7 aharuge Naazil kidney baleege shikaara akah, ehee eh vedhevvaa!
image
އިބްރާހީމް ނާޒިލު މުހައްމަދު--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ހަތް އަހަރުގެ ނާޒިލް ކިޑްނީ ބަލީގެ ޝިކާރައަކަށް، އެހީއެއް ވެދެއްވާ!

ކިޑްނީގެ ބައްޔަކީ މި ކުޑަކުޑަ ރާއްޖޭގައި ވެސް ވަރަށް އާންމު ބައްޔަކަށް މިވަނީ ވެފައެވެ. އެ ބަލީގެ ޝިކާރައަކަށްވެ އެތައް ބަޔަކު އަންނަނީ ވޭނީ ދިރިއުޅުމެއް ކަޑަތު ކުރަމުންނެވެ. ރ. ހުޅުދުއްފާރު، ހިރުންދުމާގޭ އުމުރުން އެންމެ ހަތް އަހަރުގެ އިބްރާހީމް ނާޒިލު މުހައްމަދަށް ވެސް މިވަނީ ކިޑްނީގެ ބައްޔެއްގައި މުޅި ގައި ދުޅަ ވުމާއި ކުރިމަތިލާން ޖެހިފައެވެ.
އެ ބަލީގެ އަލާމާތްތައް ނާޒިލަށް ދިމާވާން ފެށީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް އޭނާގެ މަންމަ، ނާސިރާ އިބްރާހީމް ސީއެންއެމްއަށް ބުންޏެވެ. އެގޮތުން އެންމެ ފުރަތަމަ މޫނު މަތި ދުޅަވާން ފެށުމުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި ހީކޮށް އޭނާ ވަނީ ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ދައްކާފައެވެ.

"އުނގޫފާރު ހޮސްޕިޓަލަށް ދެއްކީމަ ބުނީ، އެއީ ޓޮންސިލް މައްސަލައެކޭ، އެހެންވެ ޓޮންސިލަށާއި ދުޅަ ކަޑުވާން ބޭހެއް ދިނީ. އެބޭސް ކައިގެން ގާތްގަނޑަކަށް ތިންވަރަކަށް ހަފުތާ ތެރޭ ރަނގަޅުވި،" ނާސިރާ އޭނާގެ ތިން ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅުގެ ސިއްހީ ހާލަތު ކިޔައިދެމުން ބުންޏެވެ.

ގައިން އެއްކޮށް ދުޅަ ކެނޑުމަށް ފަހު ވެސް ދޭތެރެ ދޭތެރެއިން ނާޒިލްގެ ގައި ދުޅަވެޔެއެވެ. އެހެންވެ މިދޭތެރެއިން ވަނީ ދިވެހި ބޭސް ވެސްކޮށްފައެވެ. އަދި އެއީ މާ ވިހައެއް ކަމަށް ދިވެހި ބޭސްވެރިކަން ކުރި މީހާ ބުނި ކަމަށާއި ގައި ދުޅަވަނީ ވިހަ ބޭރު ނުކުރެވޭތީ ކަމަށް ވެސް އެމީހާ ބުނި ކަމަށް ނާސިރާ ބުންޏެވެ. އެކަމަކު ދިވެހި ބޭސްކުރުމުން ވެސް ކުއްޖާގެ ގައިގެ ދުޅަ ތިރިވުމުގެ ބަދަލުގައިވީ ބޮޑުވަރުވިކަން ފާހަގަކުރެވުނު ކަމަށް ވެސް ނާސިރާ ބުންޏެވެ.

ދުޅަވާ މައްސަލައަށް އަތޮޅު ހޮސްޕިޓަލުން ވެސް ފަރުވާ ހޯދަމުން އައި ނަމަވެސް މީގެ ދެވަރަކަށް މަސް ކުރިން އަނެއްކާ ވެސް ވަރަށް ބޮޑަށް ނާޒިލް ދުޅަވިޔެއެވެ. މޫނާއި ފައިގެ އިތުރުން ބަނޑާއި ކުރިމަތި ފަރާތް ވެސް ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. ކުއްޖާގެ ސިފަ ވަނީ ބަދަލުވެފައެވެ. އެހެންވެ ޑޮކްޓަރުން ވަނީ މާލެއިން ކިޑްނީގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އަންގާފައެވެ. އެމެޖެންސީގައި ނާސިރާ އޭނާގެ ދަރިފުޅު ގޮވައިގެން މާލެ އައީ މިދިޔަ ރޯދަ މަހުގެ ތެރޭގައެވެ.

"މިކޮޅުން ޓެސްޓުތައް ހަދާފަ ބުނީ ކިޑްނީގެ މައްސަލައެއް އުޅޭކަމަށް. އެހެންވެ އިތުރު ފަރުވާއަށް އިންޑިއާއަށް ދާންވެގެން، މާދަމާ [ހުކުރު] ފުރޭތޯ އެކަމަކު ކަނޑުގަދަވެގެން އަޅުގަނޑާއެކީ އެހީތެރިއަކަށް އެކޮޅަށް ދާން ހުރި މީހާއަށް މާލެ ނާދެވިގެން މި ލަސްވަނީ،" އާސަންދައިން ފަރުވާގެ ކަންކަން ހަމަޖެހިފައިވާކަން ފާހަގަކޮށް ނާސިރާ ބުންޏެވެ.

ދުޅަވުމުގެ ސަބަބުން އެއްވެސް ތަދެއް ނުވާކަމަށް ނާޒިލް ބުނިނަމަވެސް އޭނާގެ މަންމަ ބުނީ، އުޅޭ އުޅުމުން ނޭވާލާން އުނދަގޫވާކަން ފާހަގަކުރެވޭ ކަމަށެވެ.

އާސަންދައިގެ ދަށުން ނާޒިލުގެ ފަރުވާގެ ކަންކަން ހަމަޖެހުނު ނަމަވެސް އިންޑިއާއަށް ގޮސް ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހިއްޖަ ނަމަ ހުރުމާއި ކެއުމަށް ވެސް ގިނަ ހަރަދުތަކެއް ހިނގާނެއެވެ. އެހެންކަމުން އެއާއިލާއިން މިވަނީ އާންމުންގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައެވެ.

އާއިލާއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

ރުފިޔާ އެކައުންޓް: 7730000151977 - (އަހުމަދު ނިޔާމް - ނާސިރާގެ ދޮންބެ)
ޑޮލަރު އެކައުންޓް: 7730000129836 - (އާދަމް ޝިހާމް - ނާސިރާގެ ކޮއްކޮ)
ފޯނު ނަމްބަރު: 9890735 - ނާސިރާ އިބްރާހީމް

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު