Vaahaka: Raalhubaani
image
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ވާހަކަ: ރާޅުބާނި

(ދެވަނަ ބައި)
ފޫހިވެފައި އިނދެ ފޯނު ނަގާ އެފްބީއަށް ވަދެލީމެވެ. އިމްދާދުގެ ފްރެންޑް ރިކުއެސްޓެއް އައިސްފައި އިން ތަން ފެނުމުން އަހަރެންގެ ހިތް އަވަސްވިއެވެ. މި އަދު އިމްދާދު ބުނެލި ޖުމްލަ ހަނދާންވުމުން ހީނލެވުނެވެ. އެއީ ދެ ކުދިން ވިހާ ކުޑަކޮށް ފަލަވެފައި ހުރި އަހަރެން އަހާލަން ކިހާ ބޭނުންވެފައި ހުރި ޖުމްލައެއް ކަން އެނގޭނީ ހަމައެކަނި އަހަރެން ކަހަލަ މީހަކަށެވެ. އިމްދާދުގެ ދަޢުވަތު ޤަބޫލުކުރުމަށް އަހަރެންގެ ހިތް އެދުނެވެ. ދިރިއުޅުމަށް ވެރިވެފައިވާ ފޫހިކަމާއި ފަޅުކަން ފިލުވާލަދޭނެ މީހަކު ބޭނުންވެފައި ހުރި މިންވަރު އެ ވަގުތު އިހުސާސް ކުރެވުނެވެ.

ނަމަވެސް އިމްދާދުއާ ވާހަކަދައްކަން ނުފެއްޓުމަށް އަހަރެންގެ ސިކުނޑީގެ ކަނަކުން ގޮވައިލިއެވެ. އަހަރެންނަށް ހަނާ އަޅަމުން ދިޔައީ ރީތި ހިތްފަސޭހަ ބަގީޗާއެކޭ ހީވިޔަސް އެ ތަނަށް ވަނުމަށްފަހު ދާނެ ކޮޅެއް ނޭނގޭ، ކަށިބޯ ޖަނގައްޔަކަށް ވެދާނޭކަމަށް ސިކުނޑި އަންގައިދިނެވެ. ފޯނު ސޯފާމަތީގައި ބޭއްވުމަށްފަހު އަހަރެން ވިސްނާލީމެވެ.

ތެދެކެވެ. އެފަދަ ތަޢުރީފުތައް އަޑުއަހަން އަހަރެން ނުހަނު ބޭނުމެވެ. ލޯބިން އަހަރެންނާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރުމަށް ހިތް އެދެއެވެ. ނަމަވެސް އަހަރެން އެ ލަފްޒުތައް އަޑު އަހަން ބޭނުމީ މިއާންގެ ދުލުންނެވެ. ގެނބިގެން ދާން ބޭނުންވަނީ މިއާންގެ ބެލުމުގެ އޮއިވަރުގައި ޖެހިގެންނެވެ. އަހަރެން ބޭނުމީ ފެތެމުން ދިޔަ ނައު ސަލާމަތް ކުރާށެވެ. އެ ނައު ދޫކޮށްލާފައި އެހެން ނަވަކަށް އަރާކަށް ނޫނެވެ. އެ ރޭ އަހަރެން ނިދަން ދިޔައީ އާ އަޒުމަކާ އެކުއެވެ. އަހަރެން ހިތްހަމަނުޖެހޭ ކަންތައްތަކާއި ހިތުގައިވާ ޝަކުވާތައް މިއާންއާ ހިއްސާކޮށް ދެމެދުގައިވާ ދުރުކަން ކައިރި ކުރުމަށް މަސައްކަތް ކުރުމަށް ނިޔަތް ގަނެގެންނެވެ.

