Neyngi huhtaa Imran ah bodu ufaleh, eynaage ufehdhumeh India ge Boduvazeerah!
image
އިމްރާނުގެ ތައްޔާރުކުރި ގުޅި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީއަށް ރައީސް ސޯލިހު ވެދުން ކުރަނީ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ނޭނގި ހުއްޓާ އިމްރާނަށް ބޮޑު އުފަލެއް، އޭނާގެ އުފެއްދުމެއް މޯދީ އަށް!

ގަދީމީ ތަންތަނާއި ތަކެއްޗަށް ދިވެހިންގެ ހިތުގައި އޮތް ގަދަރާއި އިހުތިރާމު ނެތި ދަނީ އެވެ. އިހުގައި އެކަން ކަމަށް އޮތް ލޯބި މިއަދު ދިވެހި ހިތްތަކުން ފަނޑުވެއްޖެ އެވެ. އެކަމަކު ގަދީމީ ލޯބިން ދިވެހިންގެ ހިތްތައް ފުރާލަން ޒުވާން، މުހައްމަދު އިމްރާން މިހުރީ ނުކުމެ އެވެ. އޭނާގެ އުއްމީދު ވެސް ބޮޑެވެ.
އެ މަސައްކަތުގައި އިމްރާން އުޅޭތާ މިހާރު ދިހަ ވަރަކަށް އަހަރުވެދާނެ އެވެ. ސޯޝަލް މީޑިއާގައި "ގަދީމީ ކަލެކްޝަން" ގެ ނަމުގައި ޕޭޖުތައް ހަދައިގެން މަސަައްކަތް ކުރަމުން އަންނަ އިމްރާނުގެ މަގުސަދަކީ އިހުއްސުރެ ދިވެހިން ކުރަމުން އައި ހިރިގަލު މަސައްކަތް (ސްޓޯން ކާވިން) ގެ ތެރެއަށް ދިވެހިން އަލުން ވެއްދުމެވެ.

އާޓިފިޝަލް ކޮރަލްގައި އިމްރާން އެ މަސައްކަތް ކުރަމުން އަންނައިރު ސީއެންއެމް އާ ވާހަކަ ދައްކަމުން އިމްރާން ބުނީ، ދޭތެރެ ދޭތެރެއިން ރައީސް އޮފީހުން ގުޅައިގެން ހިރިގަލުގެ މަސައްކަތްތައް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އިއްޔެ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރު މޯދީ ރާއްޖެ ކުރެއްވި ދަތުރުފުޅުގެ ތެރެއިން މޯދީ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެރުވި "ގުޅި" އަކީ ވެސް އިމްރާނުގެ އުފެއްދުމެކެވެ.

"ތަންކޮޅެއް ކުރިން އަޅުގަނޑު ރައީސް އޮފީހަށް އުވަގާ ބޭނުންކޮށްގެން ހަދާފަ އިން އެއްޗެއް އެއީ، އަޅުގަނޑަށް ވެސް ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔައީ މޯދީ އަށް އަޅުގަނޑު ތައްޔާރު ކުރި ޕީސް އެއް އެރުވީމަ،" އިމްރާން ބުންޏެވެ.

ދިވެހި ބަހުން "ދިވެހިރާއްޖެ" ޖަހާފައިވާ އެ ގުޅީގެ އެއް ފަޅީގައި ވަނީ ހުކުރު މިސްކިތުގެ ފާރުގެ ގާތަކުގައި ހުންނަ ފަދަ ގޮތަކަށް އިހުގެ ޑިޒައިނެއް ވެސް ހަދާފަ އެވެ. އިމްރާނު ބުނީ، ދެ ހަފުތާގެ އެ މަސައްކަތަކީ ކަޓަރު ފަދަ ތަކެތި ބޭނުން ކޮށްގެން ކަނޑާ ނަގައިގެން ކޮށްފައިވާ ބުރަ މަސައްކަތެއް ކަމަށެވެ.

"އެންޝަންޓް ޑިޒައިނުން ސްޓޯން ކާވް ކުރުމަކީ ވަރަށް ބުރަ މަސައްކަތެއް، ފުދޭ ވަރަކަަށް އަގުވެސް ހުންނާނެ އެހެންވީމަ، އާންމުކޮށް ހައި ލެވެލް މީހުން އެދެނީ އެކަހަލަ އެއްޗެހި ހަދައިދޭން،" އޭނާ ބުންޏެވެ.

ހޮބީއެއްގެ ގޮތުގައި އިމްރާން ކުރާ އެ މަސައްކަތް އޭނާ ކުރަމުންދަނީ ދިރިއުޅޭ ގޭގެ ތެރޭގަ އެވެ. އަދި އެކަން އިޝްތިހާރު ކުރަމުން ދަނީ ސޯޝަލް މީޑިއާގަ އެވެ. އެމަސައްކަތް ފުޅާކޮށް އެކަމަށް ހާއްސަ ފިހާރެއް ހެދުމަކީ އޭނާގެ އަަމާޒެވެ.


ދިވެހިން އެ މަސައްކަތަށް ލޯބި ޖައްސާ، އެކަން ކުރަން ދަސްކޮށްދިނުމުގެ މަސައްކަތް ވެސް ދޭތެރެ ދޭތެރެއިން އިމްރާނު ކުރެއެވެ. އެގޮތުން މިމަހުގެ ވިހީގައި ހެރިޓޭޖް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާ ގުޅިގެން ދިހަ ކުއްޖަކަށް އެ މަސައްކަތް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެ އެވެ.
ހިޔާލު