނާގެ ދަޢުވަތަށް އިޖާބަދީ، އޭނާގެ ވަލީމާއަށް ޙާޟިރުވެ، އޭނާގެ ހިތްހަމަޖައްސައިދީ، އޭނާގެ އުފަލުގައި ބައިވެރިވުން ހިމެނެއެވެ. އެކަކު އަނެކަކަށް ދަޢުވަތު ދިނުމުން ގާތްކަމާއި އެއްބައިވަންތަކަން އުފެދެއެވެ. އަދި އެކަމުގެ ސަބަބުން އެކަކު އަނެކަކަށް ޒިޔާރަތްކުރެވެއެވެ. އަދި ބައްދަލުވެއެވެ. އަދި އޭގެ ހިޔަލުގައި މައްސަލަތައް ހައްލުވެއެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «إِذَا دُعِيَ أَحَدُكُمْ إِلَى طَعَامٍ، فَلْيُجِبْ، فَإِنْ شَاءَ طَعِمَ، وَإِنْ شَاءَ تَرَكَ» [رواه مسلم / كتاب: النكاح / باب: الأمر بإجابة الداعي إلى دعوة / رقم: 105 – (1430)] މާނައީ: “ކެއުމަކަށް ދަޢުވަތު ދެވިއްޖެނަމަ، ފަހެ، އިޖާބަދޭށެވެ. ދެން އެމީހަކު ބޭނުންނަމަ ކާށެވެ. ކާން ބޭނުން ނުވާނަމަ ނުކާށެވެ.”

ކައިވެނީގެ ވަލީމާގެ ބޮޑުމިނާއި، އެކަމުގައި ކުރާ ހޭދަ އަދި އުފުލަންޖެހޭ ބުރައަކުން ވަލީމާގެ ޤަދަރު މިން ނުކުރެވޭނެއެވެ. އެހެނެއްކަމަކު އޭގެ މަޤްޞަދަކީ މުސްލިމުންގެ މެދުގައި އަޚްވަންތަކަމާއި ގުޅުން އުފެއްދުމެވެ. ވަލީމާގައި އިސްރާފުކުރުމާމެދު ދަންނައެވެ. ފަހެ، އެއީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ޝަރީޢަތާ ޚިލާފުކަމެކެވެ. އަދި ބަރަކާތް ކެނޑޭ ކަމެކެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ [الأعراف: 31] މާނައީ: “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުންދެކެ އެއިލާހު ލޯބިވެ ވޮޑިގެނެއް ނުވެއެވެ.”

މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭން ޙައްޤުތަކުގެ ތެރެއިން ތިންވަނަ ކަމަކީ އޯގާތެރިކަމާއެކު އޭނާގެ އަޚާއަށް ނަސޭހަތް ދިނުމެވެ. ފަހެ، ނަސޭހަތް ދިނުމަކީ އޭނާގެ މުސްލިމު އަޚާދެކެ ލޯބިވާކަން އަންގައިދޭ ކަމެކެވެ. އޭނާގެ އަޚާދެކެ ލޯބިވާތީ، އެއަޚާއަށް ހުރިހާ ކަމެއްގައިމެ، ހެޔޮގޮތް ވުމަށް އެދެއެވެ. އަދި އޭނާގެ އަޚާއަށް ދެރައެއް ލިބިދާނެކަމަށްޓަކައި ބިރުގަނެއެވެ.

ނަސޭހަތްދޭ މީހާއަކީ ދީނުގައި ވަރަށް މަތިވެރި މަޤާމެއް ލިބިގެންވާ މީހެކެވެ.

ހަތަރުވަނަ ޙައްޤަކީ ކިނބިހިއަޅާފައި އޭނާ ޙަމްދުކުރުމުން، އޭނައަށް ރަޙްމަތްލެއްވުން އެދި ދުޢާކޮށްދިނުމެވެ. އަދި އޭނާއަށް ރަޙްމަތް އިތުރުކޮށް ދެއްވުން އެދުމެވެ.

