Gina dharivarunnah loan nulibumun Higher Education ah faadu kiyun!
image
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން-- ފޮޓޯ: ޕީއެސްއެމް ނިއުސް
ސާޔާ އަހްމަދު
5 ކޮމެންޓް
 

ގިނަ ދަރިވަރުންނަށް ލޯނު ނުލިބުމުން ހަޔާ އެޑިއުކޭޝަނަށް ފާޑުކިޔުން!

ރާއްޖެ އިން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށް ހުޅުވާލި ލޯނު ފުރުސަތަށް އެދި ހުށަހެޅި ގިނަ ފަރާތްތައް ލޯނަށް ނުހޮވުމުން ސޯޝަލް މީޑިއާގައި ފާޑުކިޔަމުން އެބަދެ އެވެ.
މަތީ ތައުލީމު އުނގެނުމަށް ބޭރު ގައުމުތަކުގެ ޔުނިވާސިޓީތަކަށް ދާން ބޭނުންވާ ފަރާތްތަކަށް ދަރިވަރުންގެ ލޯނުގެ ނަމުގައި ޖުމްލަ 242 ފުރުސަތެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި އެވެ.

ލޯނު ލިބުނު ފަރާތްތަކުގެ ލިސްޓު އިއްޔެ އާއްމުކުރިއިރު، ލޯނު ލިބުނު ފަރާތްތަކަށްވުރެ ނުލިބުނު ފަރާތްތައް ގިނަ އެވެ. ލޯނަށް ނުހޮވުނު ފަރާތްތަކުގެ އަދަދެއް މިނިސްޓްރީން ރަސްމީކޮށް އާއްމެއް ނުކުރެ އެވެ.

އެކަމަކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ލިސްޓުތަކުގައިވާ ގޮތުން ފޯމު ހުށަހެޅި އެތައް ސަތޭކަ ބަޔެއްގެ ތެރެއިން ލޯނު ލިބިފައި ވަނީ އެންމެ 79 ފަރާތަކަށެވެ.

މަތީ ތައުލީމަށް ލޯނު ދޫކުރަން ނިންމީ ހޮވާލެވިފައިވާ ވަކި ގައުމުތަކަކަށް ދާނަމަ އެވެ. އެއީ ފިލިޕީންސް، ތައިލެންޑް، ޗައިނާ، ކިރްގިސްތާން، އަޒަރްބައިޖާން، ޔޫކްރޭން، ޗެކް ރިޕަބްލިކް، ރަޝިއާ އަދި ސާކްގެ ގައުމުތަކެވެ.

އާއްމު ކުރި ލިސްޓުތަކުގެ ތަފްސީލް

އާއްމުކޮށްފައިވާ ލިސްޓުތަކުގެ ތަފްސީލަށް ބަލާއިރު، ބޭނުން ދާއިރާއަކުން ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް އެދި 79 ފޯމު ލީއިރު ލޯނަށް ހޮވުނީ އެންމެ ނުވަ ފަރާތެކެވެ.

އަދި ޕީއެޗްޑީ ފެންވަރަށް ކިޔަވަން ބޭނުންވެގެން 35 ފަރާތަކުން ފޯމު ލިއެވެ. އެކަމަކު އޭގެ ތެރެއިން ހޮވުނީ އެންމެ ދެ މީހެކެވެ. ޕައިލެޓް ސްޓަޑީޒް ކިޔެވުމަށް 184 ފޯމެއް ލީއިރު ލޯނު ލިބުނީ ފަސް މީހަކަށެވެ.

އޭގެ އިތުރުން ސަގާފަތާއި، ތަރިކަ ދާއިރާއިން ކިޔަވަން ލޯނަށް އެދުނު ހަމައެކަނި ދަރިވަރުގެ ފޯމު ވެސް ވަނީ ޑިސްކޮލިފައިކޮށްފަ އެވެ. ޑިގްރީގެ އިތުރު ލޯނަކަށް އެދުނު 85 މީހުންގެ ތެރެއިން ހޮވުނީ ހަތަރު މީހެކެވެ.

