Ekakuge haggah takaa rayyithunge haggu gurubaaneh nukureveyne!
image
ކުރިން ވެރިކަން ކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އެއްވުމެއްގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވާހަކަދައްކަވަނީ-- ފޮޓޯ: މިނިވަން ނިއުސް
ސާޔާ އަހްމަދު
3 ކޮމެންޓް
 

އެކަކުގެ ހައްގަށްޓަކައި ރައްޔިތުންގެ ހައްގު ގުރުބާނެއް ނުކުރެވޭނެ!

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ ރޮކެޓް ސްޕީޑުގައި މައްޗަށް އަރައިގެން ގޮސް ކުއްލިއަކަށް ވެއްޓުނު ސިޔާސީ ބޭފުޅެކެވެ. އެއް އިރެއްގައި ރާއްޖޭގައި ހުރި އެންމެ ނުފޫޒު ގަދަ "ބްރޯ" އެވެ. ބްރޯ މެދުވެރިކޮށްގެން ނޫނީ އެއް ކަމެއްވެސް ނުކުރެވޭ ހާލަތަށް ގައުމުގެ ކަންކަން ދިޔަ އެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެންގެ "ބްރޯ" އަކީ ގައުމު ދުށް އެންމެ ބޮޑު ހިޔާނާތްތެރިޔާ ކަމުގައި ލޭބަލް ކުރެވިގެން ދިޔަ އެވެ.
ޒުވާން އުމުރުގައި ސިޔާސީ ދާއިރާ އަށް އަދީބު ތައާރަފްކޮށް ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީނުގެ އިރުޝާދާއެކު ހުރިހާ ކަމެއް ކުރަމުން ދިޔަ އަދީބު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު ކުރާ ކޮންމެ މުއާމަލާތަކަށް "ކަޓެއް" ނަންގަވާ ކަމަށް ތުހުމަތު ކުރެވުނެވެ. އެކަމަކު އެއީ ތާކުން ތާކު ނުޖެހޭ ވާހަކަ ކަމަށް ބަލައި، ޔާމީނަށް އެންމެ ވަފާތެރި އަދީބަށް ޕްރޮމޯޝަންދީ ނައިބު ރައީސަކަށް ވެސް ހެއްދެވި އެވެ.

ދެން އިވުނީ ރައީސަށް ވުރެ ނައިބު ރައީސްގެ ބާރު ގަދަވި ކަމުގެ ވާހަކަ އެވެ. އެއާއެކު ރައީސްގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ އަދީބު ކަމަށް ތުހުމަތު ކުރި އެވެ. އެއަށްފަހު ދައުލަތުގެ ފައިސާތަކުން އެތައް ބިލިއަން ރުފިޔާއެއް ވަގަށް ނެގީ ވެސް އަދީބު އަޑީގައި ހުރެގެން ކަމަށް ތުހުމަތު ކުރެވުނެވެ. އަދި އޭގެ ކުރިން ސިޔާސީ ފަރާތްތައް ޖަލަށް ލުމުގެ މަގްސަދުގައި އެ ފަރާތްތައް ފްރޭމް ކުރީ ވެސް އަދީބު ކަމަށް ތުހުމަތު ކުރެވުނެވެ.

ހުރިހާ ތުހުމަތެއް ސާބިތުވަ ކަމަށް ކަނޑައަޅާ އަދީބު 33 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އެއަށްފަހު އެވެ. އެންމެން ވެސް ހީކުރީ އެއް އިރެއްގެ އެންމެ ބާރުގަދަ "ބްރޯ" ދެން މުޅި އުމުރު ހޭދަ ކުރަން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ކަމަށެވެ. އެކަމަކު އާ ސަރުކާރުގެ ވައުދަކީ ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި ހުރިހާ އެންމެންނަށް އިންސާފް ކަށަވަރު ކުރުމެވެ.

