Vaahaka: Lift
image
ވާހަކަ: ލިފުޓު--
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ވާހަކަ: ލިފުޓު

ދާހިއްލާ ފޯވަމުން ދިޔަ އަހަރެންގެ ހަށިގަނޑަށް ހަމަޖެހުމެއް ލިބުނެވެ. ސިކުނޑިއަށް ގިނަވެފައިވާ ސުވާލުތަކަށް ނިމުމެއް ލިބުނުހެން ހީވިއެވެ. އަހަންނަށް ބަލައިލެވުނީ ދިއްލެމުން ދިޔަ ލިފުޓުގެ ނަންބަރަށެވެ. ހައިރާންވެ އަނގަ ހުޅުވުނެވެ. ކަޅި ޖަހައިނުލައި ނަންބަރު ބޯޑަށް ބަލަންހުރެވުނެވެ. މިއީ ހަތް ފަންގިފިލާގެ އިމާރާތެކެވެ. ނަމަވެސް، ނަންބަރު ދައްކަނީ މުޅީން އެހެން މަންޒަރެކެވެ. ފެންނަމުން ދިޔައީ އަށްވަނަ ނަންބަރެވެ. މިއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ މިއީ ވެދާނެ ގޮތެއް ހެއްޔެވެ؟
ނޫނެކެވެ. ވެގެންވާނެ ގޮތެއް ނޫނެވެ. ވެދާނެ ގޮތެއް ވެސް ނޫނެވެ. އަނެއްކާ ވެސް ފަރުވާ ތެރިކަމާއެކު ބަލައިލީމެވެ. ނަންބަރު ބޯޑަށެވެ. އަށެއް ފެނޭތޯއެވެ. ނުފެނުނެވެ. މިފަހަރު ފެނުނީ މުޅީން ތަފާތު ކަމެކެވެ. ނަންބަރު ބޯޑުވަނީ ނިވިފައެވެ. ހިތުގައި ބިރުވެރިކަން އިތުރުވާން ފެށިއެވެ. މަންމަ ދިން ކޮތަޅު ލިފުޓުގައި ބަހައްޓައިލީމެވެ. ކޮނޑުގައި އަޅުވާލެވިފައިވާ އަތްދަބަހުގެ ޒިބު ކަހައިލަމުން ފޯނު ނެގީމެވެ.

ފޯނަށް ބަލައިލެވުނީ ދެނެވެ. ނެޓުވޯކެއް ނުލިބެއެވެ. ގުޅޭނެ ގޮތް ވެސް ނެތުނީއެވެ. ކުރާންވީ ކަމެއް ސިކުނޑިއަކަށް ނައެވެ. ހަދަންވީ ގޮތެއް ނޭނގުނެވެ. ލިފުޓުގެ ދޮރާ ދިމާއަށް ޖެހިލެވުނެވެ. ދޮރުގައި ދެ އަތުން ޖަހައިލެވުނެވެ. ގައިގާ ހުރި ބާރެއް ލައިފައި ދެ ފަހަރު ޖަހައިލީމެވެ. އަހަންނަށް ޖަހައިލެވުނުހެން ހީނުވެ ކުއްލި އަޑުފަށްގަނޑެއް ލިފުޓުގެ ތެރޭގައި ފެތުރިގަތެވެ. އެއާއެކު ލިފުޓަށް ގުޑުން އައެވެ. ކުއްލި ގުޑުމެކެވެ. ފަސް އެނބުރި ބަލައިލެވުނެވެ. ސިހިފައި އެއްލިގެން ދިޔައެވެ. ފެނުނު މަންޒަރުންނެވެ.

