Vaahaka: Fahsi
image
ވާހަކަ: ފައްސި
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ވާހަކަ: ފައްސި

(ފަހު ބައި)
"ބައްޕަ ބޭނުމެއް ނުވާނެ ބައްޕަ ގެންގުޅޭ އެއްޗެއް ހަލާކުވިޔަސް އެއްލައިލާކަށް. މަންމައާ އެންމެ ގިނައިން މައްސަލަ ޖެހޭ ކަމަކީ ވެސް އެ. ދެން ބައްޕަގެ އާދައެއް އެކަނި އިނދެ ވާހަކަދެއްކުން. އެކަނި އިނދެ ޝަކުވާކުރުން. ޝަކުވާއަކަށް އޮންނާނީ ކިޔަވަން ފުރުޞަތު ނުލިބުމުގެ ޝަކުވާ. މައިންބަފައިންގެ ފަގީރުކަމުން އެ ކަން ކޮށްނުދިން ވާހަކަ. އަނެއް ކަމަކަށް އޮންނާނީ ބައްޕަގެ ގައިގެ ކުލަ އަނދިރި ކަމުގެ ޝަކުވާ. ބޮލުގެ އިސްތަށިގަނޑު ކިސުޅިވެފައި ހުންނާތީ ކުރާ ޝަކުވާ. ބައްޕަ ބޭނުންވާނީ އަބަދު ވެސް ވަރަށް ތާޒާކޮށް އިސްތަށިގަނޑު ވެސް ބަހައްޓަން" މަންމަ ފުން ނޭވާއެއް ދޫކޮށްލިއެވެ. "ދެން ވަރަށް ފަހުން ބައްޕަގެ ސްޓައިލު ބަދަލުކޮށްލީ. އެ ޝަކުވާތައް ބޮޑުވެގެން. ދަރިފުޅު ލިބުނު ފަހުން. މާލެ ދިޔަ ފަހަރަކު ގަމީހާއި ފަޓުލޫނާއި ޖީންސަށް ބައްޕަގެ ހެދުން އެޅުން ބަދަލުކޮށްލީ. އޭގެފަހުން އެ ޝަކުވާތައް ހުއްޓުނު"
"އެ ހުންނަނީ ކޮން ފޮށްޓެއްތަ؟" އަހަރެންގެ ހިތުގައި އޮތް ބޮޑު ސުވާލު ކޮށްލެވުނެވެ.

"އެ މި ބުނާ ފޮށި. މަންމައަކަށް ވެސް އެ ފޮށީގައި ހުރީ ކޮން އެއްޗެއްކަމެއް އަދިވެސް ނޭނގެ. މަންމައަށް އިންޒާރުދީފައި އޮންނާތީ އޭގައި އަތްލާކަށް ވެސް ނުކެރޭ. އެކުގައި އުޅެން ބޭނުން ނަމަ އެ ފޮށި ނުބަލަން އޮންނަނީ ބުނެފަ"
"މަންމައަށް، ބައްޕަ އަނިޔާ ކުރޭދޯ" އަހަރެން ބޭނުންވި ދިމާއަށް މިސްރާބު ޖެހީމެވެ. މަޑުމަޑުން މަންމަގެ މޫނަށް ވެސް ބަލައިލީމެވެ.

އަހަންނަށް ވިސްނައިލެވުނެވެ. މަންމަގެ މޫނުމައްޗަށް ވެއްޓުނު ބަނަ ވިލާގަނޑުގެ އަސަރު މުޅި މީހާއަށް ކުރަމުން ދިޔައެވެ.
"ކިހިނެއްވީ؟" މަންމަ ނޫން ގޮތަކަށް ސުވާލުކޮށްލިއެވެ.
"ނުކުރޭތަ؟" އަހަރެން ބޭނުންވީ ޔަގީންކޮށްލާށެވެ.

"މަންމަ ނުވިސްނަން ގޯސްކޮށްނެއް. މަންމަގެ ވިސްނުން ހުރި ފައްސިކޮށް" މަންމަ ތިރީ ތުންފަތުގައި ދަތް އަޅައިލަމުން ބުނެލިއެވެ.

