Naib raeesunnah inaayaiy dhey bill Majileehun beyru kollaifi
image
ކުރިން ނައިބު ރައީސްކަން ކުރައްވާފައިވާ ބައެއް ބޭފުޅުން: ---
0 ކޮމެންޓް
 

ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދޭ ބިލް މަޖިލީހުން ބޭރުކޮށްލައިފި

ނައިބު ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް އިނާޔަތާއި ރައްކާތެރިކަން ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެބިލަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، އެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވުމުން، އަލުން މަޖިލީހުން ވިސްނެވުމަށް އަނބުރާ ފޮނުވާލައްވާފައިވާ ބިލެކެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި އެބިލަށް އަލުން ބަހުސްކޮށް، އެބިލް މަޖިލީހުން ބޭރުކޮށްލާފައި ވަނީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 74 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެބިލަށް ފެންނަ ކަމަށް ދެ މެމްބަރަކު ވޯޓް ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ހަތަރު މެމްބަރަކު އިންނެވި އެވެ.

އެބިލްގައިވާ ގޮތުން، ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް މަހަކު 35،000 ރުފިޔާގެ އިނާޔަތެއް ދޭން ޖެހެ އެވެ.

އެބިލް އަނބުރާ މަޖިލީހަށް ފޮނުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާން، އިބްރާހިމް ހޫދު ވިދާޅުވެފައި ވަނީ، ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލު ފާސްކޮށްފައި ވަނީ ގާނޫނު އަސާސީގެ ރޫހާ އެއް ގޮތަށް ނޫން ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެބިލާ މެދު އަލުން ވިސްނެވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ.

ހޫދު ވިދާޅުވެފައި ވަނީ މާލީ އިނާޔަތް ދޭން ކަނޑައަޅާފައިވާ ގޮތުން، ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން މަގާމުގައި ހުންނެވި ވަކި މުއްދަތެއް ނެތް، ނުވަތަ އިމެއް ނެތް ކަމަށް ހޫދު ވިދާޅުވި އެވެ.

"މިސާލަކަށް މީހަކު ނައިބު ރައީސްކަން ކުރައްވަފާނެ ދެ މަހަށް ވެސް، އެމީހަކަށް ވެސް އިނާޔަތް ލިބޭ. އަނެކަކު ނައިބު ރައީސްކަން ކުރައްވަފާނެ ފަސް އަހަރު ނުވަތަ ދިހަ އަހަރު ވެސް. އެހެންވިއްޔާ އިނާޔާތް ދޭނެ އުސޫލަކީ ކޮބައިކަން އެބިލުން ނޭނގޭ،" ހޫދު ވިދާޅުވި އެވެ.

މަޖިލީހުގެ 32 މެމެބަރުންގެ ވޯޓުން ނިންމި މި ނިންމުމާ އެއް ގޮތަށް އެލަވަންސް ލިބޭނީ ޖިނާއީ ކުށެއް ސާބިތު ނުވާ ނަމަ އެވެ. ނައިބު ރައީސްކަން ކުރައްވާ ބޭފުޅުންގެ ތެރެއިން މިވަގުތު ބަންދުގައި ހުންނެވީ އަހުމަދު އަދީބު އެކަންޏެވެ.

މި ބިލަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ހުށަހެޅުއްވި ބިލެކެވެ. ނައިބު ރައީސްކަން ކޮށްފައިވާ މީހަކު ދައުލަތުގެ އެހެން މަގާމެއް އަދާކުރަމުންދާ ނަމަ އިނާޔަތު ފައިސާ ނުލިބޭނެ އެވެ.

ރައީސްކަން ކޮށްފައިވާ މީހުންނަށް މިހާރުވެސް އިނާޔަތްދެ އެވެ. އެގޮތުން ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 75،000 ރުފިޔާ އަދި ދިރިއުޅޭ ތަނަށް 10،000 ރުފިޔާ ދެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކުގެ އޮފީސް ހަރަދުގެ ގޮތުގައި މަހަކު 87،000 ރުފިޔާ ދެ އެވެ.
ހިޔާލު