ހުދު ހެދުމުގައި ހުރީ އަންހެނެކެވެ. ހެދުންވަނީ ކަޅު ވެފައެވެ. ބައެއް ތަންތަންކޮޅުން ގަދަ ރަތްކުލަ ފާހަގަވަމުން ދިޔައެވެ. އިސްތަށިގަނޑުވަނީ ހުދުކުލައަށް ބަދަލުވާން ފަށައިފައެވެ. އެމީހާގެ ދެ އަތްވަނީ ކައިރިކޮށްލެވިފައެވެ. ހެދުމުގެ އަތްކުރީން ފެންނަނީ އެ މީހާގެ ހިމަ ދިގު އިނގިލިތަކެވެ. އިނގިލިތަކުގެ ކުރީން ފެންނަމުން ދިޔައީ ދިގުވެ ބުޅިވެފައިވާ ނިޔަފަތިތަކެވެ. ނިޔަފަތިތަކުގެ ކުރީން ލޭގެ ކުލަ ފެންނަން ހުއްޓެވެ. އެމީހާގެ އިސްތަށިގަނޑުވަނީ މޫނު މައްޗަށް ވައްޓާލައިފައެވެ. އެއީ ކާކުގެ މޫނެއްކަމެއް ސާފުވާވަރެއް ނޫނެވެ. އިސްތަށިގަނޑުން މޫނުވަނީ ނިވާވެފައެވެ. މޫނުން ފެންނަމުން ދިޔައީ ނޭފަތުގެ ކޮޅެވެ. އެއީ ހިމަ ދިގު ނޭފަތެކެވެ.

"ކާކު؟" އަހަންނަށް ލިފުޓުގެ ބިތުގައި ލެނގިލެވުނެވެ.
އެމީހާ ހުރިގޮތަށް ހުރީއެވެ. ހަރަކާތެއް ވެސް ކޮށް ނުލައެވެ.
"ކާކުތަ؟ ތި ކާކުތަ؟،" އަހަރެންގެ ވާހަކަތައް އެމީހާއަށް އަޑު އިވޭހެން ހިއެއް ނުވެއެވެ. "ކަލޭ ތި ކާކުހޭ؟ މި ތަނުގައި ކީއްހޭ ތި ކުރަނީ؟"
އެމީހާ ހޭން ފެށިއެވެ. ބާރުބާރަށެވެ. ކަންފަތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ދެ ކަންފަތުގައި އަތް އަޅައިލެވުނެވެ. އެއާއެކު ލޯ މަރައިލީމެވެ. ދެ ލޮލަށް ބާރުކޮށްލަމުންނެވެ. ނިތަށް ވާންކޮށްލެވުނެވެ. ކުއްލިއަކަށް ހުނުމުގެ އަޑު ކެނޑުނެވެ. މޫނުގައި އަޅައިލެވިފައިވާ ދެ އިނގިލި ދޭތެރެއިން އަހަންނަށް ބަލައިލެވުނެވެ. އެމީހާ ފެނޭތޯއެވެ. އޭރު ވެސް އެމީހާ ހުރީ އަހަންނާ ދިމާއަށް ބަލާށެވެ.

"ތި ކާކުތަ؟" މޫނުމަތީ އަތް އަޅައިގެން އިނދެ އަހަރެން ސުވާލުކޮށްލީމެވެ.
"ކަލޭއަށް ނޭނގިގެންތަ ތި އަހަނީ؟" އަޑު އައީ އަހަރެން ލެނގިގެން ހުރި ބިތުންނެވެ. ސިހިފައި އަހަންނަށް ދުރަށް ޖެހިލެވުނެވެ. އަނެއްކާ ވެސް އެމީހާ ހޭން ފެށިއެވެ. ބާރު ބާރަށެވެ.
"މާ ނޭނގޭ ކަމަށް ހެދޭނެ ކަމެއް ނެތް،" މި ފަހަރު އަޑު އައީ މަތިންނެވެ. "ކަލޭއަށް އެނގޭ ކަމެއް ވެސް ނޭނގޭ ކަމެއް ވެސް ނޯންނާނެ. ނޭނގޭކަމަށް ހެދިގެން ހުރިހާ ކަމެއް ވެސް ކުރަނީ"

އަހަންނަށް މައްޗަށް ބަލައިލެވުނެވެ. އާދަޔާ ޚިލާފު އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނެވެ. އަނެއްކާ ވެސް ބަލައިލެވުނީ އެ މީހާ ހުރިތޯއެވެ. އެމީހާ ފެންނާކަށް ނެތެވެ. ލިފުޓު ތެރެއިން އިވެމުން ދިޔައީ އަހަރެންގެ ނޭވާގެ އަޑު އެކަންޏެވެ. އަވަސްވެފައިވާ ނޭވާތަކުގެ އަޑެވެ. އަހަންނަށް ބަލައިލެވުނީ ނަންބަރު ބޯޑަށެވެ. ބޯޑަށް އަރާފައިވަނީ ހަވަނަ ނަންބަރެވެ. އެއާއެކު ލިފުޓުގެ ދޮރު ހުޅުވުނެވެ.