މުސްލިމަކު އޭނާގެ މުސްލިމު އަޚާއަށް އަދާކޮށްދޭން ޖެހޭ އަނެއް ޙައްޤަކީ އޭނާ ބަލިވުމުން އޭނާއަށް ޒިޔާރަތްކުރުމެވެ. ބަލީގެ ސަބަބުން ވޭން ތަހައްމަލު ކުރަން ޖެހެއެވެ. އަދި އެކަން ހަފްތާތަކަކަށް ނުވަތަ މަސްތަކަކަށް ދިގުދެމިގެން ގޮސްދާނެއެވެ. އޭނާއަށް ލޮލުފިޔަޖަހައި ނުލެވެއެވެ. އަދި އަރާމެއް ނުލިބެއެވެ. އޭނާގެ ހަށިގަނޑުގައި ވޭންއަޅައެވެ. އޭނާވަނީ އެޙާލުގައި މާޔޫސްވެފައެވެ. އަދި އޭނާގެ ބަލި ފަސޭހަކޮށްދެއްވާ، އޭނާގެ ދަރަޖަ އުފުއްލަވައިދެއްވުން އެދި ﷲ ގެ ޙަޟްރަތަށް ދުޢާކޮށް ދިނުން އެދިއެދިއެވެ. އޭނައަށް ޒިޔާރަތްކޮށް، ވާހަކަ ދައްކާލުމުން އޭނާގެ ހިތާމަތައް ފިލައިދެއެވެ. އަދި އޯގާތެރިކަމާއެކު ފިރުމާލުމުން އަޚްވަންތަކަމާއި ގާތްކަން އިޙްސާސްކުރެވެއެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «مَنْ عَادَ مَرِيضًا، لَمْ يَحْضُرْ أَجَلُهُ فَقَالَ عِنْدَهُ سَبْعَ مِرَارٍ: أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ، إِلَّا عَافَاهُ» [رواه أبو داود / كتاب: الجنائز / باب: الدعاء للمريض عند العيادة / رقم: 3106 ، وصححه الألباني في صحيح وضعيف سنن أبي داود] މާނައީ: “މަރަށް އަދި ޙާޟިރުނުވާ ބަލިމީހަކަށް ޒިޔާރަތްކޮށް أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ. (މާނައީ: “މަތިވެރި ޢަރުޝުގެވެރި އަރަހުށި މާތް الله ގެ ޙަޟްރަތުން ތިބާއަށް ޝިފާދެއްވުމަށް އެދިދަންނަވަމެވެ.”) މިފަދައިން ހަތްފަހަރު އޭނާއަށް ދުޢާކޮށްދީފިނަމަ ދަންނައެވެ. އޭނާއަށް ޢާފިޔަތު ލިބޭނެއެވެ.”

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «مَا مِنِ امْرِئٍ مُسْلِمٍ يَعُودُ مُسْلِمًا إِلَّا ابْتَعَثَ اللَّهُ سَبْعِينَ أَلْفَ مَلَكٍ يُصَلُّونَ عَلَيْهِ فِي أَيِّ سَاعَاتِ النَّهَارِ كَانَ حَتَّى يُمْسِيَ وَأَيِّ سَاعَاتِ اللَّيْلِ كَانَ حَتَّى يُصْبِحَ» [رواه ابن حبان / كتاب: الجنائز وما يتعلق بها مقدما أو مؤخرا / باب: المريض وما يتعلق به / رقم: 2958 ، وصححه الألباني في صحيح الجامع الصغير (5687)] މާނައީ: “އެއްވެސް މުސްލިމަކު އަނެއް މުސްލިމަކު ބަލިވެގެން ޒިޔާރަތްކުރުމަށްޓަކައި ހެނދުނު ހިނގައްޖެނަމަ ހަވީރު ވަންދެން އަދި ރޭގަނޑު ހިނގައްޖެނަމަ ހެނދުނު ވަންދެން، އޭނާގެ މައްޗަށް ދުޢާކޮށްދޭން ހަތްދިހަ ހާސް މަލާއިކަތުން ﷲ ފޮނުއްވައެވެ.”

އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކާއި، އޭގެ މަޤްޞަދުތަކާމެދު ވިސްނާ ބެލުމުން އެނގި ޔަޤީންވެގެންދަނީ، މުސްލިމު އަޚާގެ ޙަޔާތުގައްޔާ އަދި މަރުވުމަށްފަހުގައިވެސް އޭނާއަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް ދެމިގެންދާކަމެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «مَنِ اتَّبَعَ جَنَازَةَ مُسْلِمٍ، إِيمَانًا وَاحْتِسَابًا، وَكَانَ مَعَهُ حَتَّى يُصَلَّى عَلَيْهَا وَيَفْرُغَ مِنْ دَفْنِهَا، فَإِنَّهُ يَرْجِعُ مِنَ الأَجْرِ بِقِيرَاطَيْنِ، كُلُّ قِيرَاطٍ مِثْلُ أُحُدٍ» [رواه البخاري / كتاب: الإيمان / باب: خوف المؤمن من أن يحبط عمله وهو لا يشعر / رقم: 47] މާނައީ: “މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވެ، އެކަމުން ލިބޭ ޘަވާބަށް އީމާންވެ އަދި އެކަމަށް އެދިގެން، އޭނާގެ މައްޗަށް ކަށުނަމާދުކޮށް ވަޅުލާ ނިމެންދެން އެކަމުގައިވާ މީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން އޭނާ އެނބުރި އެއަންނަނީ ދެ ޤީރާޠުގެ އަޖުރާއިގެންނެވެ. ކޮންމެ ޤީރާޠެއް އުޙުދު ފަރުބަދައާ އެއްވަރެވެ.”

ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އަދި ނަބިއްޔާ އަށް އިޤްތިދާވުމުގެ ގޮތުން މިފަދަ ޙައްޤުތައް އަދާކުރާ މުޖުމަތަޢުތަކާމެދު ދަންނައެވެ. އެފަދަ މުޖުތަމަޢެއްގެ ބިނާ ވަރުގަދަވާނެއެވެ. އަދި އެބައިމީހުންނަށް ކެހިދީ، އެބައިމީހުންގެ ބިނާ ފޫވައްޓާލަން އުޅޭ މީހަކަށް އެކަމެއް ނުވާނެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ﴾ [الحشر: 10] މާނައީ: “އަދި އެބޭކަލުންގެ ފަހުން އައި މީހުން (ހެޔޮގޮތުގައި ޞަޙާބީންނަށް ތަބާވިމީހުން) ދަންނަވައެވެ. އަޅަމެންގެ ވެރިރައްބެވެ! އަޅަމެންނަށާއި އަދި އީމާންކަމުގައި އަޅަމެންނަށްވުރެ އިސްވި އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީސްތަކުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރައްބެވެ! ހަމަކަށަވަރުން އިބައިލާހީ ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހެވެ.”

އަދި ތިބާގެ މުސްލިމު އަޚާއަށްޓަކައި ގިނަގިނައިން ހެޔޮދުޢާ ކޮށްދޭށެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «دَعْوَةُ الْمَرْءِ الْمُسْلِمِ لِأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّمَا دَعَا لِأَخِيهِ بِخَيْرٍ، قَالَ الْمَلَكُ الْمُوَكَّلُ بِهِ: آمِينَ وَلَكَ بِمِثْلٍ» [رواه مسلم / كتاب: الذكر والدعاء والتوبة والاستغفار / باب: فضل الدعاء للمسلمين بظهر الغيب / رقم: 88 – (2733)] މާނައީ: “މުސްލިމަކު އޭނާގެ އަޚާގެ މައްޗަށް، އޭނާ ނެތް ތަނުގައި ކުރާ ދުޢާ އިޖާބަވެގެންވެއެވެ. އެމީހެއްގެ ބޯ ކައިރީގައި އޭނާއާ ހަވާލުކުރައްވާފައިވާ މަލާއިކަތެއްވެއެވެ. އެމީހެއްގެ އަޚާއަށް ހެޔޮ ކަމަކަށް ދުޢާ ކުރާ ކޮންމެ ފަހަރަކު އޭނާއާ ހަވާލުކުރައްވާފައިވާ މަލާއިކަތާ ދަންނަވައެވެ. އާމީންއެވެ. އަދި ތިބާއަށްވެސް އެފަދައިން ދެއްވާށެވެ.”

ނޯޓް: މިއީ 22 ރަބީޢުލް އައްވަލް 1440 ވީ ހުކުރު ދުވަހު މަސްޖިދުއްނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ހިޔާލު