Nufoozugadha Islaamee Leaderun: Mohamed Bin Salmaan
image
3 ކޮމެންޓް
 

ނުފޫޒުގަދަ އިސްލަމީ ލީޑަރުން: މުހައްމަދު ބިން ސަލްމާން

ދުނިޔޭގެ ނުފޫޒު ގަދަ އިސްލާމީ ލީޑަރުންގެ ތެރެއިން މިފަހަރު މި ބަލާލަނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއަށެވެ.
މުހައްމަދު ބިން ސަލްމާން އުފަންވެ ވަޑައިގަތީ 31 އޮގަސްޓު 1985 އެވެ. އަސްލު ނަންފުޅަކީ މުހައްމަދު ބިން ސަލްމާން ބިން އަބްދުއް އަޒީޒް ބިން އަލް ސައުދުއެވެ. މިހާރު އަދާކުރައްވަމުން ގެންދަވާ ވަޒީފާއަކީ ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރުކަމާ، ކައުންސިލް ފޯ އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓް އެފެއާޒްގެ ޗެއާކަމާއު، ޑިފެންސް މިނިސްޓަރު ކަމެވެ. މަގާމާއި ހަވާލުވިއިރު ދުނިޔޭގެ އެންމެ ޒުވާން ޑިފެންސް މިނިސްޓަރަކީވެސް ވެސް ސައުދީގެ ވަލީއަހުދެވެ. ނަމަވެސް ބައްޕާޕުޅުގެ އާލާސްކަންފުޅުގެ ސަބަބުން ސައުދީގެ އެތެރޭގެއާއި ބޭރުގެ ގިނަ ކަންކަން ރަސްމީކޮށް އަދި ބައެއް ފަހަރު ނުރަސްމީކޮށް ވެސް ބަލަހައްޓަވަނީ މުހައްމަދެވެ.

ކްރައުން ޕްރިންސް ނުވަތަ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަކީ މުއްސަނދި ދިރިއުޅުމެއް ދިރިއުޅުއްވާ ބޭފުޅެކެވެ. އޭނާގެ ރައުސުލްމާލުގައި ތިން ބިލިއަން ޑޮލަރު ހުރިކަމަށް އަންދާޒާކުރެއެވެ.

މިގޮތުން 2015 ވަނަ އަހަރު އޭނާ ވަނީ ރަޝިޔާގެ މަހުޖަނެއްގެ އަތުން ސެރެނޭ ނަމަކަށް ކިޔާ ޔޮޓެއް 500 މިލިއަން ޔޫރޯއަށް ބައްލަވައިގަނެފައެވެ. އަދި އިޓަލީގެ މަޝްހޫރު އާޓިސްޓު ލިއަނާޑޯ ޑާވިންސީ ކުރަހާފައިވާ ކުރެހުމެއްވެސް 450 މިލިއަން ޑޮލަރަށް ބައްލަވައިގަތެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި ސެލެބްރިޓީންނާއި ސިޔާސީ ބޭފުޅުންނާ ބައްދަލުކުރެއްވުމަކީ ހޮބީއެކެވެ.

މުހައްމަދު ބިން ސަލްމާންގެ ދެ އަނބިންނާއި ހަތަރު ދަރިކަލުން ތިއްބަވައެވެ.


ކުރީގެ ދިރިއުޅުއްވުން:

މުހައްމަދު ބިން ސަލްމާން އަކީ ސައުދީގެ ރަސްގެފާނުގެ ތިން ވަނަ އަނބިކަބަލުންގެ ދަރިކަލެކެވެ. ވަލީއަހުދު މުހައްމަދުގެ މަންމާފުޅަކީ ފަހްދާ ބިންތި ފަލާހް ބިން ސުލްތާން ބިން ހާތިލީން އެވެ. މުހައްމަދަކީ އެބަނޑުން އެންމެ ދޮށީ ބޭފުޅާއެވެ.

ކިޔަވާ ވިދާޅުވީ ކިންގް ސައުދު ޔުނިވާސިޓީން ނެވެ. ގާނޫނީ ދާއިރާއިން ބެޗްލާސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ. ކިޔަވާ ވިދާޅުވުމަށްފަހު އެތައް އަހަރެއް ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން ރަސްގެފާނުގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި ރިޔާދުގެ ގަވަރުނަރުކަމުގެ މަގާމު ފުރުއްވިއެވެ. އަދި އެޔަށްފަހު ސިޔާސީ ގޮތުން މަތީ މަގާމުތަކެއް ފުރުއްވިއެވެ. އޭގެ ތެރޭގައި ރިޔާދުގެ ކޮމްޕެޓިވް ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލްކަމާ، ކިންގް އަބްދުލް އަޒީޒް ރިސާޗް އެންޑް އާކައިވްސްގެ ޗެއާމަންގެ އެޑްވައިޒުކަން ހިމެނެއެވެ.

