High Court ge dhekunu gofeege sharee'aithah mihafthaagai onnaane
image
ހައިކޯޓުގެ ދެކުނު ގޮފި-- އައްޑޫލައިވް (ފައިލް ފޮޓޯ)
0 ކޮމެންޓް
 

ހައިކޯޓުގެ ދެކުނު ގޮފީގެ ޝަރީއަތްތައް މި ހަފްތާގައި އޮންނާނެ

ހައިކޯޓް ދެކުނު ގޮފީގައި ޝަރީއަތްތައް އަލުން ފަށައިފި އެވެ.
ހައިކޯޓުން ބުނީ އެ ކޯޓުގެ ދެކުނު ގޮފީގައި، މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރުޢީ ވަފުދަކުން މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ވަފުދުން، މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް، ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ހައިކޯޓުން ބުނެއެވެ.

ހައިކޯޓުގެ ދެކުނު ގޮފީގައި، މިއަދުން ފެށިގެން މަސައްކަތް ކުރައްވާނީ، ހައިކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދު އާއި ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ޢަބްދުލް ރައޫފް އިބްރާހީމްއެވެ.

ހައިކޯޓު ދެކުނު ގޮފީގައި މިއަދު 10 މައްސަލައެއް ކުރިއަށް ގެންދަން ތާވަލުކުރެވިފައި ވެއެވެ. ހައިކޯޓުގެ ދެކުނު ގޮތްޕައް ނިންބަތްވާ ސަރަޙައްދަކީ ގއ، ގދ، ޏ، އަދި އައްޑޫ ސިޓީއެވެ.

ދެކުނު ގޮފީގައި ތިން ފަނޑިޔާރުން ތިއްބަވައިގެން ޝަރީއަތްތައް މީގެ ކުރިން ހިންގެވި ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ގޮފިތަކަށް ޝަރުއީ ވަފުދު ފޮނުވާ ގޮތަށް ނިންމަވާ އެ ފަނޑިޔާރުން މާލެ ބަދަލުކުރައްވާފައެވެ.

އެގޮތުން ޝަރުއީ ވަފުދުތައް ވަޑައިގެން ދެ ފަހަރެއްގެ މަތިން މީގެކުރިން ދެކުނު ގޮފީގައި ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މިވަގުތު ހައިކޯޓުގެ އިސް ފަނޑިޔާރުގެ ގޮތުގައި ހުންނެވި ފަނޑިޔާރު ޝުޖާއު އުސްމާނަކީ ކުރިން ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރެއްވި ފަނޑިޔާރެކެވެ. ޝުޖާއު ހައިކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ކުރިން ހައިކޯޓުގެ އިސްފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ. ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސްލޫކީ މައްސަލަތަކެއް އުޅޭތީ އެ ދެ ފަނޑިޔާރުންގެ މައްސަލަތަކެއް ދާދިފަހުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވަނީ ހުށަހެޅިފަ އެވެ.
ހިޔާލު