Dhivehi mujuthamauge ehbaivanthakan
image
ކުޑަ ދެ ކުއްޖަކު ކޮނޑާއި ކޮނޑު ޖައްސާ ސަލާމްކުރަނީ | ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ދިވެހި މުޖުތަމައުގެ އެއްބައިވަންތަކަން

ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށް ކުރެވޭ ކަންކަމުގައި އެތެރެއިންނާއި ބޭރުން ދިވެހި ރާއްޖެއިން ދަނީ ދިވެހިންގެ ފެންވަރުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަދު އަޅުގަނޑުމެން އީދު ދުވަސް ފާހަގަކުރަމުން ދާއިރު، އަޅުގަނޑުމެން ދިވެހިންނަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން އަޅުގަނޑުމެންގެ މުޖްތަމައުއިން ދައްކަމުން އަންނަ ބަޔަކެވެ.
ނިމިގެން ދިޔަ ރަމަޟާން މަހުގައިވެސް އަދި ވޭތުވެ ދިޔަ މާޒީގައިވެސް ދިވެހިންވަނީ ދިވެހިންނަކީ އެއްބައިވަންތަ ބައެއްކަން ދައްކާދީފައެވެ. ރަމަޟާން މަހު މިސްކިތުގައި ރޯދަ ވިއްލުމުގެ ކަންކަމުން ފެށިގެން ގޭ ސުފުރާމަތީގައި ރޯދަ ވިއްލުމުގެ ކަންކަން ކުރިއަށްދިޔައިރުވެސް މިކަންކަން ފާހަގަކުރެވުނެވެ.

މިކަން އެންމެ ބޮޑަށް ފެނިގެންދަނީ އަޅުގަނޑުމެންގެ މުޖުތަމައުގައި އުޅޭ ބިދޭސީންނާއި މެދު އަޅުގަނޑުމެން އަމަލުކުރަމުން އަންނަ ގޮތުންނެވެ. އަޅުގަނޑުމެން ދިވެހިންގެ ކަންކަން ފުއްދައި ދިނުމުގައި އަވަދިނެތި އުޅެމުން އަންނަ ބިދޭސީންނަށް އަޅުގަނޑުމެން ދިވެހިންގެ އިޚްތިރާމް ހައްޤުއިރު، އެމަންޒަރު އެގޮތަށް ފެނިގެން ދިޔުމަކީ ލިބިގެންދާ ވަރަށްވެސް ބޮޑު އުފަލެކެވެ.

މިސްކިތުގައި ރޯދަވިއްލުމަށް ގިނައިން ބިދޭސީ ފަރާތްތަކުން ތިބޭއިރު، އަޅުގަނޑުމެން ދިވެހިން އެމީހންނަށް ރޯދަ ވިިއްލުމަށް ބޭނުންވާނޭ ތަކެތި ފޯރުކޮށްދިން މަންޒަރު ފެނިގެން ދިއުމަކީ އުފާވެރިކަމެކެވެ. ފެށުނީއްސުރެވެސް ފެންނަމުން އަންނަ މި މަންޒަރު ހުއްޓުމެއްނެތި ފެންނަމުން އަންނަކަމީ ދިވެހިންގެ ތެރޭގައި އޮތް އިސްލާމީ އަޚުވަންތަކަން ދައްކުވައިދޭ ކަމެކެވެ. އަދި އަޅުގަނޑުމެންގެ ގެތަކުގެ ސުފުރާމަތިންވެސް އެފަރާތްތަކަށް ޖާގަދެވި އެކުއެކީގައި ރޯދަ ވިއްލުމުގެ ފުރުސަތު ދިންކަމީވެސް މަދުންނަމަވެސް ފެނުނު ވަރަށްވެސް އުފާވެރި މަންޒަރެކެވެ.

ރޯދަ އަށް ފަހު މިއައި އީދުގައިވެސް އަޅުގަނޑުމެނަށް ވޭތުވެދިޔަ އަހަރުތަކުގައިވެސް ކަންކަން ފެނިގެން ގޮސްފައވަނީ މިފަދަ ގޮތަކަށެވެ. އަޅުގަނޑުމެންގެ އެކި ކުޅިވަރުތަކުގައި ބިދޭސީން ބައިވެރިކޮށް އެމީހުންނަށް އީދެއްގެ އިހުސާސްކުރެވުމުގެ ފުރުސަތު ލިބިގެންދާކަމީ އަޅުގަނޑުމެންގެ ތެރޭގައިވާ އިސްލާމީ އަޙްވަންތަކަން ދައްކުވައިދޭ ކަމެކެވެ. އާއިލާ އާއި ދުރުގައި އީދު ފާހަގަކުރަން އެމީހުންނަށް ޖެހިފައިވީއިރު، މިއީ އެމީހުންގެވެސް ޤައުމުކަމުގެ އިހުސާސް އެމީހުނަށް ކުރެވުމުގެ ފުރުސަތު އަޅުގަނޑުމެން ދިވެހިންގެ ފަރާތުން ލިބޭކަމީ، މި އިސްލާމީ މުޖުތަމައުގެ އެއްބައިވަންތަކަން ދައްކުވައިދޭ ކަމެކެވެ.

މީގެ އިތުރުން އަޅުގަނޑުމެން ދިވެހިން ދިވެހިންނާއި މެދު އަމަލުކުރަމުން އަންނަ ގޮތަކީވެސް މިކަން ސާބިތު ކޮށްދޭ ނުހަނު ބޮޑު ހެއްކެކެވެ. އީދު ދުވަހަކީ އަޅުގަނޑުމެން އަޅުގނޑުމެންގެ އާއިލާ ތަކާއި އަވައްޓެރިންނަށް ޒިޔާރަތްކޮށް ހަދިޔާ ބަދަލުކުރާ ދުވަހެކެވެ. އެންމެން އެކުގައި އީދުގެ އުފަލުގައި ބައިވެރިވާ ދުވަހެކެވެ. ކުޑައެއް ބޮޑެއް ވަކި ޖިންސެއް ތަފާތު ކުރުމެއް ނެތި މަކަން އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ހިނގަމުން އަންނަކަމީ އަޅުގަނޑުމެން ދިވެހިންގެ ހައިސިއްޔަތުން އަދި އިސްލާމީ މުޖުތަމައުއެއްގެ ހައިސިއްޔަތުން ފަޚުރުވެރިވާ ކަމެކެވެ.

ނިމިގެންދިޔަ މާތް ރަމަޟާން މަހާއި މި އީދުންވެސް އަޅުގަނޑުމެނަށް ފެނިގެންދަނީ އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމައުގެ އެއްބައިވަންތަކެމެވެ. އަޅުގަނޑުމެން މަސައްކަތްކުރައްވީ ކުރިއަތް ތަނުގައިވެސް މި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށެވެ. ފަޚުރުވެރި އިސްލާމީ މުޖުތަމައު އެއްގެ ގޮތުގައި އަޅުގަނޑުމެންގެ އެއްބައިވަންތަކަން ބޭރުގެ މުޖުތަމައުއަށް ދެއްކުމަށެވެ.
އީދު
ހިޔާލު