އޭގެ އަނެއް ރޭ ނިދަން އޮށޯވެފައި އަހަރެން އެ ވާހަކަތައް ދެއްކީމެވެ. އަދި މިއާން ވެސް ހިތްހަމަނުޖޭކަމެއް އޮތްނަމަ ބުނުމަށް އެދުނީމެވެ. އިރުކޮޅަކު އަނގައިން ނުބުނެ އޮވެފައި މިއާން ވާހަކަދައްކަން ފެށިއެވެ. މިއާންގެ ޝަކުވާގެ ލިސްޓު ވެސް ނުހަނު ދިގެވެ. ގެއަށް އަންނައިރު ކުދިވެރިންގެ ކުޅޭ އެއްޗެހިތައް އެތަން މިތަނަށް އުކާފައި ހުރުމެވެ. އަހަރެން ފުސް މޫނު ހަދާފައި ހުރުމެވެ. ގިނަރޭރޭ ކުދިވެރިންނާ އެކު އަހަރެން ނިދުމެވެ. ކުދިން ލިބުނު ފަހުން ބޭރަށް ދާން ބުނި ނަމެވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި ނުދިއުމެވެ. ވަރުބަލިވެފައިވާ ކަމަށް ބުނެ މިއާންގެ އެދުންތަކަށް ވެސް ގިނަ ރޭރޭ ފުރަގަސް ދިނުމެވެ.

މިއާންގެ ލިސްޓު ނިމުމުން އަހަރެންނަށް ވެސް ހަމަހިމޭންވެފައި އޮވެވުނެވެ. މީގެ ކުރިން އަހަރެންގެ ނަޒަރުގައި އަހަރެމެންގެ ގުޅުން ހީނަރުވެފައިވަނީ މިއާންގެ އިހުމާލުންނެވެ. ނަމަވެސް އެ ރޭ މިއާން ދެއްކި ވާހަކައިން އަހަރެންގެ ޝާމިލުވުން ވެސް މިކަމުގައި ބޮޑުކަމަށް ޤަބޫލުކުރެވުނެވެ. ދެ މިހުންގެ ހިތުގައި އުފެދެމުން ދިޔަ ޝަކުވާތަކާއި ހިތްހަމަނުޖެހުންތައް އެކަކު އަނެކަކާ ހިއްސާނުކޮށް، އެއްފަރާތްކޮށްލުމަށްފަހު ދިރުއުޅުމައިގެން ކުރިއަށް ދެވޭތޯ ބެލުން އެއީ އަހަރެމެންގެ ގުޅުން ހީނަރުވާން ދިމާވި އެންމެ ބޮޑު އެއް ސަބަބުކަމުގައި އަހަރެންނަށް ވިސްނުނެވެ.

"އަސްލު މިހާރު ޤަބޫލެއް ވެސް ނުކުރެވޭ ނަޒާ އަހަރެން ދެކެ ލޯބިވާކަމަކަށް. ދެމަފިރިންނަށް ވުރެ ބޮޑަށް އަހަރެމެންނަކީ މިހާރު ހަމައެކަނި ދަރިން ބަލަން ތިބޭ ދެ މީހުން." މިއާން ބުންޏެވެ.

ފަހުން ބުނި ޖުމްލައިގެ ތެދުކަން އިހުސާސް ކުރެވި، މިއާން އަހަރެންނަށް ގެއްލިދާނެކަމުގެ ބިރު ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި އަށަގަތެވެ.

މިއާން ދެކެ ލޯބިވާކަމަށް އަހަރެން ބުނީމެވެ. އަދި ދެ މީހުންގެ ގުޅުން ރަނގަޅުކުރަން އަހަރެންގެ ފަރާތުން ރަނގަޅު ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަމޭ ބުނީމެވެ.

"ޕްލީސް ޑޯންޓް ގިވް އަޕް އޮން އަސް." މިއާން ހިމޭނުން އޮންނަން ފެށުމުން އަހަރެން ބުނީމެވެ.

އެ ރޭ އަހަރެން ބަހާއި އަމަލުން މިއާންދެކެ ވާ ލޯބި ހާމަކޮށްދިނީމެވެ. ހިތަށް ހަމަޖެހުމެއް ލިބުނީ މިއާން ވެސް އަހަރެންދެކެ ލޯބިވެއޭ ބުނުމުންނެވެ.