ލިފުޓުން ނުކުންނަންވީ އޭ ހިތަށް އެރިއެވެ. ސިކުންތެއް ނުވަނީސް ޚިޔާލު ދެ ކަފިވިއެވެ. މި ދަންވަރު ނުކުމެގެން ދާނެ ތަނެއް ނެތްކަމަށް ހިތްބުނެލިއެވެ. އަހަންނަށް ބޯދިއްކޮށްލާ ބަލައިލެވުނެވެ. މީހެއްގެ ނިޝާނެއް ވޭތޯއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ލިފުޓުގެ ދޮރު ލެއްޕެން ފެށިއެވެ. ދުރުން ކައިރިވަމުން އާ މީހެއްގެ ފިޔަވަޅުގެ އަޑު އިވެން ފެށިއެވެ. ހީވަނީ ލިފުޓާ ދިމާއަށް މީހަކު އަންނަހެންނެވެ. ފިޔަވަޅުތައް އަވަސްވަމުންދާ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ފިޔަވަޅުތައް ކައިރިއަށް އަންނަކަމުގެ އިހުސާސްވަމުން ދިޔައެވެ. އަހަންނަށް ބޭރަށް ބަލައިލެވުނެވެ.

ހީވީ ރަނގަޅަށެވެ. ދުވެފައި އައީ އަންހެނެކެވެ. އަހަންނަށް ބަލައިލެވުނީ ފައިން ފެށިގެން އެމީހާގެ މޫނަށެވެ. މުޅި މީހާ ނިވާވެފައިވަނީ ކަޅުކުލައިންނެވެ. ކަޅު ހެދުމުންނެވެ. ގަޔަށްދޫ ހެދުމަކުންނެވެ. ހަމައެކަނި ފެންނަން ހުރީ އެމީހާގެ ދެ ލޮލެވެ. އަނެއްކާ ވެސް އިތުރަށް ސިހޭ ކަމެއް ފާހަގަވީއެވެ. އެމީހާގެ ލޮލަށް ބަލައިލެވުނީމައެވެ. ފެންނަމުން މިދަނީ މުޅީން ވެސް އާދަޔާ ޚިލާފު ކަންކަމެވެ. ކަޅި ޖަހައި ނުލައި އަހަންނަށް ބަލައިލެވުނެވެ. އެމީހާގެ ދެ ލޮލަށެވެ. އެއާއެކު ހިތް ބިރު ގަންނަން ފެށިއެވެ. އެ މީހާގެ ކަޅުކަޅި ވަނީ މަޑު ނޫކުލައިންނެވެ. މުޅި ލޯ ފެންނަނީ ތަފާތުކޮށްނެވެ. އަހަންނަށް ކަނާއަތުގެ ޝަހާދަތް އިނގިލި ހިއްލައިލެވުނެވެ. ކަމެއް ހަނދާންވާން ފެށުމުންނެވެ. ހަނދާނުގެ ސަފުހާތަކެއް އުކެމުން ދިޔަހެން ހީވާތީ އަނގަ ހުޅުވާލެވުނެވެ.
"ޝަފުޤާ ތަ؟" ބޭއިޚްތިޔާތުގައި އަހަންނަށް އަހައިލެވުނެވެ.

އާއެކޭ ބުނުމުގެ ގޮތުން ޝަފުޤާ ބޮލުން ހަރަކާތްކޮށްލިއެވެ.
"އެކަމަކު ކިހިނެއްވާނެ ކަމެއް؟" ހައިރާންވެ ބަސްހުއްޓޭވަރުވިއެވެ.
ޝަފުޤާ އަހަންނާ ދިމާއަށް އެނބުރިލިއެވެ.