"އަހަރެން ނުބުނަށް މަންމަ ނައްސިކޮށް ވިސްނާ ވާހަކައެއް. ޕޮޒިޓިވް ވިޔަސް ނެގެޓިވް ވިޔަސް، ނޫނީ ފައްސިކޮށް ވިސްނިއަސް ނައްސިކޮށް ވިސްނިއަސް، އަނިޔާ ކުރަންޏާ ވާނީ އަނިޔާކުރާކަމަށްދޯ" އަހަރެންގެ ވިސްނުން ހުރިގޮތަށް ޖުމުލަތައް އެތުރެމުން ދިޔައެވެ.

"ދަރިފުޅާ ބައްޕައަކީ ތަފާތު މީހެއް. ބައްޕަ ނުރުހޭ ކަންކަން ކުރަންޏާ ބައްޕަގެ އިންޒާރު އަންނާނީ. ބައްޕަ ރުހޭ ގޮތަށް ކަންކަން ވަންޏާ ބައްޕަގެ ނުރުހުމެއް ނޯންނާނެ. ވާ ގޮތަކީ މަންމަގެ ވިސްނުމާ ބައްޕަގެ ވިސްނުން އެ ކަށްޓާއަކަށް ނުލެވެނީ. މަންމައާއި ބައްޕަގެ ގަބޫލުކުރުން އެއް އުރައަކަށް ނުމެހެނީ" މަންމަގެ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އަންހެނުންނަކީ ވަރަށް ނިކަމެތި ބައެއް. ހެދިހާގޮތަކަށް ހެދިގެން. ކުރިހާ ކަމަކަށް ރުހިގެން. ކިޔައިހާ އެއްޗަކަށް މެހިގެން އުޅެން މި ޖެހެނީ އަންހެނުންނަށް. ދިރިއުޅުމާ ހަނގުރާމަ ކުރާން ޖެހެނީ އަންހެނުން. ދިރިއުޅުމާ ކުރިމަތިލާން ޖެހެނީ އަންހެނުންނަށް. ހަނގުރާމައެއް ވިއްޔާ ލޭ ކޮށި، ޒަޚަމު ވެސް ވާނެ. މަންމަގެ ވިސްނުމަކީމީ. އަމުދުން މަންމަ އަމިއްލައަށް ވަދެގަތް ދިރިއުޅުމަކަށް މަންމަ ޖެހޭނީ ފެތެން. ރުހެން"
"ނިކަމެތި ކަމަކީ އަމިއްލައަށް ލިބިގަންނަ ކަމެއް. މަންމަގެ ވާހަކައަށް އަހަންނަށް އެއްބަހެއް ނުވެވޭނެ..." ފޯނު ރަނގަބީލުވާން ފެށުމުން އަހަރެންގެ ވާހަކަ މެދު ކަނޑައިލާން ޖެހުނީއެވެ.

"ދެން އެ ނަގައިބަލަ" މަންމަ ވައި އަޑުން ބުނެލިއެވެ.
"ހަލޯ" ދޮންތަ ދައްތަގެ މޫނު ފޯނުގެ އިސްކުރީނުން ފެންނަން އިނުމުން ފޯނު ކަނޑައިލުމަށްފަހު ވައިބައިން ގުޅައިލީމެވެ.
"ކިތައް މެސެޖު ކޮށްފިން؟ ކަމެއް ވީ ކަމަށް ހީކޮށް މި ގުޅީ" ދޮންތަ ނުރުހިފައި ވާހަކަދެއްކިއެވެ. "މިހާރު އެ ކިޔައިފިންތަ؟"
"މަންމައާ ވާހަކަދައްކަން އިނީމަ ނޭނގުނީ. ކިޔައިފިން. ޔަގީންތަ އެ ކަމަށް؟" އަހަރެން ސުވާލުކޮށްލީމެވެ.
"އާނ. ދޮންތައަށް ވެސް ފާހަގަވާ ސިފަތައް ޑޮކުޓަރުން ކިޔައިދިނީ. ކޮއްކޮއަށް ވެސް އެނގޭނެ ބައްޕަގެ އުޅުން ހުންނަ ގޮތުން ވެސް. އޭގަ ހުރި މައުލޫމާތާ ބައްޕަގެ އުޅުމާ ގުޅޭނެ"