ސިޔާސީ ގޮތުން ބާރުތައް ލިބިވަޑައިގަތް ގޮތް:

11 އޮކްޓޫބަރު 2011 ވަނަ ދުވަހު ކުރީގެ ވަލީ އަހުދު ސުލްތާން ބިން އަބްދުލް އަަޒީޒް އަވަހާރުވުމާ ގުޅިގެން ޑެޕިއުޓީ ކްރަައުން ޕްރިންސް ގެ ގޮތުގައި މުހައްމަދު ހަމަޖެއްސިއެވެ. އަދި 21 ޖޫން 2017 ވަނަ އަހަރު ވަލީއަހުދު ކަމާ ހަވާލުވެ ވަޑައިގަތެވެ.

މުހައަމަދަށް ވަލީ އަހުދުކަން އެރުވުނީ އޭރު ހުންނެވި ވަލީ އަހުދު މުހައްމަދު ބިން ނާއީފް އެ މަގާމުން ދުރުކުރުމަށްފަހުއެވެ. މުހައްމަދު ބިން ނާއިފް އަކީ ސައުދީގެ އެންމެ ފުރަތަމަ ރަސްގެފާނު އަބްދުލްއަޒީޒް އިބްން އަބްދުއްރަހްމާންގެ ކާފަ ދަރިކަލެކެވެ.

މުހައްމަދު ބިން ސަލްމާން ވަލީއަހުދުކަން ހޯއްދެވީ ޝައްކު ކުރެވޭ ކަންތައްތަކެއްގެ ތެރެއިންކަމަށް ޖާމަނީގެ ފެޑްރަލް އިންޓަލިޖެންސް ސާވިސް އިން ބުނެފައިވެއެވެ. އެކަމަށް މާބޮޑު ހެއްކެއް ނެތަސް ވަލީއަހުދުކަން ލިބިވަޑައިގަތުމަށްފަހު އާއިލާގެ ބައެއް ބޭފުޅުން "ކަރަޕްޝަން" ގެ ތުހުމަގައި ބަންދުކުރައްވައި ބޮޑު ހާޖާނެއް ހިންގެވިއެވެ.

ހިންގެވި ހާޖާނު:

"ކޮރަޕްޝަނާ ދެކޮޅަށް" ކަމަށް ވިދާޅުވެ ފެއްޓެވި އޮޕަރޭޝަންގައި 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރިޔާދުގައި ހުންނަ ލަގްޒަރީ ހޮޓަލެއްކަމަށްވާ ރިޓްޒް ކާލްޓޮން ހޮޓަލުގައި ޝާހީ އާއިލާގެ ބޭފުޅުންނާއި، ވިޔަފާރިވެރިން ހިމެނޭގޮތަށް 200 މީހުން ބަންދުކުރިއެވެ. އަދި މިހާޖާނުގަނޑުގައި 40 އަށްވުރެ ގިނަ ޝާހީ އާއިލާގެ ބޭފުޅުންނާއި ވިޔަފާރިވެރިންނަށް ކަރަޕްޝަނާއި، މަނީ ލޯންޑަރިންގެ ދައުވާކުރެއްވިއެވެ.


2030 ގެ ތަސައްވަރު:

މުހައްމަދު ބިން ސަލްމާއަކީ ސައުދީ އަރަބިއްޔާގެ އިގްތިސާދު ރިފޯމް ކުރެއްްވުމަށް ވަަރަށް ބޮޑަށް ބާރު އަޅުއްވާ ބޭފުޅެކެވެ. މިގޮތުންް އިކޮނޮމިކް ކައުންސިލްގެ ވެސް އެންމެ އިސް ވެރިއެއްގެ ގޮތުން މުހައްމަދު ވަނީ 2030 ވަނަ އަހަރަށް ސައުދީގެ އިގްތިސާދީ ތަސައްވަރެއް އިއުލާނު ކުރައްވާފައެވެ. މިގޮތުން ވިޔަފާރިތައް ޕްރައިވަޓައިޒް ކުރުމާއި، ތެޔޮނޫން ގޮތްގޮތުން ވެސް އިގްތިސާދަށް ފައިސާ ވެއްދޭނެ ޕްލޭންތައް ވަނީ ރާވާފައެވެ.

