Thaareehuge there inn havaa: Dhivehi vantha sagaafatheh zamaanee vefa othee kihineh?
image
ހަވާ އަރުވަނީ--
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

ތާރީހުގެ ތެރެއިން ހަވާ: ދިވެހިވަންތަ ސަގާފަތެއް ޒަމާނީވެފައި އޮތީ ކިހިނެއް؟

އަޅުގަނޑުމެން އީދު ފާހަގަކުރަމުން އަންނައިރު މަދުންނަމަވެސް އަޅުގަނޑެމެންގެ ތެރޭގައި ހަވާ އަރުވައި އުޅެއެވެ. ދިވެހިންގެ ތެރޭގައި މާކުރިންސުރެވެސް ހަވާ އެރުވުމުގެ ކަންކަން ކުރާއިރު، ރަސްކަމުގެ ދައުރުން ފެށިގެންވެސް ދިވެހިންގެ ތެރޭގައި ހަވާއެރުވުމަކީ އޮތްކަމެކެވެ.
މިހާރު އެރުވުމަށްޓަކައި ގެނެވޭ ހަވާއަކީ، ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެކުރާ އެއްޗެހި ކަމުގައިވީ ނަމަވެސް ކުރީގައި މިކަން ހިނގާފައި އޮތީމިހެނެއް ނޫނެވެ. މިހާރު ކޮންޓުރޯލް ރޫމަކުން ފިތާލެވޭ ފިތަކުން އެރުވޭ ހަވަޔާ އޭރު ދިވެހިން ހަވާ އަރުވާ އުޅުނުގޮތާ ހާސް ތަފާތެވެ. ބޭނުންކުރި އާލާތްތަކާ އުކުޅުތަށް އުޑާ ބިމާހާ ތަފާތެވެ. ކުރީގައި ހަވާ އެރުވުމަށް ޓަކައި ބޭނުންކުރެވުނު ހަވާއަކީ ދިވެހިން އަމިއްލަޔަށް ތައްޔާރުކުރި އެއްޗިއްސެވެ. ހަވާ ހެދުމަށްޓަކައި ޖަސްތުން ހަދައިފައި ހުންނަ ވަށް ހޮޅިގަނޑެއްގެ އެއްކޮޅު ބައްދައި އަނެއްކޮޅުން އެތެރެއަށް ބަޑިބޭސް އަޅައި ކޮޅުގައި އަގުޅި ޖަހައި ބައްދައި، ފުލުގައި ލޯވަޅެއް އަޅައެވެ. އަދި އެލޯވަޅަށް ބަޑިބޭސްލާފައި ހުރި ފުކެއް ޖަހައި ފަންތޮށިން ހިމަކޮށް ސަޑެއް ހަދައި އެހަވާގެ ބޭރުގައި އެސަޑު އައްސައެވެ.

މިފަދަ ގޮތަކަށް ކުރީޒަމާނުގައި ތަށްޔާރުކުރެވޭ ހަވާ، އެރުވުމަށްޓަކާވެސް އަމިއްލަވަންތަ އެއްޗެހި ތަކެއް ދިވެހިން ބޭނުންކޮށް އުޅުނެވެ. އެގޮތުން ހަވާއެރުވުމަށްޓަކައި ދަގަނޑު ކަނިގަނޑެއްގައި ހަރުކޮށްފައި ހުންނަ ދަނޑިއެއް ބިމަށް ޖަހައި އެ ކަނިގަނޑުގައި ހަވާ އަޅުވައެވެ. އަދި ފޮލިސީއެއްގެ ކޮޅުގައި ލާފައި އޮންނަ ކޮރުދަނުގައި އަލިފާން ރޯކޮށް ހަވާގެ ފުކުގައި ޖެއްސުމުން އެ ފުއް އަނދައިގެން އެތެރެއަށްގޮސް ބަޑިބޭހުގައި ރޯވުމުން ހަވާ މައްޗަށް އަރައިގެން ދެއެވެ. ފޮލިސީ އަކީވެސް ދިވެހި އަމިއްލަ އުފެއްދުމަކަށް ވުމުން އެއާގުޅޭ ކުޑަ ތައާރަފެއް ވެސް ދޭނަމެވެ. ފޮލިސީ އަކީ ހިމަ ދަގަނޑުން ހަދާފައި ކޮޅުގައި ގުދެއްލާފައި އޮންނަ އެއްޗެކެވެ. ފޮލިސީގެ ކުރީގައި އުއިން އަނބުރާފައި އޮންނަ ކޮރުދަނެއް ހަރުކޮށްފައި އޮންނާނެއެވެ. މިކޮރުދަނަކީ ހަވާގައި ރޯކުރުމަށް ހަދާފައި އޮންނަ އެއްޗެކެވެ. ފޮލިސީގެ މުށްގަނޑު އޮންނަނީ ލަކުޑިން ހަދާ ލިޔެލާ ޖަހާފައެވެ.

ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދިވެހިން މިހާރު މިއަރުވާ އުޅޭ ހަވަޔާ، އޭރު ދިވެހިން ހަދައިގެން އެރުވުމަށް ބޭނުންކުރި ހަވަޔާ އެހަވާ އެރުވޭ ގޮތުގައި ހުރި ތަފާތުގެ ބޮޑުކަން މިމިންވަރުން ހާމަވާނެއެވެ. މިކަންކަމުގައި މިހާބޮޑު ތަފާތެއް ހުރިއިރު، ދެން ހިތުގާ އުފެދޭ އަނެއް ސުވާލަކީ، ހަވާ އެރުވޭ މުނާސަބަތުތަކާ މެދުވެސް އެހާބޮޑެތި ބަދަލު ތަކެއް އައިސްފާ ހުރެދާނެ ކަމާ މެދުއެވެ.

ހަވާއެރުވުމުގެ ކަންކަން ކުރީގައި ކުރެވެމުން އައިގޮތާ މިހާރު ކުރެވެމުން އަންނަ ގޮތާދޭތެރެ ވަރަށްވެސް ބޮޑު ފަރަގެއް އެބަހުއްޓެވެ.

މީގެ އަހަރުތަކެއް ކުރިން ހަވަޔަކީ ހަމައެކަނި ބޮޑުދެހިތީގައި، ބަޑިޖެހުމަށްފަހު ހިތިވިލޭރޭ ހިތިގެ ދޮށުގައި އަތިރިމަތީ އަރުވާ އުޅެވުނު އެއްޗެކެވެ. މިކަންކޮށް އުޅެނީ ރަދުން ހިތިގެދޮށަށް އައުމުން މާލޭގެ ހަތަރުކޮށިގެ މީހުންނެވެ. ކޮންމެ ކޮށްޓަކުން އެރުވޭ ހަވައެއްގައި ރޯކުރުމަކީ އެކޮށްޓެއްގެ އެދުރުބޭކަލުން ނުވަތަ އިސްދަރިވަރުން ކޮށްއުޅުނު ކަމެކެވެ. ބޮޑުނާބަ ޖެހުމަށްފަހު އެރުވޭ މިހަވާ އަރުވަނީ އަމުރުކުރެވިފައިވާ ވަކި ތަރުތީބަކުންނެވެ. ފުރަތަމަ އެރުވޭ ހަވާ އަރުވާނީ ބަންޑާރަ ކޮށިންނެވެ. ދެންއެރުވޭ ހަވާ ތުރުކީ ކޮށިން އަދި އެއަށްފަހު މޫދުގޭ ކޮށިން އަދި އެންމެ ފަހު ހަވާ ފާދިއްޕޮޅު ކޮށިންނެވެ.

މިހާހިސާބުން ބޮޑުދެހިއްޗަކީ ކޮބައިކަމާ އަދި ބޮޑު ނާބައަކީ ކޮބައި ކަމާމެދު ސުވާލު އުފެދިފައި ހުރުމަކީ އެކަށީގެން ވާކަމެކެވެ. ހިތި ދުވަސްތައް އަންނާނީ ރޯދަމަހުގެ ތެރޭގައެވެ. ފުރަތަމަ އަންނާނީ ހެންވޭރު ބޮޑު ހިއްޗެވެ. އެއީ ރޯދަމަހުގެ 22 ވަނަ ދުވަހެވެ. އަދި އެދުވަހުގެ ރޭ، 23 ވިލޭރެއަކީ ހެންވޭރު ބޮޑު ހިތި ވިލޭރެއެވެ. ދެވަނަ ބޮޑުހިތި އަންނާނީ ރޯދަމަހުގެ 24 ވަނަ ދުވަހުއެވެ. 25 ވިލޭރެއަކީ މާފަންނު ބޮޑު ހިއްޗެވެ. މިނޫންވެސް ހިތި ދުވަސްތައް ވާކަން ތާރީހީ ލިޔެކިޔުންތަކުން ފެންނާން ހުރިނަމަވެސް، ހަވާ އަރުވާ އުޅެވުނުކަމަށް ފެންނަންހުރީ މިބޮޑު ދެހިތީގައި އެކަންޏެވެ.