"ދެން ބޭހެއް ނުދޭތަ؟" ދޮންތަގެ ވާހަކަ ނުނިމެނީސް ސުވާލުކޮށްލެވުނެވެ.
"މާ ބޮޑު ފަރުވާތަކެއް ނެތް ކަމަށް ބުނީ. ތެރަޕީ ދެވިދާނޭ ބުނީ. އެކަމަކު ވަރަށް ދުވަސްވާނޭ. ދެން ހާސްވެ ކަންބޮޑުވުން ތަކާ ދުރުކުރުމަށް އެކަމާ ގުޅޭ ބޭސް ދޭނަމޭ ބުނީ. ޑޮކުޓަރު ބޮޑަށް އިރުޝާދު ދިނީ ވީހާ ވެސް ބޮޑަށް ބައްޕަ ހިތްހަމަ ޖައްސުވައިގެން ގެންގުޅުމަށް. ބައްޕަ ރުޅި އަންނަ ކަންކަން ނުކުރުމަށް. އެ ބަލީގެ ޒާތުން މީހާ ރުޅި އަރުވާނަމަ ނޫނީ ރުޅި އަންނަ ކަހަލަ ކަންކަމާއި ނުތަނަވަސްވާ ކަހަލަ ކަންކަން ދިމާވާ ނަމަ އިތުރަށް ގޯސްވެ ސިކުނޑިއަށް ބާރު ބޮޑުވެ ނުކުޅެދޭ ހާލަތަކަށް ހިނގައިދާނެ ކަމަށް ބުނީ"

އަހަންނަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ. ދޮންތަ ދެއްކި ވާހަކަތައް އަޑުއަހަން މަންމަ އިނީ ކަންބޮޑުވެފައެވެ. ހާސްވެ މާޔޫސް ވެފައެވެ. މަންމަ އިން ގޮތް ފެނިފައި ފޯނުކޯލު ކުރުކޮށްލީމެވެ.
"ކިހިނެއްވީ؟" މަންމަގެ ކޮނޑުގައި ދެ އަތުން ހިފައިލަމުން އަހައިލީމެވެ.
"މަންމައަށް ކެތް ކުރެވޭނެބާ؟"
"ކިހިނެއްވީ؟"
"ދަރިފުޅަކަށް ނޭނގޭނެ މަންމަގެ ގައިގަ އަޅާ ވޭނެއް" މަންމައަށް އަނެއްކާ ވެސް ގިސްލެވެން ފެށުނެވެ. ބާރު ބާރަށެވެ.
"ބުނެދީބަލަ" އަހަރެން ވެސް ފެން ކަޅިވިއެވެ.

"ހެދުން މަތިން ލަކުނުތައް ފެންނަ ނަމަ..." މަންމަގެ ހަރުވާޅު ހިއްލައިލަމުން ކަށިމަތި ދައްކާލިއެވެ.
އަހަންނަށް ހައިރާން ކަމާއެކު ބަލައިލެވުނެވެ. ކަށިމަތީގެ އެތައް މިތަންވަނީ ނޫފައިގެން ކަޅުވެފައެވެ. މަންމަގެ ބުރަކަށި އަހަންނަށް ދައްކައިލިއެވެ. މުޅި ބުރަކަށި އޮތީ ލަކުނުން ފުރިފައެވެ. މުޅީން ރަނގަޅު ނުވެ ހުރި ތަންތަން ވެސް ހުއްޓެވެ.
"މި ކާކުގެ ކަމެއް؟" އަހަންނަށް މަންމަގެ ގައިގައި ހުރި ލަކުނުތަކުގައި އިނގިލި ޖައްސާލަމުން އަހައިލެވުނެވެ.
"ބައްޕަ" ރޮމުން ރޮމުން މަންމައަށް ބުނެވުނީ އެވަރަށެވެ. "ދަރިފުޅަށް ދެއްކެން ހުރީ މި ވަރު. މިއީ ކާވެނި ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމަށް މަންމައަށް ލިބޭ ހަދިޔާ. ބައްޕައަށް ހިތްހަމަ ޖެހުން ލިބެނީ މަންމައަށް ކޮންމެ ވެސް އަނިޔާއެއް ދެވުނީމަ. ކޮންމެ ވެސް ގެއްލުމެއް ދެވުނީމަ"

