China aai Saudi Arabia ah safeerun ayyan kuravvaifi
image
ޗައިނާއަށް އައްޔަން ކުރެއްވި އަޒީމާ އާއި ސައުދީއަށް އައްޔަން ކުރެއްވި ހަލީލު ރައީސް ސޯލިހުގެ އަރިހުގައި--
0 ކޮމެންޓް
 

ޗައިނާ އަދި ސައުދީ އަރަބިއްޔާ އަށް ސަފީރުން އައްޔަންކޮށްފި

ޗައިނާ އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، މާފަންނު ބީނާފުށި ޢާއިޝަތު ޢަޒީމާ، އަދި ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ގަލޮޅު އުތުރުގެއާގެ މުޙައްމަދު ޚަލީލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
މި ދެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޢާއިޝަތު ޢަޒީމާއަކީ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމާއި ޖޮއިންޓް ސެކްރެޓަރީގެ މަޤާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. ޢާއިޝަތު ޢަޒީމާ ވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގެ އެކި ފަންތީގެ މަޤާމުތައް ފުރުއްވައި، ރާއްޖެއާއި ބޭރުގެ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރައްވައިފަ އެވެ.

މުޙައްމަދު ޚަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުގެ މަޤާމާއި އެކްޓިން ހައިކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު ޚަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ފަންތީގެ މަޤާމުތައް ފުރުއްވާފަ އެވެ. މީގެ އިތުރުން މުޙައްމަދު ޚަލީލު ވަނީ އިންޑިޔާގެ ޖަވާހަރްލާލް ނެހުރޫ ޔުނިވަރސިޓީއިން އެންވަޔަރަމަންޓަލް ލޯ އެންޑް ޕޮލިސީގެ ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވާފަ އެވެ.
ހިޔާލު