އެ ވައުދާ އެއް ގޮތަށް އަދީބުގެ މައްސަލަތައް އަލުން ބަލަން މީގެ ދެ ހަފްތާ ކުރިން އެންގި އެވެ. ރަނގަޅު ތަހުގީގެއްކޮށް، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮވެ އެވެ. އަދީބަށް ވެސް އެ ހައްގު ލިބެން ޖެހޭނެ ކަމަށް ދިވެހިންގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެކަމަކު ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު ގައުމު ދޫކޮށް ދިޔުމަށް ހުއްދަ ދިނުމަކީ ގިނަ ބަޔަކަށް ގަބޫލު ކުރަން ފަސޭހަ ކަމެއް ނުވި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ބުނީ އަދީބު ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ހުއްދަ ދިނީ މެޑިކަލް ބޯޑުގެ ލަފާގެ މަތިން ކަމަށެވެ. މީގެ ކުރިން އަދީބު ބޭރަށް ދިޔުމުގެ ހުއްދަ އަށް އެދިވަޑައިގެންނެވި ކޮންމެ ފަހަރަކު ވަނީ އެ ހުއްދަ ނުދެވޭނެ ކަމަށް ކަނޑައަޅާފަ އެވެ. އެހެންކަމުން މިފަހަރު އެ ހުއްދަ ދިނުމުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ވެސް ވިދާޅުވެފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ސީރިއަސް ކުށްތަކެއްގެ ތުހުމަތު ކުރެވޭއިރު، އޭނާ ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ގޮސް، ޝަރީއަތުގައި ބައިވެރިވުމަށް އެނބުރި އަންނާނެކަން ކަށަވަރު ކުރުމަށް އަޅަނީ ކޮން ފިޔަވަޅުތަކެއްކަން އެނގުމުގެ ހައްގު އެންމެ ކުޑަ މިނުން ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރަށް ހަނދާންކޮށްދޭން އެބަ ޖެހޭ ކުށް ކުރާ މީހާ އަށް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދޭތަން ބަލަން މަޑުން ނުތިބޭނެކަން،" އެކަމާ ވިދާޅުވި އެވެ.

އެހެން މީހަކު ޓްވިޓާ ގައި ބުނެފައި ވަނީ އަދީބަށް ފަރުވާ ދިނުމަށް ގެންދަން ޖެހޭނީ އަސްކަރީ ހޮސްޕިޓަލަކަށް ކަމަށާއި، އަލުން ޝަރީއަތް ކުރެވެންދެން ކޮންޓްރޯލުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އިންސާފަކީ ބޮޑެތި ވަގުން ދޫވެ ކުޑަ ވަގުން ޖަލަށްލުން ކަމަށް ވަނީ ނަމަ ދައުލަތުން ވައްކަން ކުރާ މީހުން ވާނީ އިތުރު ކަމަށް ވެސް މީހަކު ޓްވިޓާ ގައި ބުންޏެވެ.



އާއްމުންގެ ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް ރޭގެ ވަގުތެއްގައި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާއިރު، އެކުގައި ފުލުހުންނާއި ކަރެކްޝަންސް އޮފިޝަލުން ދާނެ ކަމަށެވެ. އެ ނިންމެވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ކަންބޮޑުވުންތަކަށް ހައްލެއް ލިބެ އެބެ. އެކަމަކު އަދިވެސް ބައެއް ފަރާތްތަކަށް ހަމަޖެހުމެއް ނުލިބެ އެވެ.




އަދީބާއި ކުރީގެ ރައީސް ޔާމީން ފަދަ ބޮޑެތި ތުހުމަތު ކުރެވޭ ބޭފުޅުންނާ މެދު އަމަލު ކުރާނެ ގޮތުގެ ސާފު ސިޔާސަތެއް ސަރުކާރުން އެކުލަވާލަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. އެކަން އެންމެ މުހިއްމުވާ އެއް ސަބަބަކީ ކުރިން ވެސް ބޮޑެތި ކުށްތައް ސާބިތުވެ ރާއްޖެ އިން ބޭރަށް ބޭހަސް ދިޔަ ބައެއް ފަރާތްތައް ފިލައި، އެނބުރި ނައިސްފައި ވުމެވެ.