އެ ރޭގެ ފަހުން އުޅުން ބަދަލުކުރެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. ކުޅިވަރަކަށް ހަދާފައި ކުދިންނާ އެކު އެ ކުދިންގެ އެއްޗެހި ބިންމަތިން ނަގާ، މިއާން އަންނަންވާއިރަށް ގޭތެރެ ސާފުކޮށް ބޭއްވޭތޯ ބަލަމެވެ. ކުދިން ޓީވީ ބަލަންތިބޭ ބައިގަޑިއިރު އެއީ އަހަރެން ވެސް އަރާމުކޮށްލާ ވަގުތުކަމުގައި ހެދީމެވެ. ފޯނުގައި އިނުމުގެ ބަދަލުގައެވެ. އެހެން ހަދަން ފެށުމުން ރޭގަނޑު ކުދިން ނިދާ ގަޑީގައި ވަރުބަލިވެގެން ނިދުމުގެ ސިލްސިލާ ހުއްޓުނެވެ. މިއާން ގެއަށް އައުމުން ހިނިތުންވެފައިވާ މޫނަކާ އެކު ވާހަކަ ދައްކަން އާދަކުރީމެވެ.

އަހަރެން ހިތްހަމަނުޖެހޭ ކަންތައްތައް ރަނގަޅުކުރަން މިއާން ވެސް މަސައްކަތް ކުރެއެވެ. ލަސްވަންޏާ ފޯނުކޮށްފައި ބުނެއެވެ. ދޭތެރެއަކުން ލޯބިވާ ވާހަކަ ވެސް ބުނެއެވެ. ގެއަށް އައިސް އަހަރެންގެ ގައިގައި ފިރުމާލައި ނުވަތަ ބައްދާލައި ހަދައެވެ. ބައެއް ރޭރޭ އަހަރަން ގޮވައިގެން ދުއްވާލަން ވެސް ދެއެވެ. ކުރީގެ މިއާން އަހަރެންނަށް އަލުން ލިބުނީހެން ހީވިއެވެ. ނަމަވެސް ކޮންމެވެސް ކަމެއް އުނިވާކަމުގައި އަހަރެންގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

އެއްރެއެކެވެ. އިޝާ ނަމާދަށް ދަމުން މިއާން ފޯނު ޖީބަށްލީ ތަން ފެނުމުން އަހަރެންނަށް ހުއްޓެވުނެވެ. އެހެންޏާ އަބަދުވެސް މިއާން ނަމާދަށް ދާނީ ފޯނު ބާއްވާފައެވެ. ކުއްލިއަކަށް އަހަރެންގެ މެއަށް ފިނިވިއެވެ. ތަންކޮޅެއް ކުރީ ރެއަކު އަހަރެންނަށް ނޭނގޭ ޕާސްވޯޑެއް މިއާން ފޯނުގައި ޖަހަނިކޮށް ފެނުނު ހަނދާންވެފައެވެ. އެރޭ އަހަރެން ހުރީ ބަލަން ކަމެއް މިއާނަކަށް ނޭނގޭނެއެވެ. ހިތުގައި އެ ނަންބަރު ފެވުނު ނަމަވެސް އަހަރެން އެއީ މާ ބޮޑުކަމަކަށް ނުހަދަމެވެ. ނަމަވެސް މިރޭ ދެ ކަންތައް އެއްވުމުން ކޮންމެވެސް ނުބައެއް އުޅޭ ކަމަށް ހިތް ބުނަންފެށިއެވެ.

ނަމާދުން އައިސް ފޯނު ބާއްވާފައި މިއާން ފާޚާނާއަށް ވަން ވަގުތު މިއާންގެ ފޯނު އަހަރެން ހުޅުވީމެވެ. ބޮޑަށް އަހަރެންނަށް ހީވީ ކުށްހީއެއްކަން ޔަޤީން ކުރުމަށެވެ. ނަމަވެސް ފޯނު ހުޅުވައިލި ވަގުތު ފުރަތަމައިން ވެސް ފެނުނީ އަހަރެން ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ މެސެޖެކެވެ. މިއާން މަތިން ހަނދާންވާ ވާހަކައާއި މިރޭ ކޮފީއަށް އަންނާނަންތޯ އަހާފައި އޮތެވެ.

އަހަރެންނަށް ވީގޮތް ބުނެދޭން ވެސް ނޭނގެއެވެ. މެއަށް ބާރުކޮށް ހަށިގަނޑުގެ ވަރު ދޫވިހެން ހީވިއެވެ.

