Adeeb filaifinama ei mulhi sarukaaru fail vun: Home Minister
image
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު (މ).-- ފޮޓޯ: މަޖިލިސް
1 ކޮމެންޓް
 

އަދީބު ފިލައިފިނަމަ އެއީ މުޅި ސަރުކާރު ފެއިލްވުން: ހޯމް މިނިސްޓަރު

ސީރިއަސް ގިނަ މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާ އަށް އިންޑިއާ އަށް ދާން ތައްޔާރުވެފައިވާއިރު، އެ ދަތުރުގެ ތެރެއިން އޭނާ ފިލައިފިނަމަ އެއީ މުޅި ސަރުކާރު ފެއިލްވުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އެހެން ވިދާޅުވީ، އަދީބު ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ދިނުމުން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ އާއި ގުޅިގެން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. އެ ކޮމެޓީން އިއްޔެ ވަނީ ހޯމް މިނިސްޓަރުގެ އިތުރުން، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން ހާޒިރުކޮށްފަ އެވެ.

އެ ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ބޭސް ފަރުވާ އަށް އަދީބު ބޭރަށް ދާން ހުއްދަ ދިން އިރު، އެ ދަތުރުގެ ކަންކަން ބަލަހައްޓާނީ ފުލުހުންނާއި، ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންސް އިން ގުޅިގެން ކަމަށެވެ. އެ މުއައްސަސާތަކުގެ އިހުމާލުން އަދީބަށް ފިލުމުގެ ފުރުސަތު ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"[އަދީބު ފިލައިފި ނަމަ އެއީ] އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުޅި ސަރުކާރު ފެއިލްވުން. އެފަދަ ހާލަތެއް މިންވަރު ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދެއް ނުކުރަން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ހާލަތެއްގައި ބަލާނީ އެކަން ހިނގީ ކޮން ފަރާތެއްގެ އިހުމާލަކުން ކަމަށާއި، އަދި އެ އިހުމާލުވާ ފަރާތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެއީ "އަޅުގަނޑު ނަގަން ޖެހޭ ޒިންމާއެއް ކަމުގައިވާނަމަ އަޅުގަނޑު އެ ޒިންމާއެއް ނަގާނަން" ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އަދީބު ބޭސް ފަރުވާ އަށް އިންޑިއާ އަށް ފުރުމުގެ ކުރިން މި އޮތް ދެ ދުވަހެއްގެ ތެރޭގައި، އެ ދަތުރުގެ އިންތިޒާމުތަކަށް އެއްވެސް ބުރުލެއް އަރާނަމަ ދަތުރު ކެންސަލް ކުރުމުގެ އިހުތިޔާރު ލިބިފައިވާ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ އަދީބާއި އެކު އިންޑިއާގައި ފުލުހުންނާއި ކަރެކްޝަންސްގެ ހަތް އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށެވެ. އެގޮތުން އަދީބުގެ ހުރިހާ ހަރަކާތްތަކެއް އެ އޮފިޝަލުން ބަލާނެ ކަމަށާއި، އެކަމާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާއި އެކުގައި ވެސް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ހަމީދު ވިދާޅުވި އެވެ.
ހިޔާލު

ކުރި

ކުރީގާވެސް މާއިބަދަ ބިދިގެން ދިމީހަކުވެސް ފިލާއިގެން ފެންނަގޮތަށް އުޅުނުއިވެސް ނުގެނެވުނު މިހާރު ވަކިގެނެވޭނެބަ