ރާއްޖޭގެ އެންމެ ފަހުން ބޮޑު ކުށެއް ސާބިތުވެފައި ހުރި މީހަކު ބޭހަށް ދިޔުމަށް ހުއްދަ ދިން އިރު، ރައްޔިތުންގެ ކަންބޮޑުވުން އިތުރުވީ 3 ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާގައި ހިމެނޭ އިބްރާހިމް ލުތުފީ ފުރުމަށް ހުއްދަ ދިން މައްސަލައިގަ އެވެ. އޭރު އޮތް އުސޫލުން ނަމަ ބޮޑު ކުށްވެރިއަކު ބޭރަށް ދާއިރު، އެކުގައި ސިފައިން ދާން ޖެހެ އެވެ. އެކަމަކު އެފަހަރު ސަލާމަތީ ފަރާތްތަކުން ވަނީ އެއާޕޯޓުގެ ފްލައިޓާ ހަމައިން ލުތުފީ ދޫކޮށްލާފައި ކަމަށްވެ އެވެ. ލުތުފީ ވެސް ލިބުނު ފުރުސަތުގައި ސިލޯނަށް ގޮސް އެނބުރި ގައުމަށް އައިސްފައެއް ނުވެ އެވެ.

އަދީބުގެ މައްސަލާގައި ވެސް ކަނޑައެޅިފައިވާ އުސޫލާ އެއް ގޮތަށް އަމަލު ކުރާނެ ކަމުގެ ޔަގީންކަން ކަމާ ބެހޭ ފަރާތްތަކުން ރައްޔިތުންނަށް ދޭން ޖެހެ އެވެ. އަދީބުގެ މައްޗަށް މިވަގުތު ކުށެއް ސާބިތުވެފައި ނެތް ނަމަވެސް ކުރެވެނީ ރައްޔިތުންނާ ގުޅިފައިވާ ބޮޑު ތުހުމަތުތަކެކެވެ.

ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި ހައި ކޯޓުގައި އޮތް އަދީބުގެ މައްސަލައެއްގައި މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ހުކުމް ކަނޑައެޅުމަށް ޗުއްޓީގައި ހުންނެވި ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ކޯޓަށް ގޮސްފަ އެވެ. ޗުއްޓީގައި ހުރި ފަނޑިޔާރަކަށް އެ މައްސަލަ އެހާ މުހިއްމުވެ، ޖަލު ހުކުމް ބާތިލް ކުރަމުން އައުމުން ވެސް ސުވާލުތަކެއް އުފެދެ އެވެ.

އަދީބަށް ވެސް ސިއްހީ މައްސަލަތަކެއް ކުރިމަތިވަމުންދާ ނަމަ ބޭސް ފަރުވާ ލިބުމުގެ ހައްގު އޮންނަން ޖެހޭނެ އެވެ. އެކަމަކު އަދީބުގެ މައްސަލައަކީ ރައްޔިތުންގެ އާއްމު މަސްލަހަތާ ގުޅިފައިވާ މައްސަލައެއް ކަމުން އެކަމުގައި އިސްކުރަން ޖެހޭނީ ރައްޔިތުންގެ މަސްލަހަތު ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު އެކަކުގެ ހައްގަށްޓަކައި ރައްޔިތުންގެ ހައްގުތައް ގުރުބާންވެގެން ނުދާނެ ގޮތަކަށް އަމަލު ކުރުން ލާޒިމެވެ.
ހިޔާލު

ޙަތްތެރީ

ގައުމު ދޮވެލި ވަގުން މިނިވަން ކަމަތީ އުފަލުން ނަށަނީ ނިކަމެތި މީހާ ޖަލުތެރޭ ހަނާވަނީ މި ގައުމައްވުރެ އިންސާފުވެރި ގައުމެއް މަށަކުވާ ނުދެކެން

ބ.އަތޮޅު މީހާ

3 ނޮވެންބަރު 1988 ގެ ހަމަލާގައި އުޅުނީ އިބްރާހީމް ލުތުފީއެއް ނޫން. ހާޖަރާގޭ ޢަބްދުﷲ ލުތުފީ. ތަންދޮރު ނޭނގުނަސް އެއްޗެހި ލިޔެވޭތޯ ބަލާތި. ތިޔަކަހަލަ ބީތާއިންނަށް ތެދުބަހުން އެއްޗެއް ލިޔަން އެނގޭނެތަ؟

ނާން

އަދީބް ފިލާފާނެތީ ކަންބޮޑުވަނީ ކޮބާ މިހާރު ފިލައިގެން އުޅޭމީހުން ކުރިން ފިލި މީހުން ކުރީގެ ސަރުކާރަށް ކުށެއް ކޯށްފިނަމަ އަދަބު ލިބެންޖެހޭ ވެރިކަން ކޮށްފަ ހުއްޓަސް ކޮންމެމީހަކަށްވެސް