"ނުވާނެ. ތީ ޝަފުޤާއެއް ނޫން. ތީ އޭނާއެއް ނޫން. އަހަރެން ޤަބޫލެއް ނުކުރަން" އަހަންނަށް ފަހަތަށް ޖެހިލެވުނެވެ.
ޝަފުޤާ އަހަންނާ ދިމާއަށް ޖެހެމުން ޖެހެމުން އައެވެ. އޭނާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަންނަށް ފެންނަނީ އޭނާގެ ނޫކުލައަށްދާ ހުދު ދެ ލޯ އެކަންޏެވެ.
"ޝަފުޤާވީ ޖަލުގައި. ހައްޔަރުކޮށްފަ. އޭނާއަކަށް ސަލާމަތެއް ނުވެވޭނެ. ތިއީ އޭނާއެއް ނޫން." ބާރުބާރަށް އަހަންނަށް ހަޅޭއްލަވާ ގަނެވުނެވެ.
އޭރު ޝަފުޤާ އަހަންނާ އަރާ ހަމަވަނީއެވެ. އަހަރެން ފަހަތަށްފަހަތަށް ގޮސް ލިފުޓުގެ ބިތުގައި ފުންނާބު ޖެހުނެވެ. އެއާއެކު އަހަންނަށް ހުއްޓެވުނެވެ. ޝަފުޤާ އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. އަނެއްކާ ވެސް އޭނާ ކުރިއަށް ޖެހެން ފެށިއެވެ. ހީވަނީ އަހަރެން ފިއްތާލަން އުޅޭހެންނެވެ. އަހަރެން ނޭވާގެ ހޫނުކަން އޭނާއަށް ފޯރާވަރަށް ޖެހުމުން އަހަރެންގެ ދެއަތް ހިއްލައިލެވުނެވެ. ހާސްވާން ކަމުގެ އިހްސާސްވާން ފެށުމުންނެވެ. އެއާއެކު ޝަފުޤާ ކޮށްޕާލުމަށް ހިތް ބުނެލިއެވެ.
އަނެއްކާ ވެސް އަހަންނަށް ސިހުން ލިބުނެވެ. އަހަރެންގެ އަތަށް އައީ ޝަފުޤާ ލައިގެން ހުރި ހެދުމެވެ. އެއީ ކަޅު ފޮތިގަނޑެކެވެ. އެއާއެކު ޝަފުޤާ ގެއްލުނެވެ. އަހަންނަށް ވަށައިގެން ހޯދައިލެވުނެވެ. މީހާ ބިރުން ތުރުތުރު އަޅާން ފެށިއެވެ. އަތުގައި ފޮތިގަނޑެއް އޮތްކަން ވެސް ހަނދާންވީ އެހައި ހިސާބުންނެވެ. އަވަސް އަވަހަށް އަތްފޮޅުވާލެވުނެވެ.

ފުންނޭވާތަކެއް ދޫކޮށްލެވުނެވެ. މިރޭ މި ފެންނަނީ ކޮން ކަންތައް ތަކެއް ބާއޭ ހިތަށް އަރަމުން ދިޔައެވެ. ހުދު ހެދުމުގައި އެ ފެނުނީ ކޮން އަންހެނެއް ހެއްޔެވެ؟ ޝަފުޤާ މި ފެނުނީ ކީއްވެ ހެއްޔެވެ؟ އެއީ ޝަފުޤާ ހެއްޔެވެ؟ އޭނާ އަހަންނަށް ޖެއްސުން އެކުރީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ޝަފުޤާއަށް ގޯނާއެއް ކުރެވުނު ހެއްޔެވެ؟ އޭނާއަށް އެ އަނިޔާ ދިނީ އަހަރެން ހެއްޔެވެ؟ އެކަމުގައި އަހަންނަށް ބައިވެރި ވެވުނު ހެއްޔެވެ؟
ނޫނެކެވެ. އަހަރެން ނުކުރަމެވެ. އޭނާއަށް ދެރައެއް ނުދެމެވެ. އެއީ އޭނާ އަމިއްލައަށް ފޭހުނު އިލޮށްޓެކެވެ. އެ މަޅި ޖެހީ ވެސް އޭނާއެވެ. އެ މަޅިއަށް މެހުނީ ވެސް އޭނާއެވެ.

