Bodu thiladhun mathin 11 sarahahdheh himaayai kurumah Raees ninmavaifi
image
ރަށެއްގެ ކުޅިއެއް--
0 ކޮމެންޓް
 

ބޮޑުތިލަދުންމަތިން 11 ސަރަހައްދެއް ހިމާޔަތް ކުރުމަށް ރައީސް ނިންމަވައިފި

ބޮޑުތިލަދުންމަތިން ފާހަގަކުރެވޭ 11 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކެބިނެޓުގެ މަޝްވަރާއާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކަނޑައަޅުއްވައިފި އެވެ.
އެގޮތުން ކަނޑައަޅާފައިވާ 11 ސަރަޙައްދަކީ ހއ. ގައްލަންދޫ ތިލަ، ހއ.ކެލާ ޗަސްބިން، ހއ.ބިލެތްދޫ ތިލަ، ހދ.ފިނޭ ތިލަ، ހދ.އިންނަފުށި، ށ.ބޮލިއްސަފަރު، ށ.ނާލާހުރާ، ނ.ފޮއްދިއްޕަރު، ނ.ބޮޑުޅައިމެންދޫ، ނ.ކެނދިކުޅުދޫ ކަނޑޫފާ، އަދި ނ. އޮރިމަސްތިލަ އެވެ. މިއީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސަރަޙައްދުތަކެކެވެ.

ރައީސް އޮފީހުން ބުނީ އެ ސަރަޙައްދުތައް ކަނޑައެޅުމުގައި ބަލާނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ، ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތައް ލިބިގެންވާ ސަރަޙައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތު ނުވަތަ (ޓްރެޑިޝަނަލް ނޮލެޖް) އާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތުތަކަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިއިން ކޮންމެ ސަރަޙައްދަކީ ވެސް ދިރޭ ތަކެތީގެ ނަސްލުން މުއްސަނދި ވެފައިވާ ޤުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ޚާއްޞަ ޚިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަޙައްދުތަކެއް ކަމަށެވެ. އެގޮތުން ކަނޑޫފާގެ މުއްސަނދިކަމާއި، ވެލާކަހަނބު ބިސްއަޅާ ސަރަޙައްދުތަކާއި، ޙިމާޔަތްކުރެވިފައިވާ އަދި ހިޖުރަކުރާ ގިނަ އަދަދެއްގެ ދޫނި ސޫފާސޫފީގެ ވަގުތީ އަދި ދާއިމީ މަންޒިލުތަކާއި، އެންމަޑިއާ ވެލާކަހަނބާއި މާހުޅުނބު ލަނޑާ އަދި މިޔަރުގެ އިތުރުން މުރަކަ އާއި ފަރުގެ މުއްސަނދި ސަރަޙައްދުތައް ހިމެނޭ ކަމަށެވެ.

އެ ސަރަޙައްދުތައް ޙިމާޔަތް ކުރުމަށްޓަކައި އެ ސަރަޙައްދުތައް ހިމެނޭ އަތޮޅު ކައުންސިލްތަކާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އާ މަޝްވަރާކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ އެ ސަރަޙައްދުތަކަކީ ޙިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފިކަން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު ޓީވީ، ރޭޑިޔޯ އަދި ނޫހުގެ ޒަރީޢާއިން ޢާއްމުކޮށް އިޢުލާން ކުރުމާއެކު އެސަރަޙައްދުތަކުގައި ކުރުން ހުއްދަ އަދި ކުރުން މަނާ ކަންކަން އިޢުލާން ކުރުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ. އަދި ޢާއްމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް، ޚާއްޞަކޮށް އެސަރަޙައްދުތައް ބޭނުން ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޙިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދެކެވެ.
ހިޔާލު