Kaivenyah fahu Ranveer aai Deepika furathama faharah ekugai masaikaiy kuranee
image
ދީޕިކާ އާއި ރަންވީރު---
0 ކޮމެންޓް
 

ކައިވެންޏަށް ފަހު ރަންވީރާއި ދީޕިކާ ފުރަތަމަ ފަހަރަށް އެކުގައި މަސައްކަތް ކުރަނީ

ބޮލީވުޑުގެ މަޝްހޫރު ޖޯޑު ރަންވީރު ސިންގް އާއި ދީޕިކާ ޕަޑުކޯންގެ ކައިވެންޏަށް މިހާރު ގާތްގަނޑަކަށް ހަތް މަހެއްހާ ދުވަސްވެފައިވާއިރު ކައިވެންޏަށް ފަހު ދެމީހުން އެކުގައި ފުރަތަމަ ފަހަރަށް ފިލްމެއްގައި މަސައްކަތް ކުރަން ލިބިފައިވާކަން ދީޕިކާ ހާމަކޮށްފި އެވެ.
ކަބީރު ހާން ޑައިރެކްޓްކުރާ "83" ގެ ޝޫޓިންތައް މިހާރު ލަންޑަނުގައި ކުރިއަށްދާއިރު ފިލްމުގެ ޝޫޓިންތަކުގައި ބައިވެރިވުމަށް ރަންވީރު އެގައުމުގައި އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އެކަމަކު ދީޕިކާގެ ކުރިއަށް އޮތް ފިލްމު "ޗަޕާކް" ގެ ޝޫޓިންތައް ނިމުމާއެކު ދީޕިކާ ވެސް މިވަނީ ލަންޑަށް ގޮސްފަ އެވެ.

އެ ފިލްމަކީ 1983 ގެ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ އިން ކާމިޔާބު ކުރުމަށް ކުރި ބުރަ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި ރަންވީރު ފެންނާނީ އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލުންނެވެ. އަދި ދީޕިކާއަށް ކުޅެން ހުށަހަޅާފައި ވަނީ ކަޕިލް ދޭވްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ.

ކުރިން ވެސް އެފިލްމުގައި މަސައްކަތް ކުރަން ދީޕިކާއަށް ހުށަހަޅާފައިވާ ކަމަށް އަޑުތައް އެރި ނަމަވެސް އޭރު އެކަން ދީޕިކާ ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު ދީޕިކާ މިހާރު މިވަނީ އޮން ސްކްރީނުގައި ވެސް ރަންވީރުގެ އަންހެނުންގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ލިބިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ދީޕިކާ ބުނީ ފިލްމުގެ ޑައިރެކްޓަރު އޭނާ އަށް އެރޯލު ހަމަޖެއްސުމަށް މީގެ މަސްތަކެއް ކުރިން އައި ކަމަށާއި އެކަމަކު އޭނާ އެވަގުތު އުޅެމުން އައީ ޗަޕާކްގެ މަސައްކަތުގައި ވަރަށް އަވަދިނެތި ކަމަށެވެ. އެހެންކަމުން ރަނގަޅު ވަގުތު އައުމުން ނޫނީ އެކަން އިއުލާނުކުރަން ބޭނުން ނުވީ ކަމަށެވެ.

މިއީ ކައިވެންޏަށް ފަހު އެދެ ތަރިން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމު ނަމަވެސް އެދެ ތަރިން ވަނީ ތިން ފިލްމެއްގައި މިހާތަނަށް މަސައްކަތް ކޮށްފަ އެވެ. އެއީ ސަންޖޭ ލީލާ ބަންސާލީގެ "ގޮލިޔޯން ކީ ރާސްލީލާ: ރާމް ލީލާ" އާއި "ބަޖިރާއޯ މަސްތާނީ" އަދި "ޕަދްމާވަތު" އެވެ. ދެ ތަރިންގެ މެދުގައި ލޯބި އުފެދުނީ ރާމް ލީލާގައި މަސައްކަތް ކުރަން އުޅުނުއިރެވެ.
ހިޔާލު