MNU ge medical school furihama ah nuhinganee thayyaaru nuve feshumun: Health Minister
image
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން-- ފޮޓޯ: ހެލްތު މިނިސްޓްރީ/ ޓްވިޓާ
4 ކޮމެންޓް
 

އެމްއެންޔޫގެ މެޑިކަލް ސްކޫލު ފުރިހަމައަށް ނުހިނގަނީ ތައްޔާރު ނުވެ ފެށުމުން: ހެލްތު މިނިސްޓަރު

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސްކޫލު އޮފް މެޑިސިން މަސައްކަތް އެކަށީގެންވާ މިންވަރަށް ހިނގަމުން ނުދަނީ ރަނގަޅަށް ތައްޔާރު ނުވެ ހިދުމަތް ފެށުމުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ގާއިމް ކުރި އެމްއެންޔޫގެ މެޑިކަލް ސްކޫލުގެ ދަށުން ހިންގާ އެމްބީބީއެސް ނުވަތަ ޑޮކްޓަރު ކޯސް ކުރިއަށް ގެންދަނީ މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ހުއްދަ ނެތި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފާސް ވެސް ނުކޮށެވެ.

ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މެޑިކަލް ސްކޫލަށް ގޮންޖެހުންތައް ދިމާވަނީ ރަނގަޅަށް ތައްޔާރު ނުވެ ފެށުމުން ކަމަށެވެ.

"އަޅުގަނޑަށް އިނގިފައި އޮތް ގޮތުން ވިއްޔާ މެޑިކަލް ކޮލެޖަށް ގޮންޖެހުންތައް ދިމާވެގެން މި އުޅެނީ ހިދުމަތް ފެށިއިރު ރަނގަޅަށް ތައްޔާރު ނުވެ ފެށުމުން،" އަމީން ވިދާޅުވި އެވެ.

އެ ކޮލެޖު ރަނގަޅަށް ތައްޔާރު ނުވެ މަސައްކަތް ފެށީ ސިޔާސީ ސަބަބަކާ ހުރެ ނުވަތަ އަވަހަށް ހިދުމަތް ދިނުމަށް ކަމަށް ވެސް ވެދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"އެމްއެންޔޫ އާއި ތައުލީމީ ދާއިރާގައި ހިމެނޭ އެހެން މުއައްސަސާތަކުން އަންނަނީ އެކަންކަން ހައްލު ކުރަން މަސައްކަތް ކުރަމުން،" އަމީން ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހުއްދަ ނެތި މެޑިކަލް ކޮލެޖުގެ ކިޔެވުން ފެށުމުން އެކަމުގައި މައްސަލައެއް ނޫޅޭ ކަމަށް ވިދާޅުވެފަ އެވެ.

ޑޮކްޓަރު ކޯހަށް ލިބެން ޖެހޭ ރަސްމީ ހުއްދަތައް ނުލިބެނީ ކިޔެވުން ފެށުމަކީ ގަވާއިދާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

"މެޑިކަލް ސްކޫލެއް ހިންގުމަކީ ވަރަށް ރަނގަޅު ކަމެއް. އަވަހަށް އެ ކޯސް ފެށުމަކީ ވެސް ވަރަށް ރަނގަޅު ކަމެއް. މަނާ ކަމެއް ނޫން އެއީ. އަޅުގަނޑު ދެކޭ ގޮތުގައި މެޑިކަލް ކައުންސިލްގެ ރޯލަކީ ސްޓެންޑަޑް ސެޓު ކުރުން. އެހެންވީމަ ކައުންސިލުން ހުއްދަ ނުދެނީސް ކިޔަވައިދޭން ފެށުމަކީ ނުގަވައިދުން ކުރާ ކަމެއް ކަމަކަށް ނުދެކެވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ސްކޫލު އޮފް މެޑިސިންގެ ނަމުގައި ޑޮކްޓަރުކަން ކިޔަވައިދޭ ވަކި ކޮލެޖެއް އެމްއެންޔޫގައި ގާއިމް ކުރުމަށް ނިންމީ މިދިޔަ އަހަރެވެ. އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ކޮޓަރިތަކުގައި އެ ކޯސް އެންމެ ފުރަތަމަ ފެށީ 22 ދަރިވަރުންނާއެކު އެވެ. ދެވަނަ ބެޗުގައި 36 ދަރިވަރުން ހިމެނެ އެވެ.

ސްކޫލް އޮފް މެޑިސިންގެ ޑީން އަދި ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީޒާ އަލީ މިދިޔަ ހަފްތާގައި ސީއެންއެމްއަށް ވިދާޅުވީ، މެޑިކަލް ކައުންސިލުގެ ހުއްދަ ނުލިބޭތީ "ރަސްމީކޮށް" ކިޔެވުން އަދި ނުފަށާ ކަމަށެވެ.

