November 30 inn feshigen inzaaruge photo nujahaa cigarette vikkun manaa!
image
0 ކޮމެންޓް
 

ނޮވެމްބަރު 30 އިން ފެށިގެން ސިިނގިރެޓް ވިއްކޭނީ ފޮށީގައި އިންޒާރުގެ ފޮޓޯ ޖަހައިގެން

އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެ ކުރާ ދުންފަތުގެ ބާވަތްތަކުގައި ފޮޓޯ ޖަހާ، ސިއްހަތު އިންޒާރު ދީގެން މެނުވީ ނުވިއްކޭ ގޮތަށް ހަދައިފި އެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި މެއި 31 ފާހަގަކުރަމުން އަންނައިރު މާދަމާއަކީ ދުންފަތުގެ އިސްތިއުމާލާ ދެކޮޅަށް ރާއްޖެއިން ވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ދުވަހެކެވެ. އެގޮތުން ވަކިން ސިނގިރޭޓު ނުވިއްކޭ ގޮތަށް ގަވާއިދު އެކުލަވާލާފައިވުމާއެކު މިރޭ 00:00 އަށް ފަހު އެ ގަވައިދަށް އަމަލުކުރަން ފެށޭނެއެވެ.

ދުންފަތުގެ އާ ގަވާއިދާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ދުންފަތާއި ދުރުކުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއަކީ ވަކިން ސިނގިރޭޓް ނުވިއްކޭނެހެން ގަވައިދު އެކުލަވާލުމެވެ.

ދުންފަތާއި އާންމުން ދުރުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އާންމު ކުރި ގަވައިދަށް އަމަލުކުރުމަކީ ފަރުދީ ގޮތުން ކޮންމެ މީހަކު ވެސް ކުރަން ޖެހޭ ކަމަށެވެ.

"ހާއްސަ ގޮތެއްގައި ވަކިވަކި ސިނގިރޭޓް ވިއްކުން މަނާވުމާއެކީގައި ވިޔަފާރި ކުރައްވާ މީހުންނާއި އަދި ސިނގިރޭޓް ވިއްކުމުގައި މިހާތަނަށް ބައިވެރިވެވަޑައިގަންވާ އެންމެން ގަވައިދަށް އަމަލުކުރުމަކީ އެބޭފުޅުންގެ ޒިންމާއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ބޯޑުން އެކުލަވައިލި، ގަވައިދުގައި ބުނެފައިވާ ގޮތުން ވަކިން ސިނގިރޭޓް ވިއްކުން މަނާވުމުގެ އިތުރުން 31 މެއިގެ ފަހުން ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް ވިއްކޭނީ ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަންގައި ދުންފަތުން ލިބޭ ގެއްލުންތަކުގެ ހަގީގަތް ހާމަވާ މަންޒަރު ނުވަތަ ފޮޓޯ ހިމަނައިގެންނެވެ. އަދި އެ ފޮޓޯ ނުވަތަ މަންޒަރާއި އެކު އިންޒާރުގެ ނޯޓިސް ވެސް ލިޔަން ޖެހެއެވެ. އެގޮތުން އެ ލިޔުން އޮންނަން ވާނީ އެ ޕެކެޓެއް ނުވަތަ ކާޓޫނެއްގައި އިންޒާރުގެ ނޯޓިސް ޖެހުމަށް ކަނޑައަޅާފައިވާ ކޮންމެ ބައެއްގެ ޖުލްމަ ބޮޑު މިނުގެ (ސާފަސް އޭރިޔާގެ) 90 އިންސައްތައަށް ވުރެ ކުޑަނުވާ މިންވަރަކަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު ހަސަން ވިދާޅުވީ 31 ޖުލައި އިން ފެށިގެން އަލަށް ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ދުންފަތުގެ ބާވަތްތައް ޕެކެޓުކުރާއިރު ބޭރުގައި ސިއްހަތުގެ އިންޒާރު ފޮޓޯއާއެކު ހުންނަން ޖެހޭ ކަމަށެވެ. އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ގަވައިދުގައި ލާޒިމުކުރާ ސިއްހަތުގެ އިންޒާރު ނެތި ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ވިއްކުން މަނާ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ ގަވާއިދުގައިވާ ގޮތުން އިންޒާރުގެ ނޯޓިސް ހަމައެކަނި ދިވެހިބަހުން ލޭބަލް ކުރުމުން ފުދެއެވެ. އެއާއިއެކު ފޮޓޯ ނުވަތަ މަންޒަރު ހިމެނުން ލާޒިމެއް ނުކުރެއެވެ. އެކަމަކު އެގޮތަށް މިހާރު ރާއްޖެއަށް އެތެރެކޮށްފައި ހުރި ދުންފަތުގެ ބާވަތްތައް ވެސް އަންނަ ނޮވެމްބަރު މަހުގެ 30 އަށް ފަހު ވިއްކުން މަނާވާނެ ކަމަށް މުހައްމަދުގެ ވާހަކާގައި ފާހަގަކުރެއެވެ.