ބޭނުން ދާއިރާއަކުން މާސްޓާޒް ފެންވަރަށް ކިޔަވަން ލޯނަށް އެދުނު ހަތް މީހުންގެ ތެރެއިން އެކަކަށް ލޯނު ލިބުނެވެ. މެޑިސިން އިން މާސްޓާޒް ހަދަން ލޯނަށް އެދުނު 79 މީހުންގެ ތެރެއިން ނުވަ މީހަކު ނުހޮވުނެވެ.

މާސްޓާޒް އަށް ހުޅުވާލި އިތުރު ލޯނުގެ ފުރުސަތަކަށް އެދި 79 ފޯމެއް ލިއެވެ. އޭގެ ތެރެއިން ހޮވުނީ 23 މީހެކެވެ. އަދި ސައިކޮލޮޖީ ކިޔެވުމަށް ލީ 10 މީހުންގެ ތެރެއިން ލޯނު ލިބުނީ އެންމެ މީހަކަށެވެ.

ލިސްޓުގެ ތަފްސީލަށް ބަލާއިރު ލޯނަށް އެދުނު މީހުންގެ ތެރެއިން 32 އިންސައްތަ މީހުންނަށް ލޯނެއް ނުލިބެ އެވެ.

"މައްސަލަ އުޅެނީ ފޯމަކު ނޫން، އުސޫލުގައި"

ލޯނަށް އެދުނު ގިނަ ބަޔަކު ލޯނަށް ނުހޮވުމުން އަމާޒުވަމުންދާ ފާޑުކިޔުމާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އެހެން ދިމާވީ ފޯމުތައް ނުބައިކޮށް ފުރާފައި ހުރުމުން ކަމަށެވެ.

"ލޯނު ލިބުނީ 79 ފަރާތަކަށް. ގިނަ ފަރާތްތައް ޑިސްކޮލިފައިވީ އާއްމު ކުރެވުނު އުސޫލާއި ހިލާފަށް އެޕްލިކޭޝަން ހުށަހެޅިފައި ވާތީ. ޑިސްކޮލިފައިވި ސަބަބުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްދޭނެ. ބާކީ ޖާގަތަކުގައި ކިޔެވުމަށް އަނެއްކާ ވެސް ލޯނަށް އިއުލާން ކުރާނެ މިމަހު 20 ގައި،" ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މިނިސްޓްރީ އަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެގޮތަށް އަމަލު ކުރުމުގެ ސަބަބުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މުހިއްމު ވަގުތު ގެއްލި، ބޭނުންވާ ސެމިސްޓާ ގައި ކިޔަވަން ނުފެށޭނެ ކަމަށެވެ.

"އެޕްލިކޭޝަން ފުރިހަމަ ނުވުމުގެ ސަބަބުން ޑިސްކޮލިފައި ވެގެން، ހައިލީ ކޮލިފައިޑް ދަރިވަރުންގެ ފުރުސަތު އެ ރައުންޑެއްގައި ގެއްލިގެން ހިނގައިދާނެތީ، އެގޮތުން ފުރިހަމަ ނުވެ އޮތް ކަމެއް ޑެޑްލައިންގެ ކުރިން ރަނގަޅުކޮށްލަން އަންގާލުން މުހިއްމު ކަމަށް މިނިސްޓްރީ އަށް [ދަންނަވަން] އެތަކެއް ފަހަރު އަޅުގަނޑު ވެސް ގުޅިން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ޓްވީޓެއްގައި ވެއެވެ.