ސާޖިދަކީ މާބުރެއްކަން ޝަފުޤާއަށް ނޭނގެނީއެއް ނޫނެވެ. އޭނާ ބޭނުންވީ ދުނިޔެއެވެ. ތަނަވަސްކަމެވެ. ފައިސާއެވެ. ޝަފުޤާ ބޭނުންވީ ސާޖިދުގެ ހިޔަނިން ފެންވަރާށެވެ. އޭނާގެ މުއްފަތުން މަންފާ ހޯދާށެވެ. ސާޖިދު ކޮންމެ ކަމެއް ކުރިޔަސް، ކޮންމެ ގޮތަކަށް އުޅުނަސް ޝަފުޤާއަށް މައްސަލައަކަށް ނުވީއެވެ. ސާޖިދުގެ ގާތަށް ރަންޑީން ގެނުވީ ޝަފުޤާއެވެ. އެމީހުންނަށް ދައުވަތު ފޮނުވަނީ ޝަފުޤާއެވެ. އެއްމެ މީހެއް، ދެމީހެއް ނޫނެވެ. އެތައް ބަޔަކެވެ.

ކާވެނިކުރެވުނީ ނަމަކަށެވެ. މައިންބަފައިންގެ ލޮލުގައި އަނދުން އެޅުވުމަށެވެ. ޝަފުޤާގެ ތަންމަތި އޮތީ ހަރާބުކޮށްފައެވެ. އެ ތަންމަތީގެ ހުރުމަތް ގެއްލުވާލީ ޚުދު އޭނާއެވެ. ފައިސާއަށެވެ. ސާޖިދުގެ ރީތިކަމުގެ ފައިދާ ހޯދީ ވެސް ޝަފުޤާއެވެ. ގިނަ ކޮފީގެ ރަހަބެލުމަކީ އުފަލެއް ކަމަށް ބުނީ ޝަފުޤާއެވެ. ސާޖިދަށް އެ ދުނިޔެ ދެއްކީ ޝަފުޤާއެވެ. ސާޖިދު މި ދުނިޔެއިން ބޭރުކޮށްލީ ވެސް ޝަފުޤާއެވެ. ވިޔާނުދާ އެތައް ކަމެއްގެ ތެރެއަށް އޭނާ ފައްތާލުމަށްފަހު، އެ ކަން ހިންގީ ޝަފުޤާއެވެ. އެކަން އެނގޭނެ މީހަކަށް އަހަރެން ވުމަކީ އަހަރެންގެ ކުށެއް ހެއްޔެވެ؟ އަހަރެން ކޯޓުގައި ހެކި ބަސްދިނީ ޝަފުޤާއާ ދެކޮޅަކަށް ނޫނެވެ. އޭނާގެ ހިންގި ލާއިންސާނީ ޢަމަލަށެވެ. ސާޖިދަށް އިންސާފު ހޯދައިދޭށެވެ. ސާޖިދުގެ ހައްޤުގައެވެ. ހިތުގައި ދިއްލިފައިވާ ހުޅުކޮޅުގެ ސަބަބުންނެވެ.

މިއަދު ކަޅު ހެދުމުގައި ޝަފުޤާ އަޔަސް އެއީ އަލިފަކަށް ވާނެ ހެއްޔެވެ؟ އޭނާގެ ބޮލަށް ހެޔޮވަރުވި ތާޖު ނެގޭ ހެއްޔެވެ؟ އޭނާ އަހަރެން ދެކެ ރުޅި އަންނަން ޖެހޭ ކަމެއް އަހަންނަށް ކުރެވުނު ހެއްޔެވެ؟ އެ ކުށުގެ މަތި ޖަހައި، ފަސް އެޅުނަ ނުދީ އެކަން ފުލުހުންނަށް އެންގުން އެއީ އަހަރެންގެ ކުށެއް ހެއްޔެވެ؟ ޤާނޫނުގެ ދިގު އަތް ޝަފުޤާގެ ވަށައިގެން އޮޅައިލީ އަހަރެން ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ދިޔައީ އިންސާފުގެ މަގުންނެވެ. އަހަންނަށް ކަމު ނުދިޔައީ ޝަފުޤާ ކުރި ކަންތަކެވެ. ޒުވާންކަމުގެ އަވާގައި ޖެހިފައިވާ ސާޖިދަށް އޭނާ ދެއްކި ދެވަނަ މަގެވެ. އެ މަގުން ގެން ގޮސް ސާޖިދުގެ ވަސް ފޮހެލި ގޮތެވެ.

(ނުނިމޭ)
ހިޔާލު