Dharivarunge loan ge baakee 163 jaaga ah hulhuvaalaifi
image
ހަޔާރ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

ދަރިވަރުންގެ ލޯނުގެ ބާކީ 163 ޖާގަ އަށް ހުޅުވާލައިފި

މައްސަލަ ބޮޑުވި، މަތި ތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ހުޅުވާލި ލޯނު ސްކީމުގެ ބާކީ އޮތް 163 ޖާގަ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖެ އިން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށް ހުޅުވާލި ލޯނު ފުރުސަތަށް އެދި ހުށަހެޅި 900 އަށްވުރެ ގިނަ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު ލޯނަށް ނުހޮވުމުގެ ސަބަބުން ހަޔަ އެޑިޔުކޭޝަން މިނިސްޓްރީ އަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ފުރަތަމަ ހުޅުވާލި ފުރުސަތުގައި ލޯނު ލިބޭކަމަށް ކަނޑައަޅާފައިވަނީ 79 ދަރިވަރަކަށެވެ.

ދެވަނަ ފަހަރަށް ހުޅުވާލި މި ފުރުސަތަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 24 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިންނެވެ.

މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ހުޅުވާލި ދަރިވަރުންގެ ލޯނުގެ ބާކީ ފުރުސަތަށް ހުޅުވާލާއިރު ދަރިވަރުން ބޭނުން ކޮންމެ ގައުމަކަށް ކިޔަވަން ދިއުމުގެ ފުރުސަތު ލިބޭ ގޮތަށް ހަޔާ އެޑިޔުކޭޝަނުން ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.

އެކަން އިއުލާން ކުރެއްވާފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ކުރިން ލޯނަށް އެދެވެނީ ވަކި ކަނޑައަޅާފައި ގައުމުތަކަކަށް ދާނަމަ އެވެ.

ކުރިން ކަނޑައެޅި ގައުމުތަކަކީ ފިލިޕީންސް، ތައިލެންޑް، ޗައިނާ، ކިރްގިސްތާން، އަޒަރްބައިޖާން، ޔޫކްރޭން، ޗެކް ރިޕަބްލިކް، ރަޝިއާ އަދި ސާކްގެ ގައުމުތަކެވެ.

އެކަމަކު މިހާރު އުސޫލަށް ގެނެސްފައިވާ ބަދަލާއެކު ކޮންމެ ގައުމެއްގައި ކިޔަވަން ބޭނުންވި ނަމަވެސް، ލޯނަށް އެދި ހުށަހެޅޭނެ އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ ބޭނުން ކޮންމެ ގައުމަކަށް ކިޔަވަން ދާން ލޯން ހަމަޖެހުނު ނަމަވެސް، ސަރުކާރުން ދޭ ލޯނަށް ވުރެ އިތުރަށް ހިނގާ ހަރަދަށް ޒިންމާވާން ޖެހޭނީ ދަރިވަރުން އަމިއްލަ އަށް ކަމަށެވެ.

ބޭރު ގައުމުތަކުގެ ޔުނިވާސިޓީތަކަށް ދާން ބޭނުންވާ ފަރާތްތަކަށް ދަރިވަރުންގެ ލޯނުގެ ނަމުގައި ޖުމްލަ 242 ފުރުސަތެއް ހުޅުވާލިއިރު ލޯނު ހަމަޖެހުނީ އެންމެ 79 ފަރާތަކަށެވެ. ލޯނަށް އެދި 993 މީހުން ފޯމު ލިއެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެހާ ގިނަ ފޯމުތަކެއް ޑިސްކޮލިފައިވީ ހުށަހަޅަން ޖެހޭ ލިޔުންތައް ހަމައަށް ހުށަހަޅާފައި ނުވުމުގެ އިތުރުން އުސޫލާ ހިލާފުވެފައި ވާތީ އެވެ.
ހިޔާލު