ނާބައަކީ އިހުގައި މުންނާރުން، މަޣްރިބު ނަމާދަށް ބަންގި ގޮވައި ނިމުމުން ނާބުސްޚާނުން ޖަހާބެރެކެވެ. މިބެރު ޖެހުމުގައި ތާޅަފިލި ދުންމާރި ނުފުމޭއިރު މިބެރު ޖަހާނީ އެންމެ މީހެކެވެ. މިއާޚިލާފަށް ބޮޑުނާބަ އަކީ ހިތިގެ ދޮށުގައި ބޮޑު ދެހިތީގައި ޖަހާއުޅުނު އެއްޗެކެވެ. ބޮޑުނާބަ ޖަހަންފަށާނީ ރަދުން ވަޑައިގެން ހިތިގެ ދޮރުމަތީގައި ހުންނަ ގޮނޑިކޮޅުގައި އިށީނދެ ވަޑައިގަތީމައެވެ. ހެންވޭރު ހިތިނަމަ، ލޮނުޒިޔާރަތް ކޮޅު ބުރުޒުން ބޮޑުބަޑީގެ ތިންބަޑި ޖެހުމާއެކު ބޮޑުނާބަ ފަށާނެއެވެ. މިނާބަ ޖެހުމަށްޓަކައި ބެރު ދުންމާރިވެރިން ތިބޭނީ ރަސްމީހެދުމުގައި ހިތިގެ ދޮރުމަތީގައެވެ.

ހިތިރޭރޭ ހަތަރު ކޮށީން އެރުވޭ ހަވައަށްފަހު "ފައިދޮށުފުރޭތަ"އޭ ކިޔާ ހަވައެއްވެސް އަރުވާއުޅުނެވެ. މި ހެދިފައި އޮންނާނީ ވަރަށްކުރު ސަޓުބުރިއެއްލާފައެވެ. މިހަވާ ރޯކުރާނީ މޫދާ ވަރަށްކައިރީގައި ބާއްވާފައެވެ. ސަބަބަކީ، މިހަވައަކީ އެއްގޮތަކަށް ވަކިދިމާއަކަށް ދާނެކަމުގެ ޔަޤީންކަން އޮންނަ އެއްޗަކަށް ނުވާތީއެވެ. ރޯކުރުމަށްފަހު މިހަވާ ދާނެ ވަކި މިސްރާބެއް ދިމާލެއް ޔަގީންނުވެ އެކި ގޮތްގޮތަށް އެކި ކޮޅުކޮޅަށް ތެޅޭތެޅުމުގެ ސަބަބުން މިހަވައަށް ފައިދޮށުފުރޭތައޭ ކިޔެއެވެ. ފައިދޮށުފުރޭތައަކީ ހިތިރޭރޭ އެންމެފަހުން ރޯކުރެވޭ އެއްޗަށް ވުމުން މިކަންނިމުމަށް ފަހު ރަދުން ވަޑައިގަންނަވާނީ ގަނޑުވަރަށެވެ.

މިއީ ދިވެހިންނާއި ހަވަޔާއި އޮތް ގުޅުމެވެ. ދިވެހިން އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ކުރިން ފެށިގެންހަވާއަރުވައި އުޅުކަން މިއީ ފެންނަން އޮތް ހަޤީޤަތެވެ. މިހާރު އީދު ދުވަސްތަކާއި އެކި އެކި މުނާސަބަތުތަކާއި ދިމާކޮށް އަރުވަމުން އަންނަ ހަވަޔާއި ކުރިން އަރުވަމުން އައި ހަވާގައި ހުރި ތަފާތަކީ މިއީއެވެ.
އީދު ފިތުރު އީދު
ހިޔާލު

އަލިފުތު

ހަވާ އެރުވުމުގެ ތެރޭގައި ދިމާވާ ހާދިސާތަކުން ބައެއް ގޭގެ ރޯވެ އަނދާ ކަމާއި، އެ ގެތަށް ސަރުކާރުގެ ޚަރަދުގައި ހަދައިދޭ ވާހަކަ ވެސް ލިޔެލިނަމަ.