އިޖްތިމާއީ ހެޔޮ ބަދަލުތައް:

މުހައްމަދު ބިން ސަލްމާން ވަލީ އަހުދުކަމާ ހަވާލުވެ ވަޑައިގަތް ފަހުން ސައުދީ އަރަބިއްޔާއަށް އިޖްތިމާއީ ގޮތުން ހެޔޮ ބަދަލުތަކެއް ގެނެސްފައިވެއެވެ. މިގޮތުން މުނިފޫހިފިލުވުމަށް އެންޓަޓެއިންމަންޓް އޮތޯރިޓީ އެއް އުފައްދަވައި ސިނަމާތައް ހުޅުއްވިއެވެ. އަދި ޕްރޮފެޝަނަލް ރެސްލިން ފައްޓަވައި، އަންހެނުނަށް ކާރު ދުއްވުމުގެ ހުއްދަވެސް ދެއްވިއެވެ. އަދި ސައުދީގެ ސްޓޮކް އެކްސްޗޭންޖުގެ އެންމެ އިސްވެރިއަަކަށް އަންހެނަކު ހަމަޖެއްސިއެވެ. މިއީ ސައުދީގެ ތާރީހުގައި ވެސް މިފަދަ އިސް މަގާމަކަށް އަންހެނަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ. އަންހެނުންގެ ލަވަ މުބާރާތެއް ވެސް 2018 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވިއެވެ. މިއީ ކުރިން ސައުދީގައި އަންހެނުންނަށް ކުރުން މަނާކޮށްފައިވާ ކަންތައްތަކެވެ.


އަރަބި ދުނިޔޭގައި ހިންގަވާ ހަމަނުޖެހުންތައް:

ޖާމަނީގެ އިންޓަލިޖެންސް އެޖެންސީން 2016 ވަަނަ އަހަރު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޔަމަނާއި، ސީރިއާގެ ހަނގުރާމައިގެ މޭސްތިރިއަކީ މުހައްމަދު ބިން ސަލްމާން ކަމަށެވެ. އަދި ޔަމަނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެތައް ހާސް ބައެއް ހާލުގައި ޖެހި، މަރުވެ އަނެއްބަޔަކު ރެފިއުޖީންނަށް ވަމުންދާއިރު، ޔަމަނާއި ދެކޮޅަށް ވެސް ކޯލިޝަން ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ މުހައްމަދު ބިން ސަލްމާންއެވެ.


މީގެ އިތުރުން ގަތަރާއި ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މުހައްމަދު ބިން ސަލްމާން ގެންދަވަނީ ނުހަނު މަސައްކަތް ކުރައްވަމުންނެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ގަތަރަކީ އަލް ޖަޒީރާ ފަދަ ބައެއް މީޑިއާތައް ހިންގުމަށް އެހީތެރިވާ ގައުމެކެވެ. އަދި މުހައްމަދު ބިން ސަލްމާނަކީ މީޑިއާގައި އޭނާއަށް ފާޑުކިއުމުން އެކަން ހަޖަމުކުރައްވަން ވަރަށް ދަތި ބޭފުޅުކެވެ. މީގެ އެއް މިސާލަކީ ތުރުކީގައި ސައުދީ އެންބަސީގައި މަރާލި ސައުދީގެ ނޫސްވެރިއާ ޖަމާލް ހިޝޯގީއެވެ. ހިޝޯގީއަކީ ވެސް މުހައްމަދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ނޫސްވެރިއެކެވެ.

މީގެ އިތުރުން ލުބްނާންގެ ޕްރައިމް މިނިސްޓަރު ސާއިދް ހަރީރީ ވަނީ ސައުދީއަށް ވަޑައިގަތުމުން އޭނާއަށް މަޖުބޫރު ކުރުވައިގެން އިސްތިއުފާ ދެއްވާފައެވެ. ސަބަބަކީ ވަލީއަހުދު މުހައްމަދަށް ގަބޫލު ކުރެވިފައިވަނީ ހަރީރީ އަކީ ހިޒްބުﷲ އަށް ހަރަދު ކުރައްވާ ބޭފުޅެއް ގޮތުގައެވެ.
މީހުން ރޯދަމަސް
ހިޔާލު

ހަސީލް

ލީޑަރުންނެއްނޫން.. ލޭބޯމީހުން..

ޅައެތި

މީ ބޮޑު އިބިލީހެއް

ޖަމީލްބެ

ސަލްމާނުގެ ދަރި މުހައްމަދަކީ މުޅި އިސްލާމީ އުއްމަރުގައި ފިތުނުފަަސާދަ އުފައްދަމުންދުވާ ޒައިނިސްޓުންގެ ޕަޕެޓެކެވެ. ވެރިކަން އަދި ނުލިބޭއިރުވެސް ހިންގަނީ ޖަރީމާއެވެ. ޢަދި ލިބުނީމަ ކިހާވަރަކަށް ޖަރީމާ ހިންގާނެތޯއެވެ.