"މަޖިލިހަށް ހާޒިރުކޮށް ސުވާލު ކުރޭ. މިއީ އެތައް ކުދިންނެއްގެ މުސްތަގްބަލާ ގުޅިފައިވާ ކަމެއް. މި ސަރުކާރުގެ ބޮޑު ވައުދެއް. ރައްޔިތުންނަށް ވީ ގޮތް ސާފު ވާން ޖެހޭ،" އެހެން މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

"ތިޔަކަމުގައި މިނިސްޓަޜަށް އެތައް ފަހަރަކު ގުޅަން ޖެހުނު. އެކަމަކު ފޯނަކަށް ޖަވާބެއް ނުދެއްވާ. ސެޕްޓެމްބަރުގައި ޔުނިވާސިޓީ ތަކަށް ލާރި ދައްކަން ޖެހޭ އެތަކެއް ދަރިވަރުންނެއް އެބަތިބި. އަލުން ފުރުސަތު ހުޅުވާލީމަ އެ ދަރިވަރުންނަށް ފައިސާ ލިބިގެން ދެއްކޭނެތޯ؟" އެހެން މީހަކު ސުވާލު ކުރި އެވެ.

އެހެން މީހަކު ބުނެފައި ވަނީ ފޯމުލީ ފަރާތްތަކުގެ ތެރެއިން 90 އިންސައްތަ މީހުންގެ ފޯމުގައި މައްސަލައެއް އުޅޭނަމަ، ހަގީގަތުގައި މައްސަލަ އެއުޅެނީ ހެދު އުސޫލުގައި ކަމަށެވެ.


ބާކީ ހުރި ޖާގަތަކަށް ފުރުސަތު ހުޅުވާލާނެ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ލޯނަށް ނުހޮވުނު ދަރިވަރުން، ނުހޮވުނު ސަބަބާއި ލޯނަށް ހޮވުނު ދަރިވަރުންނަށް ލިބުނު ޕޮއިންޓުތަކުގެ ތަފްސީލު އާދިއްތަ ދުވަހު އާއްމުކުރާނެ ކަމަށެވެ.

އޭގެ އިތުރުން އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ 13:00 އިން 14:00 އަށް ލޯނު ސްކީމާއި ގުޅޭ މައުލޫމާތު ފޭސްބުކް އަދި ޓްވިޓާ މެދުވެރިކޮށް ޑިރެކްޓް މެސެޖުކޮށްގެން ވެސް ދަރިވަރުންނަށް ހޯދޭނެ ކަމަށެވެ.

އަދި ބާކީ ލޯނުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހު 20 ގައި ހުޅުވާލާނެ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ. މިދިޔަ މާޗު މަހުގެ 21 ގައި ހުޅުވާލި އެ ލޯނަށް އެދި 200 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ފޯމު ހުށަހަޅާފަަ އެވެ. އެކި ދާއިރާތަކުން ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ލޯނަށް އެދުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވީ އޭޕްރީލް މަހުގެ 4 ގައެވެ.

އެ ސްކީމުގެ ދަށުން 242 ދަރިވަރަކަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއީ އަލަށް ކިޔަވަން ފަށާ 158 ދަރިވަރަކަށާއި މިހާރު ކިޔަވަމުން އަންނަ 84 ދަރިވަރަކަށެވެ. މިއަހަރުގެ ލޯނު ސްކީމަށް ޖުމްލަ 54 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.

އެ ލޯނުގެ ފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ ކިޔަވައި ނިންމާތާ ހަ މަސް ފަހުންނެވެ. އަދި ލޯނުތައް އަނބުރާ ދެއްކުމަށް ލޯނުގެ އަދަދަށް ބަލައި 20 އަހަރާ ހަމައަށް މުއްދަތު ލިބެއެވެ. އޭގެ އިތުރުން މަތީ ތައުލީމު ހާސިލުކުރުމަށް ދޭ އެ ލޯނުގެ އިންޓަރެސްޓް ރޭޓް މިހާރު ވަނީ ތިން އިންސައްތަށް ކުޑަކޮށްފައެވެ.
ހިޔާލު

ޢަސީލް.....

އަޅުގަނޑު އެޕްލައީކުރީ ޕީއެޗްޑީ ލޯނު ކެޓަގަރީއަށް..