"ނޫނެކެވެ. ނޫނެކެވެ." އަހަރެންގެ ހިތް ގޮވަމުން ދިޔައެވެ.

"މިއާން ބޭވަފާތެރިއެއް ނުވާނެއެވެ. މިއާން އަހަރެންދެކެ ލޯބިވެއެވެ."

ގަބު އަރާފައި ހުއްޓާ ފޯނު ލޮކްވުމުން އަނެއްކާވެސް ހުޅުވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އަތް ތުރުތުރު އަޅާވަރުން އަހަރެންނަށް ޕާސްވޯޑް ޖެހުނީ އެތައް ފަހަރަކު މަސައްކަތްކޮށްގެނެވެ. ކަރުނައިން ފުސްވެފައިވާ ދެ ލޮލުން އެ މެސެޖް ތަކުރާރުކޮށް ކިޔަމުން ދިޔައިރު އަހަރެންގެ ހިތް ފިސްފިސްވަމުން ދިޔައެވެ. މޭގެ ރިހުން ގަދަވެ ނޭވާލާން ވެސް އުނދަގޫވާހެން ހީވިއެވެ. މިއާން ފާޚާނާއިން ނުކުތުމާ އެކު ހާސްވެފައި އައިސް އަހަރެންގެ އަތުގައި އޮތް ފޯނު ޖަހައިގަތެވެ. މިއާންގެ މި އަމަލުން އުންމީދުގެ އެންމެފަހު ދޯދި ވެސް އަހަރެންނަށް ގެއްލުނެވެ.

"ހައު ކުޑް ޔޫ؟" މިއާންގެ ގަމީހުގައި ހިފާފައި ރޮމުން އަހަރެން އެހީމެވެ.

އެ ވަގުތު ދޮރު ހުޅުވާލާފައި ބާތިން ވަނެވެ.

"މަންމީ، ބަނޑުހައި." ބާތިން ބުންޏެވެ.

އަވަސް އަވަހަށް ކަރުނަތައް އަހަރެން ފޮހެލީމެވެ. މޫނު މައްޗަށް ހިނިތުންވުމެއް ވެރިކުރިވީ ކިހާ މަސައްކަތަކުންކަން މިއާންއަށް އެނގޭނެ ނަމައެވެ.

ކުދިން ގޮވައިގެން ކާން އެރި ނަމަވެސް އެންމެ އެތިކޮޅެއް ވެސް އަހަރެންނަކަށް ނުދިރުނެވެ. އިހުސާސްތައް ފޮރުވައިގެން މާ ގިނައިރަކު ނީނދެވުނެވެ. ކިތަންމެ މަސައްކަތްކުރި ނަމަވެސް ލޮލުން ކަރުނަ ހިލެނީއެވެ. ކުދިން ގާތުގައި ބައްޕައާ އެކު ކައިގެން ނިދުމަށް ބުނެފައި އަހަރެން އަވަސް އަވަހަށް އެ ތަނުން ތެދުވީމެވެ. ކޮޓަރިއަށް ވަދެވުމާ އެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. މިއާންއާ ދޭތެރޭ އަހަރެންގެ ހިތުގައިވާ ޝަކުވާތައް އުތުރި އަރަނީއެވެ.

ކުދިން ނިންދަވާފައި މިއާން ކޮޓަރިއަށް ވަންއިރު އަހަރެން އިނީ ފާރުގައި ބުރަކަށި ޖައްސާލައިގެން އެނދުގައި އިށީނދެއެވެ. އޭރު ވެސް އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަކަށް ހުއްޓުމެއް ނާދެއެވެ.

"ކާކު އެއީ؟" މިއާން އައިސް ކައިރީގައި އިށީނުމުން އަހަރެން ހިތްވަރުކޮށްފައި އެހީމެވެ.

"އެއީ ސުކޫލްއިރުގެ ރައްޓެއްސެއްގެ ދެބެންގެ ދެދަރި ކުއްޖެއް." މިއާން ބުންޏެވެ.

"ކީއްވެ؟ ކީއްވެ އޮޅުވާލީ؟ ކީއްވެ ބޭވަފާތެރިވީ؟" މިފަހަރު އަހަރެންގެ އަޑު ކުރެހުނެވެ.