"މެޑިކަލް ކައުންސިލުން ހުއްދަ ނުލިބޭތީ އަދި ރަސްމީކޮށް ކިޔަވައިދޭކަށް ނުފަށަން،" ޝީޒާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މިހާތަނަށް އެ ކޯސް އެމްކިއުއޭ އިން ފާސްކޮށްފައެއް ނުވެ އެވެ. އެ ކޯހާ ބެހޭ އެއްވެސް މައުލޫމާތެއް އެމްކިއުއޭގެ ވެބްސައިޓުން ވެސް ލިބޭކަށް ނެތެވެ. އަދި އެކަން ސާފު ކުރަން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ.

އެމްކިއުއޭގެ ވެބްސައިޓުގައި ފާސްކޮށްފައިވާ ހުރިހާ ތައުލީމީ މުއައްސަސާއަކާއި، އެތަންތަނުގައި ހިންގާ ކޯސްތަކުގެ މައުލޫމާތު ވަނީ ހިމަނާފަ އެވެ. އެގޮތުން ސްކޫލް އޮފް މެޑިސިން ފިޔަވައި އެމްއެންޔޫގެ އެހެން ހުރިހާ ފެކަލްޓީއެއްގެ މައުލޫމާތު ވެސް ހިމެނެ އެވެ.

ފަސް އަހަރުގެ މުއްދަތަކަށް ހިންގާ ކޯހުގެ ފީ އަށް އަހަރެއްގެ މައްޗަށް 123،000 ރުފިޔާއަށް އަރަ އެވެ. އެއީ 8،000 ޑޮލަރެވެ. ނަމަވެސް އާ ސަރުކާރުން ހުޅުވާލާފައިވާ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތުގެ ދަށުން، އެ ޕްރޮގްރާމްގައި ވެސް ކިޔެވޭނެ އެވެ.

އެމްއެންޔޫ އިން ކުރިން ބުނީ އެ ކޮލެޖު ހިންގުމަށް މިއަހަރުގެ އޭޕްރިލް މަހު ދަރުމަވަންތަ ހޮސްޕިޓަލުން ބައެއް ހަމަޖެހޭނެ ކަމަށެވެ. އެ ކޮލެޖު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރިތޯ ސާފު ކުރަން ސީއެންއެމް އިން ކުރި މަސައްކަތް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ހިޔާލު

މަލީނާ

މެޑިކަލް ސްކޫލްގެ ފުރަތަމަ ބެޗްގައި ކިޔަވާ ދަރިވަރެއްގެ ހައިސިއްޔަތުން ﷲ ގަންދީ ހުވާކޮށްފަ މި ބުނަނީ މިނިސްޓަރ ވިދާޅުވިޔަސް އަދި މެޑިކަލް ކޮލެޖް ގެ ޙިދުމަތްތަކެއް ނުފެށޭ. މިނިސްޓަރެއްގެ މަޤާމުގައި ހުރެ ސައްޙަނޫން މަޢުލޫމާތު ފަތުރާތީ ހިތާމަ ކުރަން

ކޮމެންޓް ޕޯސްޓްކޮށްދެއްޗޭ ޕްލީޒް

ސަލާމް. ކުރިން ލިޔުނު ޚަބަރަށް ކުރި ކޮމެންޓްސް ޕޯސްޓް ނުކޮށްދިނީ ކީއްވެތަ؟ ފާޑުކީމަ ކަމުނުދިޔައީ ދޯ؟ ކޮންމެއަކަސް، އެ ޚަބަރުގައި ޔޫކޭއެމް އޭ ކިޔާފަ ލިޔެފައި ހުރި ދޮގު ވާހަކަތައް މިފަހަރު ލިޔެފައި ނެތްކަން ފާހަގަކުރަން. ގުޑް ޖޮބް ގައިސް؟؟؟ ބަޓް ވަޓް އިސް ދިސް އޮބްސެޝަން އެބައުޓް އެމްއެންޔޫއެސްއެމް؟ އައި އެމް ކިއުރިއަސް. އަންގާލައިގެން އުޅެބަލަ. :)

ާއާއިޝަތޫ

ތެދު ޙަބަރު ލިޔާނެ ބަޔަކު ނެތީތަ؟

މަޖިލިސް

މިސަރުކާރުވެސް ނުހިނގައިގެން މިއުޅެނީ ތައްޔާރުނުވެ ވެރިކަމައްއެރުމުގެސަބަބުން.