"އެކަމަކުވާ މަންމ..." ހައިރާން ވެސް ބަސްހުއްޓިފައި އަހަންނަށް އިނދެވުނީއެވެ.
"މަންމައަށް މި ނޫން ގޮތެއް ނެތެއްނު" މަންމަގެ ނޭވާ އަވަސްވަމުން ދިޔައެވެ.
"ނޫން މަންމާ. ދިރިއުޅުމަކީ އަމިއްލައަށް ހޯދާގަންނަ އެއްޗެއް. ދިރިއުޅުމަކީ ތިމާގެ އުފާތަކާ ހަނގުރާމަ ކުރުމެއް ނޫން. އަމިއްލަ ޖިސްމު އަނިޔާއަށް އެއްލައިލުމެއް ވެސް ނޫން" އަހަންނަށް މަންމަގެ ހިޔާލާ އެއްބަސް ނުވެވުނެވެ.
"މަންމައަށް... ދަރިފުޅާ މަންމައަށް... މަންމައަށް ދެން އިތުރަށް..." މަންމަގެ ކަރުގައި އެއްޗެއް ތާށިވާ ކަހަލަ ގޮތެއްވިއެވެ. ދެ އަތުން ކަރުގައި ހިފައިލިއެވެ. އަވަސް އަވަހަށެވެ. ދެ ލޯ ބޮޑުވިއެވެ.

"މަންމާ ކިހިނެއްވީ؟ ކިހިނެއްވަނީ؟ މަންމާ" އަހަންނަށް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.
ދަރިފުޅާ މަންމަގެ ކަނާއަތް... މަންމަގެ ކަރު" މަންމަގެ ގަޔަށް ބާރެއް އަރާފައި ހުއްޓެވެ. މަންމަގެ މެދު ހަށި ހިއްލުނެވެ. މީހާގެ ދެ ލޯ ބޮޑުވިއެވެ.

ކުރާންވީ ކަމެއް، ހަނދާންވީ ގޮތެއް ނޭނގިފައި އަހަންނަށް އިނދެވުނީއެވެ. ރޮމުން ގިސްލަމުން މަންމަގެ މޫނުގައި ފިރުމުނީއެވެ. އަހަރެންގެ އުނގަށް މަންމަ ދެމުނު އިރު ވެސް އަހަންނަށް އިނދެވުނީއެވެ. މަންމަގެ ހަރަކާތްތައް ހުއްޓުމުން ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.

ކުއްލިއަކަށް ބައްޕަގެ އަޑު ބާރުވުމުން ޚިޔާލުތަކުގެ ދުނިޔެއިން ނުކުމެވުނެވެ. މަންމަގެ ހަނދާންތައް އެއްފަރާތް ކޮށްލެވުނެވެ.
އޭރު އަހަރެންގެ ކޮޓަރީގެ ދޮރުގައި ބައްޕަ ތަޅަނީއެވެ. ސިހިފައި ހުރެ އަހަރެން ދޮރާ ދިމާއަށް ދިޔައީމެވެ.
"ކިހިނެއްވީ؟" ބައްޕަގެ މޫނަށް ބަލައިލެވުނެވެ.

ނިކަމެތި ހަށިގަނޑެކެވެ. މެދުބޮލުން އޮފު އަރަމުން ދިޔައެވެ. ކޮޅަށް ހުރެވެނީ ކިރިޔަ ކިރިޔާއެވެ. ކުރިއަށް ލެނބިފައިވާ ހަށިގަނޑުގެ ސަބަބުން މީހާއަށް ހިންދެމި ނުލެވެއެވެ. ބައްޕަގެ އަތުގައި ގަމީހެއް އޮތެވެ. އަނެއް އަތުގައި ފުނައެއް އޮތެވެ. ބައްޕަގެ ބޭނުމަކީ ކޮބައިކަން އަހަންނަށް ވިސްނުނެވެ. މަޑުމަޑުން ގަމީސް ހިފައިގެން ކޮޓަރިއަށް ވަނީމެވެ. އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށް ބައްޕަ ވެސް އަހަރެންގެ ފަހަތުން ކޮޓަރިއަށް ވަނެވެ. އަހަރެން ހުރީ އެމަންޒަރު ބަލާށެވެ. އެނދުގައި ބައްޕަ އިށީނެވެ. އަހަރެން ދިޔައީ އިސްތިރި ކުރާ މޭޒު ކައިރިއަށެވެ.

