Kudhi viyafaarithakah fahi maahauleh hoadhaidheyn qaaimukuri Siyaasathah amalu kuran fashanee
image
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ކުދި ވިޔަފާރިތަކަށް ފަހި މާހައުލު ހޯދައިދޭ ސިޔާސަތަށް އަމަލުކުރަން ފަށަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދޭން އެކުލަވާލި ސިޔާސަތުތަކަށް އަމަލުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ރައީސް އެގޮތަށް ނިންމެވީ އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުން މަޝްވަރާ ކުރުމަށް ފަހެވެ.

ރައީސް އޮފީހުން ބުނީ އެ ސިޔާސަތުގައި ސަރުކާރުގެ މުއައްސަސާތަކުގެ ޕްރޮކިއުމަންޓް އަދި ޑިއުޓީ މަޢާފު އުސޫލަށް އިސްލާހު ގެނެސް، ސަރުކާރާއި، މިނިވަން މުއައްސަސާތަކުން އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން، ކުރާ އިޢުލާންތަކުގައި ބިޑް ކުރުމަށް ހުޅުވާލެވޭއިރު އެ އިޢުލާން ކުރާ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ދަށްނަމަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭނެ ޝަރުޠުތަކެއް ހިމަނާފައިވާ ކަމަށެވެ.

އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ޓެކްސްގެ ދާއިރާއިން ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމަށާއި ދަށް އަގެއްގައި ޕީއޯއެސް ފޯރުކޮށްދިނުމާއި ތަމްރީނު ދިނުން ފަދަ ކަންކަން ވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ވިޔަފާރިތަކަށް ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުނިތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކުރާ އިންވޮއިސްތަކަށް އަވަހަށް ފައިސާ ދެއްކުމަށް ބާރު އެޅޭ ގޮތަށް ކަންކަން ބައްޓަންކުރުމާއި މީހުން ތަމްރީނު ކުރުން އަދި އެފަދަ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެވޯޑް ދިނުން ފަދަ ކަންކަން ވެސް އެ ސިޔާސަތުގެ ދަށުން ތައާރަފު ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ހިޔާލު