އެއްވެސް ކަމެއް ސިއްރުކުރާކަށް މިއާން ނޫޅެއެވެ. މިއާންއާ އެ ކުއްޖާއާ ދިމާވީ އެއް ރެއަކު ރައްޓެއްސަކާ އެކު ކޮފީއަކަށް ދިޔަ ތަނުންނެވެ. އެ ރޭ އެ ދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުން އުފެދުނެވެ. އޭގެ ފަހުން ވެސް ބައެއް ރޭރޭ ކޮފީން އެ މީހުން ދިމާވެއެވެ. މިއާންއާ އެ ކުއްޖާ ގުޅަން ފެށީ އަހަރެމެންގެ ގުޅުން އެންމެ ހީނަރުވެފައި ވަނިކޮށެވެ. މިއާން ދެކެ ލޯބިވާ ވާހަކައާއި ރުހޭ ވާހަކަ ބުނުމުން ވާހަކަ ދެއްކުމަށް ހިތް އެދުނީ ދިރިއުޅުމުގައި ދިމާވެފައިވާ ހުސްކަން އެންމެ ބޮޑަށް އިހުސާސް ކުރެވުނު ދަނޑިވަޅަށް ވީތީއެވެ. އަހަރެމެން ދެ މީހުންގެ ގުޅުން ރަނގަޅުވުމުން އެ ކުއްޖާއާ ވާހަކަ ނުދައްކަން މިއާން ނިންމިއެވެ. ނަމަވެސް އެ ކުއްޖާ ގާތުގައި އެ ވާހަކަ ބުނަން ފަސްޖެހިފައި ހުރެވުނީއެވެ.

މިއާންގެ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތް ބިއްލޫރިގަނޑެއްހެން ތަޅައިގެން ގޮސް އެތިކޮޅުކޮޅަށް ބުރައިގެންދަނީހެން ހީވިއެވެ.

"ކީއްވެ؟" އަނެއްކާ ވެސް އަހަންނަށް އެހުނީ އެ ސުވާލެވެ. އަހަރެން ދެކެ ލޯބި ނުވަނީތޯ އެހުނެވެ.

މިއާން އަހަރެން ގެނެސް އަތުތެރެއަށް ލިއެވެ. އަހަރެންނަށް އަނެއްކާ ވެސް ރޮވެން ފެށުނީއެވެ. އަހަރެންދެކެ ލޯބިވާކަމަށް ތަކުރާރުކޮށް ބުންޏެވެ. އެ ކުއްޖާއާ ދެން ވާހަކަ ނުދައްކާނެކަމަށާއި މިއާން ވެސް ބޭނުންވަނީ އަހަރެންނާ އެކު އުޅެން ކަމުގައި ބުންޏެވެ. މިއާންގެ އެތަކެއް ވާހަކަތަކަކަށްފަހު ކޮންމެވެސް ވަރަކަށް އަހަރެން ހަމައަކަށް އެޅުނެވެ. އެކަމަކު އެ ރެއަކު ނުނިދުނެވެ. ސިއްސަ ސިއްސައިގެން ގޮސްފައި އިރުއިރުކޮޅާ ހޭލެވެއެވެ.

ދެން އައި ދުވަސްތައް އެއީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުނދަގޫ ދުވަސްތަކެވެ. މީހުންގެ ތެރޭގައި ހިނިތުންވެފައި އުޅުނަސް އެކަނިވާއިރަށް އަހަރެންނަށް ރޮވެއެވެ. ފެތެމުން ދިޔަ އަހަރެމެންގެ އޮޑި ސަލާމަތް ކުރަން ނޫޅެ އެހެން އޮޑިއަކަށް އަރަން މިއާން ހިނދުކޮޅަކަށް ނަމަވެސް ވިސްނީ އަހަރެންދެކެ ހަގީގީ ލޯބި ނުވާތީ ކަމަށް އަހަރެންނަށް ޤަބޫލު ކުރެވުނެވެ. ހިތުގައި ނުފިލާ ރިހުމެއް އަބަދުވެސް ވިއެވެ.

