Nasa in Space Station fathuruverinah hulhuvaalanee
image
ނާސާ އިން ގެންދާނީ އަހަރަކު ދެ ފަތުރުވެރިން ކަމަށް ބުނޭ.-- ފޮޓޯ: ނާސާ
0 ކޮމެންޓް
 

ނާސާ އިން ސްޕޭސް ސްޓޭޝަން ފަތުރުވެރިންނަށް ހުޅުވާލަނީ

އަންނަ އަހަރުން ފެށިގެން ނާސާ އިން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފަތުރުވެރިން ގެންދަން ފަށަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.
ނާސާ އިން ބުނީ ފަތުރުވެރިންގެ އިތުރުން ދިރާސާތައް ފަދަ މަސައްކަތްތައް ކުރަން ބޭނުންވާ މީހުންނަށް ވެސް ސްޕޭސް ސްޓޭޝަނަށް ދިއުމުގެ ފުރުސަތު އަންނަ އަހަރު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ކޮންމެ އަހަރަކު ވެސް ހުޅުވާލާނީ ފަތުރުވެރިންނަށް ދެ ފުރުސަތު ކަމަށް ސްޕޭސް ސްޓޭޝަނުގެ ޑެޕިއުޓީ ޑައިރެކްޓާ ރޮބީން ގޭޓަން ވިދާޅުވި އެވެ.

ނާސާ އިން ބުނީ ފަތުރުވެރިންގެ ގޮތުގައި ދާން ފުރުސަތު ލިބޭ ދެ މީހުންނަށް ގިނަ ވެގެން ސްޕޭސް ސްޓޭޝަނުގައި ތިބެވޭނީ އެއް މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ މީހުން ރެއަކަށް 35،000 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ނާސާ އިން ބުނެ އެވެ.

ސްޕޭސް ސްޓޭޝަނަށް ފަތުރުވެރިން ގެންދިއުމާއި، ފަތުރުވެރިން ސްޕޭސް ސްޓޭޝަނަށް ގެންދިއުމުގެ ކުރިން ހަދަންޖެހޭ ޓްރެއިނިންތައް ދިނުމަށް ދެ ކުންފުންޏަކަށް ނާސާ އިން ވަނީ ހަވާލުކޮށްފަ އެވެ. އެއީ މަޝްހޫރު ބިލިޔަނަރު އެލަން މަސްކްގެ ސްޕޭސް އެކްސް އާއި ބޮއިން އެވެ. ސްޕޭސް އެކްސްގެ ޑްރެގަން ކެޕްސޫލް ވަނީ ދާދި ފަހުން ކާމިޔާބު ކަމާ އެކު ސްޕޭސް ސްޓޭޝަނަށް މުދާ ގެންގޮސްފަ އެވެ. އަދި ބޮއިން އިން އަންނަނީ ސްޓާލައިނާގެ ނަމުގައި ސްޕޭސްކްރާފްޓެއް ހަދަމުންނެވެ.

އެ ކުންފުނިތަކުން ފަތުރުވެރިން ސްޕޭސް ސްޓޭޝަންތަކަށް ގެންދަން "ޓެކްސީ ފީ"ގެ ގޮތުގައި 60 މިލިޔަން ޑޮލަރު ވަރު ނަގާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މީގެ ކުރިން 2001 ވަނަ އަހަރު ރަޝިޔާ އިން ވަނީ އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޑެނިސް ޓިޓޯ، ފަތުރުވެރިއެއްގެ ގޮތުގައި ސްޕޭސް ސްޓޭޝަނަށް ގެންގޮސްފަ އެވެ. އޭނާ ވަނީ އެ ދަތުރަށް 20 މިލިޔަން ޑޮލަރު ހަރަދު ކޮށްފަ އެވެ.
ޖައްވީ އިދާރާ ނާސާ
ހިޔާލު