Adheeb vadaigannavaanee India ah ekani, vadaigannavaanee travel document eh gai
image
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު--
މުހައްމަދު ފަތުހުﷲ
2 ކޮމެންޓް
 

އަދީބަށް ދެވޭނީ އިންޑިއަށް އެކަނި، ވަޑައިގަންނަވާނީ ޓްރެވަލް ޑޮކިއުމަންޓެއްގައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާ، ރާއްޖެއިން ބޭރުން ދޭން ޖެހޭކަން އަދީބަށް ފަރުވާ ދިނުމަށް ގެންނެވި ބޭރުގެ ޑޮކްޓަރުންވެސް ބުނެފައިވާތީ، މެޑިކަލް ބޯޑުގެ ލަފާގެ މަތިން، އަދީބު ބޭސްފަރުވާއަށް ވަޑައިގަންނަވާނީ ޓެރަވަލް ޑޮކިއުމަންޓެއްގައި އިންޑިއާއަށް އެކަނިކަމަށް ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރައްވައި މިއަދު ހަވީރު އެކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެހުރިހާ ފަރާތްތަކުން ވެސް ވިދާޅުވީ ރާއްޖޭއިން އަދީބަށް ފަރުވާ ދެވެން ނެތުމުން ރާއްޖެއިން ބޭރުން ވެސް ޑޮކްޓަރުން ގެންނަވައިގެން ބެއްލެވި ކަމަށެވެ. ނަމަވެސް ބޭރުން ގެންނެވި ޑޮކްޓަރުންވެސް ލަފާދެއްވާފައިވަނީ އަދީބަށް ބޭރުން ފަރުވާ ދެއްވުމަށެވެ.

އިމިގްރޭޝަނުން ބުނީ އަދީބަށް ދޫކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތުގެ ޓްރެވަލް ޑޮކިއުމެންޓެއް ކަމަށެވެ. އަދި އެ ޑޮކިއުމަންޓް ދޫކޮށްފައިވަނީ އިންޑިއާއަށް ދަތުރު ކުރަން އެކަނި ކަމަށާއި އެ ޑޮކިއުމަންޓުން އިތުރު އެއްވެސް ގައުމަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. އަދި އެ ޑޮކިއުމަންޓަކީ އިންޑިއާއަށް ފުރާ ވަޑައިގަތުމަށްފަހު އަދީބު އަނބުރާ ރާއްޖެ ވަޑައިގަތުމާއެކު ބާތިލްވާނެ ޑޮކިއުމަންޓެއް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

ކަރެކްޝަނަލް ސާވިސްގެ ވެރިޔާ މުނާޒު އާއި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ އަދީބު އިންޑިއާއަށް ފުރުވާލުމަށް މިހާރު ވަނީ ޓިކެޓް ނަންގަވާފަ ކަމަށާއި އެގޮތުން މިމަހުގެ 14 ވަނަ ދުވަހު ފުރާވަޑައިގަތުމަށްފަހު، މިމަހުގެ 26 ވަނަ ދުވަހު އަންބުރާ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އިތުރު ފަރުވާއަށް އަދީބު އިންޑިއާގައި މަޑުކުރަންޖެހޭނަމަ އެކަން އިތުރަށް ބެލުމަށްފަހު، ގޮތެއް ނިންމާނެ ކަމަށްވެސް އެ އިދާރާތަކުގެ ވެރިން ވިދާޅުވި އެވެ.

އަދީބާއެކު ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރުންނާއި ފުލުހުންގެ ތިން އޮފިސަރުން ބައިވެރިވާނެ ކަމަށް ވެސް އެ ދެ މުއައްސަސާއިން ބުނެފައި ވެއެވެ.

މީގެއިތުރުން ފުލުހުން ބުނީ، ފުލުހުންގެ ސީނިއާ ޓީމެއް، އެޑްވާސް ޓީމެއްގެ ގޮތުގައި މާދަމާ އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ކަރެކްޝަނަލް ސާވިސްއިންނާއި ފުލުހުންގެ އިދާރާއިން އަދި ހޯމް މިނިސްޓާރު ޝެއިހް އިމްރާންވެސް ވިދާޅުވީ، އަދީބުގެ ބޭސްފަރުވާއަށްފަހު އަދީބު ރާއްޖެ ވަޑައިގަންނަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާ، އަދީބުގެ ބޭސްފަރުވާގެ ކަންކަން ރަނގަޅަށްގޮސް އަދީބު ރާއްޖެ ވަޑައިގަންނަވާނެ ކަމާމެދު ޔަގީން ކުރައްވާ ކަމަށެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުމުން ބާއްވާފައި ވަނީ ބޮޑެތި ޖިނާއީ ތުހުމަތު ތަކެއް ކުރެވިފައިވާ އަދީބު ބޭސް ފަރުވާ އަށް ފުރުވާލުމަށް ކަރެކްޝަނުން ހުއްދަ ދިނުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ މިއަދުގެ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެ ކުއްލި މައްސަލަ ހުށަހެޅުމާއި ގުޅިގެން މަޖިލީހުގެ އެއްވެސް މެމްބަރަކު އަދީބަށް ބޭސް ފަރުވާ ދިނުމަށް ދެކޮޅެއް ނުހައްދަވަ އެވެ. ނަމަވެސް އަދީބު ރާއްޖެ އިން ބޭރަށް ފޮނުވުމަށް ގިނަ މެމްބަރުން ދެކޮޅު ހައްދަވާފައި ވަނީ އަދީބުގެ މައްޗަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އުފައްދަވާފައިވާ ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލާ ކޮމިޝަނާއި ދައުލަތުގެ ފައިސާ އަށް ހިޔާނާތްވި މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށްޓަކަ އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ އަދީބު ފުރައިގެން ދިޔުމަށް ހުއްދަ ދިން އިރު، އޭނާ ފުރައިގެން ނުދާނެކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅުތައް ސާފު ކުރަން ޕްރިޒަންސް ކޮމިޝަނަރު ހާޒިރު ކުރަން ޖެހޭ ކަމަށެވެ.

އެ ކުއްލި މައްސަލަ ފާސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 56 މެމްބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ. މަޖިލިހަށް ހާޒިރުވެ ތިއްބެވީ 58 މެމްބަރުންނެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.
ހިޔާލު

ނިޔާމަ

ކުރީގެ މުލަކު ދާއިރާގެ މެންބަރުވެސް ވަޑައިގަތީ ޓްރެވަލް ޑޮކިއުމެންޓްގަ ވަކި ޤައުމަކަށް އެކަނި

ކަންއޮތްގޮތް

އިންޑިޔާއިން ޢަދީބުފުރާނީ ޕާސްޕޯޓެއް އޮވެގެނެއްނޫެނެވެ. ޢަދީބުކަހަލަ ޚުޝިޔާރު މީހަކަށް އިންޑިޔާތެރެއިން ޗައިނާއަށްދިއުމަކީ އުނދަގޫކަމަކަށްނުވާނެއެވެ! ތިޔައީ ހީކުރާގޮތެވެ. ނޫނީ ބަހަނާއަށް ހުށަހަޅާ ހުށަހެޅުމެކެވެ.