މާދަމާ ތަންފީޒުކުރަން ފަށާ ގަވައިދަކީ ދުންފަތް ކޮންޓްރޯލުކުރުމަށް ވަރަށް މުހިއްމު ގަވައިދެއްކަން ފާހަގަކުރައްވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާ، ޑރ. އައިޝަތު އަރޫނާ ވިދާޅުވީ، ދުންފަތަކީ އެންމެ ގިނަ މީހުންނަށް ބަލި ޖައްސާ އަދި މަރުވާ ސަބަބު ކަމުން ދުންފަތް ކޮންޓްރޯލުކުރުމަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"ފުއްޕާމެއަށް އަސަރުކުރަނީ ފުއްޕާމޭ ހަލާކުވަނީ ހަމައެކަނި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އެއް ނޫން. ނުކުރާ މީހުންނަށް މީގެ ނުސީދާ ދުމުން ހަށިގަނޑު ހަލާކުވެގެންދޭ. ހާއްސަކޮށް ކުޑަ ކުދިންނާއި މާބަނޑު އިރުގަ. އަދި ޒުވާނުންގެ ވެސް ނޭވާ ހިތްލުން ކަހަލަ ނުރައްކާތެރި މައްސަލަތައް މި ދިމާވަނީ،" ޑތ. އަރޫނާ ވިދާޅުވިއެވެ.

ޑރ. އަރޫނާ ވިދާޅުވީ، ވަކިން ސިނގިރޭޓު ވިއްކަމުން އަންނަނީ ކޮންމެ ކުޑަ ކުއްޖަކަށް ވެސް އެ ގަނެވޭނެ އަގެއްގައި ކަމަށާއި އެހެންކަމުން ވަކިން ސިނގިރޭޓް ވިއްކުން ހުއްޓުވުވައިފިނަމަ ޒުވާން އުމުރުގައި ދަރިން ދުންފަތާ ދުރުކުރެވޭނެ ކަމަށެވެ.

"މިހާރު ހުންނަ ހެލްތް ވޯނިންނަކީ އާންމުކޮށް މީހުން ކިޔާ އެއްޗެއް ނޫން. އެހެންވީމަ މަންޒަރެއްވިއްޔާ ފަސޭހައިން ފެންނާނެ، އެނގެން ވެސް އެނގޭނެ، މަންޒަރުގެ ޒަރިއްޔާއިން ދުންފަތުން ހަށިގަނޑަށް ޖެހެނީ ކޮން މައްސަލައެއްތޯ ސިނގިރޭޓް ޕެކެޓުގަ ޖެހީމަ އާންމުކޮށް ސެޝަންތަކަށް ނާންނަ މީހުންނަށް ވެސް މި މައުލޫމާތު ފޯރުކޮށްދެވޭ،" ޑރ. އަރޫނާ ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މެމްބަރު އަދި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، ދުޔަހެޔޮ ސިއްހަތެއް ކަށަވަރުކޮށްދިނުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅަކީ ދުންފަތް ކޮންޓްރޯލު ކުރުން ކަމަށެވެ. އަދި އޭޝިއާ ސަރަހައްދުގައި ހިމެނޭ އެހެން ގައުމުތަކާއި އަޅާބަލާއިރު ދުންފަތް ކޮންޓްރޯލު ކުރުމަށް ޓެކްސް ނެގޭ މިންވަރު އެންމެ މަދީ ރާއްޖޭގައި ކަމަށެވެ.

އަލަށް އަމަލުކުރަން ފަށައި ގަވާއިދު ބުނާ ގޮތުން ސިނގިރޭޓް ފޮއްޓެއްގައި 20 ސިނގިރޭޓަށް ވުރެ މަދު ވެގެން ނުވާނެއެެވެ.

ސިނގިރޭޓްގެ އިތުރުން ބިޑި ވެސް ބަންދުކޮށްފައި ހުންނަން ވާނީ ޕެކެޓެއްގައި މަދުވެގެން 50 ބިޑިއަށް ވުރެ މަދުނުވާ ގޮތަށް ކަމަށާއި ބިޑި ގޮށި ހުންނަން ވާނީ އެއްޗެއް ޗާޕްކޮށްފައި ނުވާ ނުވަތަ ލިޔެފައި ނުވާ ކަރުދާހެއްގައި ކަމަށްވެސް އާ ގަވާއިދުގައި ބުނެއެވެ. އަދި ސިނގިރޭޓާއި ބިޑީގެ އިތުރުން ދުންފަތް ޕެކެޓް ކޮށްފައި ހުންނަންވާނީ ޕެކެޓެއްގައި މަދުވެގެން 30 ގުރާމަށްވުރެ މަދުނުވާ ގޮތަށް ކަމަށްވެސް ގަވާއިދުގައި ބުނެއެވެ.

އަލަށް އަމަލުކުރަން ފަށާ ގަވާއިދާ ފުރަތަމަ ފަހަރަށް ހިލާފުވެއްޖެ ނަމަ އެ މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ދެ ވަނަ ފަހަރަށް އިތުރަށް 5000 ރުފިޔާ ތިން ވަނަ ފަހަރަށް އިތުރަށް 10000 ރުފިޔާ އަދި ހަތަރު ވަނަ ފަހަރަށް 20000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ޤަވާއިދުގައި ބުނެއެވެ.
ހިޔާލު