ކޯސް ހަމަޖެހިފަ އޭރުއިތީ.. ފަސްޓް ޕޭމެންޓް ދައްކަން އުންމީދުކުރީ ލޯނު ލިބުމުން.. އެގޮތުން ޔުނިވަރސިޓީގައި އެދިގެން މުއްދަތުވެސް އިތުރުކުރިން.. އެހެންނަމަވެސް ލޯނު އެޕްރޫވެއް ނުވި.. އަޅުގަނޑުގެ މާސްޓަރ ސަރޓިފިކެޓް އެޢީ ހަޔަރ ޑިސްޓިންގޝަން..

މިހާރު މިވީގޮތުން 1 އަހަރު މިގެއްލުނީ... ޔުނިވަެސިޓީން ކުރި އިތުބާރުވެސް ގެއްލުނީ... އަދި އަމުދުން އެ ޔުނިވަރސިޓީން ދެން ކޯސް ދޭނެކަމެއްވެސް ނޭނގޭ...

ަ އަނީސް

މިއީ ދޮގުހަދާ ސަރުކާރެއް ރައްޔިތުން އޮޅުވާލަން އުޅެނީި އޮންލައިން ކޮށް.

އަންނި

ލޯނަކީ ޢަނބުރާ ދައްކާގޮތަށް ނަގާ އެއްޗެއް. ކިޔަވަން ދާން ބޭނުންވާ ގައުމަކަށް ކިިޔަވަން ބޭނުން އެއްޗެއް ކިޔެވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްވެސް ލިބެންޖެހޭނެ. ކޮންމެ ކުއްޖަކީ ޢޭ ފާސް ހޯދޭނެ ކުދިންނެއްނޫން. ޢޭފާސް ނުލިބޭ ކުދިން މިޖެހެނީ ގައުމުގެ އަޅުންނަށް ވާން.

ޝަކީލާ

އެހާގިނަ ފުރުސަތު އޮތް ތަނަކުން އެހާމަދު ބަޔަކަށް ފުރުސަތު ދިނުމަކީ ވަރަށްބޮޑު މައްސަލައެއް.
ފޯމު ހުށަހެޅުމުގަ އެހާގިނަ އަދަދެއްގެ ކުދިންގެ މައްސަލަ ހުރިނަމަ އެމައްސަލަތައް ހައްލުކުތުމަށް ފުރުސަތު ދެވެންވާނެ. ފޯމް ހުށަހެޅުމުގަ ދިމާވި މައްސަލަތައް ހައްލެއް ނުކުރެ. އެކަންކަމުގެ ވާހަކަ އެޑްރެސްކޮށް މެއިލް ކުރެވުނު އެކަމަކު އެއަށް ޖަވާބެއް ނުދެއްވާ. އަދި އެމައްސަތައް ހައްލުކުރާނެ ގޮތް ބުނެއެއް ނުދެއްވާ. ކޮންމެ އިންތިހާބަކާއި ދިމާކޮށް ކޮންމެ ބަޔަކުވެސް ރައްޔިތުން ގުނބޯ ހެއްދުން ނޫންކަމެއް ނެތް.

ޒުހޫރު

ވޯޓާ ދިމާކޮށްފައި ރައްޔިތުން ގުނބޯހެއްދުން ނޫން ކަމެއް ނޯވެ!!!
ކުރިޔައްއޮތީ ކައުންސިލް އިންތިހާބު، މިކަމުގައިވެސް ރައްޔިތުން ގުނބޯ ހައްދަން ނޫޅޭ.
ކުއްޖާ ހުށައަޅާ ފޯމުގައި މައްސަލައެއް އުޅޭ ކަމުގައި ވާނަމަ އެކަން އަންގައި މައްސަލަ ހައްލުކޮށްދިނުމަކީ މިކަމުގައި އުޅޭ ބޭފުޅުންގެ ޒިންމާއެއް!