އެ ކުއްޖާއާ ގުޅުން ކަނޑައިލުމަށްފަހު އެ ފަދަ ކަމެއް ތަކުރާރު ނުވާނެކަމަށް އެތައް ފަހަރަކު މިއާން ވައުދުވިއެވެ. މިއާން ބޭވަފާތެރިވި ނަމަވެސް އަހަރެން ބޭނުންވީ އަހަރެމެންގެ ގުޅުމަށް ފުރުސަތު ދޭށެވެ. ކުދިންނަށްޓަކައެވެ. އަދި މިއާންދެކެ އަހަރެންވާ ލޯތްބަށްޓަކައި ވެސް މެއެވެ. ނަމަވެސް ޝަކުވާކުރުމާއި މިއާންއާ ދޭތެރޭ ޝައްކުކުރުން އާދައަކަށްވިއެވެ. ވަހުމުގެ ޝިކާރައަކަށް އަހަރެންވިއެވެ.

ފުރަތަމަ ދުވަސްކޮޅު ލޯބިން އަހަރެންނަށް ވިސްނާދޭން މިއާން މަސައްކަތް ކުރިއެވެ. ނަމަވެސް އަބަދު އެއް ވާހަކައެއް ތަކުރާރުވާން ފެށުމުން މިއާން ވެސް ހިތްހަމަ ނުޖެހެން ފެށިއެވެ.

"ކިތައް ފަހަރު ބުނާނީ އެ ރޭގެ ފަހުން ވާހަކައެއް ނުދައްކަމޭ. ކިހިނެއް ހެދިއްޔާ ގަބޫލު ކުރާނީ؟ ނަޒާ ހިތްހަމަޖެހޭހާ ގޮތަކަށް ކަންތައް ކޮށްދެވޭތޯ މި ބަލަނީ. ނަޒާއަށް ކޮން ކަމެއް އުނިވަނީ؟ ކޯޗެއް ގެއްލުނީ؟" އެއް ދުވަހަކު ހިތްހަމަނުޖެހިފައި މިއާން އެހިއެވެ.

ތެދެކެވެ. އަހަރެންގެ މުޅި ދިރިއުޅުން ގެއްލިގެނެއް ނުދެއެވެ. ހިތުގެ އެންމެ ފުންމިނުން އެކަމާ އަހަރެން ޝުކުރު ކުރަމެވެ. ނަމަވެސް މިއާނަށް އަހަރެން ކުރަމުން އައި އިތުބާރަށް ލޮޅުން އަރައިފިއެވެ. ކަނޑުގައި އުފެދޭ ރާޅުބާނިތައް ފަދައިން އަހަރެންގެ ހިތުގައި އުފެދޭ ޝައްކާއި ވަހުމްތަކަށް ނިމުމެއް ނުވާކަހަލައެވެ. މިއާން ލަސް ވިޔަސް، ކޮފީއަކަށް ދިޔަޔަސް އެ ރާޅުބާނިތައް އަހަރެންގެހިތުގައި އުފެދެއެވެ. ބައެއްފަހަރު އެ ރާޅުބާނިތައް ބޮޑެތި ވަރުނުލާ ރާޅުތަކަކަށް ބަދަލުވެ އޭގެ ދަށުގައި އަހަރެން ހަފުސްކޮށްލައެވެ. ސަލާމަތުގެ އައްސޭރިއަށް އަހަރެންނަށް އާދެވެނީ އެތަކެއް މަސައްކަތެއްކޮށް އަމިއްލަ ނަފްސާ ހަނގުރާމަކޮށްގެންނެވެ. ބައެއްފަހަރު ނޭވާހޮޅިއަށް އެޅެން ފެށުމުން މިއާން އެހީގެ އަތެއް ދިއްކޮށްލައެވެ. އެފަދަ ކަމެއް ނުކުރާކަމަށް ބުނެ މިއާން ހުވާކުރުމުން ނޫނީ އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވެއެވެ.

މިއާނަށް ނުވިސްނު ނަމަވެސް ބީވެގެން ދިޔައީ އަހަރެންގެ ހިތުގެ ހަމަޖެހުމެވެ. ގެއްލިގެން ދިޔައީ ދެމެދުގައި އޮތް އިތުބާރެވެ. މުޅި އުމުރަށެވެ.

(ނިމުނީ)
ވާހަކަ ރޯދަމަސް
ހިޔާލު