ބައްޕަ އެނދުގައި އިށީނުމާއެކު ހަޅޭއްލަވަން ފެށިއެވެ. ބާރުބާރަށެވެ. އެއީ ފަހަކަށް އައިސް ބައްޕަގެ އާދައެވެ. ތަނެއްގައި ހަމަޖެހިލައިގެން އިށީނދެވުމާއެކު ބައްޕަ އަޑުގަދަ ކުރާން ފަށާނެއެވެ. ހަޅޭއްލަވާން ފަށާނެއެވެ.

"އަހަންނަށް ތިހެން ނުހަދާ. ތަދުވެޔޭ. އަހަންނަށް ތިހެން ނުހަދާ. ހުވާކޮށްފަ. ވަރަށް ތަދުވެޔޭ. ވަރަށް އަނިޔާ ވެޔޭ. އަދިވެސް ހަލާކުވި ތަންތަން ރަނގަޅެއް ނުވެޔޭ" ބައްޕަ އެނދުގައި އިށީނދެ އިނދެ ބާރުބާރަށް ގޮވަމުން ދިޔައެވެ.

އަހަރެންގެ ކަންފަތަށް އެ އަޑުތައް ވަންނަނީ މަންމަގެ އަޑުންނެވެ. އިސްތިރި ކުރަން ހުރެ ދެ ފަހަރަކު ބައްޕައާ ދިމާއަށް ބަލައި ވެސް ލެވުނީ އެހެންވެއެވެ. އުނދަގޫ ވާތީއެވެ. އެ ހަނދާންތަކަށް ފީނޭތީއެވެ. ދެވަނަ ފަހަރަށް އަހަންނަށް ބައްޕާ ދިމާއަށް ބަލައިލެވުނެވ. ބައްޕަ އިނީ ހެވިފައެވެ. ހެވިފައި އިނދެގެން ވެސް ގޮވަނީ އެއް ގޮވެލި ފައްޗެކެވެ.

އަހަންނަށް އިސްތިރީގައި ހިފައި ލެވުނެވެ. އަތަށް ބާރު ލެވުނެވެ. އިސްތިރީގެ މުއްގަނޑަށް ބާރުކޮށްލެވުނެވެ. ސިކުނޑީގެ ދެ ފަރާތަށް ބާރުވާންފެށިއެވެ. މަޑުމަޑުން އިސްތިރީގެ ވާގަނޑު ޓޮޕުން ނައްޓައިލެވުނެވެ. އަނެއްކާ ވެސް އިސްތިރީގެ މުއްގަނޑުގައި ބާރަށް ހިފައިލެވުނެވެ. ދެވަނަ ފަހަރަށް ވެސް ބަލައިލެވުނީ ބައްޕައަށެވެ. ހިކި އަނަރޫފަ ވެފައިވާ ނިކަމެތި ހަށިގަނޑެކެވެ. މަޑުމަޑުން ކުރިއަށް ޖެހިލެވުނެވެ. އިސްތިރި ހިއްލައިލެވުނެވެ. މޭކަށިގަނޑާ ހަމައަށެވެ.

ބަރު ފިޔަވަޅުތަކެއް އެޅެމުން ދިޔައީ ހިތުގައި ޖެހެމުން ދިޔަ ވިންދުތަކެއްގެ ސަބަބުންނެވެ. އެއްފަހަރު ބައްޕައަށް އަނެއް ފަހަރު އިސްތިރިއަށް ބަލައިލެވުނެވެ. ރޯލު އަވަސްވެފައިވާ މަންޒަރުތަކެއް ހެން ސިކުނޑީގައި ސިފަވަމުން ދިޔައީ މަންމަގެ ގިސްލުމުގެ އަޑުތަކާއި މަންޒަރުތަކެވެ. އަނެއްކާ ވެސް އިސްތިރިއަށް ބަލައިލެވުނެވެ. ބާރުބާރަށް އިސްތިރީގެ މުއްގަނޑުގައި ހިފައިލެވުނެވެ.
ދެތިން ފިޔަވަޅު ވެސް ނާޅަނީސް ބައްޕައާ ހަމައަށް ދެވުނެވެ. ބައްޕަ ކޮޅަށް ތެދުވިއެވެ. އެއާއެކު ބައްޕަގެ ހަޅޭއްކުގެ އަޑު ކެނޑުނެވެ. އަހަރެން އަވަސްއަވަހަށް އަތުގައި އޮތް ހޫނު އިސްތިރި ކައިރީގައި ހުރި މޭޒު މަތީގައި ބެހެއްޓީމެވެ. އަދި ބައްޕަގެ ގަމީސް ލައްވައިދިނީމެވެ.

