Addu tharahggee ge project thah Partnership forum ah
image
އައްޑޫ ސިޓީ ހިތަދޫ--
0 ކޮމެންޓް
 

އައްޑޫގެ ތަރައްގީއަށް ސަރުކާރުން ގެންގުޅޭ ތަސައްވަރު ޕާޓްނަޝިޕް ފޯރަމްގައި

މިދިޔަ މާޗް މަހުގެ އަށްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު އައްޑޫ ސިޓީއަށް ވަޑައިގެން އެރަށު ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވަޢުދު ކަމަށްވާ އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅޭ ތަޞައްވަރު ޕާޓްނަޝިޕް ފޯރަމަށް ހުށަހަޅަން ނިންމައިފި އެވެ.
އައްޑޫ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމު ތަރައްގީ ވާނީ މާލެ ސިޓީ ނޫން އެހެން ތަންތަން ވެސް ތަރައްގީ ކޮށްގެން ކަމަށާއި އައްޑޫއަށް ސަރުކާރުގައި އޮތް ތަސައްވަރު ވަރަށް ބޮޑު ކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް އައްޑޫއަށް ތަރައްގީ ގެނައުމަށާއި އެ ސިޓީއަށް ބޭނުންވާ ހެޔޮ ބަދަލު ގެނައުމުގައި ދެމި ހުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް އައްޑޫގައި ހިންގަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އައްޑުއަކީ ވަރަށް ހާއްސަ ތަނެއް، މާލެއަށް ފަހު އެންމެ ބޮޑު އާބާދީއެއް އޮތީ ވެސް އައްޑޫގައި. ގުދުރަތީ ގޮތުން ނުހަނު ރީތި ތަނެއް، ތަރައްގީ ކުރާނެ ފުރުސަތު އެހާ ބޮޑު ތަނެއް،" ރައީސް ވިދާޅުވި އެވެ. "އައްޑޫއަށް ގެންނަ މެގަ މަޝްރޫއާ ގުޅިގެން މުޅި އައްޑޫ އާރާސްތުވެ، އައްޑޫގެ އިނދަ ޖެހިފައިވާ އިގްތިސާދު ކޮޅަށް ޖެހި، ގައުމީ އިގްތިސާދުގެ އިންޖީނަކަށް އައްޑޫ ވެގެން ދާނެ".

އެރޭގެ ވާހަކަފުޅުގައި ރައީސް ޞާލިޙު ވިދާޅުވީ އެ ބިޔަ މަޝްރޫއު ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ހިނގާނެ ކަމަށެވެ. އަދި މި އަހަރު އެކަނިވެސް އަައްޑޫގެ ތަރައްގީ އަށް 470 މިލލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށާއި އެއީ މަގުތައް ހެދުމާއި ބަނދަރާއި ބިން ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ތަސައްވަރު އުފެއްދީ މި ސިޓީ އިން، މި ތަސައްވަރު ތަންފީޒު ކުރާނީ ވެސް ތިބޭފުޅުން. އަޅުގަނޑުގެ ދައުރަކީ މިކަމަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތަކާއި ގާނޫނީ ބާރުވެރިކަން ތިބޭފުޅުންނަށް ހޯދައި ދިނުން،" ރައީސް ވިދާޅުވި އެވެ.

ކުރުނބާ މޯލްޑިވްސްގައި މާދަމާ ފަށާ ޕާޓްނަޝިޕް ފޯރަމްގައި އައްޑޫ ސިޓީގައި ތަރައްޤީ ކުރަން ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތައް އިންވެސްޓަރުންނަށް ހުށަހަޅާނެ އެވެ. ޕާޓްނަޝިޕް ފޯރަމްގައި ބުނެފައިވާ ގޮތުގައި އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ކަނޑައަޅާފައިވާ ޖުމްލަ ފައިސާގެ ޢަދަދަކީ 414 މިލިއަން ޑޮލަރެވެ. އެއީ 6.3 ބިލިއަން ދިވެހި ރުފިޔާއެވެ.

އައްޑޫ ސިޓީއަށް ސަރުކާރުން ގެންނަ މަޝްރޫޢުތައް:

• ވިޔަފާރީގެ ބޭނުންތަކަށް 203 ހެކްޓަރުގެ ބިން އާއްމުންނަށް ދޫކުރުން
• ޓޫރިޒަމްގެ ދާއިރާ ފުޅާ ކުރުން
• އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން، އަދި މިހާރު ހުރި މަގުތައް މަރާމާތުކޮށް، ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރުން
• ހިތަދޫ ޕޯޓުގެ ޚިދުމަތް ފުޅާކޮށް، އެތަނުގެ ކެޕޭސިޓީ އިތުރުކުރުން
• ހުޅުމީދޫ، މަރަދޫ އަދި ފޭދޫގެ ބަނދަރު ތަރައްޤީ ކުރުން
• އިތުރު ހައުސިން ޔުނިޓުތައް އެޅުން
• އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޚިދުމަތް އިތުރަށް ފުޅާކުރުން
• ހިތަދޫގެ އައިސް ޕްލާންޓެއް ތަރައްޤީކޮށް މަސް ޕްރޮސެސް ކުރެވޭނެ ގޮތްތައް ޤާއިމް ކުރުން
• ޔޫތު ސެންޓަރަކާއި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުން
• އިސްލާމިކް ސެންޓަރެއް ޤާއިމް ކުރުން
• އައްޑޫ ސިޓީ އިންޖީނުގޭގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް، އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން އިތުރުކުރުން
• ގަމުގައި ކޮންވެންޝަން ސެންޓަރެއް ޤާއިމްކުރުން
• ސަރުކާރު އޮފީސްތަކަށް ޚާއްސަ އިމާރާތެއް ހެދުން
• އައްޑޫގައި މިހާރު ހުރި ނޭޗަ ޕާކް ތަރައްޤީކޮށް ޚިދުމަތް އިތުރަށް ފުޅާކުރުން
• މޫސުމީ ބަދަލުތަކާއި ގުޅުންހުރި ދިރާސާތައް ކުރުމަށް ފެސިލިޓީ ޤާއިމްކުރުން
• އައްޑޫ ސިޓީގައި މިއުޒިއަމެއް ތަރައްޤީ ކުރުން
• އައްޑޫ ކައިރި ވަށައިގެން ހުރި ފަޅުރަށްތަކުގެ ތެރެއިން ހަތަރު ރަށެއް ތަރައްޤީކޮށް ޓޫރިޒަމަށް ހުޅުވާލުން

މާދަމާ އޮންނަ ޕާޓްނަރޝިޕް ފޯރަމް އިފްތިތާޙް ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ފޯރަމްގައި ރަޙުމަތްތެރި ޤައުމުތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކާއިއެކު "ޖަޒީރާ ރާއްޖެ"އެއްގެ ތަސައްވުރާއި ބެހޭ ގޮތުންނާއި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއާއި ބެހޭ ގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރެވޭނެއެވެ.

މި ފޯރަމްގައި، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްމަތަމައަށް ހުޅުވާލެވިފައިވާ ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވި، ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އިޤްތިޞާދީ އަދި އިޖްމާޢީ އެކި ދާއިރާތަކުން ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
ހިޔާލު