"ބައްޕަ ވާނެ މާދަމާ ހަވީރު ހިނގައިލަންދާން ދޯ" ބައްޕަގެ އަތުގައި އޮތް ފުނާ ނަގައި ބޮލުގައި ފުނާ އަޅައިދެމުން ބުނެލީމެވެ.
"ހޫމް" ބަލި އަޑަކުން ބައްޕަ ބުނެލިއެވެ.
"މިއަދު ވާނެ އެއްކަލަ ނޫ ފޮށްޓައް ބައްޕަގެ ބާ އެއްޗެހިތައް ލާންދޯ" އަހަރެން ހިނިތުންވެލީމެވެ.
ބައްޕަ ވެސް އަހަރެން މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ. އަދި މަޑުމަޑުން އަހަރެންގެ އަތުގައި ހިފައިލަމުން ގާތްކޮށްލިއެވެ. ހަގީގަތުގައި އަހަންނަށް ވިސްނުނީ އެ ދުވަހުއެވެ. މަންމަގެ ކުއްލި ނެތި ދިޔުމަކީ އަހަރެންގެ ސިކުނޑި ހުޅުވާލަން މަޖުބޫރުވި ކަމެކެވެ.

އެއްވެސް މީހަކު ގަސްތުގައި ގޯހެއް ނުހަދާނެއެވެ. ކޮންމެ މީހަކަށް ވެސް ކަންކަން ކުރެވެނީ ކޮންމެ ވެސް ސަބަބެއް މެދުވެރިވެގެންނެވެ. ބައެއް ފަހަރު އެކުވެރީންގެ ސަބަބުންނެވެ. އަނެއް ބައި ފަހަރު ބަލީގެ ސަބަބުންނެވެ. ބައެއް ބަލިތަކަކީ ލޮލަށް ފެންނަ ބަލިތަކެއް ނޫނެވެ. އެފަދަ ބަލިމީހުންގެ އަމަލުތަކުން އެއީ ބަލި މީހެއްކަން ޖެހެނީ ދެނެގަންނާށެވެ.

ބައްޕައަކީ މިއަދު ބަލި މީހެކެވެ. ބަލީގެ މައްޗަށް ދެވަނަ ބަލި ގަދަވެގެންފައިވާ މީހެކެވެ. ބައްޕަ ކަހަލަ މީހުންނަށް މިއަދު ބޭނުންވަނީ ލޯތްބާއި އަޅައިލުމެވެ. މަންމަގެ ނެތި ދިޔުމަކީ ބައްޕަގެ ދެވަނަ ބަލީގެ ފެށުމެވެ. އެއީ ބައްޕަގެ ސިކުނޑިއަށް ނުކުޅަދާނަވި ސަބަބެކެވެ. މިއަދު ބައްޕައަށް އޯގާތެރިވެވޭނީ ވަރަށް ކެތްތެރިވެގެންނެވެ. ވިސްނުން މުޅީން ބަދަލުކޮށްގެންނެވެ. ފައްސި ވިސްނުމެއް އިސްކޮށްގެންނެވެ. ކޮންމެ ހަރަކާތަކީ އިބުރަތެއް ފިލާވަޅެއް ކަމަށް ދެކިގެންނެވެ. ކޮންމެ ހަރަކާތެއް ވެސް ފައްސި ވިސްނުމަކުން ވަޒަންކޮށްގެންނެވެ.

(ނިމުނީ)
ހިޔާލު

އާދަން

މިއީ ވ ވ ވ ވ މޮޅު އެހާމެ ރީތި ވާހަކައެއް...

ސަޅިބެ

ވ ވ ވ އިބުރަތްތެރި ރީތި ވާހަކައެއް